މިއީ ސްޓްރޯބެރީ ކޭކާއި، ސްޓްރޯބެރީ ބަޓަރކްރީމް، އަދި ސްޓްރޯބެރީ ސޯސް އަޅައިގެން ތައްޔާރު ކުރާ ކޭކެވެ. މި ކޭކު އާއިލީ އެކިއެކި އެއްވުންތަކަށާއި މިނޫންވެސް ކަންކަމަށް ހަދާލުމަށް ވަރަށް ފުރިހަމަ ވާނެއެވެ.
މި ކޭކު ހެދުމަށް އަހަރުމެން ބޭނުންކޮށްފައި މިވަނީ އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ، ސޯސަން ފިހާރައިގެ ފަރާތުން ލިބިފައިވާ، ޕިލްސްބަރީ ސްޓްރޯބެރީ ކޭކު މިކްސްއެވެ. މި ޕެކެޓުން ހަދާ ކޭކު އެހާމެ މީރުވެފައި، ފިހެލާއިރު ވަރަށް މީރު ވަހެއްވެސް ދުވައެވެ. މި ކޭކުގައި ވަރަށް ރަހަމީރު ސްޓްރޯބެރީ ރަހައެއްލައެވެ. އަދި މި ކޭކު ތައްޔާރު ކުރަން ފަސޭހަވެފައި އަވަހެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 8 ނުވަތަ 9 މީހުންނަށް ކެވޭވަރަށެވެ.
ބޭނުންވާ ތަކެތި:
ކޭކު ފިހުމަށް
3 ބިސް
2/3 ޖޯޑު ކިރު
¼ ޖޯޑު ތެޔޮ
1 ޕެކެޓު ޕިލްސްބަރީ ސްޓްރޯބެރީ ކޭކު މިކްސް
½ 1 ސައިސަމުސާ އަންސޯލްޓެޑް ބަޓަރު (ކޭކު އަޅާ ތަބަކުގައި އުގުޅުމަށް)
ބަޓަރުކްރީމް ހެދުމަށް
180 ގްރާމް އަންސޯލްޓެޑް ބަޓަރު (ރޫމް ޓެމްޕަރޭޗަރއަށް ފިނި ކަނޑުވާލާފައި)
¾ ޖޯޑު އައިސިން ޝުގަރ
6 މޭޒުމަތީ ސަމުސާ ވިޕިންގް ކްރީމް
3 މޭޒުމަތީ ސަމުސާ ސްޓްރޯބެރީ ޖޭމް
½ ސައިސަމުސާ ވެނީލާ އެސެންސް
ސްޓްރޯބެރީ ސޯސް ހެދުމަށް
1 ޖޯޑު ކުދިކޮށް ކޮށާފައި ހުރި ސްޓްރޯބެރީ
½ 2 މޭޒުމަތީ ސަމުސާ ހަކުރު
1 މޭޒުމަތީ ސަމުސާ ބޮޑު ލުނބޯ ހުތް
ހަދާނެގޮތް:
1. އެންމެ ފުރަތަމަ ބަޓަރކްރީމް ހެދުމަށް ބޭނުންވާ ބަޓަރު އައިސްއަލަމާރިން ނަގާފައި ފިނިކަން ކަނޑުވާލުމަށް ބަހައްޓާށެވެ. އަހަރުމެން ބަޓަރުކޮޅު ފްރިޖުން ބޭރުގައި ބެހެއްޓީ ގާތްގަނޑަކަށް ބައިގަޑިއިރު ވަންދެންނެވެ. ބަޓަރު ބޭނުން ވާވަރަށް ފިނިކެނޑުމުން އަތްލާއިރު ކުޑަ ފިނިކަމެއް ހުރެފައި، އޭގެ ތެރެއަށް އިނގިލިން ފަސޭހައިން ފިތާލެވޭނެއެވެ. ކްރީމްގަނޑު ހެދުމަށް މާ ފިނިކޮށް ހުންނަ ބަޓަރު ނޫނީ ހޫނުކޮށް ހުންނަ ބަޓަރު ބޭނުންކުރަން އެހާ ރަނގަޅެއް ނޫނެއެވެ.
2. ދެން، ބޮޑު ބޯތަށްޓެއްގައި 3 ބިހާއި، 2/3 ޖޯޑު ކިރު، އަދި ¼ ޖޯޑު ތެޔޮ ވިސްކްއެއް ބޭނުންކޮށްގެން އެއްވަންދެން ގިރާށެވެ. އެއަށްފަހު 1 ޕެކެޓު ޕިލްސްބަރީ ސްޓްރޯބެރީ ކޭކު މިކްސް އަޅާލާފައި އިތުރު ދެތިން މިނެޓު ވަންދެން ނުވަތަ ކޭކު ފުއްގަނޑުގައި ގުޅަގުޅަ ނުހުންނަވަރަށް ގިރާލާށެވެ.
3. އަވަން 180 ޑިގްރީ ސެލްސިއަސްގައި 10 މިނެޓު ވަންދެން ހޫނުކޮށްލާށެވެ. އަހަރުމެން މި ކޭކު ފިހަން ބޭނުން ކުރީ 7-އިންޗި ބޮޑު، ވައް، ތިން ތަބަކެވެ. އަދި ކޮންމެ ތަބަކެއްގެ އެތެރޭގައި ½ ސައިސަމުސާ އަންސޯލްޓެޑް ބަޓަރު އުނގުޅުމަށްފަހު، ތިން ބަޔަށް އެއްވަރަށް ކޭކު ފުއްގަނޑު ކޮންމެ ތަބަކަކަށް ވެސް އަޅާލާށެވެ. އެއަށްފަހު، މޭޒުމަތީގައި މަޑުމަޑުން ތަބަކުގެ ބުޑު ޖަހާލާށެވެ. އޭރުން ކޭކު ފުށްގަނޑު ތެރޭގައި ހެދިފައި ހުންނަ ބޮޑު ވައި ބޮކިތަށް ފަޅައިގެން ދާނެއެވެ.
4. ދެން ކޭކުތައް 180 ޑިގްރީ ސެލްސިއަސްގައި 20 މިނެޓު ވަންދެން ނުވަތަ ކޭކުގެ މެދަށް ދަނޑިކޮޅެއްލާފައި ނަގާއިރު އޭގައި ކޭކު ހަރުނުލާ ހުންނަ ވަރަށް ފިހެލާށެވެ. ކޭކު ފިހެ ނިމުމުން 15 މިނެޓު ވަންދެން ހިހޫކޮށްލުމަށްފަހު އައިސްއަލަމާރިއަށްލާފައި 20 މިނެޓު ވަންދެން ފިނިކޮށްލާށެވެ.
5. މިހާރު ކޭކަށް ބޭނުންވާ ބަޓަރކްރީމް ހަދާށެވެ. މިކަމަށް ބޮޑު ބޯތަށްތަކަށް 180 ގްރާމް އަންސޯލްޓެޑް ބަޓަރު (ރޫމް ޓެމްޕަރޭޗަރއަށް ފިނި ކަނޑުވާލާފައި) އަޅާލުމަށްފަހު، 1 މިނެޓު ވަންދެން ނުވަތަ ބަޓަރު މަޑު ވަންދެން، އަތުން ގިރާކަހަލަ ކަރަންޓު މިކްސަރަކުން މަޑު ދުވެލީގައި އެއްކުރާށެވެ.
6. ދެން، އެއަށް 1 ޖޯޑު އައިސިން ޝުގަރ އަޅާލުމަށްފަހު، ސަމުސަލެއް ނުވަތަ އެކަހަލަ އެއްޗަކުން މެދުމިންވަރަކަށް އެއްކޮށްލާށެވެ. އޭރުން މިކްސަރުން އެއްކުރާއިރު ބުރަބުރައިގެން ނުދާނެއެވެ. ދެން، މަޑު ދުވެލީގައި އިތުރު އެއް މިނެޓު ވަންދެން، އަތުން ގިރާ މިކްސަރުން ބަޓަރު އަދި ހަކުރު އެއްކޮށްލާށެވެ. މިހާރު ކްރީމްގަނޑު ހުންނާނީ މަޑުމަޑު ރީނދޫ ކުލައެއްގައެވެ.
7. އެއަށްފަހު، 6 މޭޒުމަތީ ސަމުސާ ވިޕިންގް ކްރީމް، 3 މޭޒުމަތީ ސަމުސާ ސްޓްރޯބެރީ ޖޭމް އަދި ½ ސައިސަމުސާ ވެނީލާ އެސެންސް އަޅާލާށެވެ. އަދި ފަހު ފަހަރަށް ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. މިހެން ވިޕިންގް ކްރީމް ކޮޅެއް އަޅާލުމުން ބަޓަރކްރީމް ބޮޑަށް އޮމާންވެ، ބޭނުންކޮށްލުމަށް ފަސޭހަވާނެއެވެ. ބަޓަރކްރީމް ހަދާ ނިމުމުން ހުންނާނީ މަޑު ފިޔާތޮށި ކުލައެއްގައެވެ. ދެން ބޮޑު ނޮޒަލްއެއް ލާފައި އިން ޕައިޕިންގް ބޭގް އަކަށް ބަޓަރުކްރީމް އަޅާލާފައި ވަކިން ބަހައްޓާށެވެ. ބޭނުންކުރާ ޖޭމް މާ ދިޔާނަމަ ބަޓަރކްރީމްގައި ފެން ހެދިދާނެއެވެ. މިހެން ވެއްޖެނަމަ ޓިޝޫކޮޅަކުން ފެން ހިންދާލާށެވެ. ނޫނީ ވިޕިންގް ކްރީމް އެޅުމުގެ ކުރިން އެބައި އުކާލާށެވެ.
8. ދެން، ސްޓްރޯބެރީ ސޯސް ހެދުމަށް، 1 ޖޯޑު ކުދިކޮށް ކޮށާފައި ހުރި ސްޓްރޯބެރީއާއި، ½ 2 ޖޯޑު ހަކުރު، އަދި 1 މޭޒުމަތީ ސަމުސާ ބޮޑު ލުނބޯ ހުތް ކުޑަ ތަވަޔަކަށް އަޅާލާށެވެ. އެއަށްފަހު، މެދު ގިނީގައި 6 ނުވަތަ 7 މިނެތު ވަންދެން، ނޫނީ ސްޓްރޯބެރީކޮޅު މަޑުވެ ސޯސް ހެދެންދެން ހަލަމުން ކައްކާށެވެ. ބޮޑުކޮށް ހުރި ސްޓްރޯބެރީ ކޮޅުތައް ދޭފަތުން ޗަސްކޮށްލާށެވެ. މިހާރު ސޯސްގަނޑު ހުންނާނީ ގަދަ ރަތް ކުލައެއްގައެވެ.
9. ދެން، ކޭކު ތައްޔާރު ކުރުމަށް، އެއް ކޭކު ފަތި ތަށްޓެއްގެ މަތީގައި ނުވަތަ ބޯޑެއްގެ މަތީގައި، މަތީ ބައި ތިރިޔަށް ވާހެން ބާއްވާލާށެވެ (އޭރުން އެއްވަރަށް ކޭކު ހުންނާނެއެވެ). ދެން ވަރަށް ތުނި ފަށަލައެއްގެ ބަޓަރކްރީމް ކޭކުގެ މަތީގައި ހާކާލާށެވެ (ގާތްގަނޑަކަށް ދެތިން މޭޒުމަތީ ސަމުސާއެވެ).
10. އެއަށްފަހު، ކޭކުގެ މަތީގައި (ކައިރިފަށުން 1 ސެންޓިމީޓަރ ވަރު ދޫކޮށްފައި) ވަށާ ބަޓަރކްރީމް ޕައިޕްކޮށްލާށެވެ. އަދި ސަމުސަލެއް ނުވަތަ އެކަހަލަ އެއްޗަކުން މެދާ ދިމާލަށް ބަޓަރކްރީމް އޮމާންކޮށްލާށެވެ. މިހެން ހަދާއިރު ބޭރުފުށަށްވާބައި ހުރި ގޮތަށް ބޯކޮށް ބަހައްޓާށެވެ. އޭރުން ސްޓްރޯބެރީ ސޯސް އެޅުމުން ބޭރަށް ލީކު ނުވާނެއެވެ.
11. ދެން، ސްޓްރޯބެރީ ސޯސްގެ އެއްބައި ޕައިޕްކުރި ކޭކުގެ މެދަށް އަޅާލާފައި އެއްވަރުކޮށްލާށެވެ. އެއަށްފަހު ދެވަނަ ކޭކު އޭގެ މައްޗަށްލާފައި، ކުރިން ހެދިހެން ބަޓަރކްރީމްއާއި ސޯސްއަޅާށެވެ.
12. ދެން އެންމެ ފަހު ކޭކު އެންމެ މައްޗަށްލާށެވެ. އަދި ބާކީ ހުރި ބަޓަރކްރީމް މުޅި ކޭކު ވަށާ ޕައިޕްކޮށްފައި، ސަމުސަލެއް ނުވަތަ އެކަހަލަ އެއްޗަކުން ރީއްޗަށް އޮމާންކޮށްލާށެވެ. ބޭނުންވާނަމަ ކޭކުގެ މަތި ރީތިކޮށްލުމަށް ސްޓްރޯބެރީ ފޮތިތައް އަތުރާލެވޭނެއެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.