މިއީ ރޯޒް ސިރަޕް ރަހަލައްވާފައިވާ ސްޕޮންގް ކޭކެކެވެ. ކޭކު ފިހުމަށްފަހު ތިން ވައްތަރުގެ ކިރުން އެ ވަނީ ފޯކޮށްފައެވެ. ދެން އެހެރީ ކޭކުގެ މަތީގައި ވިޕްޑް ކްރީމް ފަތުރާލާފައެވެ.
އިވެޕޮރޭޓަޑް ކިރު ނުލިބޭ ނަމަ އޭގެ ބަދަލުގައި ފުލް ކްރީމް ކިރުކޮޅެއް ބޭނުން ކުރާށެވެ.
އަދި ވިޕްޑް ކްރީމް ހަދަން ބޭނުން ކުރާނެ އަތުން ހިފާ ކަރަންޓު މިކްސަރެއް ނޫނީ ސްޓޭންޑް މިކްސަރެއް ނެތްނަމަ ފުޅީގައި ބަންދުކޮށްފައި ހުންނަ ކޭކުގެ މައްޗަށް ސްޕްރޭ ކުރާ ވައްތަރުގެ ރެޑީ މޭޑް ވިޕްޑް ކްރީމް ބޭނުން ކުރެވިދާނެއެވެ.
ކޭކަށް ބޭނުންވާ ތަކެތި:
1 ޖޯޑު ފުށް
2 ½ ސައިސަމުސާ ބޭކިންގް ޕައުޑަރ
¼ ސައިސަމުސާ ލޮނު
1/3 ޖޯޑު ފުލް ކްރީމް ކިރު
3 ½ މޭޒުމަތީ ސަމުސާ ރޯޒް ސިރަޕް
2 ބިސް
½ ޖޯޑު ހަކުރު
½ ޖޯޑު ތެޔޮ
ކޭކު ފޯކުރަން ބޭނުންވާ ތަކެތި:
1 ޖޯޑު ފުލް ކްރީމް މިލްކް
½ ޖޯޑު ގެރިކިރު
½ ޖޯޑު އިވެޕޮރޭޓަޑް ކިރު
15 މޭޒުމަތީ ސަމުސާ ރޯޒް ސިރަޕް
ޓޮޕިންގްއަށް ބޭނުންވާ ތަކެތި:
1 ޖޯޑު ވިޕިންގް ކްރީމް
½ މޭޒުމަތީ ސަމުސާ ހަކުރު
ހަދާނެ ގޮތް:
1. ½ 7 އިންޗި ޑަޔަމީޓަރުގައި ހުރި ވަށް ކޭކު ފިހާ ތަބަކެއްގެ ފުލުގައާއި އަރިމަތި ތަކުގައި 2 ސައިސަމުސަލެއްހާ ތެޔޮ އުނގުޅާލާށެވެ. ދެން އުނގުޅާފައި ހުރި ތެޔޮތަކުގެ މައްޗަށް މޭޒުމަތީ ސަމުސަލެއްހާ ފުށް ބުރުއްސާލާށެވެ. ތަބަކަށް ފުށްކޮޅު އަޅާލާފައި ތަބަކުގައި ކުޑަކޮށް ތަޅާލާ ތަޅުވާލީމާ ރީތިކޮށް ފަށަލައެއްހެން ފުށްތައް ބުރުއްސިގެން ދާނެއެވެ. ތަބައް އަރި ކޮށްލާފައި އަރިމައްޗަށް ވެސް މިގޮތަށް ބުރުއްސާލެވޭނެއެވެ. ތަބަކުގެ ތެރޭގައި ފުށް ގިނަ ވެފައި ހުރިނަމަ އެކޮޅު ކޮޅުން ބާއްވާފައި ދެތިން ފަހަރަކު ފުލުގައި ޖަހާލީމާ ގިނަވާ ފުށްތައް ދާނެއެވެ.
2. ފުށާއި، ބޭކިންގް ޕައުޑަރާއި ލޮނު ބޯތަށްޓެއްގެ ތެރެއަށް ފުރާނާލާފައި އެހަށް ބަހައްޓާށެވެ.
3. ރޯޒް ސިރަޕާއި ފުލް ކްރީމް ކިރު ކުޑަ ބޯތަށްޓެއްގައި އެއްކޮށްލާފައި އެހަށް ބަހައްޓާށެވެ.
4. 180 ޑިގްރީސް ސެލްސިއަސްއަށް އަވަން ހޫނު ކުރަން ޖައްސާށެވެ. އެއްމެ މަދުވެގެން، ކޭކު ފިހަން އަވަނަށް ލުމުގެ 10 މިނެޓު ކުރިން ހޫނު ކުރަން ޖައްސަން ވާނެއެވެ.
5. ދެން ބިހާއި ހަކުރާއި ތެޔޮ އެއްކުރާށެވެ. މިކަމަށް އަތުން ހިފާ ކަރަންޓު މިކްސަރު، ސްޓޭންޑް މިކްސަރު، ނޫނީ ޖޫސް ގިރަން ބޭނުން ކުރާ މިކްސަރުވެސް ބޭނުން ކުރެވިދާނެއެވެ. އެއްކުރާނީ ރަނގަޅަށް އެއްވެ، ކުލަ ކޮންމެވެސް ވަރަކަށް އަލިވެ، އޮލަކަމެއް އެއަށް އަންނަން ދެނެވެ. ޖޫސް ގިރާ މިކްސަރު ބޭނުން ކުރާ ނަމަ މަޑު ދުވެލީގައި 2 މިނެޓު އެއްކޮށްލީމާ ރަނގަޅުވާނެއެވެ. އުލެއް ބޭނުން ކޮށްގެން އަތުން ވެސް މިކަން ކުރެވިދާނެއެވެ. މިހެން އެއްކުރާނަމަ 10 ވަރަކަށް މިނެޓު އެއްކުރަން ވާނެއެވެ.
6. ޖޫސް ގިރާ އެތީގައި ބިސްތައް ގިރި ނަމަ ބޯތަށްޓަކަށް މިކްސަރުގައި ހުރި ސާމާނު އޮއްސާލާށެވެ.
7. ގިރާފައި ހުރި ބިސްތަކުގެ ތެރެއަށް ފުށް އެތިން 4 މޭޒުމަތީ ސަމުސާ ވަރުގެ އެތިކޮޅެއް އަޅާ މަޑުމަޑުން އެއްކޮށްލާށެވެ. މިކަމަށް ސަމުސަލެއް ބޭނުން ކުރެވިދާނެއެވެ.
8. ދެން ރޯޒް ސިރަޕާއި ކިރު އެއްކޮށްފައި ބެހެއްޓި އެތިން 2 މޭޒުމަތީ ސަމުސާ ވަރުގެ އެތިކޮޅެއް ބިސްތަކުގެ ތެރެއަށް އަޅާލާފައި އަނެއްކާވެސް މަޑުމަޑުން އެއްކޮށްލާށެވެ.
9. މިގޮތަށް 7 އަދި 8 ގައި ބުނެފައިވާ ގޮތަށް ފުށާއި ކިރު އަޅައި އެއްކުރަމުން އެތަކެތި ހުސްކޮށްލާށެވެ.
10. ކުރިން ތައްޔާރު ކުރި ތަބަކުގެ ތެރެއަށް އެއްކުރި ސާމާނު އޮއްސާލާށެވެ.
11. ހޫނު ކުރަން ޖެއްސި އަވަނުގެ މެދު ރެކުގައި ތަބައް ބައިންދައިގެން ފިހާށެވެ. ފިހާނީ މައްޗަށް ރަން މުށި ކުލަ އަރައި މެދަށް ދަތްކޮށްޓިއެއް ހަރާލާފައި ނަގާއިރު އޭގައި އެއްވެސް އެއްޗެއް ހަރުނުލާ ހުންނާނެ ވަރަށެވެ. އަހަރުމެންގެ ކޭކު ފިހެވުނީ 30 މިނެޓުންނެވެ. އެކަމަކު އެކި އަވަނުން ފިހެވޭ އިރު ތަފާތު ވެދާނެތީ މިކަމަށް ސަމާލު ވެލަން ވާނެއެވެ.
12. ކޭކު ފިހެވުމުން އަވަނުން ނަގާށެވެ. އަދި ކޭކު ފިހާ ތަބަކުން ނުނަގައި އެއްކޮށް ހިހޫވަންދެން ބަހައްޓާށެވެ.
13. ކޭކު ފިހެވެމުންދާއިރު ކޭކު ފޯކުރަން ބޭނުން ކުރަން ހުރި ހުރިހާ އެއްޗެއް ބޯތަށްޓެއްގައި ރަނގަޅަށް އެއްކޮށްލާށެވެ.
14. ކޭކު އެއްކޮށް ހިހޫވީމައި އުލެއް ބޭނުން ކޮށްގެން ކޭކުގެ މަތީގައި ލޯވަޅުތަކެއް އަޅާށެވެ. ލޯވަޅުތަކުގެ ފުންމިން އަހަރުމެން ބެހެއްޓީ ކޭކުގެ ދެބައިކުޅައެއްބައިހާ ވަރުގައެވެ. އަހަރުމެން ލޯވަޅު އެޅީ ޒިގްޒެގް ބައްޓަމަކަށެވެ. ކޮންމެ ދެ ސަފެއްގެ ދެމެދުގައި ½ ސެންޓިމީޓަރެއްހާވަރު ދޫކުރީމެވެ.
15. ކޭކު ފޯކުރަން ތައްޔާރު ކުރި އެތި ލޯވަޅު އެޅި ކޭކުގެ މައްޗަށް އަޅާށެވެ. މިކަމަށް ބޭނުން ކުރާނީ މޭޒުމަތީ ސަމުސަލެކެވެ. އެތިކޮޅެއް އަޅާފައި ކޭކުގެ ތެރެއަށް ރަނގަޅަށް އެވަނުމުން އަނެއްކާވެސް އެތިކޮޅެއް އަޅާނީއެވެ. މިގޮތަށް ގޮސް ހުސް ކޮށްލާށެވެ. ނޫނީ އަހަރުމެން ހެދިގޮތަށް އޭގެ ¼ ކޭކު ކާން ނެރޭއިރު ތަށިކައިރިއަށް އަޅާލާ ހަދާލަން ބަހައްޓާށެވެ.
16. ކޮންމެސް އެއްޗެއް ބޭނުން ކޮށްގެން ކޭކުގެ މަތި ޖަހާށެވެ. ދެން ފްރިޖްގައި މަދުވެގެން ދޮޅު ގަޑިއިރެއް ހާއިރު ބަހައްޓާށެވެ.
17. ކޭކު އައިސް އަލަމާރިން ނަގަން ކައިރިވީމައި، ވިޕްޑް ކްރީމް ޓޮޕިންގް ތައްޔާރު ކުރާށެވެ. ވިޕްޑް ކްރީމް ޓޮޕިންގް ތައްޔާރު ކުރަން އަތުން ހިފާ ކަހަލަ ކަރަންޓު މިކްސަރެއް ބޭނުންވާނެއެވެ. ބޯތަށްޓަކަށް ހަކުރާއި ވިޕިންގް ކްރީމް އަޅާފައި ހައި ސްޕީޑްގައި މެދުމިންވަރެއްގެ ޕީކްތަކެއް ހެދެންދެން ގިރާށެވެ. އެވަރަށް ގިރުނީމައި މިކްސަރުގެ ގިރާއެތީގައި ހަރުލާފައި ހުންނަ ކްރީމްތައް ހުންނާނީ ދޯރި ބައްޓަމަށެވެ. އަދި އެއްކޮށް ހަރު ނުވިނަމަވެސް އޭގެ ބައްޓަން ހުންނާނީ ފުދޭވަރަކަށް ހިފެހެއްޓިފައެވެ. ދެ މިނެޓެއް ހާއިރު ތެރޭގައި އަހަރުމެންނަށް މިވަރަށް ގިރިއްޖެއެވެ. މާބޮޑަށް ގިރިއްޖެ ނަމަ ކްރީމްތައް ގުޅަވެ އެއްވާން ފަށާނެއެވެ. މިހެން ވެއްޖެނަމަ އަދި އިތުރު ވިޕިންގް ކްރީމް ކޮޅެއް އަޅާލާފައި އަނެއްކާވެސް ގިރާލައިގެން ހައްލު ކުރެވިދާނެއެވެ.
18. ކޭކުގެ މަތީގައި ވިޕްޑް ކްރީމް ފަތުރާލާށެވެ. އަހަރުމެން ވިޕްޑް ކްރީމް ފެތުރުމުގެ ކުރިން ކޭކު ތަބަކުން ނަގައި ތަށްޓަކަށް ބަދަލު ކުރީމެވެ. މިކަން ކުރަންވާނީ ނިކަން މަޑުމަޑުން ކޭކު ފުނޑުވިގެން ދިޔަނުދިނުމަށް ފަރުވާ ބަހައްޓައިގެންނެވެ.
19. ވިޕްޑް ކްރީމް ފެތުރުމަށް ފަހުގައިވެސް ކޭކު ވަގުތުން ކާން ނުނެރޭނެނަމަ ފްރިޖަށްލާ މަތި ބަންދުކޮށްފައި ބަހައްޓާށެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2024. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.