އަހަރުމެންގެ މި ރަހަމީރު އެންޗިލާޑާ ތައްޔާރުކޮށްފައި މިވަނީ ޓޯޓީޔާ ވްރެޕްއާއި، ކުކުޅު، އެންޗިލާޑާ ސޯސް، އަދި ދެ ވައްތަރެއްގެ ޗީޒް އަޅައިގެންނެވެ.
މި ރެސިޕީގައި ބޭނުންކޮށްފައި މިވަނީ އަހަރުމެންގެ އެއް ބައިވެރިއެއްކަމަށްވާ ސޯސަން ފިހާރައިގެ ފަރާތުން ލިބިފައިވާ، ޑެލީ ސަން ޕްލެއިން ފްލާ ވްރެޕްސްއެވެ. މިއީ އެކި ވައްތަރުގެ ވްރެޕް ހެދުމަށާއި، ބުރީޓޯތަކާއި އެންޗިލާޑާތަށް ހެދެމަށް ބޭނުންކޮށްލަން މީރު ޓޯޓިޔާތަކެކެވެ. އަދި މި ޓޯޓީޔާތައް ތައްޔާރުކޮށްފައި ވަނީ ފަހުން ބޭނުންކުރުމަށް ގަނޑު ކުރެވޭގޮތަށެވެ. މިހެންކަމުން މިއީ އަވަހަށް އެއްޗެއް ތައްޔާރުކޮށްލުމަށް ގޭގައި ގަނެފައި ބަހައްޓަން ވަރަށް ރަނގަޅު އެއްޗެކެވެ.
މި ރެސިޕީއިން ތައްޔާރުކުރެވޭނީ: 6 މީހުންނަށް ކެވޭވަރަށެވެ.
ބޭނުންވާ ތަކެތި:
ކުކުޅު ކެއްކުމަށް
450 ގްރާމް ބޯންލެސް ކުކުޅު
3 ޖޯޑު ފެން
1 ސައިސަމުސާ ލޮނު
2 ބޭ ލީފް
އެންޗިލާޑާ ސޯސް ހެދުމަށް
2 މޭޒުމަތީ ސަމުސާ އަނސޯލްޓެޑް ބަޓަރު
1 ސައިސަމުސާ ތެޔޮ
3 މޭޒުމަތީ ސަމުސާ ފުރާނާލާފައި ހުރި ފުށް
1 މޭޒުމަތީ ތެޅި މިރުސް
½ ސައިސަމުސާ ގާލިކް ޕައުޑަރ
½ ސައިސަމުސާ މުގުރި ދިރި
½ ސައިސަމުސާ ޑްރައިޑް އޮރިގާނޯ
¼ ސައިސަމުސާ ލޮނު
2 މޭޒުމަތީ ޓޮމާޓޯ ޕޭސްޓް
1 ސައިސަމުސާ ހަކުރު
1.5 ޖޯޑު ޗިކެން ބްރޮތު (ޗިކެން ސްޓޮކް ކިއުބްގެ އެއްބައި 1.5 ޖޯޑު ހޫނު ފެނާއި އެއްކޮށްފައި)
ކުކުޅު މަސްގަނޑު ހެދުމަށް
2 މޭޒުމަތީ ސަމުސާ ތެޔޮ
½ ޖޯޑު ކުދިކޮށް ކޮށާފައި ހުރި ފިޔާ
3 ކުދިކޮށް ކޮށާފައި ހުރި ލޮނުމެދު
އެންޗިލާޑާ ތައްޔާރުކުރުމަށް
6 ޑެލީ ސަން ޕްލެއިން ފްލާ ވްރެޕްސް
¾ ޖޯޑު ގާނާފައި ހުރި ޗެޑާ ޗީޒް
¾ ޖޯޑު ގާނާފައި ހުރި މޮޒަރެއްލާ ޗީޒް
1 ޖޯޑު ގާނާފައި ހުރި މޮޒަރެއްލާ ޗީޒް (އެންޗިލާޑާގެ މައްޗަށް އެޅުމަށް)
ހަދާނެ ގޮތް:
1. އެންމެ ފުރަތަމަ ބޮޑު ތެއްޔަކަށް، 450 ގްރާމް ޗިކެން ކުކުޅާއި، 3 ޖޯޑު ފެން، 1 ސައިސަމުސާ ލޮނު، އަދި 2 ބޭ ލީފް އަޅާލާށެވެ. އަދި ތެލީގެ މަތިޖަހާލުމަށް ފަހު ގަދަ ގިނީގައި 15 ނުވަތަ 20 މިނެޓު ވަންދެން، ނުވަތަ ކުކުޅު އެއްކޮށް ކެކެންދެން ކައްކާލާށެވެ. ކުކުޅު އެއްކޮށް ރޯފިލިތޯ އިނގޭނީ ކުކުޅުކޮޅެއް މެދުން ފަޅާލާ އިރު އެތެރެ އެއްކޮށް ހުދު ކުލައަށް ބަދަލުވުމުންނެވެ.
2. ދެން، ކުކުޅު ތެލިން ނަގާފައި 15 މިނެޓު ވަންދެން ހިހޫކޮށްލުމަށް ފަހު 1 އިންޗި ހުންނަ ވަރަށް ކުދިކޮށް ކޮށާލާށެވެ. އެއަށް ފަހު، އަތުން ނުވަތަ އުލެއް ބޭނުންކޮށްގެން ކުކުޅުކޮޅު ކުދިކޮށްލާށެވެ. އަދި ބޯތަށްޓަކަށް އަޅާފައި ވަކިން ބަހައްޓާށެވެ.
3. ތަވަޔެއްގައި 2 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓަރު މަޑު ގިނީގައި ދެތިން މިނެޓު ވަންދެން ދިޔާކޮށްލުމަށް ފަހު އެއަށް 1 ސައިސަމުސާ ތެޔޮ އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ގިނަ ގަދަކޮށްލުމަށް ފަހު 3 މޭޒުމަތީ ސަމުސާ ފުރާނާލާފައި ހުރި ފުށް އަޅާލާފައި 3 މިނެޓު ވަންދެން ނުވަތަ ބަޓަރާއި ތެލާއި ފުށާ އެއްވެ، އެއަށް ރަން މުށި ކުލައެއް އަރަންދެން ހަލަމުން ކައްކާށެވެ.
4. ދެން، ގިނި މަޑުކޮށްލުމަށް ފަހު 1 މޭޒުމަތީ ސަމުސާ ތެޅި މިރުސް އަޅާލާފައި 30 ސިކުންތު ވަންދެން އެއްކޮށްލާށެވެ. އަދި އެއަށް ½ ސައިސަމުސާ ގާލިކް ޕައުޑަރއާއި ½ ސައިސަމުސާ މުގުރި ދިރި، ½ ސައިސަމުސާ ޑްރައިޑް އޮރިގާނޯ، އަދި ¼ ސައިސަމުސާ ލޮނު އަޅާލާށެވެ. އަދި ހަލާލުމަށް ފަހު 2 މިނެޓު ވަންދެން ކައްކާލާށެވެ.
5. އެއަށް ފަހު، މަދުމަދުން 1.5 ޖޯޑު ޗިކެން ބްރޮތު އަޅާލާށެވެ. އަޅާއިރު ގަނޑުގަނޑު ނުހެދޭހެން، ހުރިހާ އެއްޗަކާއި އެއްކުރަމުން ދާށެވެ. މިހެން 2 މިނެޓު ވަންދެން ސޯސްގަނޑު ރަނގަޅަށް އެއްކޮށްލާށެވެ. އަދި އިތުރު 2 މިނެޓު ވަންދެން މަޑު ގިނީގައި ސޯސްގަނޑު ކައްކާލާށެވެ.
6. އެންމެ ފަހުން، ސޯސްގަނޑަށް 2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓްއާއި 1 ސައިސަމުސާ ހަކުރު އަޅާލާށެވެ. އަދި އެއްކޮށްލުމަށް ފަހު 3 މިނެޓު ވަންދެން ކައްކާލާށެވެ. މިހާރު އެންޗިލާޑާ ސޯސް މިހިރީ ތައްޔާރުކޮށް ނިމިފައެވެ.
7. ދެން، އެހެން ތަވައެއް ހޫނުކޮށްލުމަށް ފަހު އެއަށް 1 ޑެލީ ސަން ޕްލެއިން ފްލާ ވްރެޕްއެއް ލާށެވެ. އަދި ވްރެޕްގެ ކޮންމެ ފަޅިއެއްވެސް 45 ސިކުންތު ވަންދެން ޓޯސްޓްކޮށްލާށެވެ. ދެން މިހެން ބާކީ ހުރި ވްރެޕްތައް ވެސް ޓޯސްޓްކޮށްލާށެވެ.
8. އެއަށް ފަހު، ހަމަ އެތަވަޔަށް 2 މޭޒުމަތީ ސަމުސާ ތެޔޮ އަޅާލުމަށް ފަހު 1 މިނެޓު ވަންދެން ހޫނުކޮށްލާށެވެ. ދެން ½ ޖޯޑު ކުދިކޮށް ކޮށާފައި ހުރި ފިޔާ އަޅާލާފައި 3 މިނެޓު ވަންދެން ނުވަތަ ފިޔާކޮޅު މަޑުވެ މަޑު މުށި ކުލައެއް އަރަންދެން ހަލަމުން ކައްކާށެވެ. ދެން އެއަށް 3 ކުދިކޮށް ކޮށާފައި ހުރި ލޮނުމެދު އަޅާލުމަށް ފަހު އިތުރު 1 މިނެޓު ވަންދެން ހަލަމުން ކައްކާލާށެވެ.
9. ދެން، ކުރިން ކުދިކޮށްލި ކުކުޅާއި ތައްޔާރުކޮށްލި އެންޗިލާޑާ ސޯސްގެ 3/1 ޖޯޑު އަޅާލާށެވެ. ދެން މަޑު ގިނީގައި ހުރިހާ އެއްޗެއް އެއްކޮށްފައި 3 މިނެޓު ވަންދެން ކައްކާލާށެވެ. އަދި ބޯތަށްޓަކަށް ނަގާފައި ވަކިން ބަހައްޓާށެވެ.
10. 180 ޑިގްރީ ސެލްޝިއަސްގައި 10 މިނެޓު ވަންދެން އަވަން ހޫނުކޮށްލާށެވެ.
11. އެއަށް ފަހު، 8×8 އިންޗި ހުރި ހަތަރެސްކަން ތަބަކަކަށް އެންޗިލާޑާ ސޯސްއިން 3/1 ޖޯޑު އަޅާލާށެވެ.
12. ވަކިވަކި ވްރެޕްތައް ހެދުމަށް، އެއް ވްރެޕްއަށް ތައްޔާރުކޮށްލި ކުކުޅުން 3 މޭޒުމަތީ ސަމުސާ އަޅާލާށެވެ. އަދި އެއަށް 2 މޭޒުމަތީ ސަމުސާ ގާނާފައި ހުރި ޗެޑާ ޗީޒްއާއި، 2 މޭޒުމަތީ ސަމުސާ ގާނާފައި ހުރި މޮޒަރެއްލާ ޗީޒް އަޅާލާށެވެ. ދެން ވްރެޕް ބަންދުކޮށްލުމަށް މަސްގަނޑު އެތެރެއަށްވާގޮތަށް އޮޅާލުމަށް ފަހު، ސޯސްހުރި ތަބަކަށްލާށެވެ. އަދި މިހެން ބާކީ ހުރި ވްރެޕްތައް ވެސް ހަދާލާށެވެ.
13. ދެން، ބާކީ ހުރި ސޯސް ތަބަކުގައި ހުރި ވްރެޕްތަކުގެ މައްޗަށް އަޅާލާށެވެ. އަދި އޭގެ މަތީގައި 1 ޖޯޑު ހުރި މޮޒަރެއްލާ ޗީޒް އަތުރާލާށެވެ.
14. އެއަށް ފަހު، ހޫނުކޮށްލި އަވަނަށް ތަބައް ލުމަށްފަހު 20 މިނެޓު ވަންދެން ނުވަތަ ޗީޒް އެއްކޮށް ދިޔާ ވެފައި، އޭގެ މައްޗަށް ކުޑަކޮށް މުށި ކުލައެއް އަރަންދެން ފިހެލާށެވެ. ފިހެ ނިމުމުން އެންޗިލާޑާތައް އަވަނުން ނަގާފައި، ކެއުމުގެ ކުރިން ކުޑަކޮށް ހިހޫކޮށްލާށެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.