މިއީ ޓޮމާޓޯ ސޯސްގެ ވައްތަރެއް ކަމަށްވާ މެރިނާރާ ސޯސްގައި ތައްޔާރުކުރާ ވަރަށް ރަހަ މީރު، މީޓްބޯލްސް ނުވަތަ މަސްގުޅައާ އެކީ ހުންނަ ސްޕެގެޓީއެކެވެ. މިއީ ހަމަގައިމު ވެސް ސްޕެގެޓީ ތައްޔާރުކުރަން ވަރަށް ފަސޭހަ އަދި ވަރަށް މީރު އެއް ގޮތެވެ.
މި ރެސިޕީގެ މީޓްބޯލްސްތައް ހެދުމަށް އަހަރުމެން ބޭނުންކޮށްފައި މިވަނީ އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ ބްލެކްގޯލްޑް ފުޑްސްގެ ފަރާތުން ލިބިފައިވާ ރަމް ޖަންގަލް ފްރީ-ރޭންޖް ގްރައުންޑް ބީފްއެވެ. މި ބީފްއަކީ ކެއްކުމުން ރަހަގަދަ އަދި އެހާމެ މީރު ބީފްއެކެވެ. އަދި މިއީ ހޯމޯން އަދި އެންޓިބައޮޓިކް ނުލާ ތައްޔާރުކޮށްފައިވާ، ފެޓްގެ ބާވަތްތައް މަދު ބީފްއެކެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 5-4 މީހުންނަށް ވާވަރަށެވެ.
ބޭނުންކުރާ ތަކެތި:
މީޓްބޯލްސް ހެދުމަށް
250 ގްރާމް ރަމް ޖަންގަލް ފްރީ-ރޭންޖް ގްރައުންޑް ބީފް
2 ކުދިކޮށް ކޮށާފައި ހުރި ލޮނުމެދު
3 މޭޒުމަތީ ސަމުސާ ގާނާފައި ހުރި ރެޑް ޗެޑަރ ޗީޒް
1/3 ޖޯޑު ފާރޮށި ކުނޑި
2 ބިސް
½ ސައިސަމުސާ ލޮނު
½ ސައިސަމުސާ މުގުރި އަސޭމިރުސް
½ ސައިސަމުސާ ހިކި އޮރިގާނޯ
1 މޭޒުމަތީ ސަމުސާ ބޮޑުކޮށް ކޮށާފައި ހުރި ގަނދަކޯޅި ފަތް (ބެސިލް ލީފް)
2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
ސޯސް ތައްޔާރުކުރުމަށް
1 މޭޒުމަތީ އޮލިވް އޮއިލް
1 މެދުމިނުގެ ފިޔާ (ގޮޅިކޮށް ކޮށާފައި)
4 ކުދިކޮށް ކޮށާފައި ހުރި ލޮނުމެދު
2 ކުދިކޮށް ކޮށާފައި ހުރި ތޮޅިމިރުސް
½ ސައިސަމުސާ ހިކި އޮރިގާނޯ
½ ސައިސަމުސާ މުގުރި ރާޅު މިރުސް
2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
1 ދަޅު ޕީލްޑް ޓޮމާޓޯ (400 ގްރާމް)
2/3 ސައިސަމުސާ ލޮނު
¼ ސައިސަމުސާ މުގުރި އަސޭމިރުސް
1 ބޭ ލީފް
¼ ޖޯޑު ފެން
½ ޖޯޑު ގާނާފައި ހުރި ރެޑް ޗެޑަރ ޗީޒް
½ ޖޯޑު ގަނދަކޯޅި ފަތް (ބެސިލް ލީފް – ސޯސްއަށް އެޅުމަށް ފަތުގެ 6 އިންޗި ދަނޑިކޮޅެއް ނަގާފައި)
ސްޕެގެޓީ ކެއްކުމަށް
250 ގްރާމް ނުކައްކާ ހުރި ސްޕެގެޓީ
6 ޖޯޑު ފެން
1 ސައިސަމުސާ ލޮނު
1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
ހަދާނެ ގޮތް:
1. އެންމެ ފުރަތަމަ ބޮޑު ބޯތަށްޓަކަށް 250 ގްރާމް ރަމް ޖަންގަލް ފްރީ-ރޭންޖް ގްރައުންޑް ބީފް، 2 ކުދިކޮށް ކޮށާފައި ހުރި ލޮނުމެދު، 3 މޭޒުމަތީ ސަމުސާ ގާނާފައި ހުރި ރެޑް ޗެޑަރ ޗީޒް، /1 ޖޯޑު ފާރޮށި ކުނޑި، 2 ބިސް، ½ ސައިސަމުސާ ލޮނު، ½ ސައިސަމުސާ މުގުރި އަސޭމިރުސް، ½ ސައިސަމުސާ ހިކި އޮރިގާނޯ، އަދި 1 މޭޒުމަތީ ސަމުސާ ބޮޑުކޮށް ކޮށާފައި ހުރި ގަނދަކޯޅި ފަތް (ބެސިލް ލީފް) އަޅާލާށެވެ.
2. ދެން ހުރިހާ އެއްޗެއް އަތުން މޮޑެލާށެވެ. މޮޑެ ނިމޭއިރު މަސްގަނޑު ހުންނަން ވާނީ ގުޅަ ހެދޭ ވަރަށް ހަރުކޮށެވެ. މާބޮޑަށް ތެތްނަމަ ކުޑަ ފާރޮށި ކުނޑިކޮޅެއް އިތުރަށް އަޅާލާށެވެ.
3. މަސްގަނޑު ރަނގަޅަށް މޮޑެވުމުން އަތްތިލަ ފެނުން ތެތްކޮށްލުމަށް ފަހު، އޭގެއިން ގާތްގަޑަކަށް 1.5 އިންޗި ވާވަރުގެ ގުޅަ ވަށާލާށެވެ. މި މަސްގަނޑުން ގާތްގަޑަކަށް 12 ނުވަތަ 13 ގުޅަ ހެދޭނެއެވެ.
4. ދެން ބޮޑު ތެއްޔަކަށް 2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް އަޅާލުމަށް ފަހު މަޑު ގިނީގައި ހޫނުކޮށްލާށެވެ. ދެން ބީފް މީޓްބޯލްސްތައް ތެލީގައި އަތުރާލުމަށް ފަހު ފުށުންޖަހަމުން 5 ނުވަތަ 6 މިނެޓް ވަންދެން ނުވަތަ ގަދަ މުށި ކުލައެއް ބޭރުފުށަށް އަރަންދެން ތެއްލާށެވެ.
5. ތެލުލި މީޓްބޯލްސްތައް ތަށްޓަކަށް ނެގުމަށް ފަހު ހަމަ އެތެއްޔަށް އިތުރު 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް އަޅާލާށެވެ. އަދި 1 ގޮޅިކޮށް ކޮށާފައި ހުރި މެދުމިނުގެ ފިޔާ އަޅާލުމަށް ފަހު 1 މިނެޓް ވަންދެން ނުވަތަ ފިޔާތައް މަޑުވަންދެން ކައްކާލާށެވެ.
6. ދެން، 4 ކުދިކޮށް ކޮށާފައި ހުރި ލޮނުމެދު، 2 ކުދިކޮށް ކޮށާފައި ހުރި ތޮޅި މިރުސް، ½ ސައިސަމުސާ ހިކި އޮރިގާނޯ، އަދި ½ ސައިސަމުސާ މުގުރި ރާޅު މިރުސް ތެއްޔަށް އަޅާލުމަށް ފަހު 2 މިނެޓް ވަންދެން ނުވަތަ ފިޔާގަނޑު ރަތްވަންދެން ހަލަމުން ކައްކާށެވެ.
7. އެއަށް ފަހު 2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް އަޅާލާފައި އިތުރު 1 މިނެޓް ވަންދެން ކައްކާލާށެވެ.
8. ދެން އެއަށް 1 ދަޅު ޕީލްޑް ޓޮމާޓޯ (400 ގްރާމް) އާއި ¼ ޖޯޑު ފެން އަޅާލާށެވެ. އަދި ބޮޑެތިކޮށް ހުރި ޓޮމާޓޯކޮޅުތައް ޗަސްކުރަމުން ސޯސްގަނޑު ރަނގަޅަށް އެއްކޮށްލާށެވެ. އަދި 2/3 ސައިސަމުސާ ލޮނު، ¼ ސައިސަމުސާ މުގުރި އަސޭމިރުސް، 1 ބޭ ލީފް، އަދި 6-އިންޗި ބެސިލް ފަތުގެ ދަނޑިކޮޅު ސޯސް ތެރެއަށް އަޅާލާށެވެ.
9. އަދި ކުރިން ތެލުލި މީޓްބޯލްތައް އަނބުރާ ތެއްޔަށް އަޅާލުމަށް ފަހު ސޯސްއާ އެއްކޮށްލާށެވެ. ދެން ތެލީގެ މަތި ޖަހާލުމަށް ފަހު ސޯސްގަނޑު 30 މިނެޓް ވަންދެން މަޑުގިނީގައި ކައްކާލާށެވެ. ސޯސް ކެކެމުންދާ އިރު މަދުމަދުން ޓޮމާޓޯކޮޅުތައް ޗަސްކުރަމުން ދާށެވެ. މިވަގުތުކޮޅުގައި މީޓްބޯލްތައް ސޯސްގެ ތެރޭގައި އެއްކޮށް ރޯފިލާނެއެވެ.
10. ސޯސްގަނޑު ކެކެމުން ދާއިރު ޕާސްޓާ ކެއްކުމަށްޓަކައި އެހެން ތެއްޔަކަށް 6 ޖޯޑު ފެނާއި 1 ސައިސަމުސާ ލޮނު އަޅާލާށެވެ. ފެންކެކި ބޮކިއަރަން ފެށުމުން 250 ގްރާމް ނުކައްކާ ހުރި ސްޕެގެޓީ އޭގެ ތެރެއަށް އަޅާލާށެވެ.
11. ދެން 6 ނުވަތަ 7 މިނެޓަށް (ނުވަތަ ޕެކެޓުގެ ބޭރުގައި ބުނެފައިވާ ގޮތަށް) ސްޕެގެޓީ މަޑުވަންދެން ކައްކާލާށެވެ. ސްޕެގެޓީ ކެކުމުން ފެން ފުރާނާލުމަށް ފަހު ބޯތަށްޓަކަށް އަޅާލާށެވެ. އަދި ނޫޑްލްސްތައް އެއްވިޔަނުދިނުމަށްޓަކައި 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް އަޅާލާފައި އެއްކޮށްލާށެވެ.
12. ސޯސް ކެކި ނިމުމުން ބެސިލް ފަތުގެ ދަނޑިކޮޅާއި ބޭ ލީފް ނަގާލާށެވެ. އަދި މީޓްބޯލްތައް ވެސް ވަކިން އެހެން ތަށްޓަކަށް ނަގާލާށެވެ.
13. ދެން ތެލީގެ މަތި ނެގުމަށް ފަހު ގަދަގިނީގައި ސޯސްގަނޑު 1 މިނެޓް ވަންދެން ކައްކާލާށެވެ. ކެކި ނިމުމުން ސޯސްގަނޑު ހުންނަން ވާނީ ކުޑަކޮށް އޮލަކޮށް، ދިޔާކޮށެވެ.
14. ދެން ސޯސްގަނޑު ތެރެއަށް ½ ޖޯޑު ގާނާފައި ހުރި ރެޑް ޗެޑަރ ޗީޒް އަދި ކައްކާލި ސްޕެގެޓީ އަޅާލުމަށް ފަހު އެއްކޮށްލާށެވެ.
15. އެންމެ ފަހުން ½ ޖޯޑު ގަނދަކޯޅި ފަތް (ބެސިލް ލީފް) އަޅާލުމަށް ފަހު ސްޕެގެޓީއާ އެއްކޮށްލާށެވެ. ކެއުމަށްޓަކައި އެންމެ ފުރަތަމަ ސްޕެގެޓީކޮޅެއް ތަށްޓަށް އެޅުމަށް ފަހު އޭގެ މަތީގައި ދެތިން މީޓްބޯލް ބައިންދާލާށެވެ.
މި ރެސިޕީގެ ވީޑިއޯ
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.