ޗިކަން ޓިއްކާ މަސާލާއަކީ އެކިވައްތަރުގެ ހަވާދުގެ ބާވަތްތައް އަޅައިގެން މެރިނޭޓްކުރާ ކުކުޅުން ތައްޔާރުކުރާ، އޮލަކޮށް ހުންނަ، ރިހައެކެވެ. މިއީ ފަރާޓާ ނުވަތަ ނާންއާއި ޖަހައިގެން ކާލުމަށް ވަރަށް މީރު އެއްޗެކެވެ.
މި ރެސިޕީގައި އަހަރުމެން ބޭނުންކޮށްފައި މިވަނީ، އަހަރުމެންގެ އެއްބައިވެރިއެއް ކަމަށްވާ ސޯސަން ފިހާރައިގެ ފަރާތުން ލިބިފައިވާ، ޝާން ޗިކަން ޓިއްކާ ސީޒަނިންގް މިކްސްއެވެ. މިއީ ޗިކަން ޓިއްކާގެ އިތުރުން މިކަހަލަ އެކި ވައްތަރުގެ ރިހަތަކާއި، އެކި ވައްތަރުގެ ކުކުޅު ރެސިޕީތައް ހެދުމަށް ބޭނުންކޮށްލަން ރަނގަޅު މަސާލާއެކެވެ.
މި ރެސިޕީއިން ތައްޔާރުކުރެވޭނީ: 5 ނުވަތަ 6 މީހުންނަށް ކެވޭވަރަށެވެ.
ބޭނުންވާ ތަކެތި:
ކުކުޅު މެރިނޭޓްކުރުމަށް
500 ގްރާމް ބޮޑުކޮށް ކޮށާފައި ހުރި ބޯންލެސް ކުކުޅު
2.5 މޭޒުމަތީ ސަމުސާ ޝާން ޗިކަން ޓިއްކާ ސީޒަނިންގް މިކްސް
1.5 މޭޒުމަތީ ސަމުސާ ތެޅި މިރުސް
1 މޭޒުމަތީ ސަމުސާ މުގުރި ކޮތަނބިރި
1 ސައިސަމުސާ ގަރަމް މަސާލާ
1 ސައިސަމުސާ މުގުރި ދިރި
½ ޖޯޑު ޕްލެއިން ޔޯގަޓް
1 މޭޒުމަތީ ސަމުސާ ބޮޑު ލުނބޯ ހުތް
1 މޭޒުމަތީ ސަމުސާ ޖިންޖަރ ގާލިކް ޕޭސްޓް
¼ ސައިސަމުސާ ލޮނު
3 މޭޒުމަތީ ސަމުސާ ތެޔޮ
ޗިކަން ޓިއްކާ މަސާލާ ހެދުމަށް
1 މޭޒުމަތީ ސަމުސާ ތެޔޮ
½ ޖޯޑު ކުދިކޮށް ކޮށާފައި ހުރި ފިޔާ
1 މޭޒުމަތީ ސަމުސާ ޝާން ޗިކަން ޓިއްކާ ސީޒަނިންގް މިކްސް
1 މޭޒުމަތީ ސަމުސާ ތެޅި މިރުސް
1 މޭޒުމަތީ ސަމުސާ ޖިންޖަރ ގާލިކް ޕޭސްޓް
½ ސައިސަމުސާ މުގުރި ދިރި
½ ސައިސަމުސާ މުގުރި ރީނދޫ
1 ޖޯޑު ޓޮމާޓޯ ޕިއުރީ
3 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓަރު
¾ ޖޯޑު ކުކިންގް ކްރީމް
2 ސައިސަމުސާ ހަކުރު
½ މޭޒުމަތީ ސަމުސާ ބޮޑު ލުނބޯ ހުތް
ގާނިޝް ކުރުމަށް
1 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ކޮތަނބިރި ފަތް
1 މޭޒުމަތީ ސަމުސާ ކުކިންގް ކްރީމް
ހަދާނެ ގޮތް:
1. އެންމެ ފުރަތަމަ ކުކުޅު މެރިނޭޓް ކުރުމަށް ތައްޔާރުކުރާށެވެ. މިކަމަށް 500 ގްރާމް ބޮޑުކޮށް ކޮށާފައި ހުރި ބޯންލެސް ކުކުޅާއި، 2.5 މޭޒުމަތީ ސަމުސާ ޝާން ޗިކަން ޓިއްކާ ސީޒަނިންގް މިކްސް، ½ 1 މޭޒުމަތީ ސަމުސާ ތެޅި މިރުސް، 1 މޭޒުމަތީ ސަމުސާ މުގުރި ކޮތަނބިރި، 1 ސައިސަމުސާ ގަރަމް މަސާލާ، 1 ސައިސަމުސާ މުގުރި ދިރި، 1 ޖޯޑު ޕްލެއިން ޔޯގަޓް، 1 މޭޒުމަތީ ސަމުސާ ބޮޑު ލުނބޯ ހުތް، 1 މޭޒުމަތީ ސަމުސާ ޖިންޖަރ ގާލިކް ޕޭސްޓް، އަދި ¼ ސައިސަމުސާ ލޮނު ބޮޑު ބޯތަށްޓަކަށް އަޅާލާށެވެ.
2. ދެން ހުރިހާ އެއްޗެއް ރަނގަޅަށް ކުކުޅުގައި އުނގުޅައި، އެއްކޮށްލުމަށް ފަހު އެއަށް 3 މޭޒުމަތީ ސަމުސާ ތެޔޮ އަޅާލާށެވެ. އަދި ފަހު ފަހަރަށް ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. ދެން ޕްލާސްޓިކް ފުޑް ވްރެޕްއިން ބޯތަށީގެ މަތި ބަންދުކޮށްލުމަށް ފަހު، ތަށި އައިސްއަލަމާރިއަށްލާށެވެ. އަދި 2 ގަޑިއިރު ނުވަތަ 12 ގަޑިއިރު ވަންދެން މެރިނޭޓްކޮށްލުމަށް ބަހައްޓާށެވެ.
3. އެއަށް ފަހު، 180 ޑިގްރީ ސެލްޝިއަސްގައި 10 މިނެޓު ވަންދެން އަވަން ހޫނުކޮށްލާށެވެ.
4. ދެން، 4 ނުވަތަ 5 މެރިނޭޓް ކޮށްފައި ހުރި ކުކުޅުކޮޅު ދަނޑިކޮޅުތަކަށް ލައްވާށެވެ (ވަކަރު ދަނޑިކޮޅުތައް ބޭނުންކުރާ ނަމަ 20 މިނެޓު ވަންދެން ދަނޑިކޮޅުތައް ފެނަށްލާ ފޯކޮށްލާށެވެ. މިހެން ހެދުމުން ދަނޑިކޮޅުތައް އަވަނުގައި ނުއެއް އަނދާނެއެވެ).
5. އަވަން ހޫނުވުމުން، އޭގެ ދަގަނޑު ރެކްގެ މަތީގައި ކުކުޅުކޮޅު ލައްވާލި ދަނޑިކޮޅުތައް އަތުރާލާށެވެ. އަދި 30 މިނެޓު ވަންދެން ފިހެލާށެވެ. ފިހެވެމުން ދާއިރު މެދުތެރެއިން އަނެއް ފުށަށް ޖަހާލަންވާނެއެވެ. އަދި މެދު ރެކުގެ ތިރިޔަށް ތަބަކެއްލާށެވެ. އޭރުން ކުކުޅުން ބޭރުވާ ފެން އަވަނުގެ ތެރެއަށް ނޭޅޭނެއެވެ.
6. ކުކުޅުކޮޅު އެއްކޮށް ފިހެވުމުން ބޭރުފުށް ހުންނާނީ މުށި ކުލައިގައި، ކުޑަކޮށް މުރަނަކޮށެވެ. އަދި ކުކުޅުގެ އެތެރެ ހުންނާނީ ހުދުކުލައިގައެވެ. ދެން، ދަނޑިކޮޅުތައް އަވަނުން ނަގާފައި އޭގެއިން ފިހުނު ކުކުޅުކޮޅުތައް ނައްޓާލުމަށް ފަހު ބޯތަށްޓަކަށް އަޅާލާފައި އެއްކައިރިއެއްގައި ބަހައްޓާށެވެ.
7. ދެން، ރިހަގަނޑު ތައްޔާރުކުރުމަށް، 1 މޭޒުމަތީ ސަމުސާ ތެޔޮ ތެއްޔަކަށް އަޅާލުމަށް ފަހު 30 ސިކުންތު ވަންދެން ގަދަގިނީގައި ހޫނުކޮށްލާށެވެ. ހޫނުވެލުމުން ތެއްޔަށް ½ ޖޯޑު ކުދިކޮށް ކޮށާފައި ހުރި ފިޔާ އަޅާލުމަށް ފަހު 1 މިނެޓު ވަންދެން ނުވަތަ ފިޔާކޮޅު މަޑުވެލަންދެން ހަލަމުން ކައްކާލާށެވެ.
8. އެއަށް ފަހު، އެއަށް 1 މޭޒުމަތީ ސަމުސާ ޖިންޖަރ ގާލިކް ޕޭސްޓް އަޅާފައި 30 ސިކުންތު ވަންދެން އެއްކޮށްލާށެވެ. ދެން، 1 މޭޒުމަތީ ސަމުސާ ޝާން ޗިކަން ޓިއްކާ ސީޒަނިންގް މިކްސްއާއި، 1 މޭޒުމަތީ ސަމުސާ ތެޅި މިރުސް، ½ ސައިސަމުސާ މުގުރި ރީނދޫ، އަދި ½ ސައިސަމުސާ މުގުރި ދިރި އަޅާލާށެވެ. އަދި ހަލާލުމަށް ފަހު އިތުރު 1 މިނެޓު ވަންދެން ކައްކާލާށެވެ.
9. ދެން އުނދުނުގެ ގިނި މަޑުކޮށްލުމަށް ފަހު ½ ޖޯޑު ޓޮމާޓޯ ޕިއުރީ އަޅާފައި ހރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު، ޓޮމާޓޯއާއި އެހެން ރަހަތައް އެއްކޮށްލުމަށް 5 މިނެޓު ވަންދެން މަޑުގިނީގައި ކައްކާލާށެވެ. ދެން 3 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓަރު އަޅާލުމަށް ފަހު 1 ނުވަތަ 2 މިނެޓު ވަންދެން ނުވަތަ ބަޓަރުކޮޅު ސޯސްގެ ތެރެއަށް ދިޔާވެލަންދެން ހަލަމުން ކައްކާލާށެވެ.
10. ދެން ގިނި ގަދަކޮށްލުމަށް ފަހު އެއަށް ¾ ޖޯޑު ކުކިންގް ކްރީމްއާއި، ފިހެލި ކުކުޅު، 2 ސައިސަމުސާ ހަކުރު، އަދި ½ މޭޒުމަތީ ސަމުސާ ބޮޑު ލުނބޯ ހުތް އަޅާލާށެވެ. އަދި ހުރިހާ އެއްޗެއް އެއްކޮށްލުމަށް ފަހު އިތުރު 3 މިނެޓު ވަންދެން ކައްކާލާށެވެ. މިހާރު ރިހަ ހުންނަނީ ކުޑަކޮށް އޮލަކޮށް، ގަދަ ރަތް-އޮރެންޖު ކުލައެއްގައެވެ.
11. ކައްކާ ނިމުމުން، ރިހަގަނޑު ރީތިކޮށްލުމަށްޓަކައި އޭގެ މައްޗަށް 1 މޭޒުމަތީ ސަމުސާ ކުކިންގް ކްރީމްއާއި 1 މޭޒުމަތީ ސަމުސާ ކޮތަނބިރި ފަތް އަޅާލާށެވެ. ޝާން ޗިކަން ޓިއްކާ މަސާލާ ކާލުމަށް އެންމެ މީރުވާނީ އިންޑިއަން ފަރާޓާ ނުވަތަ ނާންއާއި ޖަހައިގެންނެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.