މި ރެސިޕީއަށް ބޭނުންވާ ތަކެތީގެ ލިސްޓް ދިގުވި ނަމަވެސް މިއީ ނިކަން ފަސޭހައިން ތައްޔާރު ކުރެވޭ މީރު ބާގަރ ރެސިޕީއެކެވެ.
މި ބާގަރ މީރު ކޮށްދޭ އެކައްޗަކީ އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ އޭޑީކޭ ޖެނެރަލް ޓްރޭޑިންގްގެ ފަރާތުން ލިބުނު ހެރެފޯޑް ބްރޭންޑްގެ ޗިކަން ލަންޗަން މީޓެވެ. ކުޑަ ތެޔޮ ފޮދެއްގައި ތެލުލާލުމުން މިވައްތަރުގެ ލަންޗަން މީޓް ނިކަން ރީތިކޮށް ރަތްވެއެވެ. އަދި އޭގެ ރަހައާއި ލޮނުވެސް ހުންނަނީ މި ރެސިޕީއަށް ނިކަން ކަމުދާ ވަރަކަށެވެ.
ގަންނަމާޓް އެޕް މެދުވެރިކޮށް ހެރެފޯޑް ޗިކަން ލަންޗަން މީޓް ހޯދޭނެއެވެ. ނޫނީ އޭޑީކޭ ޖެނެރަލް ޓްރޭޑިންގްގެ ވައިބަރ ހޮޓްލައިން 3663-736 މެދުވެރިކޮށްވެސް ހޯދޭނެއެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 2 ބާގަރއެވެ.
ބޭނުންވާ ތަކެތި:
1 ކުޑަ އަލުވި (1/4 ޖޯޑު ފެނު ކައްކާ ޗަސްކުރީމައި)
2 ޖޯޑު ފެން
1 މެދު ސައިޒުގެ ފިޔާ
2 ލޮނުމެދު (މަސްގަނޑު ހަދަން)
1 ތޮޅި މިރުސް
½ ސައިސަމުސާ ތުނިކޮށް ކޮށާފައިހުރި އިނގުރު
8 ހިކަނދިފަތް
170 ގްރާމް ހެރެފޯޑް ޗިކަން ލަންޗަން މީޓް
½ މޭޒުމަތީ ސަމުސާ ތެޔޮ (ލަންޗަން މީޓު ކައްކަން)
½ ސައިސަމުސާ ސޯޔާ ސޯސް
1 ސައިސަމުސާ އޮއިސްޓަރ ސޯސް
1 ސައިސަމުސާ ލުނބޯ ހުތް
¼ ސައިސަމުސާ ލޮނު (މަސްގަނޑު ހަދަން)
¼ ސައިސަމުސާ އަސޭމިރުސް
2 މޭޒުމަތީ ސަމުސާ ގޮދަން ފުށް
1/3 ޖޯޑު ފާރޮށި ކުނޑި
3 މޭޒުމަތީ ސަމުސާ ތެޔޮ (ބާގަރ ޕެޓީސް ކައްކަން)
2 ފޮތި ޗީޒް
¼ ޖޯޑު ގާނާފައިހުރި ޗެޑާ ޗީޒް
2 މޭޒުމަތީ ސަމުސާ ބަޓަރު
2 ބާގަރ ބަނަސް (4 އިންޗީގެ)
1 ކުޑަ ލޮނުމެދު (ސޯސްއަށް)
5 މޭޒުމަތީ ސަމުސާ މެޔޮނެއިސް
1 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
¼ ސައިސަމުސާ ތެޅި މިރުސް
¼ ސައިސަމުސާ މިކްސްޑް ހަރބްސް
1 މެދު ސައިޒުގެ ޓޮމާޓޯ
¼ ސައިސަމުސާ ބަޓަރު (ބަނަހުގައި އުނގުޅަން)
2 ލެޓުސް ފަތް
ހަދާނެ ގޮތް:
1. ކޮންމެ އަލުވިއެއްވެސް ހަތަރު ފަޅިއަށް ފަޅާލާށެވެ. ދެން އަލުވިކޮޅާއި ފެން ތެއްޔަކަށް އަޅާފައި އަލުވިކޮޅު މަޑުވަންދެން ފެނުކައްކާށެވެ. އަހަރުމެންނަށް މިކަމަށް ނެގީ 20 މިނިޓެވެ. އަލުވިކޮޅު މަޑުވީމައި ނަގާ ފުރާނާލާފައި އެހަށް ހިހޫ ކުރަން ބަހައްޓާށެވެ.
2. ފިޔާ، 2 ލޮނުމެދު، ތޮޅި މިރުސް އަދި އިނގުރު ކޮށާލާފައި ކަރަންޓު މިކްސަރުގެ މުގުރާ ބަޔަށް އަޅާށެވެ. ހިކަނދިފަތްކޮޅުވެސް އޭގެ ތެރެއަށް އަޅާށެވެ. ދެން ޕޭސްޓަކަށް ވަންދެން މުގުރާށެވެ. އަހަރުމެންނަށް މިކަމަށް ނެގީ 20 ވަރަކަށް ސިކުންތެވެ.
3. ލަންޗަން މީޓް ކޮޅު ކުދިކޮށް ކޮށާލާށެވެ.
4. ½ މޭޒުމަތީ ސަމުސަލުގެ ތެޔޮ ތެއްޔަކަށް އަޅާފައި އެ ހޫނު ކުރާށެވެ. ހޫނު ވީމައި ލަންޗަން މީޓްކޮޅު އަޅާފައި މިނިޓެއްވަރު މެދު ގިނީގައި ކައްކާލާށެވެ.
5. ދެން އޭގެ ތެރެއަށް ސޯޔާ ސޯސް އަދި އޮއިސްޓަރ ސޯސް އަޅާ އެއްކޮށްލާފައި ލަންޗަން މީޓް ކޮޅަށް ރަތް ކުލަ އަރަންދެން ކައްކާށެވެ. މިކަމަށް އަހަރުމެންނަށް ނެގީ 4 ވަރަކަށް މިނިޓެވެ. ކެކުނީމައި ލަންޗަން މީޓްކޮޅު ތަށްޓަކަށް ނަގާފައި އެހަށް ބަހައްޓާށެވެ.
6. އަލުވިކޮޅު ހިހޫ ވީމައި އުލަކުން ރަނގަޅަށް ޗަސްކޮށްލާފައި އެހަށް ބަހައްޓާށެވެ.
7. ލަންޗަން މީޓްކޮޅު ބޯތަށްޓަކަށް އަޅާށެވެ. ދެން އަތުން މޮޑެލާށެވެ. މޮޑެލާނި ލަންޗަން މީޓްކޮޅު ކުދިކުދި ވަންދެނެވެ. އެކަމަކު ފުނޑުވެ ޗަސްވާ ވަރަށް މޮޑޭށެވެ.
8. ދެން ބޯތަށީގެ ތެރެއަށް މިކްސަރުން މުގުރި ފިޔާއެއްޗާއި ފެނު ކައްކާ ޗަސްކުރި އަލުވިކޮޅު އަޅާ އެއްކޮށްލާށެވެ. އަނެއްކާވެސް އަތުން ރަނގަޅަށް މޮޑެލާށެވެ.
9. ދެން އޭގެ ތެރެއަށް ލުނބޯ ހުތާއި، ¼ ސައިސަމުސަލުގެ ލޮނާއި، ¼ ސައިސަމުސަލުގެ އަސޭމިރުސް އަޅާ އަނެއްކާވެސް މޮޑެލާށެވެ. ދެން ފުށްކޮޅު އަޅާފައި އަތުން ރަނގަޅަށް އެއްކޮށްލާށެވެ.
10. އެއްކުރި ސާމާނު ދެބަޔަށް ބަހާލާފައި ކޮންމެ ބަޔަކަށްވެސް ބާގަރ ޕެޓީއެއްގެ ބައްޓަން ގެންނާށެވެ. އަހަރުމެންގެ ބާގަރ ޕެޓީތަކުގެ ޑަޔަމީޓަރުގައި ހުރީ 4 އިންޗިއެވެ.
11. ދެން ފާރޮށިކުނޑި، ¼ ސައިސަމުސާ ލޮނު، ¼ ސައިސަމުސާ މުގުރި އަސޭމިރުސް ތަށްޓަކަށް އަޅާ އެއްކޮށްލާށެވެ. ދެން ބާގަރ ޕެޓީތައް އޭގެ ތެރެއަށް ލާފައި ޕެޓީތަކުގެ ވަށައިގެން ރަނގަޅު ފާރޮށި ކުނޑި ކޯޓެއްލާށެވެ.
12. 2 މޭޒުމަތީ ސަމުސާ ތެޔޮ ތަވައަކަށް އަޅާފައި ހޫނު ކުރާށެވެ. ދެން ތެޔޮ ހޫނު ވީމައި އޭގެ ތެރޭގައި ބާގަރ ޕެޓީއެއް މަޑުމަޑުން ބާއްވާލާށެވެ. ދެން މެދު ގިނީގައި 2 މިނިޓު ވަންދެން ކައްކާލާފައި ފުށުން ޖަހާފައި އަނެއްކާވެސް 2 މިނިޓު ކައްކާށެވެ.
13. ދެން ތަވާ ތެރޭގައި އޮތް ބާގަރ ޕެޓީގެ މަތީގައި ޗީޒް ފޮތި ބާއްވާފައި ޗީޒް ފޮތީގެ މައްޗަށް ގާނާފައި ހުރި ޗެޑާ ޗީޒްގެ ދެބައިކުޅަ އެއްބައި އަޅާށެވެ. ދެން ތަވާގެ މަތި ޖަހާފައި މަޑު ގިނީގައި 2 މިނިޓުވަންދެން ކައްކާލާށެވެ. އެހާއިރު ވާއިރު ޗީޒް ފޮތި އޮންނަންވާނީ ކުޑަކޮށް ވިރިފައެވެ. ދެން ތަށްޓަކަށް ބާގަރ ޕެޓީ ނަގާފައި ތަވައަށް އިތުރު 1 މޭޒުމަތީ ސަމުސަލުގެ ތެޔޮ އަޅާފައި ދެން އޮތް ބާގަރ ޕެޓީވެސް ހަމަ މިގޮތަށް ފިހެ ޗީޒް އަޅާ ތައްޔާރު ކުރާށެވެ.
14. ބަނަސްތައް މެދުން ފަޅާލާށެވެ.
15. ތަވައަކަށް 2 މޭޒުމަތީ ސަމުސަލުގެ ބަޓަރު އަޅާފައި ބަޓަރު ކޮޅު ވިރިލާ ވަރަށް ހޫނު ވީމައި ބަނަސްތައް އޭގެ ތެރެއަށްލާށެވެ. ބަނަސްތައް ލާނި ކަފާފައި އޮތް ފަޅި އަޑިއަށް ވާނެ ގޮތަށެވެ. ދެން އަޑިއަށް މުށިކުލަ އަރާލަންދެން ބަނަސްތައް ޓޯސްޓް ކޮށްލާށެވެ. ޓޯސްޓް ވީމައި ނަގާފައި އެހަށް ބަހައްޓާލާށެވެ.
16. ކުޑަ ލޮނުމެދެއް ބޯތަށްޓެއްގެ ތެރެއަށް ގާނާލާށެވެ. ދެން ބޯތަށީގެ ތެރެއަށް މެޔޮނެއިސް، ޗިލީ ސޯސް، ތެޅި މިރުސް އަދި މިކްސްޑް ހަރބްސް އަޅައި ހުރިހާ އެއްޗެއްވެސް ރަނގަޅަށް އެއްކޮށްލާށެވެ.
17. ކޮންމެ ޓޮމާޓޯއެއްވެސް 3 ފޮއްޗަށް ކަފާލާށެވެ.
18. އަވަން 230 ޑިގްރީސް ސެލްސިއަސްގައި 10 މިނިޓު ވަންދެން ހޫނު ކުރަން ޖައްސާށެވެ. އަދި އަވަން ހޫނު ވަމުން ދާއިރު ބަނަސްތަކުގެ ބޭރުގައި ބަޓަރު އުނގުޅާށެވެ. ދެން ތަބަކެއްގައި ބަނަސްފަޅިތައް އަތުރާފައި އަވަން ހޫނުވެ ނިމުމުން ތަބައް މެދު ރެކުގައި ބައިންދައިގެން 230 ޑިގްރީސް ސެލްސިއަސްގައި 2 މިނިޓު ފިހާށެވެ. ދެން ބަނަސްތައް އަވަނުން ނަގާފައި އެހަށް ބަހައްޓާލާށެވެ.
19. ކުރިން ތައްޔާރު ކުރި ސޯސް ދެބައި ކޮށްލާފައި ބަނަސްތަކުން ބާގަރ ހެދީމައި އަޑިއަށް އޮންނާނެ ފަޅީގެ އެތެރޭގައި ސޯސް އުނގުޅާށެވެ. ދެން ސޯސް އުނގުޅި ތަނުގެ މަތީގައި ލެޓުސް ފަތްތައް ބާއްވާށެވެ. ދެން ލެޓުސް ފަތުގެ މަތީގައި ބާގަރ ޕެޓީތައް ބާއްވާށެވެ. ދެން އެއަށްފަހު ޓޮމާޓޯ ފޮތިތައް އަތުރާލާށެވެ. ދެން ބާކީ ހުރި ބަނަސް ފަޅިތަކުގެ އެތެރޭގައި ބާކީ ހުރި ސޯސް އުނގުޅާފައި ޓޮމާޓޯ ފޮތިތަކުގެ މަތީގައި ބާއްވާލާށެވެ. އެއިރުން އެނިމުނީއެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.