މިފަހަރު މިއޮތީ ސްޓްރޯބެރީ ޗީޒްކޭކު ތައްޔާރުކުރާނެ ގޮތުގެ ރެސިޕީއެކެވެ. މި ޗީޒްކޭކުގައި ވަރަށް މީރު ބިސްކޯދު ބޭސްއަކާއި އެކު ހުތްފޮނި ރަހަލާ ސްޓްރޯބެރީ ސޯސްއެއް ވެސް ހިމެނިފައިވެއެވެ.
މި ރެސިޕީގެ ބިސްކޯދު ބޭސް ހެދުމަށް ބޭނުންކޮށްފައި މިވަނީ އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ އެސް.އެންޑް.އޯ (ސްޓޭންޑަރޑް އެންޑް އޮރިޖިން)ގެ ފަރާތުން ލިބިފައިވާ ބްރައިޓްސް ބަޓަރ ކްރީމް ސޭންޑްވިޗް ބިސްކަޓްސްއެވެ. މި ބިސްކޯދުގައި މަޑު ލޮނު ރަހައެއް ހުރުމުގެ ސަބަބުން އޭގެ މެދުގައިވާ ކްރީމްގެ ފޮނި ރަހައާ އެކު ކާލަން ވަރަށް މީރެވެ. އަދި ބްރައިޓްސް ބަޓަރ ކްރީމް ސޭންޑްވިޗް ބިސްކަޓްސްއަކީ ފެޓްސްގެ ބާވަތްތައް މަދު، ފައިދާ ހުރި ބިސްކޯދެކެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 5 ނުވަތަ 7 ޗީޒްކޭކު ފޮތި
ބޭނުންވާ ތަކެތި:
ބިސްކޯދު ބޭސް ހެދުމަށް
2 ޕެކެޓް ބްރައިޓްސް ބަޓަރ ކްރީމް ސޭންޑްވިޗް ބިސްކަޓްސް (24 ބިސްކޯދު)
ޗީޒްކޭކު ފިލިންގްއަށް
300 ގްރާމް ފިނިކަނޑުވާފައި ހުރި ކްރީމް ޗީޒް
½ ޖޯޑު ހަކުރު
1.5 މޭޒުމަތީ ސަމުސާ ގްރީކް ޔޯގަޓް
2 ސައިސަމުސާ ލުނބޯ ހުތް
1 ބިސް
1 ސައިސަމުސާ ވެނީލާ އެސެންސް
ސްޓްރޯބެރީ ސޯސްއަށް
1 ޖޯޑު ކޮށާފައި ހުރި ސްޓްރޯބެރީ (ހަތަރު ބަޔަށް)
2.5 މޭޒުމަތީ ސަމުސާ ހަކުރު
1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
ހަދާނެ ގޮތް:
1. އެންމެ ފުރަތަމަ 2 ޕެކެޓް ބްރައިޓްސް ބަޓަރ ކްރީމް ސޭންޑްވިޗް ބިސްކަޓްސްގެ ބިސްކޯދު ބަޔާއި ކްރީމްކޮޅު ވަކިކޮށްލުމަށް ފަހު ދެ ބައި ވަކިން ބަހައްޓާށެވެ.
2. ދެން ވަކިކޮށްލި ބިސްކޯދުތައް މިކްސަރަށް އަޅާލުމަށް ފަހު ހިމުންވަންދެން ނުވަތަ 2 މިނެޓް ވަރު ވަންދެން މުގުރާލާށެވެ.
3. ދެން މުގުރި ބިސްކޯދުތަކާއި ކުރިން ވަކިކޮށްލި ކްރީމްކޮޅުގެ ދެބައިކުޅަ އެއްބައި ބޮޑު ބޯތަށްޓަކަށް އަޅާލާށެވެ. އަދި އަތުން ބިސްކޯދާއި ކްރީމްތައް ރަނގަޅަށް އެއްވެ ތަތްވަންދެން އެއްކޮށްލާށެވެ.
4. ވަށް ތަބަކެއްގެ ފުލުގައި ބޭކިންގް ކަރުދާސް އަޅާލާށެވެ. ބޭކިންގް ކަރުދާސް އަޅަން ވާނީ ތަބަކުގެ ސައިޒާއި ބައްޓަމަށް އެ ކަފާލައިގެންނެވެ. މިކަމަށް އަހަރުމެން ބޭނުން ކުރީ 6 ނުވަތަ 7 އިންޗީގެ ތަބަކެކެވެ. (ޗީޒްކޭކު ފަސޭހައިން ތަބަކުން ނެގުމަށްޓަކައި އަހަރުމެން ބޭނުންކުރީ އަރިމަތިތައް ނައްޓާލެވޭ ވައްތަރުގެ ތަބަކެކެވެ. ނަމަވެސް މިކަހަލަ ތަބަކެއް ކޮންމެހެން ބޭނުން ނުކުރިޔަސް ރަނގަޅުވާނެއެވެ).
5. ބޭކިންގް ކަރުދާސް ފުލުގައި އެޅުމަށް ފަހު ކުރިން މުގުރި ބިސްކޯދުތައް ތަބަކުގެ ތެރެއަށް އަޅާ އެއިން އޮމާން ފަށަލައެއް ހަދާލާށެވެ. މިކަން އަހަރުމެން ކުރީ ބިއްލޫރި ތަށްޓެއްގެ ފުލުން އޮބައި އޮމާންކޮށްގެންނެވެ. މިހެން ހަދާއިރު އަރިމަތިން 1 ނުވަތަ 1.5 އިންޗި މައްޗަށް ބިސްކޯދުތައް ގެންނަންވާނެވެ. އަދި ހުރިހާ ހިސާބެއްގައި ވެސް އެއް ބޯމިނަކަށް ބިސްކޯދު ބަހައްޓަން ސަމާލުކަންދޭން ވާނެއެވެ.
6. ދެން ބިސްކޯދު ތަބައް އަވަނަލުމަށް ފަހު 170 ޑިގްރީ ސެލްޝިއަސްގައި 15 މިނެޓް ވަންދެން ނުވަތަ ބިސްކޯދުތަކަށް ރަން ކުލައެއް އަރަންދެން ފިހެލާށެވެ. ފިހެ ނިމުމުން އަވަނުން ނަގާލުމަށް ފަހު މަދުވެގެން 10 މިނެޓްވަންދެން ހިހޫކޮށްލުމަށް ބަހައްޓާށެވެ.
7. ދެން ޗީޒްކޭކުގެ ފިލިންގް ތައްޔާރުކޮށްލާށެވެ. މިކަމަށް 300 ގްރާމް އެއްކޮށް ފިނިކަނޑުވާފައި ހުރި ކްރީމް ޗީޒްއާއި ½ ޖޯޑު ހަކުރު ބޮޑު ބޯތަށްޓަކަށް އަޅާލާށެވެ. ދެން އަތުން ގިރާ ކަހަލަ ކަރަންޓު މިކްސަރެއް ބޭނުންކޮށްގެން މަޑު ދުވެލީގައި 5 މިނެޓް ވަންދެން ނުވަތަ ކްރީމް ޗީޒްއާއި ހަކުރު އެއްކޮށް އެއްވެ އޮމާންވަންދެން ގިރާލާށެވެ.
8. އެއަށް ފަހު، މީގެ ތެރެއަށް 1.5 މޭޒުމަތީ ސަމުސާ ގްރީކް ޔޯގަޓްއާއި 2 ސައިސަމުސާ ލުނބޯ ހުތް އަޅާލުމަށް ފަހު ހަމަ މަޑު ދުވެލީގައި ކްރީމް ޗީޒްބަޔާއި އެއްކޮށްލާށެވެ.
9. ދެން އެހެން ކުޑަ ތަށްޓަކަށް 1 ބިސް ތަޅާލުމަށް ފަހު އުލެއް ބޭނުންކޮށްގެން ގިރާލާށެވެ. އަދި ފަހަރަކު ކުޑަ ބިސްކޮޅެއް ކްރީމް ޗީޒްގަނޑު ތެރެއަށް އަޅަމުން މަޑު ދުވެލީގައި މިކްސަރުން ގިރާށެވެ.
10. ބިސް އަޅާ ނިމުމުން 1 ސައިސަމުސާ ވެނީލާ އެސެސެންސް އަޅާލާށެވެ. އަދި ބޮޑު ސަމުސަލެއް ބޭނުންކޮށްގެން މަޑުމަޑުން ހުރިހާ އެއްޗަކާއި އެއްކޮށްލާށެވެ.
11. އެއަށް ފަހު ހިހޫކޮށްލި ބިސްކޯދު ބޭސްގެ މައްޗަށް ކްރީމް ޗީޒް ފިލިންގް އަޅާފައި ސަމުސަލަކުން މަތި އޮމާންކޮށްލާށެވެ.
12. ޗީޒްކޭކު ތަބަށް ފިހުމަށް ތައްޔާރުކުމަށްޓަކައި އެލުމިނިއަމް ފޮއިލް ޝީޓެއް (ގާތްގަޑަކަށް 1.5 ފޫޓުގެ ދެ ޝީޓް) މޭޒު ނުވަތަ ބަދިގެ ކައުންޓަރު މަތީގައި ދިގަށް ބާއްވާށެވެ. ދެން އަދި ހަމަ މި ސައިޒުގެ އެހެން އެލުމިނިއަމް ފޮއިލް ޝީޓެއް އޭގެމަތީގައި ހުރަހަށް ބާއްވާށެވެ.
13. ދެން ޗީޒްކޭކު ތަބައް ފޮއިލްތަކުގެ މެދުގައި ބަހައްޓާލާށެވެ. އަދި ތަބަކުގެ އަރިމަތީގައި އެއްކޮށް ފޮއިލް އޮޅާލާށެވެ.
14. ދެން މި ތަބަކަށް ވުރެ ބޮޑު އަދި ދެތިން އިންޗި ފުން އެހެން ހަތަރެސްކަން ހުންނަ ތަބަކެއް ނަގާށެވެ. އޭގެ މެދުގައި ޗީޒްކޭކް ތަބަށް ބައިންދާލާށެވެ. އަދި ބޮޑު ތަބަކުގެ 1 އިންޗި ފުންމިން ވާ ވަރަށް ހޫނު ފެން އަޅާލާށެވެ.
15. އެއަށް ފަހު ޗީޒްކޭކު އަވަނަށްލާފައި 15 މިނެޓް ވަންދެން 220 ޑިގްރީ ސެލްޝިއަސްގައި ފިހެލާށެވެ.
16. 15 މިނެޓްވުމުން އަވަނުގެ ދޮރު ނުހުޅުވާ 110 ޑިގްރީ ސެލްޝިއަސްއަށް ހޫނުމިން މަޑުކޮށްލުމަށް ފަހު އިތުރު 1 ގަޑިއިރާއި 5 މިނެޓް ވަންދެން ޗީޒްކޭކު ފިހެލާށެވެ. ފިހެ ނިމުމުން ޗީޒްކޭކުގެ މަތި ހުންނަން ވާނީ މަޑު ރަން މުށި ކުލައެއްގައެވެ. އަދި ތަބައް ހަލުވާލުމުން ކޭކުގެ މެދު ކުޑަކޮށް ހެލެން ވާނެއެވެ.
17. ދެން އަވަނުން ތަބައްތައް ނެގުމަށް ފަހު ބޮޑު ތަބަކުން ޗީޒްކޭކު ތަބައް ނަގާށެވެ. އަދި މީގެ ބޭރުފުށުގައި އޮޅާލި އެލުމިނިއަމް ފޮއިލް ނައްޓާލުމަށް ފަހު 30 ނުވަތަ 45 މިނެޓް ވަންދެން ހިހޫކޮށްލުމަށް ބަހައްޓާށެވެ.
18. އެއަށް ފަހު ތަބަކުގެ މަތި ޕްލާސްޓިކް ވްރެޕްއިން ބަންދުކޮށްލާށެވެ. އަދި 8 ގަޑިއިރު ވަންދެން އައިސްއަލަމާރިއަށްލާ ފިނިކޮށްލާށެވެ.
19.ދެން ތައްޔާރުކަރަން ޖެހޭނީ ޗީޒްކޭކުގެ މައްޗަށް އަޅާ ސްޓްރޯބެރީ ސޯސްއެވެ. މިކަމަށް ފުރަތަމަ ½ ޖޯޑު ކުދިކޮށް ކޮށާފައި ހުރި ސްޓްރޯބެރީއާއި 2.5 މޭޒުމަތީ ސަމުސާ ހަކުރު އަދި 1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް ކުޑަ ތެއްޔަކަށް އަޅާލާށެވެ.
20. ދެން މަޑު ގިނީގައި 6 ނުވަތަ 7 މިނެޓް ވަންދެން ނުވަތަ ސްޓްރޯބެރީކޮޅު މަޑުވެ ސޯސްއަކަށް ވަންދެން ހަލަމުން ކައްކާލާށެވެ.
21. ސޯސްގައި ހުރި ބޮޑެތި ސްޓްރޯބެރީކޮޅުތައް ދޭފަތުން ޗަސްކޮށްލުމަށް ފަހު ބާކީ ހުރި ½ ޖޯޑު ކުދިކޮށް ކޮށާފައި ހުރި ސްޓްރޯބެރީތައް އަޅާފައި އެއްކޮށްލާށެވެ. ދެން އުނދުން ނިވާލުމަށް ފަހު 5 ނުވަތަ 10 މިނެޓް ވަންދެން ސޯސް ހިހޫކޮށްލުމަށް ބަހައްޓާށެވެ.
22. ޗީޒްކޭކު ފިނިވުމުން އައިސްއަލަމާރިން ނަގާފައި ސްޓްރޯބެރީ ސޯސް އޭގެ މައްޗަށް އަޅާލާށެވެ. އަދި ކެފުމުގެ ކުރިން ތަބަކުން ނަގާލާށެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.