ޕާނީ ޕޫރީ އަކީ އިންޑިޔާގެ މަޝްހޫރު ލުއި ކާނާއެކެވެ. މިއީ މުރަނަ ބޯޅައަކަށް އަލުވި ކޮޅަކާއި، ބޮމްބޭ މިކްސްއާއި، ހުތް ރަހަލާ ފެންގަނޑެއް އަޅައިގެން ކާއެއްޗެކެވެ. މި ފެންގަނޑު ނުވަތަ "ޕާނީ" ހަދަނީ ހެލެނބެއްޔާއި ކުދީނާ ފަތް އަދި އެކި ހަވާދު އަޅައިގެންނެވެ. މިއީ ދިވެހީންގެ ތެރޭގައިވެސް ނިކަން މަޤްބޫލް އެއްޗެކެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 20 ޕާނީ ޕޫރީއެވެ.
ބޭނުންވާ ތަކެތި:
ޕޫރީ ހެދުމަށް
½ ޖޯޑު ރަވާ (ސޫޖީ)
1 މޭޒުމަތީ ސަމުސާ ފުށް
¼ ސައިސަމުސާ ލޮނު
¼ ސައިސަމުސާ ބޭކިންގް ސޯޑާ
¼ ޖޯޑު ތާފަނާ ފެން
1 ސައިސަމުސާ ތެޔޮ (ފުށްގަނޑުގައި ހާކާލުމަށް)
1 ސައިސަމުސާ ތެޔޮ (ރޮށި ދަމާ އެތި އަދި ރޮށި ދަމާ ބޯޑުގައި ހާކާލުމަށް)
1 ޖޯޑު ތެޔޮ (ތެލުލުމަށް)
ޕާނީ ހެދުމަށް
2/3 ޖޯޑު ކޮތަނބިރި ފަތް
½ ޖޯޑު ކުދީނާ ފަތް
1 ސައިސަމުސާ ކޮށާފައި ހުރި އިނގުރު (1-އިންޗި)
3 ފެހި ތޮޅި މިރުސް (ކޮށާފައި)
1 މޭޒުމަތީ ސަމުސާ އޮށް ވަކިކޮށްފައި ހުރި ހެލެނބެލި ޕޭސްޓް
¼ ޖޯޑު ތާފަނާ ފެން
½1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
½ ސައިސަމުސާ ގާލިކް ޕައުޑަރ
½ ސައިސަމުސާ މުގުރި ކޮތަނބިރި
½ ސައިސަމުސާ ލޮނު
1 ސައިސަމުސާ މުގުރި މިރުސް
1 ޖޯޑު އައިސް ފެން
އަލުވި ކޮޅު ހެދުމަށް
3 ޖޯޑު ފެން
300 ގްރާމް ބޮޑެތިކޮށް ކޮށާފައި ހުރި އަލުވި (1-2 އިންޗި)
1 މޭޒުމަތީ ސަމުސާ ކޮތަނބިރި ފަތް
1 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ފިޔާ
1 ސައިސަމުސާ މުގުރި މިރުސް
1 ސައިސަމުސާ ގަރަމް މަސާލާ
½ ސައިސަމުސާ މުގުރި ދިރި
½ ސައިސަމުސާ ރީނދޫ
¼ ސައިސަމުސާ ލޮނު
1 ޖޯޑު ބޮމްބޭ މިކްސް
ހަދާނެ ގޮތް:
1. ބޮޑު ބޯތަށްޓެއްގެ ތެރެއަށް، ½ ޖޯޑު ރަވާ (ސޫޖީ)، 1 މޭޒުމަތީ ސަމުސާ ފުށް، ¼ ސައިސަމުސާ ލޮނު އަދި ¼ ސައިސަމުސާ ބޭކިންގް ސޯޑާ އަޅާފައި، އަތުން ރަނގަޅަށް ހުރިހާ އެއްޗެއް އެއްކޮށްލާށެވެ.
2. މަޑު މަޑުން ¼ ޖޯޑު ތާފަނާ ފެން އަޅަމުން އަތުން ފުށްގަނޑު މޮޑޭށެވެ. ދެން އިތުރު 5 މިނެޓް ވަންދެން ނުވަތަ ފުށްގަނޑު އޮމާން ވަންދެން މޮޑޭށެވެ (މި ފުށްގަނޑު އޮންނާނީ ރޮށި ފުށްގަނޑެއްހެނެވެ).
3. ދެން ޕްލާސްޓިކް ރެޕް ނުވަތަ ސާފު ފޮތިގަނޑެއް ބޯތަށި މަތީގައި އަޅާފައި 30 މިނެޓް ވަންދެން ބައިންދާލާށެވެ.
4. 30 މިނެޓް ހަމަވުމުން ރެޕް ނުވަތަ ފޮތިގަނޑު ނަގާފައި، 1 ސައިސަމުސާ ތެޔޮ އަޅާފައި 2 މިނެޓް ވަންދެން އަނެއްކާވެސް ފުށްގަނޑު މޮޑެލާށެވެ. ރޮށި ދަމާ އެތި އަދި ރޮށި ދަމާ ބޯޑުގައި 1 ސައިސަމުސާ ތެޔޮ ހާކާލާށެވެ.
5. ދެން 12x11 އިންޗީގެ ހިމަ ދިގު (ރެކްޓޭންގަލް) ބައްޓަމަކަށް ފުށްގަނޑު ދަމާލާށެވެ.
6. ދެން ވަށް ކުކީ ކަޓަރ އެއް (އަހަރުމެން ބޭނުންކުރީ ފުޅާ މިނުގައި 2.3 އިނޗި ހުރި ކުކީ ކަޓަރއެއް) ބޭނުންކޮށްގެން، ކައިރި ކައިރިން ވަށްބޮޅު ކަފާލާށެވެ. ކޮންމެ ވަށްބޮޅެއްވެސް ކަފާލާފައި ވަގުތުން ސާފު ފޮތިގަނޑެއްގެ މަތީގައި ބާއްވާފައި އެހެން ސާފު ފޮތިގަނޑެއް އޭގެ މަތީގައި އަޅާލާށެވެ. މި ފުށްގަނޑުން 20 ޕޫރީ ކެފޭނެއެވެ.
7. ދެން މިކްސަރުގެ ތެރެއަށް، 2/3 ޖޯޑު ކޮތަނބިރި ފަތް، ½ ޖޯޑު ކުދީނާ ފަތް، 1 ސައިސަމުސާ ކޮށާފައި ހުރި އިނގުރު (1 އިންޗި)، 3 ފެހި ތޮޅި މިރުސް ކޮށާފައި، 1 މޭޒުމަތީ ސަމުސާ އޮށް ވަކިކޮށްފައި ހުރި ހެލެނބެލި ޕޭސްޓް އަދި ¼ ޖޯޑު ފެން އަޅާފައި، ގަދަ ދުވެލީގައި 30 ސިކުންތު ވަންދެން ނުވަތަ ފެންގަނޑަކަށް ވަންދެން ގިރާލާށެވެ.
8. ދެން ބޯތަށްޓެއްގެ ތެރެއަށް އަޅާފައި، ½1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް، ½ ސައިސަމުސާ ގާލިކް ޕައުޑާރ، ½ ސައިސަމުސާ މުގުރި ކޮތަނބިރި، ½ ސައިސަމުސާ ލޮނު، އަދި 1 މޭޒުމަތީ ސަމުސާ މުގުރި މިރުސް އަޅާށެވެ. ހުރިހާ އެއްޗެއް އެއްކޮށްލާފައި، 1 ޖޯޑު އައިސް ފެން އަޅާފައި ރަނގަޅަށް ގިރާލާށެވެ. ދެން މި ފެންގަނޑު އެހެން ބޯތަށްޓަކަށް ފުރާނާލާށެވެ.
9. ތެއްޔެއްގެ ތެރޭގައި 3 ޖޯޑު ފެން 6 މިނެޓް ވަންދެން ގަދަ ގިނީގައި ހޫނުކޮށްލާށެވެ. ދެން 300 ގްރާމް ބޮޑެތިކޮށް ކޮށާފައި ހުރި އަލުވި އަޅާފައި 10 މިނެޓް ވަންދެން ނުވަތަ އަލުވިތައް މަޑުވަންދެން ކައްކާލާށެވެ. އަލުވިތައް ފެނުން ނަގާފައި ބޯތަށްޓެއްގެ ތެރެއަށް އަޅާށެވެ. 10 މިނެޓް ވަންދެން ހިހޫ ކޮށްލާފައި އަތުން އަލުވިތައް ޗަސް ކޮއްލާށެވެ.
10. ދެން އޭގެ ތެރެއަށް، 1 މޭޒުމަތީ ސަމުސާ ކޮތަނބިރި ފަތް، 1 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ފިޔާ، 1 ސައިސަމުސާ މުގުރި މިރުސް، 1 ސައިސަމުސާ ގަރަމް މަސާލާ، ¼ ސައިސަމުސާ ލޮނު، ½ ސައިސަމުސާ މުގުރި ދިރި އަދި ½ ސައިސަމުސާ ރީނދޫ އަޅާފައި އަލުވިގަނޑާއި ރަނގަޅަށް އެއްކޮށްލާށެވެ.
11. ކުޑަ ތެއްޔެއްގެ ތެރެއަށް 1 ޖޯޑު ތެޔޮ އަޅާފައި 8 މިނެޓް ވަންދެން ގަދަ ގިނީގައި ތެޔޮގަނޑު ހޫނުކޮށްލާށެވެ. ދެން 1 ޕޫރީ ތެޔޮގަނޑުގެ ތެރެއަށް ލާށެވެ. ވަގުތުން ޕޫރީގެ ވަށައިގެން ބޮކިއަރާ ތެޔޮގަނޑުގެ މައްޗަށް އަރާނެއެވެ.
12. ދެން ލޯވަޅު ތޮރުފި ދޭފަތެއް ބޭނުންކޮށްގެން، ޕޫރީގެ މައްޗަށް ތެޔޮ އަޅާށެވެ. އެހެންނޫން ނަމަ ޕޫރީ ނުފުފިދާނެއެވެ.
13. ތެޔޮގަނޑުގެ ތެރޭގައި 20-30 ސިކުންތު ވަރުވަނދެން ގަދަ ގިނީގައި ޕޫރީ ބައިންދާލާށެވެ. ދެން އަނެއް ފުށަށް ޖަހާފައި ތެޔޮގަނޑުން ނަގާށެވެ. ތެޔޮ ފުރޭންޏެއްގެ ތެރެއަށް ނުވަތަ ޓިޝޫ ލާފައި ހުރި ތައްޓެއްގެ ތެރޭގައި، ތެޔޮ ހިކެންދެން ޕޫރީ ބައިންދާލާށެވެ.
14. ހުރިހާ ޕޫރީތައް ތެލުލުމަށް 11، 12، އަދި 13 ވަނަ ސްޓެޕް ރިޕީޓް ކުރާށެވެ.
15. ތެލުލި ޕޫރީތައް 10 މިނެޓް ވަންދެން ހިހޫކޮށްލަން ބަހައްޓާލާށެވެ. ދެން ކޮންމެ ޕޫރީއެއްގެ މަތީގައި އިނިގިލި ނުވަތަ ސަމުސަލެއްގެ ފަހަތް ބޭނުންކޮށްގެން ލޯވަޅެއް ތޮރުފާލާށެވެ. ދެން ޕޫރީގެ ތެރެއަށް އަލުވި ކޮޅުން 1 ސައިސަމުސާ އަޅާފައި، 1 ސައިސަމުސާ ބޮމްބޭ މިކްސް އަޅާލާށެވެ. ދެން ސަމުސަލަކުން 2-3 ސައިސަމުސާ ކުޅި ޕާނީ އޭގެ ތެރެއަށް އަޅާލާފައި، އެއްފަހަރުން ކާލާށެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.