ކުކުޅު ބިރިޔާނީ އަކީ ޚާއްސަ ދުވަސް ދުވަހު ކާލަން އެއްމެ މީރު އެއް ކެއުމެވެ. ނަމަވެސް ބިރިޔާނީ ކައްކާ ނަމަ އެ މަސައްކަތުގައި އެތައް ގަޑިއެއް ހޭދަ ކުރަން ޖެހެއެވެ.
މިފަހަރު މިއޮތީ ފަސޭހައިން ކައްކާލެވޭ ބިރިޔާނީގަނޑެއްގެ ރެސިޕީއެކެވެ. ރެސިޕީ ފަސޭހަ ވިއެއް ކަމަކު މި ބިރިޔާނީގެ ރަހަ އެހެން ބިރިޔާނީ ތަކާއި އަޅާ ބަލާއިރު ވަކި ދެރައެއް ނުވާނެއެވެ.
މި ރެސިޕީ ފަސޭހަވެފަ އަވަސްވާ އެއް ސަބަބަކީ މީގައި ކުކުޅާއި ބަތް އެކުއެކީގައި އެއް ތެއްޔެއްގައި ކެއްކުމެވެ. ފިޔާ، ކެޝޫނަޓް އަދި ހިކި މޭބިސްކަދުރު ތެލުލުން މި ރެސިޕީގައި އޮންނަނީ ބަތާއި ކުކުޅު ކެކެމުން ދާގަޑީގައެވެ. އަދި ހަވާދު އަމިއްލައަށް ހެދުމުގެ ބަދަލުގައި މި ރެސިޕީގައި ބޭނުން ކުރަނީ ވިއްކަން ހުންނަ ހަނާކުރި ހަވާދު ޕެކެޓެވެ.
ފަސޭހަކޮށް ކުކުޅު ބިރިޔާނީ މިގޮތަށް ކައްކާނެ ގޮތުގެ ރެސިޕީ މި ގެނެސްދެނީ އަހަރުމެންގެ ބައިވެރިއެއް ކަމަށްވާ ސްޓޭންޑަރޑް އެންޑް އޮރިޖިން (އެސް އެންޑް އޯ) އާއި ގުޅިގެންނެވެ. މި ރެސިޕީގައި ބޭނުން ކޮށްފައި އެވަނީ ސްޓޭންޑަރޑް އެންޑް އޮރިޖިންގެ ފަރާތުން އަހަރުމެންނަށް ލިބުނު ޑާވަޓް ޑެވާޔާ ބާސްމަތީ ހަނޑުލެވެ. ފުށް ދިގުކޮށް ހުންނާތީއާއި ފަސޭހައިން ޗަސްވެގެން ނުދާތީވެ އަހަރުމެންނަށް މި ބާވަތުގެ ހަނޑޫ ބިރިޔާނީ ކަހަލަ އެއްޗެހި ތައްޔާރު ކުރަން ކަމުދެއެވެ. އަދި ހަނޑޫ ކެކެމުން ދާއިރު މަޑު މީރު ވަހެއް ދުވާކަންވެސް ފާހަގަ ކުރެވެއެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 5-6 މީހުންނަށް ވާވަރަށެވެ.
ބޭނުންވާ ތަކެތި:
1.2 ކިލޯ ކަރީކަޓް ކުކުޅު
½ ޖޯޑު ހަނާކުރި ހަވާދު
1 ސައިސަމުސާ ލޮނު (ކުކުޅު މެރިނޭޓް ކުރަން)
1 ސައިސަމުސާ ލުނބޯހުތް
2 ޖޯޑު ޑާވަޓް ޑެވާޔާ ބާސްމަތީ ހަނޑޫ
4 ޖޯޑު ފެން (ހަނޑޫ ފޯކުރަން)
1 ބޮޑު ފިޔާ (ކުކުޅު ކައްކާއިރު އަޅަން)
1 ސައިސަމުސާ ޗަސްކޮށްފައިހުރި އިނގުރު
1 ސައިސަމުސާ ޗަސްކޮށްފައިހުރި ލޮނުމެދު
2 މޭޒުމަތީ ސަމުސާ ތެޔޮ (ކުކުޅު ކައްކަން)
15 ހިކަނދިފަތް
6 އިންޗި ރާނބާ
3 އިންޗީގެ ފޮނިތޮށި
5 ކާފޫރުތޮޅި
2 ކަރަންފޫ
½ ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)
1 ޖޯޑު ފެން (ކުކުޅު ކައްކަން)
3 ބޮޑު ފިޔާ (ތެލުލަން)
¾ ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)
3 ޖޯޑު ފެން (ބިރިޔާނީ ކައްކަން)
5 މޭޒުމަތީ ސަމުސާ ތެޔޮ (ފިޔާ، ކެޝޫނަޓް އަދި މޭބިސްކަދުރު ތެލުލަން)
1 ޖޯޑު ކެޝޫނަޓް
1 ޖޯޑު ހިކި މޭބިސްކަދުރު
¾ ސައިސަމުސާ ރޯޒްވޯޓަރ
ހަދާނެ ގޮތް:
1. ކުކުޅު ގަނޑު ފިލުވައި ހަން ނޮޅާށެވެ.
2. ކުކުޅު، ހަނާކުރި ހަވާދު، ލޮނު އަދި ލުނބޯހުތް ބޯތަށްޓަކަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން މަތި ޖަހާލާފައި އެހަށް ބަހައްޓާށެވެ.
3. ހަނޑޫ ނިކަން ރަނގަޅަށް ދޮވެފައި 4 ޖޯޑު ފެނާއި އެކު ބޯތަށްޓަކަށް އަޅާފައި އެހަށް ފޯކުރަން ބަހައްޓާށެވެ. ފޯކުރާނީ އެއްމެ ގިނަވެގެން 30 މިނިޓެވެ.
4. ބޮޑު ފިޔައެއް ތުނިކޮށް ކޮށާފައި އިނގުރާއި ލޮނުމެދު ސަމުސަލެއްގެ އަނެއް ފުށް ބޭނުން ކޮށްގެން ޗަސްކުރާށެވެ.
5. 2 މޭޒުމަތީ ސަމުސަލުގެ ތެޔޮ ބިރޔާނީ ކައްކަން ބޭނުން ކުރާނެ ތެއްޔަށް އަޅާފައި އެ ހޫނު ކުރާށެވެ. އަހަރުމެން ބޭނުން ކުރި ތެލީގެ ޑަޔަމީޓަރުގައި 10 އިންޗި އަދި ފުންމިނުގައި 5 އިންޗި ހުރެއެވެ. ތެޔޮ ހޫނު ވީމައި ފިޔާ، ހިކަނދިފަތް، ރާނބާ، ފޮނިތޮށި، ކާފޫރުތޮޅި، ކަރަންފޫ އަދި ގިތެޔޮމިރުސް ތެއްޔަށް އަޅާފައި ފިޔާކޮޅު މަޑުވެ އެއަށް ހަމަ ކިރިޔާ ރަން ކުލަ އަރަން ފަށަންދެން ކައްކާށެވެ. ދެން ގޭނި އިނގުރާއި ލޮނުމެދު ތެއްޔަށް އަޅާ އެއްކޮށްލާފައި އަދި އިތުރު މިނިޓެއް ހާއިރު ކައްކާލާށެވެ.
6. ދެން ފަހަށް ބެހެއްޓި ކުކުޅު އެތި 1 ޖޯޑު ފެނާއި އެކު ތެއްޔަށް އަޅާ އެއްކޮށްލާށެވެ. ބޮކިޖަހާ ކެކިގަންނަންދެން ތެލީގައި ހުރި ސާމާނު ހޫނުކުރާށެވެ. ދެން ގިނި މަޑުކޮށްލާފައި ތެލީގެ މަތި ޖަހައިގެން 15 މިނިޓު ކައްކާށެވެ. މިގޮތަށް ކައްކާއިރު ތެލީގެ ތެރެއިން ދާންވާނީ މެދު ދުވެއްޔެއްގައި ބޮކި ޖަހަމުންނެވެ.
7. ކުކުޅު ކެކެމުން ދާއިރު 3 ބޮޑު ފިޔާ އެއްވަރަށް ތުނިކޮށް ކޮށާފައި އެހަށް ބަހައްޓާށެވެ.
8. ކުކުޅު 15 މިނިޓު ވަންދެން ކެކުމުން ފޯކުރަން ބެހެއްޓި ހަނޑޫ އެތީގެ ފެންގަނޑު އުކާލާފައި ހަނޑޫކޮޅު ތެއްޔަށް އަޅާ ކުކުޅާއި އެއްކޮށްލާށެވެ. ¾ ސައިސަމުސަލުގެ ލޮނާއި 3 ޖޯޑު ފެންވެސް ތެއްޔަށް އަޅާ އެއްކުރާށެވެ. ދެން ބޮކިޖަހާ ކެކި ގަންނަންދެން ހޫނު ކުރާށެވެ. އެއަށްފަހު މަޑު ދުވެލީގައި ބޮކި ޖަހަމުންދާނެ ވަރަށް ގިނި މަޑު ކޮށްލާފައި ތެލީގެ މަތިޖަހާށެވެ. މި ގޮތަށް ބަހައްޓައިގެން 30 މިނިޓު ނޫނީ އެއްކޮށް ފެން ހިނދެންދެން ކައްކާށެވެ.
9. ކުކުޅާއި ހަނޑޫ ކެކެމުން ދާއިރު ބޮޑު ތަވައަކަށް 5 މޭޒުމަތީ ސަމުސަލުގެ ތެޔޮ އަޅައި ހޫނު ކުރާށެވެ. ދެން ކޮށާފައި ބެހެއްޓި ފިޔާކޮޅު ތެއްޔަށް އަޅާފައި ފިޔާތައް ރަތް ވަންދެން މެދު ގިނީގައި ތެލުލާށެވެ. ތެލުލެވުނީމައި ތެލުގެ ތެރެއިން ނަގާ ޓިޝޫމަތީގައި ފަތުރާލާށެވެ. ދެން ހަމަ އެ ތަވައަށް ކެޝޫނަޓްކޮޅު އަޅައި އެއަށް ރަންކުލަ އަރަންދެން ތެލުލާފައި ނަގާ ޓިޝޫ މަތީގައި ފަތުރާށެވެ. ދެން ހިކި މޭބިސްކަދުރު ހަމަ އެ ތަވައަށް އަޅާފައި އެ ފުފެންދެން ތެލުލާފައި ނަގާ ޓިޝޫ މަތީ ފަތުރާށެވެ. ތަވާ މާބޮޑަށް ހިކިހެން ހީވާނަމަ އިތުރު ތެޔޮ ކޮޅެއް އެޅިއަސް ރަނގަޅުވާނެއެވެ.
10. ބަތް އެތިން ފެން ހިނދުނީމައި އެއަށް އުނދުން ނިވާލާށެވެ. ދެން ތެލުލި ފިޔާ، ކެޝޫނަޓް އަދި ހިކި މޭބިސްކަދުރު ފަށަލައެއްހެން ތެލީގައި ހުރި ބަތްގަނޑު މަތީގައި އަތުރާލާށެވެ. އެއަށްފަހު ރޯޒްވޯޓަރކޮޅު އަތު ތެރެއަށް އަޅާލާފައި އިނގިލިތައް ބޭނުން ކޮށްގެން ތެލީގެ ތެރެއަށް ބުރުއްސާލާށެވެ. ތެލީގެ މަތި ޖަހާފައި އެއްމެ މަޑު ގިނީގައި ބަހައްޓައިގެން 7 މިނިޓު ކައްކާށެވެ. އެއިރުން އެ ނިމުނީއެވެ. ޕާޕަރާއި ފެނު ކެއްކި ކުކުޅު ބިހާއެކު ކާން މި ނިކަން މީރުވާނެއެވެ.
ނޯޓް: ޑާވަޓް ޑެވާޔާ ބާސްމަތީ ހަނޑޫ ކައިރި ފިހާރައަކުން ލިބެން ނެތްނަމަ 5533 301 ނޫނީ 5522 301 އަށް ގުޅާލައިގެން އެ ހޯދޭނެއެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2024. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.