މިއީ ކުކުޅު މެރިނޭޓްކޮށްގެން ތެއްލާފައި، އެއަށް ވަރަށް މީރު ސޯހަކާއި، ޗެޑަރ ޗީޒް، އަދި ލެޓިއުސް އަޅައިގެން ތައްޔާރު ކުރާ ސޭންޑްވިޗްއެކެވެ. މި ސޭންޑްވިޗް ގޭގައި ހަދާލަން އަސްލު ހީކުރާހާ އުދަނގުލެއް ވެސް ނޫނެވެ.
އަހަރުމެންގެ މި ރެސިޕީގައި ތައްޔާރު ކުރާ ކްރަމްބް ކޯޓިންގް ހެދުމަށް ބޭނުންކޮށްފައި މިވަނީ، އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ ޕިރަމިޑްގެ ފަރާތުން ލިބިފައިވާ، މަންޗީސް ލެކްސަސް ވެޖިޓަބަލް ކްރެކަރސްއެވެ. މިއީ ވަރަށް މުރަނަކޮށް ހުންނަ ތަރުކާރީ ރަހަލާ، ފޮނި ރަހައާއި ލޮނު ރަހަ ވެސް ލާ މީރު ބިސްކޯދެކެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 2 ސޭންޑްވިޗްއެވެ.
ބޭނުންވާ ތަކެތި:
ކްރަމްބް ކޯޓިންގް ހެދުމަށް
18 ފުނޑުކޮށްފައި ހުރި މަންޗީސް ލެކްސަސް ވެޖިޓަބަލް ކްރެކަރސް
½ ޖޯޑު ފުށް
1 ސައިސަމުސާ ގާލިކް ޕައުޑަރ
1 ސައިސަމުސާ އަނިއަން ޕައުޑަރ
1 ސައިސަމުސާ ޕަޕްރިކާ ޕައުޑަރ
1 ސައިސަމުސާ މުގުރި އަސޭމިރުސް
½ ސައިސަމުސާ މުގުރި މިރުސް
1/3 ސައިސަމުސާ ލޮނު
ކުކުޅު މެރިނޭޓް ކުރުމަށް
1 ޖޯޑު ފުލް ކްރީމް ކިރު
1 މޭޒުމަތީ ސަމުސާ ވައިޓް ވިނެގަރ
1 މޭޒުމަތީ ސަމުސާ ޗިލީ ގާލިކް ސޯސް
1 ސައިސަމުސާ ގާލިކް ޕައުޑަރ
½ ސައިސަމުސާ ޕަޕްރިކާ ޕައުޑަރ
½ ސައިސަމުސާ ލޮނު
¼ ސައިސަމުސާ މުގުރި އަސޭމިރުސް
2 ކުޑަ ބޯންލެސް ކުކުޅު ތައިސް (ގާތްގަނޑަކަށް 100 ގްރާމް ކޮންމެ އެއްޗެއްގައި)
ކުކުޅު ސޯސް ހެދުމަށް
4 މޭޒުމަތީ ސަމުސާ ޗިލީ ގާލިކް ސޯސް
1 މޭޒުމަތީ ސަމުސާ ޑާކް ސޯޔާ ސޯސް
1 މޭޒުމަތީ ސަމުސާ މާމުއި
½ 1 ސައިސަމުސާ ލުނބޯ ހުތް
½ ސައިސަމުސާ މުގުރި ރާޅު މިރުސް
ބަނަހުގައި ހާކާ ސޯސް ހެދުމަށް
2 މޭޒުމަތީ ސަމުސާ މަޔޮނައިޒް
2 މޭޒުމަތީ ސަމުސާ ޗިލީ ގާލިކް ސޯސް
¼ ސައިސަމުސާ ގާލިކް ޕައުޑަރ
ކުކުޅު ތެއްލުމަށް
4 ޖޯޑު ތެޔޮ
ސޭންޑްވިޗް އެތުރުމަށް
2 ބޮޑު ބަނަސް
2 ސައިސަމުސާ ފިނި ކަޑުވާލާފައި ހުރި އަންސޯލްޓެޑް ބަޓަރ
2 ބޮޑުކޮށް ކަނޑާފައި ހުރި ލެޓިޔުސް
2 ފޮތި ޗެޑަރ ޗީޒް
ހަދާނެގޮތް:
1. އެންމެ ފުރަތަމަ، 18 މަންޗީސް ލެކްސަސް ވެޖިޓަބަލް ކްރެކާސް އަތުން ހިމުންކޮށް ފުނޑުފުނޑު ކޮށްލާށެވެ. މިހެން ފުނޑުކޮށްލާއިރު އެއްބައި ބިސްކޯދުކޮޅު އެއްކޮށް ހިމުންނުކޮށް ބަހައްޓާށެވެ. ދެން ފުނޑުކޮށްލާ ނިމުމުން ބޮޑު ބޯތަށްޓަކަށް އަޅާފައި އެއަށް ½ ޖޯޑު ފުށާއި، 1 ސައިސަމުސާ ގާލިކް ޕައުޑަރ، 1 ސައިސަމުސާ އަނިއަން ޕައުޑަރ، 1 ސައިސަމުސާ ޕަޕްރިކާ ޕައުޑަރ، 1 ސައިސަމުސާ މުގުރި އަސޭމިރުސް، ½ ސައިސަމުސާ މުގުރި މިރުސް އަދި 1/3 ސައިސަމުސާ ލޮނު އަޅާލާށެވެ. އަދި ހުރިހާ އެއްޗެއް އެއްކޮށް ސަމުސަލަކުން އެއްކޮށްފައި ބަހައްޓާށެވެ.
2. ބަޓަރ މިލަކް ހެދުމަށް 1 ޖޯޑު ފުލް ކްރީމް ކިރާއި 1 މޭޒުމަތީ ސަމުސާ ވައިޓް ވިނެގަރ ބޮޑު ބޯތަށްޓަކަށް އަޅާފައި 10 މިނެޓުވަންދެން ނުވަތަ ކިރުފޮދު އޮލަވަންދެން ބަހައްޓާލާށެވެ. ދެން އެއަށް 1 މޭޒުމަތީ ސަމުސާ ޗިލީ ގާލިކް ސޯސް، 1 ސައިސަމުސާ ގާލިކް ޕައުޑަރ، ½ ސައިސަމުސާ ޕަޕްރިކާ ޕައުޑަރ، ½ ސައިސަމުސާ ލޮނު އަދި ¼ ސައިސަމުސާ މުގުރި އަސޭމިރުސް އަޅާލާށެވެ. އަދި ސަމުސަލަކުން އެއްކޮށްފައި ބަހައްޓާށެވެ.
3. އެއަށްފަހު، ބަޓަރ މިލްކް އެތީގެ ތެރެއަށް 2 ކުޑަ ބޯންލެސް ޗިކެން ތައި (ގާތްގަނޑަކަށް 100 ގްރާމް ކޮންމެ އެއްޗެއްގައި) އަޅާލާށެވެ. އަހަރުމެން ކުކުޅުކޮޅު ފަތި ކޮށްލީ ކަޓިންގް ބޯޑުމަތީ ބާއްވާފައި ބަރު އެއްޗަކުން އޭގައި ޖަހާއިގެންނެވެ. ދެން ބޯތަށީގެ މަތި ޕްލާސްޓިކް ފުޑް ރެޕް ބޭނުންކޮށްގެން ބަންދު ކޮށްފައި މެރިނޭޓު ކުރުމަށް 30 މިނެޓު ވަންދެން ބަހައްޓާށެވެ.
4. ކުކުޅުގައި ހޭކުމަށް ބޭނުން ކުރާ ސޯސް ތައްޔާރު ކުރުމަށް މެދު މިނެއްގެ ބޯތަށްޓަކަށް 4 މޭޒުމަތީ ސަމުސާ ޗިލީ ގާލިކް ސޯސް، 1 މޭޒުމަތީ ސަމުސާ ޑަރކް ސޯޔާ ސޯސް، 1 މޭޒުމަތީ ސަމުސާ މާމުއި، ½ 1 ސައިސަމުސާ ލުނބޯ ހުތް، އަދި ½ ސައިސަމުސާ މުގުރި ރާޅު މިރުސް އަޅާލާށެވެ. އަދި ސަމުސަލަކުން އެއްކޮށްފައި ބަހައްޓާށެވެ.
5. ދެން، ބަނަހުގައި ހާކާ ސޯސް ހެދުމަށް، ކުޑަ ބޯތަށްޓަކަށް 2 މޭޒުމަތީ ސަމުސާ މަޔޮނައިޒް، 2 މޭޒުމަތީ ސަމުސާ ޗިލީ ގާލިކް ސޯސް، އަދި ¼ ސައިސަމުސާ ގާލިކް ޕައުޑަރ އަޅާލާށެވެ. މި ސޯސްވެސް އެއްކޮށްފައި ބަހައްޓާލާށެވެ.
6. ކުކުޅުކޮޅު މެރިނޭޓްކޮށް ނިމުމުން، 1 މޭޒުމަތީ ސަމުސާ ބަޓަރ މިލްކް އެއިން ނަގާފައި ބިސްކޯދާއި ފުށް އެއްކުރި ތަށްޓަށް އަޅާފައި އެއްކޮށްލާށެވެ. ދެން ކުކުޅުކޮޅު އެއަށްލުމަށްފަހު ކުކުޅުގެ ވަށާ ބިސްކޯދު ކުނޑިލާށެވެ. މިހެން ހަދާ އިރު ކުނޑިކޮޅުތައް ކުކުޅުގެ ބޭރުގައި ބޮޑަށް ހަރުލައްވާލުމަށް އޮއްބަމުންދާށެވެ.
7. އެއަށްފަހު، 4 ޖޯޑު ތެޔޮ ބޮޑު ތެއްޔަކަށް އަޅާލުމަށްފަހު ގަދަ ގިނީގައި 10 މިނެޓު ވަންދެން ހޫނުކޮށްލާށެވެ (ތެޔޮ ރަނގަޅަށް ހޫނުވިތޯ ބެލުމަށް ކުޑަ ކުކުޅުކޮޅެއް ތެޔޮގަނޑުގެ ތެރެއަށް ވައްޓާލާށެވެ. އެ ތެޔޮގަނޑުގެ މައްޗަށް އަރައި އޭގެ ވަށައިގެން ބޮކި ޖަހާނަމަ މިހާރު ތެޔޮގަނޑު އެހުރީ ރަނގަޅަށް ހޫނުވެފައެވެ). ދެން މަޑުމަޑުން ފަހަރަކު އެއް ކުކުޅުކޮ ތެޔޮގަނޑަށް އަޅާލުމަށްފަހު 6 ނުވަތަ 8 މިނެޓު ވަންދެން ނުވަތަ އެއަށް ގަދަ ރަން މުށި ކުލައެއް އަރަން ދެން ތެއްލާލާށެވެ.
8. ތެއްލާ ނިމުމުން ކުކުޅުކޮޅު ކުރިން ތައްޔާރު ކުރި ކުކުޅު ސޯސް ތަށީގެ ތެރެއަށްލާށެވެ. އަދި ކުކުޅުގެ ވަށާ ތުނި ފަށަލަކަޔަށް ސޯސް ހާކާފައި ބަހައްޓާށެވެ.
9. ދެން ބަނަސް ޓޯސްޓު ކޮށްލާށެވެ. މިކަމަށް 2 ބަނަސް މެދުން ހުރަހަށް ކަފާލާށެވެ (އަހަރުމެން ބޭނުންކޮށްލީ 4 އިންޗި ފުޅާ ވަށް ބަނަހެވެ). ދެން ކޮންމެ ފަޅިއެއްގައި ½ ސައިސަމުސާ ފިނިކަނޑުވާފައި ހުރި އަންސޯލްޓެޑް ބަޓަރ ހާކާލާށެވެ. އެއަށްފަހު، ތަވައެއް ހޫނުކޮށްފައި ފަހަރަކު އެއް ފަޅި، ކަފާލިފަޅި ތިރިޔަށް ވާހެން ބާއްވާލުމަށްފަހު، 15 ނުވަތަ 20 ސިކުންތު ވަންދެން ޓޯސްޓްކޮށްލާށެވެ. މިހާރު ބަނަސް ފަޅިތައް ހުންނާނީ މަޑު މަޑު ރަން ކުލައެއްގައި ކުޑަކޮށް މުރަނަ ކޮށެވެ.
10. ދެން، ސޭންޑްވިޗް އެތުރުމަށް، ކުރިން ތައްޔާރު ކުރި ބަނަސް ސޯހުން 2 ސައިސަމުސާ ބަނަހުގެ ދެފަޅީގައި ހާކާލާށެވެ (ޓޯސްޓުކުރި ފަޅީގައެވެ). ދެން 2 ބޮޑުކޮށް ކަނޑާފައި ހުރި ލެޓިޔުސްކޮޅެއް ބަނަހުގެ ތިރިޔަށްވާ ފަޅީގައި ބާއްވާލާށެވެ.
11. ދެން ސޯސްލި ކުކުޅުކޮޅުތައް ލެޓިޔިސްގެ މަތީގައި ބާއްވާފައި އޭގެ މަތީގައި ޗެޑާ ޗީޒް ފޮއްޗެއް ބާއްވާލާށެވެ. އެންމެ ފަހުން މަތީ ބަނަސް ފޮތިލާށެވެ. މިހާރު ފްރައިޑް ޗިކެން ސޭންޑްވިޗްތައް މިހުރީ ކާލުމަށް ތައްޔާރުވެފައެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.