މިއީ އަހަރުމެންގެ ފުރަތަމަ ޕިއްޒާ ރެސިޕީއެވެ. ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އަހަރުމެންނަށް ޕިއްޒާ ރެސިޕީއެއް ގެނެސްދިނުމަށް އެދި ފޮނުވާފައިވާ ގިނަ ރިކުއެސްޓްތަކެއްވަނީ ލިބިފައެވެ. ނަމަވެސް ޕިއްޒާ ރެސިޕީއެއް ގެނެސްނުދެވި މިހާ ލަސްވީ ހަމަ އެތައް ފަހަރަކު އުޅެގެންވެސް ހަދަން ފަސޭހަ އަދި ވަރަށް މީރު ޕިއްޒާ ރެސިޕީއެއް އަހަރުމެންނަށް ތައްޔާރު ނުކުރެވިގެންނެވެ.
މި ރެސިޕީގައި ޕިއްޒާ ފުށްގަނޑު އަމިއްލައަށް ތައްޔާރު ކުރާނެގޮތް ހިމަނާފައިވާނެއެވެ. ކުރިން ޕިއްޒާ ފުށްގަނޑު އަމިއްލައަށް ތައްޔާރު ކޮށްފައި ނުވާނަމަ އެއީ ބުރަ އުނދަގޫ ކަމެއްކަމަށް ހީވެފައި އޮވެދާނެއެވެ. އެކަމަކު އަސްލު އެއީ އެހާ އުނދަގޫ ކަމެއް ނޫނެވެ.
މިއީ އަހަރުމެންގެ ފުރަތަމަ ޕިއްޒާ ރެސިޕީ ކަމަށް ވުމާއެކު ޕިއްޒާގެ ޓޮޕިންގް އަހަރުމެން ނިންމީ ކުޑަކޮށް ދިވެހިކޮށް ބަހައްޓާށެވެ. އެހެން ކަމުން ޓޮޕިންގްއަށް ބޭނުން ކޮށްފައިވާނީ މަސްދަޅާއި، ފިޔައާއި ގިތެޔޮ މިރުހެވެ. އޭގެ އިތުރުން ޓޮމާޓޯއާއި ބެލްޕެޕަރ އަދި ޕިއްޒާއެއް އެ ނާޅާ ފުރިހަމަ ނުވާނެ އެއްޗެއްކަމަށްވާ ޗީޒްވެސް އެޅީމެވެ.
ޕިއްޒާ ސޯސް އަކަށް އަހަރުމެން ބޭނުން ކުރީ އަހަރުމެންގެ ބައިވެރިއެއް ކަމަށްވާ ސްޓޭންޑަރޑް އެންޑް އޮރިޖިން (އެސް އެންޑް އޯ) ގެ ފަރާތުން ލިބިފައިވާ ހެއިންޒް ޕިއްޒާ ސޯސްއެވެ. އެ ޕިއްޒާ ސޯސްގައި މީރު ޓޮމާޓޯ ރަހައެއްގެ އިތުރުން ފިޔާ، ޕާސްލީ އަދި ބޭޒިލްގެ ރަހަ ލައެވެ. އަދި މަސްދަޅުގެ ރަހައާއި އެ ސޯސްގެ ރަހަ ނިކަން ގުޅޭ ކަމަށް އަހަރުމެންނަށް ފާހަގަވިއެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 10 އިންޗީގެ 2 ޕިއްޒާއެވެ.
ފުށްގަނޑު މޮޑެން ބޭނުންވާ ތަކެތި:
1 ޖޯޑު ތާފަނާ ފެން
1 ސައިސަމުސާ އިންސްޓަންޓް ޔީސްޓް
1 މޭޒުމަތީ ސަމުސާ ހަކުރު
½ 2 ޖޯޑު ފުށް
½ ސައިސަމުސާ ލޮނު
1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
ޓޯޕިންގްއަށް ބޭނުންވާ ތަކެތި:
1 ކުޑަ ފިޔާ
½ ގިތެޔޮމިރުސް (ނޫނީ ބޭނުން ވަރަކަށް)
1 މޭޒުމަތީ ސަމުސާ ތެޔޮ
1 މަސް ދަޅު (ފުރާނާފައި)
¼ ސައިސަމުސާ ލޮނު
¼ ސައިސަމުސާ އަސޭމިރުސް
2 ބޮޑު ޓޮމާޓޯ
½ ފެހި ބެލް ޕެޕަރ
10 އޮލިވް
2 ޖޯޑު ކުދިކޮށް ކޮށާފައި ހުރި މޮޒަރެލާ ޗީޒް
1 ޖޯޑު ކުދިކޮށް ކޮށާފައި ހުރި ޗެޑާ ޗީޒް
8 މޭޒުމަތީ ސަމުސާ ހެއިންޒް ޕިއްޒާ ސޯސް
ހަދާނެ ގޮތް:
1. ކުޑަ ބޯތަށްޓަކަށް ތާފަނާ ފެންފޮދު އަޅާލާށެވެ (ސާފު އިނގިއްޔެއް ފެންފޮދުގެ ތެރެއަށް ކޮށްޕާލާފައި ފެނުގެ ފިނިހޫނުމިން ޗެކް ކޮށްލާއިރު އިނގިއްޔަށް ހޫނުކަން އިހްސާސް ކުރެވެންވާނީ ހަމަ ކިރިޔާއެވެ. ފެންފޮދު މާ ހިހޫ ވެއްޖެނަމަ ޔީސްޓް ރަނގަޅަށް މަސައްކަތް ނުކޮށްފާނެއެވެ. އަދި މާ ހޫނުވެއްޖެނަމަވެސް ހަމަ އެހެން ވެދާނެއެވެ). ދެން ފެނުގެ ތެރެއަށް ޔީސްޓާއި ހަކުރު އަޅާ އެއްކޮށްލާފައި 5 މިނިޓުވަރު ނޫނީ އެއިން ފޮނު ހެދި ޔީސްޓް ވަސް ދުވަންދެން ބަހައްޓާލާށެވެ. ފޮނު ނުހެދޭނަމަ ޔީސްޓް އެހެރީ މުއްދަތު ހަމަވެފައެވެ. އެހެން ވެއްޖެނަމަ އާ ޔީސްޓް ހޯދައިގެން އަލުން ފަށާށެވެ.
2. ބޮޑު ބޯތަށްޓެއްގެ ތެރެއަށް ފުށާއި ލޮނު ފުރާނާލާށެވެ. ދެން އޭގެ ތެރެއަށް އޮލިވް އޮއިލް ކޮޅު އަޅާ އެއްކޮށްލާށެވެ. ދެން ޔީސްޓް އެތި ފުށުގެ ތެރެއަށް އޮއްސާލާށެވެ. ތަތް ފުށްގަނޑެއް ހެދެންދެން ސަމުސަލަކުން އެއްކުރާށެވެ.
3. ސާފު ތަނެއްގެ މައްޗަށް ކުޑަ ފުއް ކޮޅެއް (އެއްމެ ގިނަވެގެން ¼ މޭޒުމަތީ ސަމުސާ) ބުރުވާލާށެވެ. ދެން އޭގެ މަތީގައި ފުށްގަނޑު ބާއްވާފައި ފުށްގަނޑު މޮޑެން ފަށާށެވެ. ފުށްގަނޑު މޮޑޭނީ ފުށްގަނޑު އޭގެ މައްޗަށް ފަތްޖަހާ ކަހަލަ ގޮތަކަށް ހަރަކާތްތައް ބަހައްޓައިގެން ނިކަން ބާރު ލައިގެންނެވެ. މި ގޮތަށް ފުށްގަނޑު މޮޑޭނީ 10 މިނިޓު ވަންދެނެވެ. މޮޑޭއިރު ފުށްގަނޑުގައި ތަތްކަމެއް ހުންނާނެއެވެ. އެކަމާ އުނދަގޫ ވާނަމަ އަނެއްކާވެސް ¼ މޭޒުމަތީ ސަމުސާ ވަރުގެ ފުށްކޮޅެއް ފުށްގަނޑު މައްޗަށް ބުރުވާލައިގެން މޮޑޭށެވެ. މޮޑެ ނިމުމުން ފުށްގަނޑު އޮންނާނީ އޮމާން ކޮށެވެ. އަދި އެއިރުންވެސް ކުޑަ ތަތްކަމެއް އޭގައި ހުންނާނެއެވެ.
4. ބޯތަށްޓެއްގެ ފުލާއި އަރިމަތި ތަކުގައި ފަށަލައެއް ލެވޭނެ ގޮތަށް ކުޑަ އޮލިވް އޮއިލް ކޮޅެއް (ގާތްގަނޑަކަށް ½ މޭޒުމަތީ ސަމުސާ) އުނގުޅާލާށެވެ. ދެން ބޯތަށީގެ ތެރެއަށް ފުށްގަނޑު ލާފައި ފޮތިގަނޑަކުން ނޫނީ ޕްލާސްޓިކް ރެޕް ބޭނުން ކޮށްގެން މަތި ބަންދުކޮށްފައި ފުށްގަނޑު ދެގުނައަށް ފުފެންދެން ބަހައްޓާށެވެ. ދޮޅު ގަޑިއިރުގެ ތެރޭގައި ފުށްގަނޑު ފުފޭނެއެވެ.
5. ފުށްގަނޑު ފުފި ނިމުމުން އަނެއްކާވެސް ސާފު ތަނެއްގެ މައްޗަށް ކުޑަ ފުށް ކޮޅެއް (ގާތްގަނޑަކަށް ¼ މޭޒުމަތީ ސަމުސާ) ބުރުވާލުމަށް ފަހު އޭގެ މަތީގައި ފުށްގަނޑު ބާއްވާލާށެވެ. ގޮންމުއްކަވާ ފުށްގަނޑަށް ދެތިން ފަހަރަކު އޮބާށެވެ. އެއީ އޭގައި ހުންނަ ވައި ބޮކިތައް ދުއްވާލުމަށެވެ. ދެން މިނިޓެއްވަރު ވަންދެން އަނެއްކާވެސް ފުށްގަނޑު މޮޑޭށެވެ. ދެން އަނެއްކާވެސް ކުރިން ބޭނުން ކުރި ބޯތަށީގެ ތެރެއަށް ފުށްގަނޑު ލާ މަތި ބަންދު ކޮށްފައި އަނެއްކާވެސް ފުފެން ބައި ގަޑިއިރު ބަހައްޓާށެވެ.
6. ފުށްގަނޑު ދެވަނަ ފަހަރަށް ފުފެމުން ދާއިރު ފިޔާ ގޮޅިކޮށް ކޮށާލާފައި ގިތެޔޮމިރުސް ތުނިކޮށް ކޮށާށެވެ.
7. ތެޔޮކޮޅު ތެއްޔަކަށް އަޅާ ހޫނު ކުރުމަށް ފަހު އޭގެ ތެރެއަށް ފިޔާ އަދި ގިތެޔޮމިރުސް އަޅާށެވެ. ފިޔާކޮޅު މަޑުވަންދެން ކައްކާލާށެވެ.
8. ދެން މަސްދަޅު ފުރާނާ ފުނޑުވާލާފައި ތެލީގެ ތެރެއަށް ލޮނާއި އަސޭމިރުހާއިއެކު އަޅާލާށެވެ. ރަނގަޅަށް އެއްކޮށްލާފައި 45 ސިކުންތުވަރު މެދު ގިނީގައި ކައްކާލާށެވެ. ދެން ހިހޫ ކުރަން އެހައް ބަހައްޓާށެވެ.
9. ޓޮމާޓޯ ތުނިކޮށް ވަށްކޮށް ކޮށާށެވެ. ބެލް ޕެޕަރ ހިމަދިގުކޮށް ކޮށާށެވެ. އޮލިވްތައް ވަށްކޮށް ކޮށާށެވެ. ޗީޒް ނުކޮށާ ހުރިނަމަ ޗީޒްތައްވެސް ކުދިކޮށް ކޮށާލާށެވެ.
10. 230 ޑިގްރީސް ސެލްސިއަސްއަށް އަވަން ހޫނު ކުރަން ޖައްސާފައި ޕިއްޒާ ފިހާނެ ތަބަކުގެ މައްޗަށް ½ ސައިސަމުސަލެއްހާ ކޯން ފްލާ ބުރުއްސާލާށެވެ. ކޯން ފްލާ ނެތިއްޔާ މިހެން ނުހެދިޔަސް ރަނގަޅުވާނެއެވެ. ކޯން ފްލާ އަޅަނީ ޕިއްޒާގެ ފޫ ކުޑަކޮށް މުރަނަ ކޮށްލަން ވެގެންނެވެ. މިގޮތަށް އަވަން ހޫނު ކުރަން ޖައްސާނީ ޕިއްޒާ ފިހަން އަވަނަށް ލުމުގެ 10 މިނިޓު ކުރިންނެވެ.
11. ދެވަނަ ފަހަރަށް ފުށްގަނޑު ފުފި ނިމުނީމައި އަނެއްކާވެސް ފުށްގަނޑު ބޯތަށިން ނަގައި ސާފު ތަނެއްގެ މަތީގައި ބާއްވާފައި ގޮންމުއްކަވާ އެއަށް ދެތިން ފަހަރަކު އޮބާށެވެ. ފުށްގަނޑު ދެބަޔަށް ބަހާލާށެވެ.
12. އެތަނުން އެއް ބައި ނަގާފައި އަތުން ނޫނީ ރޮށި ދަމާއެތި ބޭނުން ކޮށްގެން އެ ވަށް ބައްޓަމަކަށް ގެންނާށެވެ. ވަށް ބައްޓަމަށް ގެންނައިރު އޭގެ ޑަޔަމީޓަރުގައި ބަހައްޓާނީ 10 ބައި އިންޗިއެވެ. ދެން ކުރިން ތައްޔާރު ތަބަކުގެ މަތީގައި އެ ބާއްވާލާށެވެ. ޕިއްޒާގެ އަރިމަތި އުސްކޮށް ހުންނަން ބޭނުންނަމަ އަރިމަތިން ބައި އިންޗިހާ ތަންކޮޅެއް މައްޗަށް ވާގޮތަށް ލަނބާލާށެވެ.
13. ފުށްގަނޑުގެ މަތީގައި 4 މޭޒުމަތީ ސަމުސަލުގެ ހެއިންޒް ޕިއްޒާ ސޯސް ރީތިކޮށް އެއްވަރަށް އުނގުޅާށެވެ.
14. ދެން 1/3 ޖޯޑުގެ މޮޒަރެލާ ޗީޒް ސޯސްމަތީގައި ފަރުރާލާށެވެ. މޮޒަރެލާ ޗީޒްގެ މައްޗަށް ކުރިން ތައްޔާރު ކުރި މަސްގަނޑުގެ ދެބައިކުޅައެއްބައި އަޅާ ފަތުރާލާށެވެ. ދެން މަސްގަނޑުގެ މައްޗަށް ½ ޖޯޑު ޗެޑާ ޗީޒް އަޅައި ފަތުރާލާށެވެ. ދެން އޭގެ މަތީގައި ކޮށި ޓޮމާޓޯގެ ދެބައިކުޅައެއްބައި އަތުރާލާށެވެ. އަދި ޓޮމާޓޯތަކުގެ މަތީގައި ބެލް ޕެޕަރތައް އަތުރާލާށެވެ. ދެން 2/3 ޖޯޑު މޮޒަރެލާ ޗީޒް އަޅާ ރީތިކޮށް އަތުރާލާށެވެ. ދެން އެއްމެ ފަހުކަމަކަށް ކޮށި އޮލިވްތަކުގެ ދެބައިކުޅައެއްބައި އަތުރާލާށެވެ.
15. ހޫނުކުރަން ޖެއްސި އަވަނުގެ މެދު ރެކުގައި ތަބައް ބައިންދައިގެން 230 ޑިގްރީސް ސެލްސިއަސްގައި 15 މިނިޓު ނޫނީ ޗީޒް އާއި ފުށްގަނޑަށް ރަންކުލަ އަރާލަންދެން ފިހާށެވެ.
16. ޕިއްޒާ ފިހެވެމުންދާއިރު 12 އިން 14 އަށް ކިޔައިދީފައިވާ ގޮތަށް ހަދައިގެން ދެވަނަ ޕިއްޒާ ފިހަން ތައްޔާރު ކޮށްފައި އަވަން ހުސްވުމުން 15 ގައި ވާގޮތަށް ފިހާށެވެ.
ނޯޓް: ހެއިންޒް ޕިއްޒާ ސޯސް ކައިރި ފިހާރައަކުން ލިބެން ނެތްނަމަ 5533 301 ނޫނީ 5522 301 އަށް ގުޅާލައިގެން އެ ހޯދޭނެއެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.