
ހަވާދުލީ ބިސް ހެދުމަކީ ކޮންމެވެސް ވަރަކަށް ބުރަ ކަމަކަށް ވެދާނެއެވެ. ނަމަވެސް އެ ހަދާ ނިމޭއިރު ކުރި މަސައްކަތާއި އެއްވަރަށް ހިތްހަމަ ޖެހުން ލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ.
މީގެ ކުރިންވެސް އަހަރުމެން ވާނީ ހަވާދުލީ ބިހުގެ ރެސިޕީއެއް ގެނެސް ދީފައެވެ. މިފަހަރު މިއޮތީ އަދި އިތުރަށް ފަސޭހަކޮށްލައިގެން އަދި މީރުވެސްކޮށްލައިގެން އެރެސިޕީ އާކޮށްލާފައެވެ.

އަހަރަމެން މި ރެސިޕީގައި ބޭނުންކޮށްފައި މިވަނީ، އަހަރަމެންގެ އެއް ބައިވެރިއެއް ކަމަށްވާ ސޯސަން ފިހާރައިގެ ފަރާތުން ލިބިފައިވާ، ރިއަލް ތައި ކޮކޮނަޓް މިލްކްއެވެ. މި ކާށި ކިރަކީ އެއްވެސް ވަރަކަށް ކޮންސަންޓްރޭޓްއެއް ބޭނުން ނުކޮށް ތައްޔާރުކޮށްފައި ހުންނަ ތާޒާ ކިރަކަށް ވުމުން އެކި ވައްތަރުގެ ރިހަ، ފޮނި އެއްޗިހި އަދި ބުއިންވެސް މިއިން ތައްޔާރުކުރެވޭނެއެވެ.

މި ރެސިޕީއިން ތައްޔާރުކުރެވޭނީ: 20 ހަވާދުލީ ބިސް
ބޭނުންވާ ތަކެތި:
މަސްގަނޑު ހެދުމަށް
1 ކުޑަ ފިޔާ (ތުނިކޮށް ކޮށާފައި)
3 ހިކަނދިފަތް (ތުނިކޮށް ކޮށާފައި)
2 ސައިސަމުސާ ލުނބޯ ހުތް (ނޫނީ ބޭނުން ވަރަކަށް)
½ ސައިސަމުސާ ކޮށާފައިހުރި ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)
½ ސައިސަމުސާ ގާނާފައިހުރި އިނގުރު
¼ ސައިސަމުސާ ރީނދޫ
¼ ސައިސަމުސާ މުގުރި އަސޭމިރުސް
¼ ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)
½ ޖޯޑު ހުނި
1 ތެޔޮ މަސްދަޅު (ފުރާނާލާފައި)
ފުށްގަނޑު ހެދުމަށް
1 ¼ ޖޯޑު ފުށް
½ ސައިސަމުސާ ލޮނު
¾ މޭޒުމަތީ ސަމުސާ ތެޔޮ
10 މޭޒުމަތީ ސަމުސާ ހޫނު ފެން
ބިސްތައް ކެއްކުމަށް
5 ޖޯޑު ފެން
½ މޭޒުމަތީ ސަމުސާ ތެޔޮ
ހަވާދުގަނޑު ކެއްކުމަށް
2 މޭޒުމަތީ ސަމުސާ ތެޔޮ
1 މެދު ސައިޒް ފިޔާ (ތުނިކޮށް ކޮށާފައި)
10 ހިކަނދިފަތް
3 އިންޗި ރާނބާފަތް
½ ގިތެޔޮ މިރުސް (ބޮޑެތިކޮށް ކޮށާފައި)
1 ސައިސަމުސާ ގާނާފައިހުރި ލޮނުމެދު
2 ސައިސަމުސާ ހަވާދު
2 ސައިސަމުސާ މުގުރި ކޮތަނބިރި
1 ½ ސައިސަމުސާ ތެޅި މިރުސް (ނޫނީ ބޭނުން ވަރަކަށް)
1 ސައިސަމުސާ ދަވިއްގަނދު
1 ސައިސަމުސާ މުގުރި ދިރި
2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
½ ޖޯޑު ރިއަލް ތައި ކޮކޮނަޓް މިލްކް
½ ސައިސަމުސާ ލޮނު (ނޫނީ ބޭނުންވަރަށް)
ހަދާނެ ގޮތް:
1. ފުރަތަމަ މަސްގަނޑު ތައްޔާރުކޮށްލާށެވެ. ބޯތަށްޓަކަށް 1 ކުޑަ ފިޔާ (ތުނިކޮށް ކޮށާފައި)، 3 ހިކަނދިފަތް (ތުނިކޮށް ކޮށާފައި)، 2 ސައިސަމުސާ ލުނބޯ ހުތް (ނޫނީ ބޭނުން ވަރަކަށް)، ½ ސައިސަމުސާ ކޮށާފައިހުރި ގިތެޔޮ މިރުސް، ½ ސައިސަމުސާ ގާނާފައިހުރި އިނގުރު، ¼ ސައިސަމުސާ ރީނދޫ، ¼ ސައިސަމުސާ މުގުރި އަސޭމިރުސް އަދި ¼ ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް) އަޅާށެވެ. ދެން ފިޔާކޮޅުން ދިޔަ ނުކުމެ ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން އަތުން މޮޑެލާށެވެ.
2. ދެން ½ ޖޯޑު ހުނި އަޅާފައި އެއްކޮށްލާށެވެ. އެއަށްފަހު 1 ތެޔޮ މަސްދަޅު (ފުރާނާލާފައި) އަޅާފައި އަނެއްކާވެސް ރަނގަޅަށް އަތުން މޮޑެލާށެވެ.
3. ދެން މޮޑުނު މަސްގަނޑު 20 ބަޔަށް ބަހާލާފައި އެއިން ގުޅަ ވަށާށެވެ. މަސްގަނޑު މާ ތެތްހެން ހީވާނަމަ ގުޅަ ވަށާއިރު ފެލާލާށެވެ.
4. ދެން ފުށްގަނޑު ތައްޔާރު ކޮށްލާށެވެ. ބޮޑު ބޯތަށްޓަކަށް 1 ¼ ޖޯޑު ފުށް އަދި ¼ ސައިސަމުސާ ލޮނު އަޅާލާށެވެ. ސަމުސަލަކުން އެއްކޮށްލާށެވެ. ދެން ¾ މޭޒުމަތީ ސަމުސާ ތެޔޮ އަޅާފައި އަނެއްކާވެސް އެއްކޮށްލާށެވެ.
5. 10 މޭޒުމަތީ ސަމުސާ ހޫނު ފެން މަޑު މަޑުން ފުށުގެ ތެރެއަށް އަޅާލާށެވެ. ދެން އަތުން ފުށްގަނޑު މޮޑެލާށެވެ. ފުށްގަނޑު މޮޑޭނީ އެ މަޑުކޮށް އަދި ކުޑަކޮށް އިލާސްޓިކްކޮށް އޮންނަ ވަރު ވަންދެނެވެ.
6. މޮޑުނު ފުށްގަނޑު 20 ބަޔަށް ބަހާލާށެވެ. އަދި ކޮންމެ އެތިކޮޅެއްވެސް ވައްކޮށް ގުޅައެއް ގޮތަށް އަތުން ވަށާލާށެވެ.
7. ދެން އޮތީ ފުށްގަނޑު ތެރެއަށް މަސްގަނޑު އެޅުމެވެ. ބައިކުރި ފުށްގަނޑުން އެކަތިކޮޅު ނަގާފައި އިނގިލިތައް ބޭނުންކޮށްގެން އެ ފަތާކޮށްލާށެވެ. އެއްއަތުގައި ފަތާކުރި ފުށްގަނޑު ބާއްވާފައި އަނެއް އަތުން، މޮޑުނު މަސްކޮޅުން އެކަތިކޮޅު ފުށްގަނޑުގެ މެދުގައި ބާއްވާލާށެވެ. ދެން މަސްގަނޑުގެ ވަށައިގެން ފުށްގަނޑު ލައްޕާލާށެވެ. އަދި ދެއަތް ބޭނުންކޮށްގެން ބިހެއްގެ ބައްޓަން ނިކުންނާނެ ގޮތަށް ވަށާލާށެވެ.
8. ދެން އޮތީ ތައްޔާރުކުރި ބިސްތައް ކައްކާލުމެވެ. 5 ޖޯޑު ފެން ބޮޑު ތެއްޔަކަށް އަޅާފައި ބޮކިޖަހާ ކެކި ގަންނަންދެން ކައްކާށެވެ. ފެންގަނޑު ކެކިގަތީމަ މަސްއަޅައިގެން ތައްޔާރުކުރި ބިސްތައް މަޑުމަޑުން ތެއްޔަށްލާށެވެ. ދެން ½ މޭޒުމަތީ ސަމުސާ ތެޔޮ އަޅާލާށެވެ. ތެޔޮ އެޅުމުން އެކަތި އަނެކައްޗާ ތަތެއް ނުލަވާނެއެވެ. މެދު ގިނީގައި 15 މިނެޓު ވަންދެން ބިސްތައް ކައްކާލާށެވެ. ކެކުނީމައި ބިސްތައް ފެނުގެ މައްޗަށް އަރާނެއެވެ. ކެކުނީމައި ލޯވަޅުއެޅި ސަމުސަލެއް ކަހަލަ އެއްޗެއް ބޭނުން ކޮށްގެން ތަށްޓަކަށް ނަގާށެވެ.
9. ދެން ހަވާދުގަނޑު ކައްކާލާށެވެ. ބޮޑު ތަވަޔަކަށް 2 މޭޒުމަތީ ސަމުސާ ތެޔޮ އަޅާ ހޫނު ކުރާށެވެ. ހޫނުވީމައި 1 މެދު ސައިޒް ފިޔާ (ތުނިކޮށް ކޮށާފައި)، 10 ހިކަނދިފަތް، 3 އިންޗި ރާނބާ ފަތް އަދި ½ ގިތެޔޮ މިރުސް (ބޮޑެތިކޮށް ކޮށާފައި) އަޅާލާށެވެ. މެދު ގިނީގައި ހަލަމުން ކައްކާލާށެވެ. ފިޔާކޮޅު ރަތްވާން ފަށަންދެން ކައްކާލާފައި (ގާތްގަނޑަކަށް 4 ނޫނީ 5 މިނެޓު)، ދެން 1 ސައިސަމުސާ ގާނާފައިހުރި ލޮނުމެދު އަޅާ އެއްކޮށްލާފައި އިތުރު 1 މިނެޓު ވަންދެން މަޑު ގިނީގައި ކައްކާލާށެވެ.
10. ދެން 2 ސައިސަމުސާ ހަވާދު، 2 ސައިސަމުސާ މުގުރި ކޮތަނބިރި، 1 ސައިސަމުސާ މުގުރި ދަވިއްގަނދު، 1 ސައިސަމުސާ މުގުރި ދިރި އަދި 1 ½ ސައިސަމުސާ ތެޅި މިރުސް (ނޫނީ ބޭނުންވަރަށް) އަޅާލާފައި އެއްކުރަމުން މިނެޓެއްވަރު ކައްކާލާށެވެ.
11. އެއަށްފަހު 2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް އަޅައިފައި 2 މިނެޓު ވަންދެން އެއްކުރަމުން ކައްކާލާށެވެ. ދެން ½ ޖޯޑު ރިއަލް ތައި ކޮކޮނަޓް މިލްކް އަދި ½ ސައިސަމުސާ ލޮނު (ނޫނީ ބޭނުންވަރަށް) އަޅާފައި އަނެއްކާވެސް އެއްކޮށްލާށެވެ. ހަވާދުގަނޑުން ބޮކި ޖަހަންދެން މެދު ގިނީގައި 1 މިނެޓު އިތުރަށް ކައްކާލާށެވެ.
12. އެންމެފަހު ކަމަކަށް، ކެއްކި ބިސްތައް ހަވާދުގަނޑުގެ ތެރެއަށް އަޅާފައި ރަނގަޅަށް ފުރޮޅާލާށެވެ. ހުރިހާ ބިހެއް ގައި ރަނގަޅަށް ހަވާދުގަނޑު އުނގުޅާފައި ކާލާށެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2026. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.