މިއީ ވަރަށް ފުރިހަމައަށް ތައި ޓީގެ ހިތްގައިމު ރަހަލާ ޓްރެސް ލެޗެސް ކޭކެކެވެ.
މި ރެސިޕީގެ ތައި ޓީ ބަޔަށް އަހަރުމެން ބޭނުންކޮށްފައި މިވަނީ، އަހަރުމެންގެ ބައިވެރިއެއް ކަމަށްވާ ސިލްވަރ ކުއެސްޓްގެ ފަރާތުން ލިބިފައިވާ، ގްރީން ލީވްސް ޕްރިމިއަމް ތައި ޓީ ކޮންސެންޓްރޭޓެވެ. މިއީ ސައި ފަތުންނާއި އެކި ސްޕައިސްތައް ބޭނުންކޮށްގެން ހަދާފައިވާ ތައި ޓީ ކޮންސެންޓްރޭޓެކެވެ. އެކި ވައްތަރުގެ ބުއިން ތައްޔާރުކުރުމަށް އަދި ފޮނި އެއްޗެހި ތައްޔާރުކުރުމަށް ވެސް މި ކޮންސެންޓްރޭޓް ކަމުދާނެއެވެ.
މި ރެސިޕީއިން ތައްޔާރުކުރެވެނީ: އެއް 7.5-އިންޗި ޓްރޭގެ ކޭކެއް
ބޭނުންވާ ތަކެތި:
ކޭކު ހެދުމަށް
170 ގްރާމް ފުށް
2.5 ސައިސަމުސާ ބޭކިންގް ޕައުޑަރ
¼ ސައިސަމުސާ ލޮނު
2 ބިސް
1/3 ޖޯޑު ހަކުރު
½ ޖޯޑު ތެޔޮ
1/3 ޖޯޑު ގްރީން ލީވްސް ޕްރީމިއަމް ތައި ޓީ ކޮންސެންޓްރޭޓް
¾ ޖޯޑު ގެރިކިރު
2 ސައިސަމުސާ ވެނީލާ އެސެންސް
ތައި ޓީ ތްރީ-މިލްކް މިކްސްޗަރ ތައްޔާރުކުރުމަށް
1 ޖޯޑު ފުލް ކްރީމް ކިރު
1/3 ޖޯޑު އެވަޕޮރޭޓެޑް ކިރު
1/3 ޖޯޑު ގެރިކިރު
2 މޭޒުމަތީ ސަމުސާ ގްރީން ލީވްސް ޕްރީމިއަމް ތައި ޓީ ކޮންސެންޓްރޭޓް
ޓޮޕިންގް ތައްޔާރުކުރުމަށް
1 ޖޯޑު ވިޕިންގް ކްރީމް
3 މޭޒުމަތީ ސަމުސާ ގްރީން ލީވްސް ޕްރީމިއަމް ތައި ޓީ ކޮންސެންޓްރޭޓް
2 މޭޒުމަތީ ސަމުސާ ގެރިކިރު
ހަދާނެ ގޮތް:
1. ފުރަތަމަ، ބޮޑު ބޯތަށްޓަކަށް، 170 ގަރާމް، 2.5 ސައިސަމުސާ ބޭކިންގް ޕައުޑަރ، އަދި ¼ ސައިސަމުސާ ލޮނު ފުރާނާލާށެވެ.
2. ދެން، އެހެން ބޯތަށްޓަކަށް، 2 ބިސް، 1/3 ޖޯޑު ހަކުރު، އަދި ½ ޖޯޑު ތެޔޮ އަޅާލާށެވެ. ހޭންޑް މިކްސަރެއް ބޭނުންކޮށްގެން، މަޑު ދުވެލީގައި 1 މިނެޓު ވަންދެން ގިރާލާށެވެ. ގިރާނިމުމުން ކޭކު ފުށްގަނޑު ހުންނަންވާނީ އޮމާންކޮށްށެވެ.
3. ދެން، މީގެ ތެރެއަށް 1/3 ޖޯޑު ގްރީން ލީވްސް ތައި ޓީ ކޮންސެންޓްރޭޓް އަދި ¾ ޖޯޑު ގެރިކިރު އަޅާލާށެވެ. އިތުރު 30 ސިކުންތު ވަންދެން ގިރާލާށެވެ.
4. ކުރިން ފުރާނާލި ފުށުގެ ތިންބައިކުޅަ އެއް ބައި ކުރިން ގިރާލި ފުށްގަނޑުގެ ތެރެއަށް އަޅާލާށެވެ. އަދި ވިސްކެއް ބޭނުންކޮށްގެން ގިރާލާށެވެ. މިގޮތަށް ހުރިހާ ފުށެއް ހުސްވަންދެން އަޅަމުން، އެއްކުރަމުންދާށެވެ. ދެން 2 ސައިސަމުސާ ވެނީލާ އެސެންސް އަޅާލާފައި ރަނގަޅަށް އެއްވަންދެން ގިރާލާށެވެ.
5. 190 ޑިގްރީ ސެލްސިއަސްގައި 10 މިނެޓު ވަންދެން އަވަން ހޫނުކޮށްލާށެވެ.
6. މި ވަގުތުކޮޅުގެ ތެރޭގައި، ކޭކު ޓްރޭ ތައްޔާރުކޮށްލުމަށް 2 ސައިސަމުސާ ތެޔޮ ޓްރޭގެ އެތެރޭގައި ހަކާލާށެވެ (އަހަރުމެން ބޭނުންކޮށްފައިމިވަނީ ފުޅާ މިނުގައި 7.5 އިންޗި އަދި ފުން މިނުގައި 2 އިންޗި ހުންނަ ޓްރޭއެކެވެ). ދެން އޭގެ މައްޗަށް ފަށަލައަކަށް ވާގޮތަށް މޭޒުމަތީ ސަމުސަލެއްގެ ފުށް ބުރުއްސާލާށެވެ. ސަމުސާ ޓްރޭގެ މެދުގައި ބައިންދާލުމަށް ފަހު މަޑުމަޑުން، ޓްރޭ އަނބުރަމުން، އެއްވަރަށް ފުށް ބުރުއްސަމުންދާށެވެ. ދެން ޓްރޭގެ އަރިއަކަށް ބެއިންދުމަށް ފަހު، އަނބުރަމުން ސަމުސަލުން ފުށް ބުރުއްސަމުންދާށެވެ.
7. ދެން ކޭކު ފުށްގަނޑު ޓްރޭއަށް އަޅާލުމަށް ފަހު، އަވަންގެ މެދު ބައިގައި ބައިންދާލާށެވެ. އަދި 190 ޑިގްރީ ސެލްސިއަސްގައި 40 ނުވަތަ 45 މިނެޓު ވަންދެން ފިހެލާށެވެ. ކޭކު ފިހެ ނިމުމުން މަތީބައި ހުންނަންވާނީ މުށި ކުލައިގައެވެ. އަދި ކޭކުގެ މެދަށް ދަތްކޮށްޓިއެއް ހަރާލަފައި، ނަގާއިރު ހުންނަންވާނީ ސާފުކޮށެވެ.
8. ދެން ކޭކު އަވަނުން ނެގުމަށް ފަހު، ހިހޫކުރުމަށް 15 މިނެޓު ވަންދެން ބަހައްޓާށެވެ. ހިހޫވުމުން ކޭކުގެ އަރިމަތިތަކުގައާއި މަތީގައި މުށި ކުލައިގެ ހުރި ބައިތައް ވަޅިން ތުނިކޮށް ކަފަލާށެވެ. ދެން އުލެއް ބޭނުންކޮށްގެން ކޭކުގެ މަތީގައި ލޯވަޅުތަކެއް ހަދާލާށެވެ. މިހެން ހެދުމުން ކޭކުގެ ތެރެއަށް ކިރު ފޯވާން ފަސޭހަވާނެއެވެ.
9. ތްރީ-މިލްކް މިކްސްޗަރ ތައްޔާރުކުރުމަށް، 1 ޖޯޑު ފުލް ކްރީމް ކިރު، އަދި 1/3 ޖޯޑު ގެރިކިރު އެއްކޮށްލާށެވެ. ތައި ޓީ ރަހަ ލައްވަން، 2 މޭޒުމަތީ ސަމުސާ ގްރީން ލީވްސް ޕްރީމިއަމް ތައި ޓީ ކޮންސެންޓްރޭޓް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.
10. އެއަށް ފަހު، ގިރާލި ކިރު ސަމުސަލަކުން މަދުމަދުން ކޭކުގެ މައްޗަށް އަޅާލާށެވެ. މިހެން ކިރު އަޅާނީ ކޭކުގެ ތެރެއަށް ކިރު ފޯވުމުން އިތުރަށް ކިރުއަޅަމުން ދާށެވެ. ކިރު އެއްކޮށް އަޅާ ނިމުމުން ކޭކު އައިސްއަލަމާރިއަށްލާފައި 30 މިނެޓު ވަންދެން ފިނިކޮށްލާށެވެ.
11. ދެން ކޭކުގެ މަތީގައި ހާކާ އަޅާލަން ވިޕްޑް ކްރީމް ތައްޔާރުކުރާށެވެ. ބޮޑު ބޯތަށްޓަކަށް، 1 ޖޯޑު ވިޕިންގް ކްރީމް އަޅާފައި ހޭންޑް މިކްސަރެއް ބޭނުންކޮށްގެން 'ސޮފްޓް ޕީކްސް' ހެދެންދެން ގިރާލާށެވެ. (ސޮފްޓް ޕީކްސް ހެދުނުކަމަށް ބަލާނީ ގިރާއެތި ކްރީމްގަނޑުގެ ތެރެއިން ނަގާއިރު އޭގައި ކްރީމް ނިކަން ފަސޭހައިން ސޮއްސައިގެން ދާވަރަށް ހަރުވެފައި ހުންނަ ވަރު ވީމައެވެ). އަހަރުމެންނަށް މިކަމަށް ނެގީ 3 ނުވަތަ 4 މިނެޓެވެ. ބޭނުންކުރާ ކްރީމެއްގެ ބްރޭންޑް ނުވަތަ ފިނި ހޫނުމިން ތަފާތުވުމުން ސަބަބުން ކްރީމް ވިޕްވުމަށް ނަގާ ގަޑި ތަފާތު ވެދާނެއެވެ. ނަމަވެސް ކްރީމް ގިރުމުގެ ކުރިން އެ ފިނިކޮށްލުމުން އަވަހަށް ވިޕްވާނެއެވެ.
12. ދެން 3 މޭޒުމަތީ ސަމުސާ ގްރީން ލީވްސް ޕްރީމިއަމް ތައި ޓީ ކޮންސެންޓްރޭޓް އަދި 2 މޭޒުމަތީ ސަމުސާ ގެރިކިރު އަޅާފައި 'ސްޓިފް ޕީކްސް' ހެދެންދެން ގިރާލާށެވެ (ސްޓިފް ޕީކްސް ހެދުނުކަމަށް ބަލާނީ ގިރާއެތި ކްރީމްގަނޑުގެ ތެރެއިން ނަގާއިރު އޭގައި ކްރީމްގެ ބައްޓަން ހިފެހެއްޓޭ ގޮތަށް ހަރުލާފައި ހުންނަ ވަރު ވީމައެވެ). މިކަމަށް އަހަރުމެންނަށް ނެގީ އިތުރު 1 ނުވަތަ 2 މިނެޓެވެ.
13. އައިސްއަލަމާރިން ކޭކު ނަގާފައި ތައްޔާރުކޮށްލި ވިޕްޑް ކްރީމް އޭގެ މަތީގައި ޕައިޕްކޮށްލާށެވެ. ކެއުމުގެ ކުރިން، 1 ނުވަތަ 2 ގަޑިއިރު ވަންދެން އައިސްއަލަމާރީގައި ކޭކު ފިނިކޮށްލަން ވާނެއެވެ.
ސިލްވަރ ކުއެސްޓް މާލެ ފިހާރަ: މެދުޒިޔާރަތް މަގު، މަޖީދިއްޔާ ސްކޫލް ކުރިމަތި
ހުޅުމާލެ ފިހާރަ: ލޮޓް 10680، ހައިވަކަރު މަގު
ގުޅޭނެ ފޯނު ނަންބަރު: 7645522
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.