ކޭކު ފިހުމަށް އާންމުކޮށް ގިނަ ވަގުތު ނެގިކަމުގައި ވިޔަސް، މި ލެމަން ކޭކަކީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހެދޭ ކޭކެކެވެ. މީގެ އިތުރުން، އަހަރުމެންގެ ލެމަން ކޭކު ތައްޔާރުކޮށްފައި މިވަނީ ވަރަށް މީރު ގްލޭޒްއަކާއި އެކީއެވެ. ނަމަވެސް ގްލޭޒްއާ ނުލާ ވެސް މި ކޭކު އެހާމެ މީރެވެ.
މި ކޭކުގެ ރަހަ އިތުރަށް މީރުކޮށްލުމަށްޓަކައި ބޭނުންކޮށްފައި މިވަނީ، އަހަރުމެންގެ ބައިވެރިއެއް ކަމަށްވާ އެސް.ޓީ.އޯ (ސްޓޭޓް ޓްރޭޑިންގ އޯރގަނައިޒޭޝަން)ގެ ފަރާތުން ލިބިފައިވާ ޑެވޮންޑޭލް އިސްޓަންޓް މިލްކް ޕައުޑަރއެވެ. ޑެވޮންޑޭލް އިސްޓަންޓް މިލްކް ޕައުޑަރއަކީ ވަރަށް ފެންވަރު ރަނގަޅު ކިރުން ތައްޔާރުކޮށްފައި ހުންނަ ކެލްސިއަމް ގިނަ، ފުލްކްރީމް މިލްކް ޕައުޑަރއެކެވެ.
މީގެ އިރުތުން، މި ކޭކު ގިރުމަށް ބޭނުންކޮށްފައި މިވަނީ ހަމަ އެސް.ޓީ.އޯގެ ފަރާތުން ލިބިފައި ރަސެލް ހޮބްސް ޑިޒަޔާ ހޭންޑް މިކްސަރއެވެ. މި މިކްސަރާ އެކު ކްރޯމް ޕްލޭޓެޑް ބީޓަރަކާއި ފުށް މޮޑެން ބޭނުންކުރާ ކްރޯމް ޕްލޭޓެޑް ހުކްއެއް ވެސް ލިބެއެވެ. އަދި 5 ލެވެލްއެއްގެ ސްޕީޑްގެ އިތުރުން 'ޓާބޯ މޯޑް'ގައި ވެސް މި މިކްސަރު ބޭނުންކޮށްލެވޭނެއެވެ. އަދި އެންމެ މަޑު ދުވެލީގައި މި މިކްސަރު ބޭނުންކުރުމުން ވެސް ވަރަށް ފަސޭހައިން، ބާރަށް އެނބުރޭކަން އަހަރުމެންނަށް ފާހަގަކުރެވުނެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 7 ނުވަތަ 9 މީހުންނަށް ކެވޭ ވަރަށެވެ.
ބޭނުންވާ ތަކެތި:
ކޭކު ހެދުމަށް
150 ގްރާމް ފުށް
½ ޖޯޑު ޑެވޮންޑޭލް އިސްޓަންޓް މިލްކް ޕައުޑަރ
2.5 ސައިސަމުސާ ބޭކިންގް ޕައުޑަރ
¼ ސައިސަމުސާ ލޮނު
½ ޖޯޑު ފިނިކަނޑުވާފައި ހުރި އަންސޯލްޓެޑް ބަޓަރު
½ ޖޯޑު ހަކުރު
1 ސައިސަމުސާ ކުދިކޮށް ގާނާފައި ހުރި ލުނބޯ ތޮށި
2 ބިސް
2 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
½ ޖޯޑު ކިރު (2 މޭޒުމަތީ ސަމުސާ ޑެވޮންޑޭލް އިސްޓަންޓް މިލްކް ޕައުޑަރއާއި ½ ޖޯޑު ފެނާއި އެއްކޮށްފައި)
1.5 ސައިސަމުސާ ވެނީލާ އެސެންސް
ގްލޭޒް ހެދުމަށް
5 މޭޒުމަތީ ސަމުސާ ފިނިކަނޑުވާފައި ހުރި ކްރީމް ޗީޒް
5 މޭޒުމަތީ ސަމުސާ އައިސިންގް ޝުގާ
½ ސައިސަމުސާ ކުދިކޮށް ގާނާފައި ހުރި ލުނބޯ ތޮށި
1 ނުވަތަ 2 މޭޒުމަތީ ސަމުސާ ކިރު (1 ސައިސަމުސާ ޑެވޮންޑޭލް އިސްޓަންޓް މިލްކް ޕައުޑަރއާއި 2 މޭޒުމަތީ ފެނާއި އެއްކޮށްފައި)
1 ސައިސަމުސާ ވެނީލާ އެސެންސް
ހަދާނެ ގޮތް:
1. 180 ޑިގްރީ ސެލްޝިއަސްގައި 10 މިނެޓު ވަންދެން އަވަން ހޫނުކޮށްލާށެވެ. އަދި ކޭކުފިހާ ކަހަލަ 8 އިންޗީގެ ވަށް ތަބަކެއްގެ ވަށާ އަންސޯލްޓެޑް ބަޓަރު އުނގުޅާލާށެވެ. ދެން ތަބަކުގެ ފުލުގައި ބޭކިންގް ކަރުދާސް އަޅާލާށެވެ. ބޭކިންގް ކަރުދާސް އަޅަން ވާނީ ތަބަކުގެ ސައިޒާއި ބައްޓަމަށް އެ ކަފާލައިގެންނެވެ.
2. ދެން، ބޮޑު ބޯތަށްޓަކަށް 150 ގްރާމް ފުށާއި، ½ ޖޯޑު ޑެވޮންޑޭލް އިސްޓަންޓް މިލްކް ޕައުޑަރ، 2.5 ސައިސަމުސާ ބޭކިންގް ޕައުޑަރ، އަދި ¼ ސައިސަމުސާ ލޮނު ފުރާނާލާށެވެ. އަދި އެއްކައިރިއެއްގައި ބަހައްޓާށެވެ.
3. އެއަށް ފަހު، އެހެން ބޯތަށްޓަކަށް ½ ޖޯޑު ފިނިކަނޑުވާފައި ހުރި އަންސޯލްޓެޑް ބަޓަރާއި، ½ ޖޯޑު ހަކުރު، އަދި 1 ސައިސަމުސާ ކުދިކޮށް ގާނާފައި ހުރި ލުނބޯ ތޮށި އަޅާލާށެވެ. އަދި ރަސެލް ހޮބްސް ޑިޒަޔަރ ހޭންޑް މިކްސަރ ބޭނުންކޮށްގެން މަޑު ދުވެލީގައި 3 މިނެޓު ވަންދެން ބަޓަރާއި ހަކުރު ގިރާލާށެވެ. މިގޮތަށް ގިރާ ނިމޭއިރު އެއްބައި ހަކުރު އެއްކޮށް ދިޔާނުވެ ހުއްޓަސް އަދި ރަނގަޅުވާނެއެވެ.
4. ދެން، ފަހަރަކު ބިހެއް އަޅާލުމަށް ފަހު 10 ނުވަތަ 15 ސިކުންތު ވަންދެން ގިރާލާށެވެ. މިހާރު ހުރިހާ އެއްޗެއް ހުންނަން ވާނީ ރަނގަޅަށް އެއްވެފައި، އޮމާންކޮށެވެ.
5. އެއަށް ފަހު، 2 މޭޒުމަތީ ސަމުސާ ލުނބޯ ހުތް އަދި ½ ޖޯޑު ކިރު (2 މޭޒުމަތީ ސަމުސާ ޑެވޮންޑޭލް އިސްޓަންޓް މިލްކް ޕައުޑަރއާއި ½ ޖޯޑު ފެނާއި އެއްކޮށްފައި) އަޅާލާފައި އިތުރު 30 ސިކުންތު ވަންދެން ގިރާލާށެވެ. މިހެން ގިރަމުން ދާއިރު ލުނބޯ ހުތުގައި ހިމެނޭ ސިޓްރިކް އެސިޑާއި ކިރާ އެއްވުމުގެ ސަބަބުން ކިރުގެ ފެންބައިތައް ވަކިވެ ގަނޑުތަކެއް ހެދިދާނެއެވެ. ނަމަވެސް މިއީ މައްސަލައެއް ނޫނެވެ.
6. ދެން، ދިޔާ ބާވަތްތައް ހުރި ތަށްޓަށް ކުރިން އެއްކޮށްލި ފުށް އަޅާލާފައި ބޮޑު ސަމުސަލަކުން އެއްކޮށްލާށެވެ. އެއަށް ފަހު، ހޭންޑް މިކްސަރ ބޭނުންކޮށްގެން މަޑު ދުވެލީގައި 1 މިނެޓު ވަންދެން ނުވަތަ ކޭކު ފުށްގަނޑު އެއްކޮށް އޮމާންވެ އޮލަވަންދެން ގިރާލާށެވެ. މިހާރު ކުރިން ހެދުނު ގަނޑުތައް ހުންނަން ވާނީ ރަނގަޅަށް އެއްވެފައެވެ.
7. ކޭކު ފުށްގަނޑު ގިރާ ނިމުމުން 1.5 ސައިސަމުސާ ވެނީލާ އެސެންސް އަޅާލުމަށް ފަހު ބޮޑު ސަމުސަލަކުން ރަނގަޅަށް އެއްކޮށްލާށެވެ.
8. އެއަށް ފަހު، ކުރިން ތައްޔާރުކޮށްލި ތަބަކުގެ ތެރެއަށް ގިރާލި ކޭކު ފުށްގަނޑު އަޅާލާށެވެ. އަދި ކައުންޓަރު ނުވަތަ މޭޒު މަތީގައި ތަބައް ދެތިން ފަހަރު ޖަހާލާށެވެ. އެއިރުން އޭގެ ތެރޭގައި ހެދިފައިވާ ވައިބޮކިތައް ދާނެއެވެ.
9. ދެން، ހޫނުކޮށްލި އަވަނުގެ މެދު ބަޔަށް ކޭކު ތަބައް ލުމަށް ފަހު، 180 ޑިގްރީ ސެލްޝިއަސްގައި 35 ނުވަތަ 40 މިނެޓު ވަންދެން ނުވަތަ ކޭކުގެ މެދަށް ދަނޑިކޮޅެއް ހަރާލާފައި ނަގާއިރު ސާފުކޮށް އޮންނަ ވަރަށް ފިހެލާށެވެ.
10. ކޭކު ފިހެވެމުން ދާއިރު އޭގެ މައްޗަށް އަޅާ ގްލޭޒް ތައްޔާރުކޮށްލާށެވެ. މިކަމަށް ކުޑަ ތަށްޓެއްގައި 5 މޭޒުމަތީ ސަމުސާ ފިނިކަނޑުވާލާފައި ހުރި ކްރީމް ޗީޒް، 5 މޭޒުމަތީ ސަމުސާ އައިސިންގް ޝުގާ، ½ ސައިސަމުސާ ކުދިކޮށް ގާނާފައި ހުރި ލުނބޯ ތޮށި އަދި 1 ސައިސަމުސާ ވެނީލާ އެސެންސް އެއްކޮށްލާށެވެ. ގްލޭޒްގައި ގަނޑު ހެދުނަނުދިނުމަށްޓަކައި އެއްކޮށްލުމުގެ ކުރިން އައިސިންގް ޝުގާ ފުރާނާލުން ރަނގަޅުވާނެއެވެ.
11. ހުރިހާ އެއްޗެއް ރަނގަޅަށް އެއްވެ، އޮމާން ވުމުން މަދުމަދުން 1 ނުވަތަ 2 މޭޒުމަތި ސަމުސާ ކިރު (1 ސައިސަމުސާ ޑެވޮންޑޭލް އިސްޓަންޓް މިލްކް ޕައުޑަރއާއި 2 މޭޒުމަތީ ފެނާއި އެއްކޮށްފައި) އަޅާލާށެވެ. ކިރު އަޅާނީ ކްރީމްގަނޑުން ސަމުސަލުގެ ބުޑު ފޮރުވޭ ވަރަށް އޮލަވެ، ދިޔާވަންދެންނެވެ.
12. ކޭކު ފިހެ ނިމުމުން އެއްކޮށް ހިހޫކޮށްލުމަށް ފަހު ކޭކުގެ މަތީގައި ގްލޭޒް ހާކާލާށެވެ. ކޭކު ހޫނުކޮށް ހުއްޓައި ގްލޭޒް ހާކައިފިނަމަ އެ ދިޔާވާނެއެވެ. ގްލޭޒް ހާކާ ނިމުމުން ލެމަން ކޭކު މިހިރީ ކާލުމަށް ތައްޔާރުވެފައެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.