ބީފް އޮކްސްޓެއިލް އަކީ ތައްޔާރުކުރުމަށް ގިނަ ވަގުތު ނަގާ ރެސިޕީއެއްކަމުގައިވިޔަސް، ވަރަށް ރަހަ މީރު ކާއެއްޗެކެވެ. އޮކްސްޓެއިލް އަކީ ގެރީގެ ނިގުލުން ނަގާފައި ހުންނަ މަސްގަނޑެކެވެ. މިއީ އާންމުކޮށް އެފްރިކާ ބައްރުގައާއި އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ތައްޔާރުކުރާ މަޝްހޫރު އެއްޗެކެވެ. އެގޮތުން މިފަހަރު މިއޮތީ އަހަރުމެން ބީފް އޮކްސްޓެއިލްއިން ތައްޔާރުކޮށްފައިވާ ރަހަމީރު ސްޓޫއެއްގެ ރެސިޕީއެވެ.
މި ރެސިޕީގައި އަހަރުމެން ބޭނުންކޮށްފައިވާ މިވަނީ، އަހަރުމެންގެ އެއްބައިވެރިއެއް ކަމަށްވާ ޔުނައިޓެޑް ފުޑް ސަޕްލައި (ޔޫ.އެފް.އެސް)ގެ ފަރާތުން ލިބިފައިވާ، ސްޕާޓާ ބީފް އޮކްސްޓެއިލްއެވެ. މި މަސްގަނޑުގައި ފެޓް އަދި ކަނެކްޓިންގް ޓިޝޫ ގިނަވުމުގެ ސަބަބުން ކައްކާލުމުން މަސްގަނޑުގެ ރަހަ އިތުރަށް މީރުވެއެވެ. މީގެ އިތުރުން، މި މަހަކީ ޕްރޮޓީންއާއި ކޮލަޖެން އަދި މިނޫން ވެސް ގިނަ މިނަރަލްސްގެ ބާވަތްތައް ހިމެނޭ އެއްޗެކެވެ.
މި ރެސިޕީއިން ތައްޔާރުކުރެވޭނީ: 5 ނުވަތަ 6 މީހުންނަށް ކެވޭ ވަރަށެވެ.
ބޭނުންވާ ތަކެތި:
އޮކްސްޓެއިލް ސާފުކުރުމަށް
900 ގްރާމް ނުވަތަ 1 ކިލޯ ސްޕާޓާ ބީފް އޮކްސްޓެއިލް
2 ޖޯޑު ފެން
2 ޖޯޑު ވައިޓް ވިނެގަރ
2 ލުނބޯ (މެދުން ފަޅިކޮށްފައި)
މެރިނޭޑް ހެދުމަށް
7 ކުދިކޮށް ކޮށާފައި ހުރި ލޮނުމެދު
1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
1 މޭޒުމަތީ ސަމުސާ އޮއިސްޓާ ސޯސް
1 މޭޒުމަތީ ސަމުސާ ބަލްސާމިކް ވިނެގަރ
1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
1 މޭޒުމަތީ ސަމުސާ ބްރައުން ޝުގާ
1.5 ސައިސަމުސާ ލޮނު
1 ސައިސަމުސާ މުގުރި އަސޭމިރުސް
1 ސައިސަމުސާ ޕެޕްރިކާ ޕައުޑަރ
1 ސައިސަމުސާ ކުދިކޮށް ކޮށާފައި ހުރި ރޯޒްމޭރީ ފަތް (ފަތްބައި އެކަނި)
½ ސައިސަމުސާ ތައިމް ފަތް (ފަތްބައި އެކަނި)
ސްޓޫ ކެއްކުމަށް
2 މޭޒިމަތީ ސަމުސާ އޮލިވް އޮއިލް
½ ޖޯޑު ކުދިކޮށް ކޮށާފައި ހުރި ފިޔާ
1/3 ޖޯޑު ތުނިކޮށް ކޮށާފައި ހުރި ލީކްސް
½ ޖޯޑު ބޮޑުކޮށް ކޮށާފައި ހުރި ކެރެޓު
½ ޖޯޑު ބޮޑުކޮށް ކޮށާފައި ހުރި އަލުވި
400 ގްރާމް ހޯލް ޕީލްޑް ޓޮމާޓޯ ދަޅު (ސޯސްއާ އެކީ)
210 ގްރާމް ޓޮމާޓޯ ޕޭސްޓް
1 ގިތެޔޮ މިރުސް (މެދުން ފަޅިކޮށްފައި)
2 ހިކި ބޭ ލީފް
3 ޖޯޑު ހޫނު ފެން
1 ސައިސަމުސާ ހިކި އޮރިގާނޯ
½ ސައިސަމުސާ ޑްރައިޑް މިކްސްޑް ހާބްސް
½ ސައިސަމުސާ މުގުރި އަސޭމިރުސް
ހަދާނެގޮތް:
1. އެންމެ ފުރަތަމަ އޮކްސްޓެއިލް ސާފުކޮށްފައި ކެއްކުމަށް ތައްޔާރުކުރާށެވެ. މިކަމަށް ފުރަތަމަ ސްޕާޓާ ބީފް އޮކްސްޓެއިލްގެ ގަނޑުކަން ފިލުވާލުމަށް ފަހު ބޮޑު ބޯތަށްޓަކަށްލާށެވެ. ދެން، އެއަށް 2 ޖޯޑު ފެން އަދި 2 ޖޯޑު ވައިޓް ވިނެގަރ އަޅާލާށެވެ. އަދި 15 ނުވަތަ 20 މިނެޓު ވަންދެން އޮކްސްޓެއިލް މި ފެނުގައި ބަހައްޓާށެވެ.
2. ދެން އޮކްސްޓެއިލް ހެދުމަށް ބޭނުންވާ މެރިނޭޑް ތައްޔާރުކުރާށެވެ. މިކަމަށް ބޮޑު ބޯތަށްޓަކަށް 7 ކުދިކޮށް ކޮށާފައި ހުރި ލޮނުމެދާއި، 1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް، 1 މޭޒުމަތީ ސަމުސާ އޮއިސްޓާ ސޯސް، 1 މޭޒުމަތީ ސަމުސާ ބަލްސާމިކް ވިނެގަރ، 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް، 1 މޭޒުމަތީ ސަމުސާ ބްރައުން ޝުގާ، 1.5 ސައިސަމުސާ ލޮނު، 1 ސައިސަމުސާ މުގުރި އަސޭމިރުސް، 1 ސައިސަމުސާ ޕެޕްރިކާ ޕައުޑަރ، 1 ސައިސަމުސާ ކުދިކޮށް ކޮށާފައި ހުރި ރޯޒްމޭރީ ފަތް، އަދި ½ ސައިސަމުސާ ތައިމް ފަތް އަޅާލާށެވެ. އަދި ހުރިހާ އެއްޗެއް އެއްކޮށް ސަމުސަލަކުން އެއްކޮށްލާށެވެ.
3. އެއަށް ފަހު، އޮކްސްޓެއިލް ހުރި ތަށީގައި ހުރި ވިނެގަރ ފެން ފުރާނާލާށެވެ. ދެން މެދުން ފަޅިކޮށްފައި ހުރި 2 ލުނބޯ ބޭނުންކޮށްގެން، މަސްގަނޑުގައި ލުނބޯ ކުޑަކޮށް ފެލާލަމުން އުގުޅާށެވެ. މިހެން ހެދުމުން މަސްގަނޑު ޓެންޑަރައިޒްވެ (ކައްކާލުމުން ބޮޑަށް މަސްގަނޑު މަޑުކޮށް ހުރެފައި)، ރަނގަޅަށް ސާފުކޮށްދޭނެއެވެ. މިހެން ހެދުމަށް ފަހު، މަސްގަނޑުގައި ބޯކޮށްހުރި ފެޓްސްކޮޅު އެންމެ ތުނިކޮށް ކޮށާލެވޭވަރަކަށް ކޮށާލާށެވެ. އެހެންނޫންނަމަ، ސްޓޫ ކެއްކުމުން އޭގައި މާބޮޑަށް ތެޔޮ ހެދޭނެއެވެ.
4. ދެން އޮކްސްޓެއިލްކޮޅު ރަނގަޅަށް ފެނުން ދޮވެފައި، ފެން ފުރާނަލުމަށް ފަހު ކުރިން ތައްޔާރުކޮށްލި މެރިނޭޑް ތަށްޓަށް އަޅާލާށެވެ. އަދި އޮކްސްޓެއިލްގައި ރަނގަޅަށް މެރިނޭޑް ހާކާލުމަށް ފަހު ބޯތަށީގެ މަތި ޕްލާސްޓިކް ފުޑް ވްރެޕް ބޭނުންކޮށްގެން ބަންދުކޮށްލާށެވެ. ދެން އައިސްއަލަމާރިއަށްލާފައި މަދުވެގެން 5 ނުވަތަ 6 ގަޑިއިރު ވަންދެން ނުވަތަ 12 ގަޑިއިރު ވަންދެން މެރިނޭޓްކޮށްލުމަށް ބަހައްޓާށެވެ.
5. އޮކްސްޓެއިލް މެރިނޭޓްކޮށް ނިމުމުން، ބޮޑު ތެއްޔަކަށް 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް އަޅާލުމަށް ފަހު މެދުމިނަކަށް ގަދަ ގިނީގައި ހޫނުކޮށްލާށެވެ. ދެން މެރިނޭޓްކޮށްލި އޮކްސްޓެއިލް ތެލީގައި، ދޭތިދޭއްޗާއި ނުޖެހޭހެން އަތުރާލާށެވެ (ތެލީގެ ބޮޑު މިނުގެ ގޮތުން މިބައި ދެތިން ބަޔަކަށް ބަހައިގެން ހަދާލަން ޖެހިދާނެއެވެ).
6. ދެން، 5 ނުވަތަ 6 މިނެޓު ވަންދެން، ކޮންމެ އެއް މިނެޓަކުން ފުށުންޖަހަމުން ކައްކާލާށެވެ. މިވަރަށް ކައްކާ ނިމޭއިރު އޮކްސްޓެއިލްގެ ބޭރުފުށަށް ގަދަ މުށި ކުލައެއް އަރާނެއެވެ. ނަމަވެސް އެތެރެ އެއްކޮށް އަދި ރޮލެއް ނުފިލާނެއެވެ. ދެން މިހެން ހުރިހާ އޮކްސްޓެއިލްކޮޅެއް ކައްކާލާށެވެ.
7. އޮކްސްޓެއިލްކޮޅު ކައްކާ ނިމުމުން ވަކި ތަށްޓަކަށް ނަގާލާށެވެ. ދެން ހަމަ އެ ތެއްޔަށް 1 މޭޒުމަތި ސަމުސާ އޮލިވް އޮއިލް އަޅަލުމަށް ފަހު މެދުގިނީގައި ހޫނުކޮށްލާށެވެ. ހޫނުވެލުމުން އެއަށް ½ ޖޯޑު ކުދިކޮށް ކޮށާފައި ހުރި ފިޔާ އަޅާފައި 1 މިނެޓު ވަންދެން ނުވަތަ ފިޔާކޮޅު މަޑު ވެލަންދެން ހަލަމުން ކައްކާލާށެވެ.
8. އެއަށް ފަހު، 1/3 ޖޯޑު ތުނިކޮށް ކޮށާފައި ހުރި ލީކްސް، ½ ޖޯޑު ބޮޑުކޮށް ކޮށާފައި ހުރި ކެރެޓު، އަދި ½ ޖޯޑު ބޮޑުކޮށް ކޮށާފައި ހުރި އަލުވި އަޅާލާފައި އިތުރު 4 މިނެޓު ވަންދެން ނުވަތަ ތަރުކާރީކޮޅު މެދު މިނަކަށް މަޑުވެލަންދެން ކައްކާލާށެވެ. މިހާރު ތަރުކާރިކޮޅުގައި ކުރިން ކައްކާލި އޮކްސްޓެއިލްގައި ހުރި ސޯސްގަނޑުގެ މުށި ކުލަ އަރާފައި ހުންނާނެއެވެ.
9. ދެން އެއަށް 400 ގްރާމް ހޯލް ޕީލްޑް ޓޮމާޓޯ ދަޅެއް (ސޯސްއާ އެކީ)، 210 ގްރާމް ޓޮމާޓޯ ޕޭސްޓް، 2 ހިކި ބޭ ލީފް، އަދި 1 ގިތެޔޮ މިރުސް (މެދުން ފަޅިކޮށްފައި) އަޅާލާށެވެ. އަދި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްފައި 2 މިނެޓު ވަންދެން ކައްކާލާށެވެ.
10. އެއަށް ފަހު، ކުރިން ތައްޔާރުކޮށްލި އޮކްސްޓެއިލް އަޅާލުމަށް ފަހު، ސޯސްގަނޑާއި އެއްކޮށްފައި 1 މިނެޓު ވަންދެން ކައްކާށެވެ.
11. ދެން އެއަށް 3 ޖޯޑު ހޫނު ފެނާއި، 1 ސައިސަމުސާ ހިކި އޮރިގާނޯ، ½ ސައިސަމުސާ ޑްރައިޑް މިކްސްޑް ހާބްސް، އަދި ½ ސައިސަމުސާ މުގުރި އަސޭމިރުސް އަޅާލާށެވެ. އަދި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.
12. ތެލީގެ މަތި ޖަހާލުމަށް ފަހު މަޑު ގިނީގައި 3 ގަޑިއިރު ވަންދެން، މަދު މަދުން ހަލަމުން ކައްކާލާށެވެ. ގާތްގަނޑަކަށް 1 ގަޑިއިރު ފަހުން ސްޓޫގައި ރަހަ ބަލާފައި، ބޭނުންވާ ނަމަ ލޮނު ހެޔޮވަރުކޮށްލެވި ދާނެއެވެ. ސްޓޫ އެއްކޮށް ކައްކާ ނިމުމުން ސޯސްގަނޑު ކުޑަކޮށް ބޯވެފައި ގަދަ ރަތް މުށި ކުލައަކަށް ބަދަލުވާނެއެވެ. އަދި ސްޓޫގެ މަތީގައި ތުނި ތެޔޮ ފަށަލައެއް ހެދިފައި ހުންނާނެއެވެ. އެއްކޮށް ކައްކާ ނިމުމުން މަސްކޮޅު ފަސޭހައިން ކަށިގަނޑުން ނެއްޓޭ ވަރަށް މަޑުވާނެއެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.