މި ބަޖިޔާއަށް ކުކުޅު އަޅާތީވެ މިއީ ވަކިން ހާއްސަ ބަޖިޔަލެކޭ ވެސް ބުނެވިދާނެއެވެ.
މި ތަފާތު ބަޖިޔާ ތެލުލުމަށްޓަކައި އަހަރުމެން ބޭނުން ކޮއްފައި އެވަނީ ސުނާރ ސަންފްލާވާރ އޮއިލްއެވެ. މިއީ އަހަރުމެންގެ އެއްބައިވެރިއެއް ކަމަށްވާ ސްޓޭންޑާރޑް އެންޑް އޮރިޖިން (އެސް.އެންޑް.އޯ)ގެ ފަރާތުން ލިބިފައިވާ ތެލެކެވެ. މިއީ މަޑު ރަހަޔަކާއި ކުލައެއް ހުންނަ ތެލެކެވެ. މި ތެޔޮ ބޭނުންކޮށްގެން އަހަރުމެންގެ މި ކުކުޅު ބަޖިޔާ ތެލުލުމުން އިތުރަށް މުރަނަވެއެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 20 ބަޖިޔާއެވެ.
ބޭނުންވާ ތަކެތި:
މަސްގަނޑު ތައްޔާރު ކުރުމަށް:
3 ބޮޑު ފިޔާ
1 ގިތެޔޮ މިރުސް
10 ހިކަނދިފަތް
1 ސައިސަމުސާ އިނގުރު ގާނާފަ
1 ލުނބޯ
180 ގްރާމް ފެނުކައްކާފަ ހުރި ކުކުޅު (ކުދިކޮށް ކޮށާފަ)
3 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު
¼ ސައިސަމުސާ ރީނދޫ
1 ސައިސަމުސާ ލޮނު
2 މޭޒުމަތީ ސަމުސާ ސުނާރ ސަންފްލާވާރ އޮއިލް
3 އިންޗި ރާނބާފަތް
3 އިންޗި ފޮނިތޮށި
4 ކާފުރުތޮޅި
1 ކަރަންފޫ
½ 2 ސައިސަމުސާ ހަކުރު
ފުށްގަނޑު ހެދުމަށް
2 ޖޯޑު ފުށް
1 ސައިސަމުސާ ލޮނު
4 މޭޒުމަތީ ސަމުސާ ސުނާރ ސަންފްލާވާރ އޮއިލް
12 މޭޒުމަތީ ސަމުސާ ހޫނު ފެން
ބަޖިޔާ ތެލުލުމަށް
3 ޖޯޑު ސުނާރ ސަންފްލާވާރ އޮއިލް
ހަދާނެގޮތް:
1. އެއް ފިޔާއާއި އެއްބައި ނިކަން ތުނިކޮށް ހުރަހަށް ކޮށާލާފަ ވަކިން ބަހަށްޓާށެވެ.
2. ދެން ބާކީ އޮތް ފިޔާއާއި ބައި ވެސް ތުނިކޮށް ދިގަށް ކޮށާލާފަ ވަކިން ބަހައްޓާށެވެ.
3. ގިތެޔޮމިރުސް ދެފަޅިކޮއްލާށެވެ. ދެން ގިތެޔޮމިރުގެ އެއްބަޔާއި ހިކަނދިފަތުގެ ތެރެއިން 5 ފަތް ތުނިކޮށް ކޮށާށެވެ. ބާކީ ހުރި ހިނކަދިފަތްކޮޅާއި ގިތެޔޮމިރުސް ބޭނުން ކުރާނީ ފަހުންނެވެ.
4. ތުނިކޮށް ހުރަހަށް ކޮށި ފިޔާ، ގިތެޔޮމިރުސް، ލުނބޯ ހުތް އަދި ހިނކަނދިފަތް ބޮޑު ބޯތަށްޓަކަށް އަޅާށެވެ. ގޭނި އިނގުރުވެސް ބޯތަށްޓަށް އަޅާށެވެ. ދެން ނިކަން ރަނގަޅަށް މޮޑެލާށެވެ. މޮޑޭނީ ފިޔާތައް މަޑުވެ އެއިން ދިޔަ ނިކުންނަ ވަރަށެވެ.
5. ދެން ކުކުޅުކޮޅު، ކުކުޅު ހަވާދު، ރީނދޫ އަދި ލޮނު ބޯތަށީގެ ތެރެއަށް އަޅާށެވެ. (އެކި ބްރޭންޑްތަކުގެ ކުކުޅު ހަވާދުގައި އެކި ވަރަށް ރަހަލާތީ، ރަހަލާން ހެޔޮވަރުވަރަކަށް އަޅާށެވެ. ހަމައެހެން ލޮނާއި ލުނބޯ އަދި ގިތެޔޮ މިރުސްވެސް އެމީހެއް ބޭނުންވާ ވަރަކަށް އަޅާލެވޭނެއެވެ.) ދެން ކުކުޅުގަނޑު ވަކިން ބަހަށްޓާށެވެ.
6. ސުނާރ ސަންފްލާވާރ އޮއިލް ފޮދެއް ތެއްޔެއްގެ ތެރެއަށް އަޅާ ހޫނު ކުރާށެވެ. ހޫނު ވީމައި ދިގަށް ކޮށި ފިޔާ، ބާކީ ހުރި ހިކަނދިފަތާއި ގިތެޔޮމިރުސް، ރާނބާފަތް، ކާފޫރުތޮޅި، ކަރަންފޫ އަދި ފޮނިތޮށި ތެއްޔަށް އަޅާށެވެ. ފިޔާކޮޅު މަޑުވެ އެއަށް ކުޑަކޮށް ރަންކުލަ އަރާލަންދެން ކައްކާށެވެ. އަހަރުމެންނަށް މިކަމަށް ނެނގީ 6 މިނެޓްއެވެ.
7. ދެން މަސްގަނޑު ތައްޔާރު ކުރުމުގެ ފުރަތަމަ ބައިގައި މޮޑެފައި ބެހެއްޓި ކުކުޅުގަނޑު ތެލީގެ ތެރެއަށް އަޅާލާށެވެ. ހަކުރު ވެސް ތެއްޔަށް އަޅާށެވެ. ދެން މަޑު ގިނީގައި ހުރިހާ އެއްޗެއް އެއްކުރަމުން 3 ވަރަކަށް މިނިޓު ކައްކާލާށެވެ. އަނެއްކާވެސް ރަހަ ބަލާލާ ހެޔޮވަރު ކޮށްލަން ބޭނުންނަމަ މިގަޑީގައި އެކަން ކޮށްލެވިދާނެއެވެ.
8. ކުކުޅުގަނޑު ކައްކާ ނިމުމުން އުނދުން ނިވާލާފައި ހިހޫ ކުރަން ބަހައްޓާށެވެ.
9. އެއަށްފަހު ބޮޑު ބޯތަށްޓަކަށް ފުށް ފުރާނާލާށެވެ. ދެން ލޮނުކޮޅު އަޅައި އެއް ކޮށްލާށެވެ.
10. ފުށުގެ ތެރެއަށް ސުނާރ ސަންފްލާވާރ އޮއިލް އަޅާފައި އިނގިލިތަކުން އެއްކޮށްލާށެވެ.
11. މަޑު މަޑުން ފުށުގެ ތެރެއަށް ހޫނު ފެން އަޅާށެވެ. އަޅާނީ ނިކަން ބަލައިގެން ފަހަރަކު މޭޒުމަތީ ސަމުސަލެއްގެ ފެނެވެ. ފެން އަޅާފައި އިނގިލިތަށް ބޭނުން ކޮށްގެން ފުށާއި ފެން އެއްކުރަމުން ގެންދާށެވެ.
12. ފުށްގަނޑު މޮޑޭށެވެ. ރަނގަޅަށް މޮޑެވުނީމައި ފުށްގަނޑު އޮންނާނީ މަޑުކޮށް އަދި ކުޑަކޮށް އިލާސްޓިކްކޮށެވެ. ރަނގަޅަށް މޮޑެވުނީމައި އިނގިލީގައި ފުށްގަނޑު ތަތްލާ ގޮތެއް ނުވާނެއެވެ. އަދި މާބޮޑަށް ހިކި ކޮށެއްވެސް ނޯންނާނެއެވެ.
13. ފުށްގަނޑު 5 ބަޔަށް ބަހާލާށެވެ. ބަހާލާއިރު ސެންޓިމީޓަރެއްހާ އެތިކޮޅަކުން ކުޑަ ގުޅައެއް ހަދާލާފައި ބާއްވާށެވެ. އޭތިކޮޅު އަހަރުމެން ބޭނުން ކުރާނީ ތެލުލާއިރު ތެޔޮގަނޑު ހޫނުވިތޯ ޗެކްކުރާށެވެ.
14. ބައިކުރި 5 ބައިން އެއްބައި ނަގާފައި ރޮށިދަމާއެތި ބޭނުން ކޮށްގެން ރޮށިދަމާ ގޮތަށް ވަށްކޮށް ދަމާލާށެވެ. ދަމާނީ ރޮށީގެ ޑަޔަމީޓަރުގައި 10 ވަރަކަށް އިންޗި ހުންނާނެ ވަރަށެވެ.
15. ދެން އެ ރޮށި ތޫނު ވަޅިއަކުން އެއްވަރުގެ 4 ބަޔަށް ކަފާލާށެވެ.
16. ދެން މަތީގައިވާ ގޮތަށް ރޮށި ދަމާ ކަފަމުންގޮސް ފުށްގަނޑު ހުސްކޮށްލާށެވެ. ކެފި އެތިކޮޅުތައް ސާފު ތަށްޓެއް ނޫނީ ތަބަކެއްގައި އަތުރާށެވެ. އަތުރާއިރު ވަކި ވަކިން ބަހައްޓާށެވެ. އެހެންނޫންނަމަ ފުށްގަނޑުތައް އެއްވެ ތައްވެދާނެއެވެ.
17. ކެއްކި ކުކުޅުގަނޑު 20 ބަޔަށް ބަހާލާށެވެ. ކާފުރުތޮޅި އާއި ފޮނިތޮށްޓާއި ކަރަންފޫ އަދި ރާނބާފަތް އޭގެ ތެރެއިން ނަގަން ވާނެއެވެ.
18. ކެފި ރޮށިތަކުން އެތިކޮޅެއް ނަގައި އަތްތިލަ މަތީގައި ބާއްވާލާށެވެ. ބާއްވާނީ ވަށްކޮށް އޮތް ފަޅި ގަޔާއި ދިމާލަށް ވާނެ ގޮތަށެވެ.
19. ދެން ކުރިން ބައިކުރި މަސްގަނޑުން ބައެއް ނަގާފައި އަތުގައި އޮތް ރޮށި ފަޅީގެ މެދަށް އަޅާށެވެ.
20. އަތުގައި އޮތް ރޮށި ފަޅީގެ ކަނާތު ކަނުގައި ހިފާފައި ރޮށީގެ މެދަށް އެޅި މަސްގަނޑުގެ މަތިން ފަތްޖަހާލާށެވެ. މި ގޮތަށް ފަތްޖަހާލީމައި މަސްގަނޑުގެ ދެބައިކުޅައެއްބަޔަށް ވުރެ ހަމަ ކުޑަ ތަންކޮޅެއް ބޮޑަށް އޮންނާނީ ނިވާވެފައެވެ. އިނގިއްޔެއް ތެންމާލާފައި ފަތްޖެހި ފަޅިން ރޮށީގެ އަރިމަތީގައި ކުޑަ ފެންފޮދެއް އުނގުޅާލާށެވެ. މިކަން ކުރާނީ ހަމަ ކިރިޔާ ތެމިލާނެ ވަރަށެވެ.
21. އަނެއްކާވެސް އިނގިއްޔެއް ތެންމާލާފައި މިފަހަރު އަތުގައި އޮތް ރޮށި ފަޅީގެ ވާތު އަރިމަތީގައި އުނގުޅާލާށެވެ. ދެން ވާތުކަނުގައި ހިފާފައި ރޮށިފަޅި ފަތް ޖަހާލާށެވެ. މިފަހަރު ފަތްޖަހާލީމައި އަތުގައި އޮންނާނީ މަސްގަނޑު އެތެރެއަށް އަޅާފައި އޮތް ގޮށްޓެކެވެ.
22. އަތުގައި އޮތް ރޮށި ފަޅީގެ ފަތްނުޖަހާ އޮތް ފަޅީގެ އަރިމަތީގައި އިނގިލިން އަނެއްކާވެސް ފެން ފޮދެއް އުނގުޅާލާށެވެ. ދެން އެފަޅިވެސް ފަތްޖަހާލާށެވެ. މިހާރު އަތުގައި އޮންނަންވާނީ ތިނެސްކަން ބަޖިޔަލެކެވެ. މުޅި ބަޖިޔާ ރަނގަޅަށް ބެދިފައިވާކަން ޔަގީން ކުރަން އަރިމަތިތަކަށް މަޑުމަޑުން އޮބާލާށެވެ.
23. މަތީގައިވާ ގޮތަށް ބަޖިޔާ ބައްދައިގެން މަސްގަނޑާއި ފުށްގަނޑު ހުސްކޮށްލާށެވެ.
24. ސުނާރ ސަންފްލާވާރ އޮއިލް ތެއްޔަކަށް އަޅާފައި ހޫނު ކުރާށެވެ. ހޫނު ކުރަން ޖައްސާފައި ތެޔޮ ހޫނު ވެއްޖެތޯ ބަލަން ތައްޔާރު ކޮށްފައި ބޭއްވި ކުޑަ ފުށްގުޅަ ތެލުގެ ތެރެއަށް ވައްޓާލާށެވެ.
25. ފުށްގުޅައިގެ ވަށައިގެން މެދު ދުވެލީގައި ބޮކިޖަހަންދެން މަޑު ކުރާށެވެ. ބޮކިޖަހައިގަތީމައި ބަޖިޔާކޮޅެއް ތެލުގެ ތެރެއަށް އަޅާށެވެ. އެއްފަހަރާ ހުރިހާ ބަޖިޔަލެއް ތެލުލުމުގެ ބަދަލުގައި ބަޖިޔާ ތެލުލާނީ ބައިބަޔަށް ބަހާލައިގެންނެވެ. އަހަރުމެން ތެލުލީ 4 ބަޔަށް ބަހާލައިގެންނެވެ.
26. ބަޖިޔާތަކަށް ރަންކުލަ އަރަންދެން ތެލުލާށެވެ. ތެލުލެވެމުން ދާއިރު ބަޖިޔާތައް އެއްފަހަރު ފުށުން ޖަހާލަން ޖެހޭނެއެވެ.
27. ތެލުލެވުމުން ބަޖިޔާތައް ނަގައި ދަގަނޑު ފުރޭންޏެއްގެ ތެރޭގައި ތެޔޮކޮޅު ފުރާނާލަން 5 ވަރަކަށް މިނިޓު ބަހައްޓާލާށެވެ. ދެން ޓިޝޫ އަޅާފައި ހުރި ތަށްޓެއްގައި އަތުރާލާށެވެ. މިހެން ހެދީމައި ބަޖިޔާތައް ހުންނާނީ ނިކަން މުރަނަ ކޮށެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.