ކުނަފާ ޗޮކްލެޓް ބްރައުނީ | Lonumedhu

ކުނަފާ ޗޮކްލެޓް ބްރައުނީ

 

މިހާރު އެންމެ މަޝްހޫރު އެއް ޗޮކްލެޓްއަކީ ދުބާއީގެ ޕިސްޓާޝިއޯ ކުނަފާ ޗޮކްލެޓޭ ބުނުމުން ވެސް ދޮގަކަށް ނުވާނެއެވެ. އެގޮތުން މި ފަހަރު މިއޮތީ އަހަރުމެން މިޗޮކްލެޓްގެ ޕިސްޓާޝިއޯއާއި ކުނަފާ ރަހަތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބްރައުނީ ރެސިޕީއެކެވެ.

މި ރެސިޕީގައި އަހަރުމެން ބޭނުންކޮށްފައި މިވަނީ އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ ޕިރަމިޑްގެ ފަރާތުން ލިބިފައިވާ ރެވެލޯ ކްލަސިކް މިލްކް ޗޮކްލެޓެވެ. މިއީ ވަރަށް މީރު، ކުޑަކޮށް ކިރު ރަހައެއްލާ، އަދި އެހާމެ ކްރީމީ، އޮމާން ޗޮކްލެޓެކެވެ. އެހެންކަމުން މިއީ މި ރެސިޕީގެ ބްރައުނީ ބަޔަށާއި ޗޮކްލެޓް ސޯސް ތައްޔާރުކުރުމަށް ވަރަށް ފުރިހަމަ ޗޮކްލެޓެކެވެ.

https://lonumedhu.com/sites/default/files/Kunafa-brownie-vertical-website_0.jpg

 

މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 10 ނުވަތަ 12 ބްރައުނީ ފޮއްޗެވެ.

 

ބޭނުންވާ ތަކެތި:

ބްރައުނީ ތައްޔާރުކުރުމަށް

½ ޖޯޑު ދިޔާކޮށްފައި ހުރި އަންސޯލްޓެޑް ބަޓަރު

½ ޖޯޑު ހަކުރު

2 ބިސް

1 ސައިސަމުސާ ވެނީލާ އެސެންސް

½ ޖޯޑު ފުށް

3/1 ޖޯޑު ކޮކޯ ޕައުޑަރ

¼ ސައިސަމުސާ ބޭކިންގް ޕައުޑަރ

¼ ސައިސަމުސާ ލޮނު

50 ގްރާމް ކުދިކޮށް ކޮށާފައި ހުރި ރެވެލޯ ކްލަސިކް މިލްކް ޗޮކްލެޓް (ޗޮކްލެޓެއްގެ އެއްބައި)

 

ޗޮކްލެޓް ސޯސް ހެދުމަށް

½ ޖޯޑު ފެން

150 ގްރާމް ކުދިކޮށް ކޮށާފައި ހުރި ރެވެލޯ ކްލަސިކް މިލްކް ޗޮކްލެޓް (1.5 ޗޮކްލެޓް)

 

ޕިސްޓާޝިއޯ ކްރީމް ހެދުމަށް

200 ގްރާމް ޕިސްޓާޝިއޯ (ތޮށިގަނޑާއި ނުލާ)

4 މޭޒުމަތީ ސަމުސާ ދިޔާކޮށްފައި ހުރި ރެވެލޯ ކްލަސިކް މިލްކް ޗޮކްލެޓް (ޗޮކްލެޓް ސޯސްއިން)

3.5 މޭޒުމަތީ ސަމުސާ އައިސިންގް ޝުގާ

½ ޖޯޑު ފުލް ކްރީމް ކިރު

3 މޭޒުމަތީ ސަމުސާ ހިކި ކިރު

2 ސައިސަމުސާ ފެހި ކާކުލަ (ދިޔާ ކުލަ)

¼ ސައިސަމުސާ ލޮނު

 

ކުނަފާ ފުށްގަނޑު ހެދުމަށް

¼ ޖޯޑު ފުށް

4 މޭޒުމަތީ ސަމުސާ ކޯން ފްލާ

¼ ސައިސަމުސާ ލޮނު

1.5  ސައިސަމުސާ ތެޔޮ

4 މޭޒުމަތީ ސަމުސާ ފެން

2 ސައިސަމުސާ އަންސޯލްޓެޑް ބަޓަރު

 

ހަދާނެ ގޮތް:

1. އެންމެ ފުރަތަމަ 180 ޑިގްރީ ސެލްޝިއަސްގައި 20 މިނެޓު ވަންދެން އަވަން ހޫނުކޮށްލާށެވެ.

2. ދެން 7 އިންޗި ތަބަކެއްގެ އަޑީގައި ބަޓަރު ހާކާލުމަށް ފަހު ބޭކިންގް ކަރުދާސް އަޅާށެވެ. ބޭކިންގް ކަރުދާސް ހުންނަން ވާނީ ބަޓަރުގައި ރަނގަޅަށް ތަތްލަވާފައެވެ.

3. އެއަށް ފަހު ބްރައުނީ ފުށްގަނޑު ތައްޔާރުކުރާށެވެ. މިކަމަށް ½ ޖޯޑު ދިޔާކޮށްފައި ހުރި އަންސޯލްޓެޑް ބަޓަރު، ½ ޖޯޑު ހަކުރު، 2 ބިސް، އަދި 1 ސައިސަމުސާ ވެނީލާ އެސެންސް ބޮޑު ބޯތަށްޓަކަށް އަޅާލާށެވެ. އަދި ވިސްކްއެއް ބޭނުންކޮށްގެން ހަކުރު އެއްކޮށް ދިޔާވަންދެން ހުރިހާ އެއްޗެއް ގިރާލާށެވެ. މިކަމަށް ނަގާނީ ގާތްގަނޑަކަށް 3 މިނެޓެވެ.

4. ދެން، ½ ޖޯޑު ފުށް، 3/1 ޖޯޑު ކޮކޯ ޕައުޑަރ، ¼ ސައިސަމުސާ ބޭކިންގް ޕައުޑަރ، އަދި ¼ ސައިސަމުސާ ލޮނު، ގިރާލި ބަޓަރުގެ ތެރެއަށް ފުރާނާލާށެވެ. ދެން ބޮޑު ސަމުސަލަކުން ހުރިހާ އެއްޗެއް އެއްކޮށްލާށެވެ.

5. އެއަށް ފަހު މީގެ ތެރެއަށް 50 ގްރާމް ކުދިކޮށް ކޮށާފައި ހުރި ރެވެލޯ ކްލަސިކް މިލްކް ޗޮކްލެޓް އަޅާލުމަށް ފަހު ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.

6. ދެން، ކުރިން ތައްޔާރުކޮށްލި ތަބަކަށް ބްރައުނީ ފުށްގަނޑު އަޅާލުމަށް ފަހު އަވަނުގެ މެދު ރެކުގައި ބަހައްޓާށެވެ. އަދި 25 މިނެޓް ވަންދެން 180 ޑިގްރީ ސެލްޝިއަސްގައި ފިހެލާށެވެ. ބްރައުނީ ފިހެވުމުން މަތި ހުންނާނީ ކުޑަކޮށް ފަޅަފަޅައިގެންގޮސްފައެވެ. އަދި ކޮށާފައި ހުރި ޗޮކްލެޓްތައް ދިޔާވުމުގެ ސަބަބުން އެތެރެ ހުންނާނީ ކުޑަކޮށް ތެތްކޮށެވެ. ފިހެ ނިމުމުން ގާތްގަނޑަކަށް 15 މިނެޓު ވަންދެން ބްރައުނީ ހިހޫކޮށްލުމަށް ފަހު އެއްގަޑިއިރު ވަންދެން އައިސްއަލަމާރިއަށްލާ ފިނިކޮށްލާށެވެ.

7. ބްރައުނީ އަވަނަށްލުމަށް ފަހު ޗޮކްލެޓް ސޯސް ތައްޔާރުކުރާށެވެ. މިކަމަށް 150 ގްރާމް ކުދިކޮށް ކޮށާފައި ހުރި ރެވެލޯ ކްލަސިކް މިލްކް ޗޮކްލެޓް ބިއްލޫރި ބޯތަށްޓަކަށް އަޅާލާށެވެ. ދެން، ½ ޖޯޑު ފެން ތެއްޔަކަށް އަޅާލުމަށް ފަހު ކައްކާލާށެވެ.

8. ފެން ކެކެން ފެށުމުން (މިކަމަށް ނަގާނީ ގާތްގަނޑަކަށް 1 މިނެޓް) ގިނި މަޑުކޮށްލުމަށް ފަހު ޗޮކްލެޓް އަޅާފައި ހުރި ބިއްލޫރި ތަށި ތެލީގެ ތެރޭގައި 1 މިނެޓާއި 30 ސިކުންތު ވަންދެން ބަހައްޓާށެވެ (މިހެން ހެދޭނީ ބިއްލޫރި ބޯތަށި ތެއްޔަށް ވުރެ ކުޑަކޮށް ބޮޑުވުމުންނެވެ). ޗޮކްލެޓް ދިޔާވާން ފެށުމުން، ސަމުސަލަކުން ހަލަމުން އެއްކޮށް ދިޔާކޮށްލާށެވެ. މިކަމަށް ނަގާނީ ގާތްގަޑަކަށް 3 މިނެޓެވެ. ޗޮކްލެޓް އެއްކޮށް ދިޔާވުމުން އުނދުން މަތިން ނަގާށެވެ.

9. ދެން ޕިސްޓާޝިއޯ ކްރީމް ތައްޔާރުކުރުމަށްޓަކައި 200 ގްރާމް ނޮޅާފައި ހުރި ޕިސްޓާޝިއޯ މިކްސަރަށް އަޅާލުމަށް ފަހު 20 ސިކުންތު ވަންދެން ނުވަތަ އެއްކޮށް ފުނޑުވަންދެން މުގުރާލާށެވެ.  

10. އެއަށް ފަހު 4 މޭޒުމަތީ ރެވެލޯ ކްލަސިކް މިލްކް ޗޮކްލެޓް (ކުރިން ދިޔާކުރި ޗޮކްލެޓްއިން ނެގުމަށް ފަހު)، 3.5 މޭޒުމަތީ އައިސިންގް ޝުގާ، ½ ޖޯޑު ފުލް ކްރީމް ކިރު، ¼ ސައިސަމުސާ ލޮނު، އަދި 3 މޭޒުމަތީ ހިކި ކިރު މިކްސަރަށް އަޅާލާށެވެ. އަދި 30 ނުވަތަ 40 ސިކުންތު ވަންދެން ނުވަތަ އެއްކޮށް އޮމާންވަންދެން ގިރާލާށެވެ.

11. އެންމެ ފަހުން 2 ސައިސަމުސާ ފެހި ކާކުލަ އަޅާލުމަށް ފަހު އިތުރު 30 ސިކުންތު ވަންދެން، ރަނގަޅަށް ފެހި ކުލަ އަރަންދެން ގިރާލާށެވެ. ކްރީމްގަނޑު ރަނގަޅަށް ގިރާލުމަށްޓަކައި މިކްސަރުގެ ކައިރިފަށުގައި ހުރި ކްރީމްކޮޅު ވެސް އެތެރެއަށް ކަހާލާށެވެ.

12. ދެން ކުނަފާ ފުށްގަނޑު ތައްޔާރުކުރުމަށްޓަކައި ¼ ޖޯޑު ފުށް، 4 މޭޒުމަތީ ސަމުސާ ކޯން ފްލާ، އަދި ¼ ސައިސަމުސާ ލޮނު ބޯތަށްޓަކަށް ފުރާނާލާށެވެ. ދެން 1.5 ސައިސަމުސާ ތެލާއި 4 މޭޒުމަތީ ސަމުސާ ފެން މީގެ ތެރެއަށް އަޅާލުމަށް ފަހު  އޮލަވެ އޮމާންވަންދެން ގިރާލާށެވެ. ކުނަފާ ހިމަކޮށް ބެހެއްޓުމަށްޓަކައި ގިރާލި ފުށްގަނޑު ހުންނަން ވާނީ ކުޑަކޮށް ދިޔާކޮށެވެ.

13. ދެން ޕައިޕްކުރުމަށް ބޭނުންކުރާ ކަހަލަ ކޮތަޅަކަށް ގިރާލި ފުށްގަނޑު އަޅާލާށެވެ. އަދި އޭގެ ކޮޅުން ކުޑަކުޑަ ލޯވަޅެއް ކަފާލާށެވެ.

14. ދެން ތަވައެއްގައި ½ ސައިސަމުސާ ތެޔޮ ހާކާލުމަށް ފަހު މެދު ގިނީގައި ހޫނުކޮށްލާށެވެ. އަދި ވަށް، ހިމަދިގު ރޮދިތަކެއްހެން ފުށްގަނޑު ތަވައިގެ މައްޗަށް ޕައިޕްކޮށްލާށެވެ. ކުނަފާ ފުށް ފިހެވުމުން ތަވައިން އަމިއްލައަށް ނެއްޓޭނެއެވެ. މިހެން ވުމުން ފުށްކޮޅުތައް ތަވައިން ތަށްޓަކަށް ނަގާލާށެވެ.

15. ފުށްގަނޑު އެއްކޮށް ހުސްވަންދެން މިހެން ފިހެލާށެވެ. ހުރިހާ އެއްޗެއް ފިހެ ނިމުމުން 10 މިނެޓް ވަންދެން ހިހޫކޮށްލުމަށް ބަހައްޓާށެވެ.

16. އެއަށް ފަހު ކުނަފާ ފުށް ރޮދިތައް ގާތްގަނޑަކަށް 1 ނުވަތަ 2 ސެންޓިމީޓަރު ވާ ވަރަށް ކުދިކޮށް ކޮށާލާފައި އެއްކައިރިއެއްގައި ބަހައްޓާށެވެ.

17. ދެން ތަވައަކަށް 2 ސައިސަމުސާ ބަޓަރު އަޅާލުމަށް ފަހު މަޑު ގިނީގައި ދިޔާކޮށްލާށެވެ. ދިޔާވުމުން ކޮށާފައި ހުރި ކުނަފާ ރޮދިތައް ތަވަޔަށް އަޅާލާފައި ހަލަމުން 10 މިނެޓް ވަންދެން ނުވަތަ މަޑު ރަން މުށިކުލައެއް އަރަންދެން ހަނާކޮށްލާށެވެ. މިހެން ހަދާއިރު ކުނަފާ އެނދިޔަނުދިނުމަށްޓަކައި އުނދުން މަދުގިނިން މަޑުގިންޏަށް ބަދަލުކުރަމުން ހަލާށެވެ.

18. ކުނަފާ ހަނާކޮށް ނިމުމުން ކުރިން ތައްޔާރުކޮށްލި ޕިސްޓާޝިއޯ ކްރީމްގަނޑު ތެރެއަށް އާޅާލުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ.

19. ދެން އައިސްއަލަމާރިން ބްރައުނީ ނެގުމަށް ފަހު އޭގެ މަތީގައި ޕިސްޓާޝިއޯ ކްރީމްގަނޑު އެއްކޮށް ހާކާލާށެވެ. އަދި ސަމުސަލަކުން އެއްވަރުކޮށްފައި އޮމާންކޮށްލާށެވެ.

20 ކްރީމްގަނޑު ސެޓްކޮށްލުމަށް 10 މިނެޓް ވަންދެން އައިސްއަލަމާރީގެ ގަނޑުކުރާބަޔަށްލާށެވެ. ދެން އައިސްއަލަމާރިން ނެގުމަށް ފަހު ބާކީ ހުރި ދިޔާކުރި ޗޮކްލެޓް ސޯސް ޕިސްޓާޝިއޯ ކްރީމްގެ މަތީގައި އެއްވަރަކަށް ހާކާލާށެވެ. މި ބްރައުނީ އެންމެ މީރުވާނީ ކުޑަކޮށް ފިނިކޮށެވެ.  

 

މި ރެސިޕީގެ ވީޑިއޯ

Interviews

https://lonumedhu.com/sites/default/files/Interviews%20section%20covershot.jpg

Eating Out

https://lonumedhu.com/sites/default/files/Restaurant%20Reviews%20covershot.jpg

Curry Recipes

https://lonumedhu.com/sites/default/files/Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Tuna%20Recipes%2821%29.jpg

Hedhikaa Recipes

https://lonumedhu.com/sites/default/files/HedhikaRecipes.jpg

Dessert Recipes

https://lonumedhu.com/sites/default/files/Dessert%20Recipes.jpg

Chicken Recipes

https://lonumedhu.com/sites/default/files/ChickenRecipesonLonumedhu.jpg

Rice Recipes

https://lonumedhu.com/sites/default/files/RiceRecipes.jpg

About Lonumedhu

Lonumedhu is about eating great food right here in the Maldives.

Our easy to follow recipes use locally available ingredients.

In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads. 

 

 

Contacts

info@lonumedhu.com

© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.

Advertisers

Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.

Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.

Keep in Touch