
ކަބްސާއަކީ މެދު އިރުމަތީ ހިސާބުގައި ވަރަށް މަޝްހޫރު ބަތްގަނޑެކެވެ. މިއީ އެއް ތެލީގައި ކައްކާލެވޭނެ ރަހަމީރު އެއްޗެކެވެ. އަދި އާއިލާއިއެކީ ނުވަތަ ރައްޓެހިންނާއި އެއްކޮށް ކާލުމަށް މިއީ ވަރަށް ފުރިހަމަ އެއްޗެކެވެ. އަހަރުމެން ތައްޔާރުކޮށްފައި މިވަނީ ފަސޭހައިން ހަދާލެވޭނެ، ނަމަވެސް ހަމައެހާމެ ރަހަމީރު ކަބްސާއެކެވެ.

މި ރެސިޕީގައި އަހަރުމެން ބޭނުންކޮށްފައި މިވަނީ، އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ، ރޫޓް އެފް އެންޑް ބީގެ ފަރާތުން ލިބިފައިވާ، ޕަންޖާބް ކިންގް ބާސްމަތީ ރައިސްއެވެ. މި ހަނޑޫ ކައްކާލުމުން ވަރަށް ރަނގަޅު ވަރަކަށް މަޑުވެފައި މީރު ވަސް ދުވައެވެ. މިހެންކަމުން، މި ހަނޑުލުން ބިރިޔާނީއާއި، ކަބްސާ، އަދި ޕުލާއޯ ކަހަލަ ބަތް ކައްކާލަން ރަނގަޅުވާނެއެވެ.
ޕަންޖާބް ކިންގް ބާސްމަތީ ރައިސް ހޯދުމަށް 7751790 އަށް ވައިބަރ ކޮށްލާށެވެ.

މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 3 ނުވަތަ 5 މީހުންނަށް ކެވޭވަރަށެވެ.
ބޭނުންވާ ތަކެތި:
ބަތްގަނޑު ކެއްކުމަށް
1 ޖޯޑު ޕަންޖާބް ކިންގް ބާސްމަތީ ރައިސް
3 މޭޒުމަތީ ސަމުސާ ތެޔޮ
1 މޭޒުމަތީ ސަމުސާ ގިތެޔޮ
½ ފިޔާ ތުނިކޮށް ކޮށާފައި
3 ކާފޫރުތޮޅި
2 ބޭ ލީފް
1 ފޮނިތޮށިކޮޅު
3 ކަރަންފޫ
3 އަސޭމިރުސް
½ ބޮޑު ޓޮމާޓޯ (މިކްސަރަކަށް އަޅާ ގިރާފައި)
2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
½ ސައިސަމުސާ މުގުރި ކޮތަނބިރި
½ ސައިސަމުސާ މުގުރި ކާފޫރުތޮޅި
½ ސައިސަމުސާ މުގުރި އަސޭމިރުސް
½ ސައިސަމުސާ ރިނދޫ
½ ސައިސަމުސާ ޕެޕްރިކާ ޕައުޑަރ
1 ބޮޑު ގިތެޔޮ މިރުސް (ދެފަޅިއަށް ފަޅާލާފައި)
2 ޖޯޑު ހޫނު ފެން (ވަގުތުން ކައްކާފައި)
1 + 1/4 ސައިސަމުސާ ލޮނު
1+ 1/3 ޖޯޑު ފެން
ކުކުޅުކޮޅު ހެދުމަށް
2 ކުކުޅުފައި (ހަންނޮޅާފައި)
ޗަޓްނީ ހެދުމަށް
¼ ފިޔާ (ކުދިކޮށް ކޮށާފައި)
¼ ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސަ ގާލިކް ޕޭސްޓް
2 ލޮނުމެދު (ކުދިކޮށް ކޮށާފައި)
2 ތޮޅިމިރުސް
ވަރަށް ކުޑަ ރަތް ކާކުލަކޮޅެއް
ކަބްސާ މައްޗަށް އެޅުމަށް
1 މޭޒުމަތީ ސަމުސާ ހަނާކޮށްފައި ކުދިކޮށް ކޮށާފައި ހުރި އަލްމަންޑް
1 މޭޒުމަތީ ސަމުސާ ހަނާކޮށްފައި ކުދިކޮށް ކޮށާފައި ހުރި ބަދަން
2 ފެނު ކެއްކި ބިސް މެދުން ފަޅިކޮށްފައި
ހަދާނެގޮތް:
1. އެންމެ ފުރަތަމަ، 1 ޖޯޑު ޕަންޖާބް ކިންގް ބާސްމަތީ ރައިސް ފެން ބޭނުންކޮށްގެން، ފެން އިރުއިރުކޮޅާ ބަދަލުކުރަމުން ދޮވެލާށެވެ. ދޮވެ ނިމޭއިރު ފެން ހުންނަން ވާނީ ސާފުކޮށެވެ. ދެން ފެންފުރާނާފައި ވަކިން ބަހައްޓާލާށެވެ.
2. ދެން ބޮޑު ތެއްޔަކަށް 3 މޭޒުމަތީ ސަމުސާ ތެޔޮ އަދި 1 މޭޒުމަތީ ސަމުސާ ގިތެޔޮ އަޅާފައި މެދު ގިނީގައި ހޫނުކޮށްލާށެވެ. ހޫނުވުމުން އެއަށް ½ ފިޔާ )ތުނިކޮށް ކޮށާފައި(، 3 ކާފޫރުތޮޅި، 2 ބޭ ލީފް، 1 ފޮނިތޮށިކޮޅު، 3 ކަރަންފޫ، އަދި 3 އަސޭމިރުސް އަޅާލާށެވެ. އިރުއިރުކޮޅާ ހަލަމުން، ގާތްގަނޑަކަށް 6 މިނެޓު ވަންދެން ނުވަތަ ފިޔާކޮޅަށް މަޑު މުށިކުލައެއް އަރަންދެން ކައްކާށެވެ.
3. ދެން ފިޔާކޮށްޅަށް، ½ ބޮޑު ޓޮމާޓޯ (މިކްސަރަކަށް އަޅާ ގިރާފައި)، 2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް، ½ ސައިސަމުސާ މުގުރި ކޮތަނބިރި، ½ ސައިސަމުސާ މުގުރި ކާފޫރުތޮޅި، ½ ސައިސަމުސާ މުގުރި އަސޭމިރުސް، ½ ސައިސަމުސާ ރިނދޫ، އަދި ½ ސައިސަމުސާ ޕެޕްރިކާ ޕައުޑަރ އަޅާލާށެވެ. ދެން މެދު ގިނީގައި ގާތްގަނޑަކަށް 4 މިނެޓު ވަންދެން ހަލަމުން ކައްކާލާށެވެ.
4. އެއަށްފަހު، 2 ކުކުޅުފައި (ހަންނޮޅާފައި)، 2 ޖޯޑު ހޫނު ފެން (ވަގުތުން ކައްކާފައި)، ¼ ސައިސަމުސާ ލޮނު، އަދި 1 ބޮޑު ގިތެޔޮ މިރުސް(ދެފަޅިއަށް ފަޅާލާފައި). ގިތެޔޮ މިރުސް ސަމުސަލަކުން ކުޑަކޮށް ޗަސްކޮށްލުމުން އޭގެ ރަހަ ބޮޑަށްލާނެއެވެ. ދެން ތެލީގެ މަތިޖަހާފައި މެދުގިނީގައި ގާތްގަނޑަކަށް 25 މިނެޓު ވަންދެން ކުކުޅު ކައްކާށެވެ. މެދު ތެރެއިން ކުކުޅު ފައިތައް އަނެއް ފުށަށް ޖަހާށެވެ.
5. ކުކުޅު ފައިތައް ކައްކާ ނިމުމުން ތެލިން ނަގާފައި ބަހައްޓާށެވެ. އަދި ތެލީގައި ބާކީހުރި ރިހަކޮޅުން ¼ ޖޯޑު ނަގާފައި ކުކުޅުކޮޅުގައި ފަހުން ހޭކުމަށް ބައްހަޓާށެވެ.
6. ދޮވެލި ހަނޑުލާއި، 3/1 1 ޖޯޑު ފެން، އަދި 1 ސައިސަމުސާ ލޮނު ތެއްޔަށް އަޅާލާށެވެ. އަދި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.
7. ދެން ތެލީގެ މަތި ޖަހާފައި މެދު ގިނީގައި 10 މިނެޓު ވަންދެން ކައްކާށެވެ. އެއަށްފަހު، މަތި ނަގާފައި މަޑުމަޑުން ބަތްކޮޅު ހަލާފައި މަތި އަނބުރާޖަހާފައި، 5 މިނެޓުން ވަންދެން ކައްކާލާށެވެ.
8. އަދި އެއްފަހަރު މަތި ނަގާފައި، ހާލާފައި ގިނިމަޑުކޮށްލާށެވެ. މަތި ޖަހާފައި އިތުރު 10 މިނެޓު ވަންދެން ނުވަތަ ފެން އެއްކޮށް ހިދެންދެން ބަތް ކައްކާލާށެވެ.
9. ބަތް ކައްކަމުން ދާއިރު، އަވަން 180 ޑިގްރީ ސެލްސިއަސްގައި 10 މިނެޓު ވަންދެން ހޫނުކޮށްލާށެވެ. ކުރިން ކައްކާލި ކުކުޅު ފައިތައް އަވަނަށްލާކަހަލަ ތަބަކަކަށް ލާފައި އޭގެމަތީގައި ވަކިން ނަގާލި ¼ ޖޯޑު ރިހަކޮޅު ހާކާލާށެވެ.
10. ދެން، އަވަނުގެ ތިރީ ރެކަށް ތަބައް ލާފައި ގާތްގަނޑަކަށް 20 މިނެޓު ވަންދެން ނުވަތަ ކުކުޅުކޮޅަށް ރިތި މުށިކުލައެއް އަރަންދެން ފިހެލާށެވެ.
11. ކަބްސާއާއި އެއްކޮށް ކާ ޗަޓްނީހެދުމަށް، ¼ ފިޔާ (ކުދިކޮށް ކޮށާފައި)، ¼ ޓޮމާޓޯ (ކުދިކޮށް ކޮށާފައި)، 1 މޭޒުމަތީ ސަމުސަ ގާލިކް ޕޭސްޓް، 2 ލޮނުމެދު (ކުދިކޮށް ކޮށާފައި)، 2 ތޮޅިމިރުސް އަދި ވަރަށް ކުޑަ ރަތް ކާކުލަކޮޅެއް މިކްސަރަށް އަޅާލާށެވެ. ދެން 5 ސިކުންތު ވަންދެން ފުނޑާފައި، ކައިރިފަށުގައި ހަރުލާފައި ހުރި ސާމާނު ތިރިއަށް ކަހާލާފައި، އިތުރު 5 ސިކުންތު ވަންދެން ފުނޑާލާށެވެ. އެއަށްފަހު ކުޑަ ބޯތަށްޓަކަށް އަޅާލާށެވެ.
12. ބަތް ކައްކާ ނިމުމުން، އުނދުން ނިވާލާފައި މޭޒުމައްޗަށް ނަގާ ބޮޑު ތަށްޓަކަށް އަޅާލާށެވެ. ދެން، އޭގެ މައްޗަށް ހަނާކޮށް، ކުދިކޮށް ކޮށާފައި ހުރި އަލްމަންޑް އަދި ބަދަން ކޮޅެއް އަޅާފައި، ފެނުކެއްކި ބިސް ފަޅި ކޮއްލާފައި އަޅާލާށެވެ. ދެން ކުކުޅު ފައިތައް މަތީގައި އަތުރާލާފައި ޗަޓްނީ ވަކި ތަށްޓަކަށް އަޅާފައި ބައިންދާލާށެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2026. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.