ގޭގައި ފިހެފައި ހުންނަ ތާޒާ ސިނަމަން ރޯލްސްއާއި އަޅާކިޔާލެވޭނީ މަދު ކާ އެއްޗަކާއެވެ. އަދި މީގެ އިތުރުން އެ ފިހެވެމުން ދާއިރު ގޭތެރެއިން ދުވާ މީރު ވަހަކީވެސް އެހާ ހިތްގައިމު އެއްޗެކެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 12 ސިނަމަން ރޯލްއެވެ.
ބޭނުންވާ ތަކެތި:
½ ޖޯޑު ތާފަނާ ދިޔާ ފުލްކްރީމް ކިރު
½ ޖޯޑު ތާފަނާ ފެން
¼ 2 ސައިސަމުސާ އިންސްޓަންޓް ޔީސްޓް
4 މޭޒުމަތީ ސަމުސާ ހަކުރު
½ 2 ޖޯޑު ފުށް
½ ސައިސަމުސާ ލޮނު
4 މޭޒުމަތީ ސަމުސާ ދިޔާ ކޮށްފައިހުރި ބަޓަރު (ހޫނު ވެގެން ނުވާނެ)
1 ބިސް
1 ސައިސަމުސާ ވެނީލާ އެސެންސް
½ 1 ސައިސަމުސާ ތެޔޮ (ބޯތަށީގެ އަރިމައްޗާއި ފުލުގައި އުނގުޅަން)
1/3 ޖޯޑު ފިނިކަނޑުވާފައި ހުރި ބަޓަރު
2/3 ޖޯޑު ބްރައުން ޝުގަރ (ފޮނި މަޑުކުރަން ބޭނުންނަމަ ½ ޖޯޑު)
2 މޭޒުމަތީ ސަމުސާ މުގުރި ފޮނިތޮށި
1 ސައިސަމުސާ ތެޔޮ (ތަބަކުގައި އުނގުޅަން)
1 މޭޒުމަތީ ސަމުސާ ފުށް (ތަބަކުގައި އުނގުޅަން)
1/3 1 ޖޯޑު އައިސިންގް ޝުގަރ
2 މޭޒުމަތީ ސަމުސާ ޗީޒް ސްޕްރެޑް
1 ސައިސަމުސާ ވެނީލާ އެސެންސް (އައިސިންގްއަށް)
4 މޭޒުމަތީ ސަމުސާ ފުލް ކްރީމް ކިރު (އައިސިންގްއަށް)
ހަދާނެ ގޮތް:
1. ފެނާއި ކިރު ބޯތަށްޓަކަށް އަޅާ އެއްކޮށްލާށެވެ. ސާފު އިނގިއްޔެއް އޭގެ ތެރެއަށް ކޮށްޕާލާއިރު ހޫނުކަން އިހްސާސް ކުރެވެންވާނީ ހަމަ ކިރިޔާއެވެ. ދެން ހަކުރާއި، ޔީސްޓް ބޯތަށީގެ ތެރެއަށް އަޅާފައި 5 މިނިޓުވަންދެން ނޫނީ ބޯތަށީގައި ހުރި ތަކެތިން ކޮންމެވެސް ވަރަކަށް ބޮކި އުފެދި ޔީސްޓް ވަސް އެއިން ދުވަން ފަށަންދެން ބަހައްޓާށެވެ. މިހެން ނުވެއްޖެ ނަމަ އޭގެ މާނައަކީ ޔީސްޓް ހުރީ ބާރު ކެނޑިފައެވެ. އެއިރުން ޖެހޭނީ އާ ޔީސްޓް ހޯދައިގެން އަލުން ފަށާށެވެ.
2. ¼ 2 ޖޯޑު ފުށާއި ½ ސައިސަމުސަލުގެ ލޮނު ބޮޑު ބޯތަށްޓެއްގެ ތެރެއަށް ފުރާނާލާފައި އެހަށް ބަހައްޓާލާށެވެ. ބާކީހުރި ¼ ޖޯޑުގެ ފުށް ބޭނުން ކުރާނީ ފުށްގަނޑު މޮޑޭއިރުއެވެ.
3. އެހެން ކުޑަ ބޯތަށްޓަކަށް ބަޓަރާއި، ބިހާއި ވެނީލާ އެސެންސް އަޅާ އެއްކޮށްލާށެވެ. ދެން އެއްކުރި ސާމާނު ޔީސްޓް އެތީގެ ތެރެއަށް އަޅާ އެއްކޮށްލާށެވެ. މިހެން ހަދާނީ އެއްކަލަ 5 މިނިޓު ހަމަ ވުމުންނެވެ.
4. ދެން ކުރިން އެއްކުރި ފުށް އެތީގެ މެދުން ވަޅެއް ހަދާލާފައި އޭގެ ތެރެއަށް އެއްކުރި ސާމާނު އޮއްސާލާށވެ.
5. ބޮޑު ސަމުސަލެއް ބޭނުން ކޮށްގެން ބޯތަށީގެ އަރިމަތިތަކުން ފުށްގަނޑު ނެއްޓޭވަރު ވަންދެން ހުރިހާ އެއްޗެއް އެއްކުރަމުން ގެންދާށެވެ. އަރިމަތި ތަކުން ނެއްޓުނެއް ކަމަކު ފުށްގަނޑު އޮންނާނީ ނިކަން ތަތްކޮށެވެ.
6. ފަހުން ބޭނުން ކުރަން ބެހެއްޓި ފުށްކޮޅުން އެތިކޮޅެއް ސާފު ތަނެއް ނޫނީ އެއްޗެއްގެ މައްޗަށް ބުރުވާލާފައި އޭގެ މަތީގައި އެއްކުރި ފުށްގަނޑު ބާއްވާފައި ފުށްގަނޑު މޮޑެން ފަށާށެވެ. މޮޑޭނީ ފުށްގަނޑު އޭގެ މައްޗަށް ފަތްޖަހަމުން ދާގޮތަށް ހަރަކާތްތައް ބަހައްޓައިގެންނެވެ. މާ ބޮޑަށް ތަތްލަވާނަމަ އަނެއްކާވެސް ފުށްކޮޅެއް ބުރުއްސާލާފައި މޮޑެމުން ގެންދާށެވެ. ފުށް އަޅާއިރު ފަހުން ފުށްގަނޑު ދަމާއިރު ބޭނުން ކުރަން އެތިކޮޅެއް ބަހައްޓަން ހަދާން ކުރައްޗެވެ. މިގޮތަށް މޮޑެމުން ގެންދާނީ 6 މިނިޓުވަންދެން ނޫނީ ފުށްގަނޑު އޮމާންވެލަންދެނެވެ.
7. ދެން ބޮޑު ބޯތަށްޓެއްގެ ފުލާއި އަރިމަތި ތަކުގައި ތެޔޮ އުނގުޅާފައި އޭގެ ތެރެއަށް ފުށްގަނޑު ލާށެވެ. ފުށްގަނޑުގެ ބޭރުގައި ތެޔޮ ކޮޅެއް އުނގުޅާލުމަށް ފުށްގަނޑު ފުށުން ޖަހާލާ ހަދާލާށެވެ. ދެން ބޯތަށީގެ މަތީގައި ސާފު ފޮތިގަނޑެއް އަޅާފައި ފުށްގަނޑު ދެ ގުނައަށް ފުފެންދެން ބަހައްޓާށެވެ. އަހަރުމެންގެ ފުށްގަނޑު ފުފުނީ ގަޑިއެއްގެ އިރުންނެވެ.
8. ފުށްގަނޑު ފުފެމުން ދާއިރު ކުޑަ ބޯތަށްޓަކަށް ފިނިކަނޑުވާފައިހުރި ބަޓަރާއި، ބްރައުން ޝުގަރ އަދި މުގުރި ފޮނިތޮށި އަޅާ ރަނގަޅަށް އެއްކޮށްލާފައި އެހަށް ބަހައްޓާލާށެވެ. ބްރައުން ޝުގަރ ނެތީޔާ އާދައިގެ ހަކުރުވެސް ބޭނުން ކުރެވިދާނެއެވެ. އެކަމަކު އެއިރުން ކުޑަކޮށް ރަހަ ތަފާތުވާނެއެވެ.
9. ދެން ސިނަމަން ރޯލް ފިހަން ބޭނުން ކުރާނެ ތަބައް ތައްޔާރު ކުރާށެވެ (އަވަން ކުޑަ ނަމަ ދެ ތަބަކެއްވަރު ތައްޔާރު ކުރާށެވެ. އެއިރުން ސިނަމަން ރޯލްތައް ފިހާނީ ދެބަޔަށް ބަހާލައިގެންނެވެ). ތަބައް ތައްޔާރު ކުރަން ފުރަތަމަ އޭގެ ފުލުގައާއި އަރިމަތި ތަކުގައި ތެޔޮ އުނގުޅާށެވެ. ދެން އޭގެ މައްޗަށް ތަބަކުގައި އުނގުޅަށް ހުރި ފުށްކޮޅު ބުރުއްސާލާށެވެ. ފުށްކޮޅު ބުރުއްސާލުމުގެ ބަދަލުގައި ބޭކިންގް ޕޭޕަރވެސް ތަބަކުގެ ތެރެއަށް ފައްތާލެވިދާނެއެވެ. ތަބައް ތައްޔާރު ކޮށްފައި އެހަށް ބަހައްޓާލާށެވެ.
10. ފުށްގަނޑު ދެ ގުނައަށް ފުފުނީމައި ފުށްގަނޑު ދަމާނެ ތަނެއްގެ މައްޗަށް ދަމާއިރު ބޭނުން ކުރަން ބެހެއްޓި ފުށްކޮޅުން އެތިކޮޅެއް ބުރުއްސާލާށެވެ. ދެން އޭގެ މަތީގައި ފުށްގަނޑު ބާއްވާލާފައި ގޮން މުއްކަވާފައި ފުށްގަނޑަށް އޮބާށެވެ. އެއީ ވައިތައް ދުއްވާލާށެވެ. ދެން ފުށްގަނޑުގެ މައްޗަށް ކުޑަ ފުށްކޮޅެއް ބުރުއްސާލާފައި ރޮށިދަމާއެތި ބޭނުން ކޮށްގެން ފުށްގަނޑު ދިގަށް ދަމާށެވެ. ދަމާނީ ދިގުމިނުގައި 16 އިންޗި، ފުޅާމިނުގައި 14 އިންޗި ހުންނާނެ ވަރަށެވެ. އަރިމަތިތައް ވީހާވެސް ސީދާ ކުރެވޭތޯ ބަލައްޗެވެ.
11. ކުރިން އެއްކުރި ފޮނިތޮށިއެތި ފުށްގަނޑުގެ މަތީގައި އުނގުޅާށެވެ. އުނގުޅާނީ ވީހާވެސް އެއްވަރަކަށެވެ. އަދި އަރިމައްޗާއި ހަމައަށް އުނގުޅަން ސަމާލުކަން ބަހައްޓަންވާނެއެވެ.
12. ދެން މަޑުމަޑުން ފުށްގަނޑު އޮޅާލާށެވެ. އޮޅާނީ ކުރު ފަޅިންނެވެ. އެއިރުން ސިނަމަން ރޯލްގައި ގިނަ ފަށަލަ ހުންނާނެއެވެ. އޮޅާނީ މަޑު މަޑުން ފަރުވާތެރި ކަމާއިއެކު ބާރު ކޮށެވެ. އަރިމައްޗާއި ހަމައަށް ދެވުނީމައި ކުޑަކޮށް އޮބާލައިގެން ހުޅުވިފައި އޮތްތަން ލައްޕާލާށެވެ. އޮޅާ ނިމޭއިރު އެކިތަން އެކިވަރަށް އޮތްނަމަ އަރިމަތީގައި މަޑުމަޑުން އަތުން ޖަހާލައިގެން އެއްވަރު ކޮށްލެވޭނެއެވެ.
13. ދެން އޮޅި ފުށްގަނޑު އެއްވަރުގެ 12 ބަޔަށް ތޫނު ވަޅިއަކުން ބައިކޮށްލާށެވެ. ބަހާލީމައި އެތިކޮޅެއްގެ ބޯމިނުގައި ހުންނާނީ ގާތްގަނޑަކަށް ދޮޅު އިންޗިއެވެ.
14. ކުރިން ތައްޔާރު ކުރި ތަބަކުގައި ކޮށި އެތިކޮޅުތައް އަތުރާށެވެ. އަތުރާނީ ކަފާލި ފަޅި މައްޗަށްވާ ގޮތަށެވެ. އަތުރާއިރު ދެއެތިކޮޅުގެ ދޭތެރޭގައި އިންޗިއެއްހާތަން ދޫކުރަންވާނެއެވެ. ދެން ތަބަކުގެ މަތީގައި ސާފު ފޮތިގަނޑެއް އަޅާފައި 20 މިނިޓު ބަހައްޓާލާށެވެ. އެހާއިރުވާއިރު އަނެއްކާވެސް ތަބަކުގައި ހުރި ފުށްކޮޅުތައް ހުންނާނީ ދެގުނައަށް ފުފިފައެވެ.
15. އަވަން 170 ޑިގްރީސް ސެލްސިއަސްއަށް ހޫނުކުރަން ޖައްސާށެވެ. މިކަން ކުރާނީ ފިހަން އަވަނަށް ލުމުގެ 10 މިނިޓު ކުރިންނެވެ.
16. ދެގުނައަށް ފުށްކޮޅުތައް ފުފި ނިމުނީމައި ހޫނު ކުރަން ޖެއްސި އަވަނުގެ މެދު ރެކުގައި ތަބައް ބަހައްޓައިގެން 170 ޑިގްރީސް ސެލްސިއަސްގައި ފިހާށެވެ. ފިހާނީ މައްޗަށް ރަން ކުލަ އަރަން ދެނެވެ. އަހަރުމެންނަށް މިކަންވީ 30 މިނިޓުންނެވެ. ދެބަޔަށް ބަހާލައިގެން ފިހާނަމަ ފިހަން ވަންދެން ދެން އިން ތަބަކުގެ މަތި ނިވާކޮށްލާފައި ފްރިޖުގައި ބަހައްޓާށެވެ.
17. ސިނަމަން ރޯލްތައް ފިހެވެމުން ދާއިރު ރޯލްސް މަތީގައި އުނގުޅާނެ އައިސިންގްގަނޑު ހަދަން ފަށާށެވެ. ފުރަތަމަ ބޮޑު ބޯތަށްޓެއްގެ ތެރެއަށް އައިސިންގް ޝުގަރކޯޅު ފުރާނާލާނީއެވެ. ދެން އޭގެ ތެރެއަށް ޗީޒް ސްޕްރެޑާއި، ވެނީލާ އެސެންސާއި ފުލްކްރީމް ކިރު އަޅާފައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން އެއްކޮށްލާނީއެވެ.
18. ސިނަމަން ރޯލްތައް ފިހެވުނީމައި އަވަނުން ތަބައް ނަގާފައި އެހަށް 5 މިނިޓުވަރު ހިހޫ ކުރަން ބަހައްޓާށެވެ. ދެން ރޯލްތަކުގެ މައްޗަށް އައިސިންގްގަޑު އޮއްސާލާ ފަތުރާލާށެވެ. އެއިރުން އެނިމުނީއެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2024. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.