ހުސް ވަގުތުތަކުގައި ގޭގައި އަމިއްލަޔަށް ޕާން ހެދުމަކީ މިހާރު ވަރަށް އާންމުކޮށް މީހުން ކޮށް އުޅޭ ކަމެކެވެ. އަހަރުމެންގެ މި ފޮކާޗާ ޕާނަކީވެސް މިހެން ގޭގައި ތައްޔާރުކޮށްލުމަށް ރަނގަޅު ޕާނެކެވެ. މިއީ ތަންކޮޅެއް ފަތިކޮށް، ވަރަށް ގިނައިން އޮލިވް އޮއިލް އަޅައިގެން ތައްޔާރުކުރާ ޕާނެކެވެ. މި ޕާނުން ސޭންޑްވިޗް ހަދައިގެން ނުވަތަ ހުހަށްވެސް ކާލެވޭނެއެވެ. އަދި މިއީ ޕާސްތާއާއި އެކީ ކާލުމަށްވެސް އެހާމެ މީރު ޕާނެކެވެ.
ފޮކާޗާ ހެދުމަށް ބޭނުންކުރާ އެންމެ މުހިންމު އެއްޗަކީ އޮލިވް އޮއިލްއެވެ. މިހެންކަމުން ކޮލެޓީ ރަނގަޅު އޮލިވް އޮއިލްއެއް ބޭނުންކުރަން ވަރަށް މުހިންމުވާނެއެވެ. އަހަރުމެންގެ މި ރެސިޕީގައި ބޭނުންކޮށްފައި މިވަނީ، އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ ސޯސަން ފިހާރައިގެ ފަރާތުން ލިބިފައިވާ، އޮންޑޮލިވާ އޮލިވް ޕޮމޭސް އޮއިލްއެވެ. މިއީ އޮލިވްގެ ރަހަ ގަދަ ތެލަކަށް ވުމުން، ޕާސްތާތަކުގައާއި، ސެލެޑް، އަދި ސޯސްތަކުގައި ބޭނުންކުރަން މި ވަރަށް މީރު ތެލެކެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 4 ނުވަތަ 5 މީހުންނަށް ކެވޭވަރަށެވެ.
ބޭނުންވާ ތަކެތި:
1 ޖޯޑު ފެން (ރޫމް ޓެމްޕަރޭޗަރގައި)
4.5 ގްރާމް ޑްރައި އެކްޓިވް އީސްޓް
¾ ސައިސަމުސާ ހަކުރު
¼ 2 ޖޯޑު ފުށް
1 ސައިސަމުސާ ލޮނު
½ ސައިސަމުސާ ޑްރައިޑް އޮރިގާނޯ
½ ސައިސަމުސާ ޑްރައިޑް ރޯސްމޭރީ
1 މޭޒުމަތީ ސަމުސާ އޮންޑޮލިވާ ޕޮމޭސް އޮއިލް (ފުށްގަނޑުގެ ތެރެއަށް އެޅުމަށް)
2 މޭޒުމަތީ ސަމުސާ އޮންޑޮލިވާ ޕޮމޭސް އޮއިލް (ތަބަކުގައި އުގުޅާލުމަށް)
1 ސައިސަމުސާ އޮންޑޮލިވާ ޕޮމޭސް އޮއިލް (ފުންގަނޑު ދެމުމަށް)
¼ ސައިސަމުސާ ލޮނު (ފުށްގަނޑުގެ މައްޗަށް އެޅުމަށް)
½ ސައިސަމުސާ ގަރލިކް ގްރެނިޔުލްސް
30 ފްރެޝް އޮރެގާނޯ ފަތް
1 ތަނޑި ރޯޒްމޭރީ (ހަމައެކަނި ފަތް ކޮޅު)
8 ތަނޑި ތައިމް (ހަމައެކަނި ފަތް ކޮޅު)
ހަދާނެގޮތް:
1. ކުޑަ ޖަގެއް ނުވަތަ ބިއްލޫރި ތަށްޓަކަށް ¼ 1 ރޫމް ޓެމްޕަރޭޗަރގެ ފެނާއި 4.5 ގްރާމް ޑްރައި އެކްޓިވް އީސްޓް، އަދި ¾ ސައިސަމުސާ ހަކުރު އަޅާލާށެވެ. އަދި އީސްޓް ފެނާއި އެއްވަންދެން ގިރާލާފައި 5 މިނެޓު ވަންދެން ބަހައްޓާލާށެވެ.
2. ދެން ¼ 2 ޖޯޑު ފުށް އަދި 1 ސައިސަމުސާ ލޮނު ބޯތަށްޓަކަށް އަޅާލުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު އެއަށް ½ ސައިސަމުސާ ޑްރައިޑް އޮރިގާނޯ އަދި ½ ސައިސަމުސާ ޑްރައިޑް ރޯޒްމޭރީ އަޅާލާށެވެ. އަދި ހުރިހާ އެއްޗެއް އެއްކޮއްލާށެވެ.
3. ދެން ކުރިން ތައްޔާރުކޮށްލި އީސްޓް ފުށުގެ ތެރެއަށް އަޅާލުމަށްފަހު، ތެތް ފުށްގަނޑެއް ހެދެންދެން ލަކުޑި ދޭފަތަކުން އެއްކޮށްލާށެވެ. އެއަށްފަހު، 1 މޭޒުމަތީ ސަމުސާ އޮންޑޮލިވާ އޮލިވް ޕޮމޭސް އޮއިލް އަޅާލުމަށްފަހު ފުށާއި އެއްކޮށް އެއްވަންދެން މޮޑެލާށެވެ. ދެން ތަށީގެ މަތި ފޮތިގަނޑެއް ބޭނުންކޮށްގެން ނުވަތަ ފުޑް ރެޕްއިން ބަންދުކޮށްލުމަށްފަހު 30 މިނެޓު ރެސްޓް ކޮށްލުމަށް ބަހައްޓާލާށެވެ. މިވަގުތުކޮޅުގައި ކުޑަކޮށް ފުށްގަނޑު ފުފޭނެއެވެ.
4. 30 މިނެޓު ހަމަވުމުން، ދެ އަތް ފެނުން ތެއްމާލުމަށްފަހު، ފުށްގަނޑުގެ އަރިމަތިން މައްޗަށް ދަމާފައި މެދަށް ފަތްޖަހާލާށެވެ. މިހެން ހަދަމުން ދާއިރު އަތުގައި ފުށް ތަތްވުން ކުޑަކުރުމަށްޓަކައި ރަނގަޅުވާނީ ކޮންމެ ފަހަރަކުވެސް ފެން ފޮދަކުން އަތް ތެއްމާލުމެވެ. ދެން، މިހެން ފުށްގަނޑު ފަތްޖަހަމުން ގެންދާށެވެ. މިގޮތަށް ހެދުމުން ފުށުގައި އެކުލެވޭ ގްލޫޓެން ޑިވެލޮޕްވެ، ފުށްގަނޑު ބޮޑަށް މަޑުވާނެއެވެ.
5. އެއަށްފަހު، ފުށްގަނޑުގެ މެދުން ހިއްލާލުމަށްފަހު ތަށީގެ ތެރެއަށް ބާރަށް ފުށުން ޖަހާލާށެވެ. އަދި މިގޮތަށް ދެތިން ފަހަރު ހަދާށެވެ. މިހެން ހެދުމުން ފުށްގަނޑުގެ ތެރޭގައި ވައި ބޮކިތަކެއް އުފެދޭނެއެވެ. ދެން ތަށި އަނެއްކާވެސް ބަންދުކޮށްލުމަށްފަހު އިތުރު 30 މިނެޓު ވަންދެން ބަހައްޓާލާށެވެ. މިފަހަރުވެސް ފުށްގަނޑު ކުޑަކޮށް ފުފޭނެއެވެ.
6. ދެން ޕާން ފިހުމަށް 8×8 އިންޗީގެ ތަބަކެއްގެ ތެރެއަށް 2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް އަޅާ ފުލުގައި ރަނގަޅަށް އެ ދަތުރާލުމަށްފަހު ތަބަކުގެ ތެރެއަށް ފުށްގަނޑު ލާށެވެ.
7. އެއަށްފަހު، ފުށްގަނޑުގެ އަޑިން ބަޔެއް މައްޗަށް ނަގާފައި މެދަށް ފަތްޖަހާށެވެ. ދެން 90 ޑިގްރީއަށް ތަބައް އަބުރާލުމަށްފަހު މިގޮތަށް އިތުރު 3 ފަހަރު ހަދާށެވެ.
8. ދެން ތަބަކުގެ ތިރި ފޮރުވޭހެން ފުށްގަނޑު ތަބަކުގެ ތެރޭގައި އެއްވަރަށް ފަތުރާލާށެވެ. ފުށްގަނޑު މިހެން ފަތުރާލުމަށް ކުޑަކޮށް އުދަނގޫ ވާނެއެވެ. އަދި މިހާރު ފުށްގަނޑުގެ ތެރޭގައި ބޮޑެތި ބޮކިތަކެއް ހުންނާނެއެވެ. ދެން ތަބައް ބަންދުކޮށްލުމަށްފަހު އިތުރު 30 މިނެޓު ވަންދެން ބަހައްޓާލާށެވެ.
9. އެއަށްފަހު، ފުށްގަނޑުގެ މައްޗަށް 1 ސައިސަމުސާ އޮލިވް އޮއިލް އާއި، ¼ ސައިސަމުސާ ލޮނު، އަދި ½ ގަރލިކް ގްރެނިޔުލް ބުރުވާލާށެވެ. ދެން ފުށްގަނޑުގެ މަތީގައި އިނގިލި ތަކުން އޮބާލައިގެން ކުދި ވަޅުތަކެއް ހަދާށެވެ. މިހެން ހެދުމުން ޕާން ފިހެވެމުން ދާއިރު މާ އަވަހަށް ފުފޭ ގޮތެއް ނުވާނެއެވެ. އަދި މިހެން ހެދީމައި މައްޗަށް އަޅާފައި ހުރި އެއްޗެހި ޕާން ފިހެ ނިމޭއިރު ރީއްޗަށް ވެސް ހުންނާނެއެވެ.
10. ދެން ފުށްގަނޑުގެ މައްޗަށް 20 ފްރެޝް އޮރިގާނޯ ފަތާއި، 1 ތަނޑި ރޯޒްމޭރީ (ހަމައެކަނި ފަތް ކޮޅު)، އަދި 8 ތަނޑި ތައިމް (ހަމައެކަނި ފަތް ކޮޅު) އަޅާލާށެވެ.
11. އެއަށްފަހު، އަވަން 230 ޑިގްރީ ސެލްޝިއަސްގައި 10 މިނެޓު ވަންދެން ހޫނުކޮށްލާށެވެ.
12. ދެން 20 މިނެޓު ވަންދެން ނުވަތަ ޕާނުގެ މަތި ކުޑަކޮށް މުރަނަވެ ރަން މުށިކުލައެއް އަރަންދެން، 230 ޑިގްރީ ސެލްޝިއަސްގައި ފިހެލާށެވެ.
13. ފޮކާޗާ ފިހެ ނިމުމުން، ކަފާލުމުގެ ކުރިން ކުޑަ އިރުކޮޅަކަށް ހިހޫކޮށްލުމަށް ބަހައްޓާށެވެ. ޕާން ކަފާލާއިރު މަތި ހުންނަންވާނީ މުރަނަކޮށެވެ. އަދި ޕާނުގެ އެތެރޭގައި ލޯވަޅުތައް ހެދިފައި ހުންނަން ވާނެއެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.