
ބަޖިޔާ މިއީ ހެދިކާ ތަކުގެ ތެރެއިން އެންމެ މީރު އެއް ހެދިކާއެވެ. މިފަހަރުގެ ބަޖިޔާ ރެސިޕީ އެކަމު މިވަނީ ހޯލް ވީޓް ފުށުން ތައްޔާރުކޮށްފައެވެ. އަދި ތެލުލުމުގެ ބަދަލުގައި ފިހެފައެވެ.

އަހަރުމެން މި ރެސިޕީގައި ބޭނުން ކުރީ އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ ކެކް ޝޮޕްގެ ފަރާތުން ލިބިފައިވާ ލަރމިއޮގްލޫ ހޯލް ވީޓް ފްލާއެވެ. މި ފުށަކީ އާންމުކޮށް ތައްޔާރުކުރާ އެއްޗިހީގައި ހުދު ފުށުގެ ބަދަލުގައި ރަހައަށް ބަދަލެއްނައިސް ބޭނުންކުރެވޭނެ ފުށެކެވެ.

މި ރެސިޕީއިން ތައްޔާރުކުރެވޭނީ: 12 ބަޖިޔާ
ބޭނުންވާ ތަކެތި:
މަސްގަނޑު ތައްޔާރުކުރުމަށް
1 ބޮޑު ފިޔާ (ކުޑަނަމަ 2 ފިޔާ)
½ ގިތެޔޮ މިރުސް ތުނިކޮށް ކޮށާފައި (ނުވަތަ ބޭނުން ވަރަކަށް)
¼ ސައިސަމުސާ ގާނާފައިހުރި އިނގުރު
¼ ލުނބޯ (ނުވަތަ ބޭނުން ވަރަކަށް)
5 ހިކަނދި ފަތް ތުނިކޮށް ކޮށާފައި
½ މަސް ދަޅު (ފުރާނާލާފައި)
1 ½ ސައިސަމުސާ ކުކުޅު ހަވާދު
1/3 ސައިސަމުސާ ލޮނު
1.5 އިންޗި ރާނބާ ފަތް އެތިކޮޅެއް
3 ހިކަނދި ފަތް
1.5 އިންޗި ފޮނިތޮށި ކޮޅެއް
2 ކާފުރުތޮޅި
1 ¼ ސައިސަމުސާ ހަކުރު (ނުވަތަ ބޭނުން ވަރަކަށް)
1 މޭޒުމަތީ ސަމުސާ ތެޔޮ
ފުށްގަނޑު ތައްޔާރުކުރުމަށް
1 ޖޯޑު ލަރމިއޮގްލޫ ހޯލް ވީޓް ފްލާ
1/3 ސައިސަމުސާ ލޮނު (ނުވަތަ ބޭނުން ވަރަކަށް)
2 މޭޒުމަތީ ސަމުސާ ތެޔޮ
4-5 މޭޒުމަތީ ސަމުސާ ހޫނު ފެން
ހަދާނެ ގޮތް:
1. ފުރަތަމަ 1 ބޮޑު ފިޔާ (ކުޑަނަމަ 2 ފިޔާ) މެދުން ފަޅާލާފައި ނިކަން ތުނިކޮށް ކޮށާލާށެވެ. ކޮށާނީ ހުރަހަށެވެ. ދެން އެއްބައި ފަހަށް ބާއްވާލާށެވެ.
2. ބޯތަށްޓަކަށް ކޮށި ފިޔަލުގެ އެއްބަޔާއި، ½ ގިތެޔޮ މިރުސް ތުނިކޮށް ކޮށާފައި އަދި ¼ ސައިސަމުސާ ގާނާފައިހުރި އިނގުރު އަޅާފައި ¼ ލުނބޮލުގެ ހުތް ޖަހާފައި 5 ހިކަނދި ފަތް ތުނިކޮށް ކޮށާފައި އަޅާފައި އަތުން (އަނގިލައިން މޮޑެލުމުން އަތަށް ކުޅިއެއްނުވާނެ) މޮޑެލާށެވެ. މޮޑޭނީ ފިޔާތައް މަޑުވެ އެއިން ދިޔަ ނިކުންނަ ވަރަށެވެ.
3. ދެން ½ މަސް ދަޅު، 1 ½ ސައިސަމުސާ ކުކުޅު ހަވާދު އަދި 1/3 ސައިސަމުސާ ލޮނު އަޅާލާށެވެ. ރަހަ ބަލާލާފައި ބޭނުން ގޮތަކަށް ރަހަ ހެޔޮވަރު ކޮށްލާށެވެ. ދެން އެހަށް ބަހައްޓާލާށެވެ.
4. ތަވަޔަކަށް 1 މޭޒުމަތީ ސަމުސާ ތެޔޮ އަޅާފައި މެދު ގިނީގައި 30 ސިކުންތި ވަންދެން ހޫނުކޮށްލާށެވެ. އަދި ބާކީ ހުރި ފިޔާކޮޅު އަޅާލާށެވެ. 1.5 އިންޗި ރާނބާ ފަތް އެތިކޮޅެއް، 3 ހިކަނދި ފަތް، 1 5 އިންޗި ފޮނިތޮށި ކޮޅެއް، 1.5 އިންޗި ފޮނިތޮށި ކޮޅެއް އަދި 2 ކާފުރުތޮޅިކޮޅު އަޅާލާށެވެ.
5. ދެން މޮޑުނު މަސްގަނޑާއި 1 ¼ ސައިސަމުސާ ހަކުރު އަޅާލާށެވެ. ރަނގަޅަށް އެއްކޮށްލާފައި 3 މިނެޓު ވަންދެން ހަލަމުން މެދު ގިނީގައި ކައްކާލާށެވެ.
6. ކައްކާނިމުމުން މަސްގަނޑު ހިހޫކުރަން ބައިންދާލާށެވެ. އަދި ފޮނިތޮއްޓާއި ކާފުރުތޮޅި އަދި ރާނބާ ފަތާއި ހިކަނދި ފަތް ނަގާލާށެވެ.
7. އެއަށްފަހު ފުށްގަނޑު ތައްޔާރުކޮށްލާށެވެ. ބޮޑު ބޯތަށްޓަކަށް 1 ޖޯޑު ލަރމިއޮގްލޫ ހޯލް ވީޓް ފްލާ އަދި 1/3 ސައިސަމުސާ ލޮނު އަޅާފައި ސަމުސަލަކުން އެއްކޮށްލާށެވެ.
8. ފުށުގެ ތެރެޔަށް 2 މޭޒުމަތީ ސަމުސާ ތެޔޮ އަޅާފައި އަތުން އެއްކޮށްލާށެވެ. ބޭނުން ނަމަ އަންގިއެއް ލައްވާލާށެވެ.
9. ދެން މަޑު މަޑުން 4-5 މޭޒުމަތީ ސަމުސާ ހޫނު ފެން އަޅާށެވެ. އަޅާނީ ނިކަން ބަލައިގެން ފަހަރަކު މޭޒުމަތީ ސަމުސަލެއްގެ ފެނެވެ. ފެން އަޅާފައި އިނގިލިތަށް ބޭނުން ކޮށްގެން ފުށާއި ފެން އެއްކުރަމުން ގެންދާށެވެ.
10. ފުށްގަނޑު މޮޑޭށެވެ. ރަނގަޅަށް މޮޑެވުނީމައި ފުށްގަނޑު އޮންނާނީ މަޑުކޮށް އަދި ކުޑަކޮށް އިލާސްޓިކްކޮށެވެ. ރަނގަޅަށް މޮޑެވުނީމައި އިނގިލީގައި ފުށްގަނޑު ތަތްލާ ގޮތެއް ނުވާނެއެވެ. އަދި މާބޮޑަށް ހިކި ކޮށެއްވެސް ނޯންނާނެއެވެ. ފުށްގަނޑު 3 ބަޔަށް ބަހާލާށެވެ.
11. ބައިކުރި 3 ބައިން އެއްބައި ނަގާފައި ރޮށިދަމާއެތި ބޭނުން ކޮށްގެން ރޮށިދަމާ ގޮތަށް ވަށްކޮށް ދަމާލާށެވެ. ދަމާނީ ރޮށީގެ މެދުން ރޮނގެއް ދަމައިފިނަމަ އެ ރޮންގުގެ ދިގުމިނުގައި 7 ވަރަކަށް އިންޗި ހުންނާނެ ވަރަށެވެ. ދެން އެ ރޮށި ތޫނު ވަޅިއަކުން އެއްވަރުގެ 4 ބަޔަށް ކަފާލާށެވެ. ކެފި އެތިކޮޅުތައް ސާފު ތަށްޓެއް ނޫނީ ތަބަކެއްގައި އަތުރާށެވެ.
12. މަތީގައިވާ ގޮތަށް ރޮށި ދަމާ ކަފަމުންގޮސް ފުށްގަނޑު ހުސްކޮށްލާށެވެ.
13. ކެފި ރޮށިތަކުން އެތިކޮޅެއް ނަގައި އަތްތިލަ މަތީގައި ބާއްވާލާށެވެ. ބާއްވާނީ ވަށްކޮށް އޮތް ފަޅި ގަޔާއި ދިމާލަށް ވާނެ ގޮތަށެވެ.
14. ދެން ކުރިން ތައްޔާރުކުރި މަސްގަނޑުން 2 ސައިސަމުސާ ވަރުގެ އެތިކޮޅެއް ނަގާފައި އަތުގައި އޮތް ރޮށި ފަޅީގެ މެދަށް އަޅާށެވެ.
15. އަތުގައި އޮތް ރޮށި ފަޅީގެ ކަނާތު ކަނުގައި ހިފާފައި ރޮށީގެ މެދަށް އެޅި މަސްގަނޑުގެ މަތިން ފަތްޖަހާލާށެވެ. މި ގޮތަށް ފަތްޖަހާލީމައި މަސްގަނޑުގެ ދެބައިކުޅައެއްބަޔަށް ވުރެ ހަމަ ކުޑަ ތަންކޮޅެއް ބޮޑަށް އޮންނާނީ ނިވާވެފައެވެ. އިނގިއްޔެއް ތެންމާލާފައި ފަތްޖެހި ފަޅިން ރޮށީގެ އަރިމަތީގައި ކުޑަ ފެންފޮދެއް އުނގުޅާލާށެވެ. މިކަން ކުރާނީ ހަމަ ކިރިޔާ ތެމިލާނެ ވަރަށެވެ.
16. އަނެއްކާވެސް އިނގިއްޔެއް ތެންމާލާފައި މިފަހަރު އަތުގައި އޮތް ރޮށި ފަޅީގެ ވާތު އަރިމަތީގައި އުނގުޅާލާށެވެ. ދެން ވާތުކަނުގައި ހިފާފައި ރޮށިފަޅި ފަތް ޖަހާލާށެވެ. މިފަހަރު ފަތްޖަހާލީމައި އަތުގައި އޮންނާނީ މަސްގަނޑު އެތެރެއަށް އަޅާފައި އޮތް ގޮށްޓެކެވެ. އަތުގައި އޮތް ރޮށި ފަޅީގެ ފަތްނުޖަހާ އޮތް ފަޅީގެ އަރިމަތީގައި އިނގިލިން އަނެއްކާވެސް ފެން ފޮދެއް އުނގުޅާލާށެވެ. ދެން އެފަޅިވެސް ފަތްޖަހާލާށެވެ. މިހާރު އަތުގައި އޮންނަންވާނީ ތިނެސްކަން ބަޖިޔާއެކެވެ.
17. މަތީގައިވާ ގޮތަށް ބަޖިޔާ ބައްދައިގެން މަސްގަނޑާއި ފުށްގަނޑު ހުސްކޮށްލާށެވެ.
18. އެއަށްފަހު ބޮޑު ތަބަކެއްގައި ބޭކިންގް ޕޭޕަރ އަޅާފައި ބަޖިޔާތަށް އަތުރާލާށެވެ.
19. 10 މިނެޓު ވަންދެން 180 ޑިގްރީ ސެލްސިއަސްގައި އަވަން ހޫނުކޮށްލާފައި 30 ނޫނީ 35 މިނެޓު ވަންދެން ބަޖިޔާތަށް ފިހެލާށެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2026. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.