އިޓަލީގެ ހާއްސަ ޕާސްޓާ ސޯސްއެއް ކަމަށްވާ ޕެސްޓޯއަކީ، އާންމުކޮށް ލޮނުމެދާއި، ގަނދަކޯޅި ފަތާއި، ޕައިން ނަޓްސް، އަދި ޕާމެސާން ޗީޒް އެއްކޮށް ފުނޑައިގެން ތައްޔާރު ކުރާ ސޯސްއެކެވެ. މިއީ ވަރަށް ރީތި ފެހި ކުލައެއްގައި ހުންނަ އަދި ވަރަށް މީރު ވަހެއް ދުވާ ސޯސްއެކެވެ. އާންމުކޮށް ރާއްޖެއިން ޕައިން ނަޓްސް ލިބެން ނުހުންނާތީވެ، މި ރެސިޕީގައި އަހަރުމެން ބޭނުންކޮށްފައި މިވަނީ އަލްމަންޑްއެވެ.
މި ޕާސްޓާ ހެދުމަށް އަހަރުމެން ބޭނުންކޮށްފައި މިވަނީ، އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ ސްޓޭންޑަރޑް އެންޑް އޮރިޖިން (އެސް.އެންޑް.އޯ)ގެ ފަރާތުން ލިބިފައިވާ، އަރމަންޑޯ ސްޕެގެޓީއެވެ. އަރމަންޑޯ ސްޕެގެޓީއަކީ 100 ޕަސެންޓް އިޓަލީ ޑުރުމް ވީޓް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ އިޓަލީގެ އުފެއްދުމެކެވެ. މި ޕާސްޓާއަކީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ފަސޭހައިން ކައްކާލެވޭ ޕާސްޓާއެކެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 3 މީހުންނަށް ކެވޭވަރަށެވެ.
ބޭނުންވާ ތަކެތި:
ސްޕެގެޓީ ކެއްކުމަށް
5 ޖޯޑު ފެން
1 ސައިސަމުސާ ލޮނު
250 ގްރާމް އަރމަންޑޯ ސްޕެގެޓީ (ގާތްގަނޑަކަށް ޕެކެޓުގެ އެއްބައި)
1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
ޕެސްޓޯ ޕޭސްޓް ހެދުމަށް
¼ ޖޯޑު އަލްމަންޑް
1 ޖޯޑު ގަނދަކޯޅި ފަތް
2 ލޮނުމެދު
¼ ޖޯޑު ގާނާފައި ހުރި ޕާމެސާން ޗީޒް
4 ސައިސަމުސާ ލުނބޯ ހުތް
3 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
ކުކުޅު ކެއްކުމަށް
1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
250 ގްރާމް ބޯންލެސް ކުކުޅު ބްރެސްޓް (½ އިންޗި ހުންނަ ވަރަށް ކުދިކޮށް ކޮށާފައި)
1 ސައިސަމުސާ މުގުރި އަސޭމިރުސް
1 ސައިސަމުސާ ލޮނު
ޕެސްޓޯ ޕާސްޓާ ސޯސް ހެދުމަށް
3 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓަރ
5 ލޮނުމެދު (ކުދިކޮށް ކޮށާފައި)
2 ސައިސަމުސާ މުގުރި ރާޅު މިރުސް
½ ޖޯޑު ކޮށާފައި ހުރި ޗެރީ ޓޮމާޓޯ
3/1 ޖޯޑު ކުކިންގް ކްރީމް
2 މޭޒުމަތީ ސަމުސާ ގާނާފައި ހުރި ޕާމެސާން ޗީޒް
½ ސައިސަމުސާ ލޮނު
ހަދާނެގޮތް:
1. ސްޕެގެޓީ ކެއްކުމަށް 5 ޖޯޑު ފެނާއި 1 ސައިސަމުސާ ލޮނު ބޮޑު ތެއްޔަކަށް އަޅާށެވެ. ދެން ގަދަގިނީގައި 10 މިނެޓު ވަންދެން ނުވަތަ ފެން ކެކި، އޭއިން އަވަސްއަވަހަށް ބޮކި އަރަންދެން ކައްކާށެވެ.
2. އެއަށްފަހު، 250 ގްރާމް އަރމަންޑޯ ސްޕެގެޓީ އަޅާފައި 6 ނުވަތަ 7 މިނެޓު ވަންދެން ނުވަތަ ޕާސްޓާ އެއްކޮށް މަޑުވުމަށް 1 މިނެޓު ބާކީ ހުންނާނެ ވަރަށް ކައްކާލާށެވެ.
3. ޕާސްޓާ ކައްކާ ނިމުމުން، ޕާސްޓާ ކެއްކި ފެނުން ¼ ޖޯޑު ފެން ނަގާފައި ވަކިން ބަހައްޓާލާށެވެ.
4. ދެން ބާކީ ހުރި ފެން ފުރާނާލުމަށްފަހު ކެއްކި ޕާސްޓާ ބޯތަށްޓަކަށް އަޅާލާށެވެ. އަދި އެއަށް 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް އަޅާލުމަށްފަހު އެއްކޮލާށެވެ. އޭރުން ޕާސްޓާތައް ތަތްނުވެ، ރީއްޗަށް ވަކިވަކިން ހުންނާނެއެވެ.
5. ދެން ޕެސްޓޯ ޕޭސްޓް ހެދުމަށް، ¼ ޖޯޑު އަލްމަންޑް މިކްސަރަކަށް އަޅާލާފައި 30 ސިކުންތު ވަންދެން ނުވަތަ އެއްކޮށް ހިމުން ވަންދެން ބާރު ދުވެލީގައި ފުނޑާލާށެވެ.
6. މިކްސަރުގެ އަރިމަތީގައި ހަރުލާފައި ހުރި އަލްމަންޑް ކުނޑިތައް ތިރިއަށް ކަހާލުމަށްފަހު، އެއަށް 1 ޖޯޑު ގަނދަކޯޅި ފަތާއި، 2 ލޮނުމެދު، ¼ ޖޯޑު ގާނާފައި ހުރި ޕާމެސާން ޗީޒް، 4 ސައިސަމުސާ ލުނބޯ ހުތް، އަދި 3 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް އަޅާލާށެވެ. ދެން ހުރިހާ އެއްޗެއް އެއްކޮށް 45 ސިކުންތު ވަންދެން ބާރު ދުވެލީގައި ފުނޑާލާށެވެ. އެއަށްފަހު، އަދި އެއްފަހަރާ މިކްސަރުގެ އަރިމަތި ކަހާލުމަށްފަހު 45 ސިކުންތު ވަންދެން ނުވަތަ ލޮނުމެދުކޮޅު އެއްކޮށް ހިމުންވަންދެން ފުނޑާލާށެވެ. ޕެސްޓޯ ފުނޑާ ނިމުމުން ހުންނާނީ ގަދަ ފެހި ކުލައެއްގައި ތެތް ޕޭސްޓްއެއް ހެންނެވެ.
7. ދެން ތެއްޔަކަށް 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް އަޅާލުމަށްފަހު ގަދަ ގިނީގައި 30 ސިކުންތު ވަންދެން ހޫނުކޮށްލާށެވެ. އެއަށްފަހު، 250 ގްރާމް ޗިކެން ބްރެސްޓް (½ އިންޗި ހުންނަ ވަރަށް ކުދިކޮށް ކޮށާފައި) އަޅާލުމަށްފަހު 1 މިނެޓުވަންދެން ހަލަމުން ކައްކާށެވެ.
8. ދެން 1 ސައިސަމުސާ މުގުރި އަސޭމިރުހާއި 1 ސައިސަމުސާ ލޮނު އަޅާލާށެވެ. ކުކުޅާއި ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު 3 މިނެޓު ވަންދެން ނުވަތަ ކުކުޅުކޮޅު އެއްކޮށް ކެކި، ބޭރުފުށަށް މަޑު މުށި ކުލައެއް އަރަންދެން ހަލަމުން ކައްކާށެވެ. ކުކުޅުކޮޅު ރޯފިލިތޯ ބެލުމަށް އެއް ކުކުޅުކޮޅު މެދުން ކަފާލާށެވެ. އޭގައި އެއްކޮށް ހުދުކުލަ ހުރިނަމަ ކުކުޅުކޮޅުއެހުރީ އެއްކޮށް ކެކިފައެވެ. ކުކުޅުކޮޅު ވަކިން ތަށްޓަކަށް ނަގާފައި ބަހައްޓާށެވެ.
9. ތަވަޔަކަށް 3 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓަރ އަޅާލުމަށްފަހު މަޑު ގިނީގައި ދެތިން މިނެޓު ވަންދެން ދިޔާކޮށްލާށެވެ. ދެން ގިނި ގަދަކޮށްލުމަށްފަހު 5 ހިމުންކޮށް ކޮށާފައި ހުރި ލޮނުމެދު އަޅާލާށެވެ. އަދި 2 މިނެޓު ވަންދެން ނުވަތަ ލޮނުމެދުކޮޅަށް މަޑު މުށިކުލައެއް އަރަންދެން ހަލަމުން ކައްކާލާށެވެ. އެއަށްފަހު، 2 ސައިސަމުސާ މުގުރި ރާޅު މިރުސް އަޅާލުމަށްފަހު 1 މިނެޓު ވަންދެން މެދު ގިނީގައި ލޮނުމެދާއި ބަޓަރއާއި އެއްކޮށްލާށެވެ.
10. ދެން، ½ ޖޯޑު ކޮށާފައި ހުރި ޗެރީ ޓޮމާޓޯއާއި، ތައްޔާރުކުރި ޕެސްޓޯ ޕޭސްޓް، އަދި ވަކިން ނެގި ¼ ޖޯޑު ޕާސްޓާ ފެން އަޅާލާށެވެ. އަދި ހުރިހާ އެއްޗަކާއި އެއްކޮށްލުމަށް 2 މިނެޓު ވަންދެން ހަލާށެވެ.
11. ދެން 3/1 ޖޯޑު ކުކިންގް ކްރީމްއާއި، 2 މޭޒުމަތީ ސަމުސާ ގާނާފައި ހުރި ޕާމެސާން ޗީޒް، އަދި ½ ސައިސަމުސާ ލޮނު އަޅާލާށެވެ. އަދި އެއްފަހަރު ހުރިހާ އެއްޗެއް އެއްކޮއްލުމަށްފަހު އިތުރު 3 މިނެޓު ވަންދެން ކައްކާލާށެވެ. މިހާރު ސޯސްގަނޑު ކުޑަކޮށް ހިނދިފައި، ހުންނާނީ ގަދަ ފެހި ކުލައެއްގައެވެ.
12. އެންމެ ފަހުން، ކައްކާލި ކުކުޅުކޮޅާއި ސްޕެގެޓީ އަޅާލާށެވެ. އަދި ސޯސްގަނޑާއި އެއްކޮށްލުމަށް އިތުރު 3 މިނެޓަށް ހަލަމުން ކައްކާލާށެވެ. ޕާސްޓާ ކައްކާ ނިމުމުން ހުންނާނީ ކްރީމީކޮށް ސޯސް ޕާސްޓާއާއި އެއްވެފައެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.