
ތަންދޫރީ ޕިއްޒާ އަކީ ތަންދޫރީ ކުކުޅާއި، ޗީޒް، ބެލް ޕެޕަރ، ފިޔާ އަދި ކޮތަނބިރި ފަތް އަޅާފައި ތައްޔާރުކުރާ ޕިއްޒާއެކެވެ. މި ޕިއްޒާ ތައްޔާރުކުރަން ކުޑަ ވަގުތު ކޮޅެއް ނެގިއަސް ނިމޭއިރު ވަރަށް ހިތްހަމަޖެހޭނެއެވެ.

އަހަރަމެން މި ރެސިޕީގައި ބޭނުންކޮށްފައި މިވަނީ، އަހަރަމެންގެ އެއް ބައިވެރިއެއް ކަމަށްވާ ކެކް ޝޮޕްގެ ފަރާތުން ލިބިފައިވާ، ލަރމިއޮގްލޫ ޓީ55 ޕިއްޒާ ފްލާ (ޑަބަލް ޒީރޯ) އެވެ. މި ޕިއްޒާ ފުށަކީ ޑަބަލް ޒީރޯ ފުށަކަށް ވުމުން ޕިއްޒާ ފިހުމަށް މިއީ އެންމެ ރަނގަޅު ފުށެވެ. ޑަބަލް ޒީރޯ ފުށަކީ އެހެން ފުށްތަކަށް ވުރެ ހިމުންކޮށް ހުންނަ ފުށަކަށް ވުމުން ޕިއްޒާ ފުށްގަނޑު މަޑުވެ މޮޑެން ފަސޭހަވާނެއެވެ.

މި ރެސިޕީއިން ތައްޔާރުކުރެވޭނީ: އެއް ޕިއްޒާއެވެ.
ބޭނުންވާ ތަކެތި:
ޕިއްޒާ ފުށްގަނޑަށް
½ ޖޯޑު ތާފަނާ ފެން
2 ސައިސަމުސާ ހަކުރު
½ ސައިސަމުސާ އިންސްޓެންޓް ޑްރައި ޔީސްޓް
1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
½1 ޖޯޑު ލަރމިއޮގްލޫ ޓީ55 ޕިއްޒާ ފްލާ (ޑަބަލް ޒީރޯ) (ގާތްގަނޑަކަށް 220 ގްރާމް)
¼ ސައިސަމުސާ ލޮނު
¼ ސައިސަމުސާ ލަރމިއޮގްލޫ ޓީ55 ޕިއްޒާ ފްލާ (ޑަބަލް ޒީރޯ) (ބުރުއްސާލަން)
½ ސައިސަމުސާ އޮލިވް އޮއިލް (ބޯތަށީގައި ހާކާލުމަށް)
ތަންދޫރީ ކުކުޅަށް
200 ގްރާމް ބޯންލެސް ކުކުޅު (½ އިންޗި ކުދިކޮށް ކޮށާފައި)
½ 1 މޭޒުމަތީ ސަމުސާ ތަންދޫރީ މަސާލާ
1 މޭޒުމަތީ ސަމުސާ ޕްލެއިން ޔޯގަޓް
2 ސައިސަމުސާ ޖިންޖަރ ގާލިކް ޕޭސްޓް
1 ސައިސަމުސާ ބޮޑު ލުނބޯ ހުތް
1 ސައިސަމުސާ އޮލިވް އޮއިލް
¾ ސައިސަމުސާ ތެޅި މިރުސް
½ ސައިސަމުސާ މުގުރި ކޮތަނބިރި
¼ ސައިސަމުސާ މުގުރި ދިރި
¼ ސައިސަމުސާ ލޮނު
1/8 ސައިސަމުސާ ރަތް ކާ ކުލަ
1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް (ކުކުޅު ކެއްކުމަށް)
ތަންދޫރީ ޕިއްޒާ ސޯސްއަށް
1 މޭޒުމަތީ ސަމުސާ ޕިއްޒާ ސޯސް
1 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
½ ސައިސަމުސާ ތަންދޫރީ މަސާލާ
¼ ސައިސަމުސާ ހިކި އޮރެގާނޯ
ޕިއްޒާގެ މައްޗަށް އެޅުމަށް
¼ ސައިސަމުސާ ކޯން ފްލާ (ތަބަކުގައި ހާކާލަން)
¾ ޖޯޑު ގާނާފައި ހުރި މޮޒަރެލާ ޗީޒް
2 މޭޒުމަތީ ސަމުސާ ތުނިކޮށް ކޮށާފައި ހުރި ބެލް ޕެޕަރ (½ 1 އިންޗިއަށް)
¼ ކުޑަ ފިޔަލެއް (ތުނިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ ކޮށާފައި ހުރި ފެހި އޮލިވްސް (ބޭނުންވާނަމަ)
1 މޭޒުމަތީ ސަމުސާ ކޮތަނބިރި ފަތް ކޮށާފައި (ބޭނުންވާނަމަ)
ހަދާނެ ގޮތް:
1. ޕިއްޒާ ފުށްގަނޑު ހެދުމަށް، ބޮޑު ބޯތަށްޓަކަށް ½ ޖޯޑު ތާފަނާ ފެން، ½ ސައިސަމުސާ އިންސްޓެންޓް ޑްރައި ޔީސްޓް އަދި 2 ސައިސަމުސާ ހަކުރު އަޅާފައި ސަމުސަލަކުން ގިރާލާށެވެ. ދެން، 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް، ½1 ޖޯޑު ލަރމިއޮގްލޫ ޓީ55 ޕިއްޒާ ފްލާ (ޑަބަލް ޒީރޯ) (ގާތްގަނޑަކަށް 220 ގްރާމް)، އަދި ¼ ސައިސަމުސާ ލޮނު އަޅާފައި ބޮޑު ސަމުސަލަކުން ރަނގަޅަށް އެއްކޮށްލާށެވެ. އެއްކުރާ ވަރަކަށް ފުށްގަނޑަކަށް ވާނެއެވެ.
2. ސާފު ތަނެއްގެ މައްޗަށް ކުޑަ ފުށް ކޮޅެއް (އެންމެ ގިނަވެގެން ¼ ސައިސަމުސާ) ބުރުވާލާށެވެ. ދެން އޭގެ މަތީގައި ފުށްގަނޑު ބާއްވާފައި ފުށްގަނޑު މޮޑެން ފަށާށެވެ. ފުށްގަނޑު މޮޑޭނީ ފުށްގަނޑު އޭގެ މައްޗަށް ފަތްޖަހާ ކަހަލަ ގޮތަކަށް ހަރަކާތްތައް ބަހައްޓައިގެން ނިކަން ބާރު ލައިގެންނެވެ. މި ގޮތަށް ފުށްގަނޑު މޮޑޭނީ 10 މިނިޓު ވަންދެނެވެ. މޮޑޭއިރު ފުށްގަނޑުގައި ތަތްކަމެއް ހުންނާނެއެވެ. އެކަމާ އުނދަގޫ ވާނަމަ އިތުރު ¼ މޭޒުމަތީ ސަމުސާ ވަރުގެ ފުށްކޮޅެއް ފުށްގަނޑުގެ މައްޗަށް ބުރުވާލައިގެން މޮޑޭށެވެ. މޮޑެ ނިމުމުން ފުށްގަނޑު އޮންނާނީ އޮމާން ކޮށެވެ. އަދި އެއިރުންވެސް ކުޑަ ތަތްކަމެއް އޭގައި ހުންނާނެއެވެ.
3. ބޯތަށްޓެއްގެ ފުލާއި އަރިމަތި ތަކުގައި ފަށަލައެއް ލެވޭނެ ގޮތަށް ½ ސައިސަމުސާ އޮލިވް އޮއިލް އުނގުޅާލާށެވެ. ދެން ބޯތަށީގެ ތެރެއަށް ފުށްގަނޑު ލާފައި ފޮތިގަނޑަކުން ނޫނީ ޕްލާސްޓިކް ރެޕް ބޭނުން ކޮށްގެން މަތި ބަންދުކޮށްފައި ފުށްގަނޑު ދެގުނައަށް ފުފެންދެން ނިއްވާލާފައި ހުރި އަވަނެއް ނުވަތަ އެކަހަލަ ތަނެއްގައި ބަހައްޓާށެވެ. ދޮޅު ގަޑިއިރުގެ ތެރޭގައި ފުށްގަނޑު ފުފޭނެއެވެ.
4. މިވަގުތު ތެރޭގައި ކުކުޅުކޮޅު ތައްޔާރުކޮށްލާށެވެ. 200 ގްރާމް ބޯންލެސް ކުކުޅު (½ އިންޗި ކުދިކޮށް ކޮށާފައި)، ½ 1 މޭޒުމަތީ ސަމުސާ ތަންދޫރީ މަސާލާ، 1 މޭޒުމަތީ ސަމުސާ ޕްލެއިން ޔޯގަޓް، 2 ސައިސަމުސާ ޖިންޖަރ ގާލިކް ޕޭސްޓް، 1 ސައިސަމުސާ ބޮޑު ލުނބޯ ހުތް، 1 ސައިސަމުސާ އޮލިވް އޮއިލް، ¾ ސައިސަމުސާ ތެޅި މިރުސް، ½ ސައިސަމުސާ މުގުރި ކޮތަނބިރި، ¼ ސައިސަމުސާ މުގުރި ދިރި، ¼ ސައިސަމުސާ ލޮނު އަދި 1/8 ސައިސަމުސާ ރަތް ކާ ކުލަ ބޯތަށްޓަކަށް އަޅާލާށެވެ.
5. ސަމުސަލަކުން ހުރިހާ ކުކުޅު ކޮޅެއްގައި ސޯސް ހޭކެންދެން ރަނގަޅަށް އެއްކޮށްލާށެވެ. ދެން ޕްލާސްޓިކް ރެޕް ބޭނުން ކޮށްގެން މަތި ބަންދުކޮށްލާފައި އައިސްއަލަމާރީގައި 1 ގަޑިރު ނުވަތަ ރޭ ވަންދެން މެރިނޭޓުކުރަން ބައިންދާށެވެ.
6. ފުށްގަނޑު ފުފި ނިމުމުން އަނެއްކާވެސް ސާފު ތަނެއްގެ މައްޗަށް ކުޑަ ފުށް ކޮޅެއް ބުރުވާލުމަށް ފަހު އޭގެ މަތީގައި ފުށްގަނޑު ބާއްވާލާށެވެ. ގޮންމުއްކަވާ ފުށްގަނޑަށް ދެތިން ފަހަރަކު އޮބާށެވެ. އެއީ އޭގައި ހުންނަ ވައި ބޮކިތައް ދުއްވާލުމަށެވެ. ދެން މިނިޓެއްވަރު ވަންދެން އަނެއްކާވެސް ފުށްގަނޑު މޮޑޭށެވެ. އެއަށްފަހު، އަނެއްކާވެސް ކުރިން ބޭނުން ކުރި ބޯތަށީގެ ތެރެއަށް ފުށްގަނޑު ލާ މަތި ބަންދު ކޮށްފައި އަނެއްކާވެސް ފުފެން ބައި ގަޑިއިރު ބަހައްޓާށެވެ.
7. ދެން ކުޑަ ތެއްޔެއްގައި 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް މެދު ގިނީގައި 30 ސިކުންތު ވަންދެން ހޫނުކޮށްލާށެވެ. މެރިނޭޓުކުރި ކުކުޅު ކޮޅު އަޅާފައި 6 ނޫނީ 7 މިނެޓު ނުވަތަ ކުކުޅު ކޮޅު އެއްކޮށް ރޯފިލަންދެން ތެލުލާށެވެ. ދެން މަޑު ގިނީގައި 1 މިނެޓު އިތުރަށް ކައްކާލާށެވެ. އެއްފަރާތުގައި ބަހައްޓާލާށެވެ.
8. 220 ޑިގްރީ ސެލްސިއަސްގައި 10 މިނެޓު ވަންދެން އަވަން ހޫނުކޮށްލާށެވެ. ތަބަކެއްގައި ބޭކިންގް ޕޭޕަރއެއް އަޅާފައި ތަންދޫރީ ކުކުޅުކޮޅު ފަތުރާލާށެވެ. އަވަނުގެ އެންމެ މައްޗަށްލާފައި 7 މިނެޓު ވަންދެން ނުވަތަ ކުލަ ކުޑަކޮށް ގަދަ ވަންދެން ފިހެލާށެވެ. މިއީ ކުކުޅުކޮޅަށް ރީތި ކުލައެއް އަރުވާފައި ރަހަގަދަ ކޮށްލަންށެވެ.
9. ދެން ޕިއްޒާ ފިހެލަން ތަބަކެއް ތައްޔާރުކުރާށެވެ. އަހަރަމެން ބޭނުންކުރީ 17 އިންޗި 14 އިންޗި ތަބަކެއްގައި ބޭކިންގް ޕޭޕަރއެއް އަޅާފައެވެ. ތަބަކުގެ މައްޗަށް ¼ ސައިސަމުސަލެއްހާ ކޯން ފްލާ ބުރުއްސާލާށެވެ. ކޯން ފްލާ ނެތިއްޔާ މިހެން ނުހެދިޔަސް ރަނގަޅުވާނެއެވެ. ކޯން ފްލާ އަޅަނީ ޕިއްޒާގެ ފޫ ކުޑަކޮށް މުރަނަ ކޮށްލަން ވެގެންނެވެ.
10. ދެވަނަ ފަހަރަށް ފުށްގަނޑު ފުފި ނިމުނީމައި އިނގިލިތަކުގައި ފުށްކޮޅެއް ހާކާލާފައި އަނެއްކާވެސް ގޮންމުއްކަވާ އެއަށް ދެތިން ފަހަރަކު އޮބާށެވެ. ފުށްގަނޑު ބޯތަށިން ނަގައި ސާފު ތަނެއްގެ މަތީގައި ބާއްވާފައި، އަތުން ނޫނީ ރޮށި ދަމާއެތި ބޭނުން ކޮށްގެން އެ ވަށް ބައްޓަމަކަށް ގެންނާށެވެ (ވަށް ކުރަމުން ގެންދާއިރު ފުށްގަނޑުގެ ބޯ މިން އެއްވަރަށް ބެހެއްޓުމުން އެއްވަރަށް ފިހޭނެއެވެ). ވަށް ބައްޓަމަށް ގެންނައިރު އޭގެ ޑަޔަމީޓަރުގައި ބަހައްޓާނީ ½ 10 އިންޗިއެވެ.
11. ދެން ކުރިން ތައްޔާރުކުރި ތަބަކުގެ މަތީގައި އެ ބާއްވާލާށެވެ. ޕިއްޒާގެ އަރިމަތި އުސްކޮށް ހުންނަން ބޭނުންނަމަ އަރިމަތިން ބައި އިންޗިހާ ތަންކޮޅެއް މައްޗަށް ވާގޮތަށް ލަނބާލާށެވެ. ފުށްގަނޑު މެދުން ދަމާލާފައި ވަށް ކޮށްލާށެވެ. ދެން އުލަކުން ފުށްގަނޑުގެ އެކި ތަންތަނުގައި ލޯވަޅު ތޮރުފާލާށެވެ (މިހެން ހެދުމުން ފުށްގަނޑު ފިހާއިރު މާ ބޮޑަށް ނުފުފޭނެއެވެ).
12. އަވަން 230 ޑިގްރީ ސެލްސިއަސްއަށް 10 މިނެޓު ވަންދެން ހޫނުކޮށްލާށެވެ. ފުރަތަމަ ޕިއްޒާ ފުށްގަނޑު 8 ނޫނީ 9 މިނެޓު ނުވަތަ ކުޑަކޮށް ފުފި، މުށި ކުލައެއް އަރަންދެން ފިހެލާށެވެ.
13. މިވަގުތު ތަންދޫރީ ޕިއްޒާ ސޯސް ތައްޔާރުކޮށްލާށެވެ. ކުޑަ ބޯތަށްޓަކަށް، 1 މޭޒުމަތީ ސަމުސާ ޕިއްޒާ ސޯސް، 1 މޭޒުމަތީ ސަމުސާ ޗިލީ ސޯސް، ½ ސައިސަމުސާ ތަންދޫރީ މަސާލާ އަދި ¼ ސައިސަމުސާ ހިކި އޮރެގާނޯ އަޅާފައި އެއްކޮށްލާށެވެ. ފުށްގަނޑުގައި ޕިއްޒާ ސޯސް ހާކާލާށެވެ.
14. ދެން ¾ ޖޯޑު ގާނާފައި ހުރި މޮޒަރެލާ ޗީޒް، ތައްޔާރުކުރި ކުކުޅު ކޮޅު، 2 މޭޒުމަތީ ސަމުސާ ތުނިކޮށް ކޮށާފައި ހުރި ބެލް ޕެޕަރ (½1 އިންޗިއަށް) އަދި ¼ ކުޑަ ފިޔަލެއް (ތުނިކޮށް ކޮށާފައި) އެ ތަރުތީބުން ފުށްގަނޑުގެ މައްޗަށް އަޅާލާށެވެ. ބޭނުންވާނަމަ 1 މޭޒުމަތީ ސަމުސާ ފެހި އޮލިވްސްވެސް އަޅާލާށެވެ.
15. އަވަން 230 ޑިގްރީ ސެލްސިއަސްއަށް 4 ނޫނީ 5 މިނެޓު ވަންދެން ހޫނުކޮށްލާށެވެ. އަވަނުގެ މެދަށް ޕިއްޒާ ލާފައި 13 މިނެޓު ވަންދެން ނުވަތަ ޗީޒް ދިޔާވެ ފުށްގަނޑަށް ރަން މުށި ކުލައެއް އަރަންދެން 230 ޑިގްރީ ސެލްސިއަސްގައި ފިހެލާށެވެ.
16. ޕިއްޒާ އަވަނުން ނަގާފައި މައްޗަށް ބޭނުންވާނަމަ 1 މޭޒުމަތީ ސަމުސާ ކޮތަނބިރި ފަތް ކޮށާފައި މައްޗަށް އަޅާލާށެވެ. ދެން 8 ނޫނީ 10 މިނެޓު ވަންދެން ހިހޫ ކުރަން ބައިންދާލާފައި ކަފާފާއި ކާލާށެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2026. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.