މޯކާ ނުވަތަ ކެފޭ މޯކާ އަކީ ކޮފީއާއި، ޗޮކްލެޓް އަދި ކިރު އަޅައިގެން ތައްޔާރުކުރާ ބުއިމެކެވެ. މިފަހަރު މިއޮތީ މޯކާގެ ރަހަތައް ބޭނުންކޮށްގެން ތައްޔާރުކުރާ ކޭކެއްގެ ރެސިޕީއެކެވެ.
މި ރެސިޕީގައި އަހަރުމެން ބޭނުންކޮށްފައި މިވަނީ އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ އެސް.އެންޑް.އޯ (ސްޓޭންޑަރޑް އެންޑް އޮރިޖިން)ގެ ފަރާތުން ލިބިފައިވާ ޓްރަންގް ންޔޫޔެން ލެޖެންޑް ޖީ7 ޕިޔޯ ބްލެކް އިންސްޓަންޓް ކޮފީއެވެ. މިއީ ވިއެޓްނާމްގެ އެންމެ މަޝްހޫރު، ކޮލެޓީ ރަނގަޅު ކޮފީއެކެވެ. މީކޮފީއަށް އިތުރު ހަކުރާއި ކްރީމަރ ނާޅާ ހުރުމުން އެސްޕްރެސޯ ކަހަލ ކޮފީ މީރު މީހުންނަށް މިއީ ވަރަށް ކަމުދާނެ ކޮފީއެކެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 7 ނުވަތަ 8 މީހުންނަށް ކެވޭވަރަށެވެ.
ބޭނުންވާ ތަކެތި:
ކޭކު ހެދުމަށް
170 ގްރާމް ފުށް
¼ ޖޯޑު ކޮކޯ ޕައުޑަރ
2.5 ސައިސަމުސާ ބޭކިންގ ޕައުޑަރ
¼ ސައިސަމުސާ ލޮނު
½ ޖޯޑު ކުޑަށްކޮށް ހޫނު ފުލް ކްރީމް ކިރު
2 ޕެކެޓް ޓްރަންގް ންޔޫޔެން ލެޖެންޑް ޖީ7 ޕިޔޯ ބްލެކް އިންސްޓަންޓް ކޮފީ (2 ގްރާމްގެ ޕެކެޓް)
3 ބިސް
½ ޖޯޑު ހަކުރު
½ ޖޯޑު ވެޖިޓަބަލް އޮއިލް
1 ސައިސަމުސާ ވެނީލާ އެސެންސް
މޯކާ ވިޕްޑް ކްރީމް ހެދުމަށް
1 ޕެކެޓް ޓްރަންގް ންޔޫޔެން ލެޖެންޑް ޖީ7 ޕިޔޯ ބްލެކް އިންސްޓަންޓް ކޮފީ (2 ގްރާމްގެ ޕެކެޓް)
2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ
1/3 ޖޯޑު އައިސިން ޝުގަރ
1.5 ޖޯޑު ވިޕިންގ ކްރީމް
2 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ޗޮކްލެޓް (ކޭކުގެ މައްޗަށް އެޅުމަށް)
ހަދާނެގޮތް:
1. ބޮޑު ބޯތަށްޓަކަށް 170 ގްރާމް ފުށާއި، ¼ ޖޯޑު ކޮކޯ ޕައުޑަރ، 2.5 ސައިސަމުސާ ބޭކިންގ ޕައުޑަރ، އަދި ¼ ސައިސަމުސާ ލޮނު ފުރާނާލާށެވެ. އަދި ރަނގަޅަށް އެއްކޮށްލުމަށްފަހު ވަކިން ބަހައްޓާށެވެ.
2. ދެން ފެންބޯކަހަލަ ބިއްލޫރި ތަށްޓަކަށް ½ ޖޯޑު ކުޑަށްކޮށް ހޫނު ފުލްކްރީމް ކިރާއި 2 ޕެކެޓް ޓްރަންގް ންޔޫޔެން ލެޖެންޑް ޖީ7 ޕިޔޯ ބްލެކް އިންސްޓަންޓް ކޮފީ އަޅާލާށެވެ. އެއަށްފަހު ސަމުސަލަކުން ރަނގަޅަށް ގިރާލާފައި ބަހައްޓާށެވެ.
3. ދެން އާ ބޯތަށްޓަކަށް 3 ބިހާއި ½ ޖޯޑު ހަކުރު އަޅާލާށެވެ. އަދި ވިސްކެއް ބޭނުންކޮށްގެން 1 މިނެޓް ވަންދެން ނުވަތަ ހަކުރުކޮޅު ބިހާއި އެއްވަންދެން ގިރާލާށެވެ.
4. އެއަށްފަހު، ½ ޖޯޑު ވެޖިޓަބަލް އޮއިލްއާއި، ކުރިން ގިރާލި ކޮފީ ކިރާއި، 1 ސައިސަމުސާ ވެނީލާ އެސެންސް ބިސް ހުރި ތަށްޓަށް އަޅާލާށެވެ. އަދި ހުރިހާ އެއްޗެއް އެއްކޮށްލުމަށް ގިރާލާށެވެ.
5. ދެން، ފުށް އެތީގެ ތިންބައިކުޅަ އެއްބައި ގިރާލި ދިޔާ ބާވަތްތަކުގެ ތެރެއަށް އަޅާފައި އެއްކޮށްލާށެވެ. ފުށް އެތި އެއްކޮށް ހުސްވަންދެން މަޑުމަޑުން އަޅަމުން އެއްކުރަމުންދާށެވެ. ފުށް އެއްކޮށް އަޅާ ނިމުމުން އިތުރު 1 މިނެޓް ވަންދެން ނުވަތަ އެއްކޮށް އޮމާން ވަންދެން ގިރާލާށެވެ. މާގިނަ އިރަށް ގިރައިފިނަމަ ކޭކު ފފިހެ ނިމޭއިރު ހަރުކޮށް އޮވެދާނެއެވެ.
6. ކޭކް ފިހުމަށް 7 ނުވަތަ 8 އިންޗީގެ ތަބަކެއްގެ ވަށާ ބަޓަރ އުގުޅާލާށެވެ. އަދި ގިރާލި ކޭކު ފުށްގަނޑު ތަބަކަށް އަޅާލާށެވެ. އެއަށްފަހު، 180 ޑިގްރީ ސެލްޝިއަސްގައި 10 މިނެޓް ވަންދެން އަވަން ހޫނުކޮށްލާށެވެ. ހުނުވުމުން އަވަނަށް ކޭކު ތަބައް ލުމަށްފަހު 40 ނުވަތަ 45 މިނެޓް ވަންދެން ފިހެލާށެވެ. ކޭކު ފިހެ ނިމުމުން އޭގެ މެދަށް ދަނޑިކޮޅެއް ހަރާލާފައި ނަގާއިރު ހުންނަންވާނީ ސާފުކޮށެވެ. ދެން ކޭކު އެއްކޮށް ހިހޫކޮށްލުމަށްފަހު މަދުވެގެން 20 މިނެޓް ވަންދެން އައިސްއަލަމާރިއަށް ލާފައި ބަހައްޓާށެވެ.
7. ދެން މޯކާ ވިޕިންގ ކްރީމް ހެދުމަށް، 1/3 ޖޯޑު އައިސިން ޝުގަރއާއި، 2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ، އަދި 1 ޕެކެޓު ޕެކެޓް ޓްރަންގް ންޔޫޔެން ލެޖެންޑް ޖީ7 ޕިޔޯ ބްލެކް އިންސްޓަންޓް ކޮފީ އެއްކޮށްލާފައި ބަހައްޓާށެވެ. ކްރީމްގައި ގުޅަ ހެދުން ކުޑަ ކުރުމައްޓަކައި އައިސިން ޝުގާ އެޅުމުގެ ކުރިން އެ ފުރާނާލާށެވެ.
8. ދެން ބޮޑު ބޯތައްތަކަށް 1.5 ޖޯޑު ވިޕިންގް ކްރީމް އަޅާލުމަށްފަހު އަތުން ގިރާކަހަލަ ކަރަންޓު މިކްސަރއަކުން މަޑު ދުވެލީގައި "ސޮފްޓް ޕީކްސް" ހެދެންދެން ގިރާށެވެ. (ސޮފްޓް ޕީކްސް ހެދުނުކަމަށް ބަލާނީ ގިރާއެތި ކްރީމްގަނޑުގެ ތެރެއިން ނަގާއިރު އޭގައި ކްރީމް ނިކަން ފަސޭހައިން ސޮއްސައިގެން ދާވަރަށް ހަރުވެފައި ހުންނަ ވަރު ވީމައެވެ). މިކަމަށް އަހަރުމެންނަށް ނެގީ 6 ނުވަތަ 7 މިނެޓްއެވެ. ކްރީމް ގިރުމުގެ ކުރިން އެ ފިނިކޮށްލުމުން އަވަހަށް ވިޕްވާނެއެވެ. އަދި ބޭނުން ކުރާ ކްރީމެއްގެ ބްރޭންޑްގެ ސަބަބުން ނުވަތަ ފިނި ހޫނުމިން ތަފާތުވުމުން ކްރީމް ވިޕްވުމަށް ނަގާ ގަޑި އެކި މީހުންނަށް ތަފާތު ވެދާނެއެވެ.
9. ދެން ކްރީމް ސޮފްޓް ޕީކްސް ހެދޭވަރަށް ވިޕް ވުމުން އޭގެ ތެރެއަށް ކުރިން އެއްކޮށްފައި ބެހެއްޓި އައިސިންގ ޝުގާ އެތި އަޅާލާށެވެ. އަދި ސަމުސަލަކުން ކުޑަކޮށް ކްރީމްކޮޅާއި އެއްކޮށްލާށެވެ. ދެން އަތުން ގިރާ ކަރަންޓު މިކްސަރުން ކްރީމްގައި "ސްޓިފް ޕީކްސް" ހެދި އޭގެ ކުލަ މަޑު މުށި ކުލައެއްގައި ހުންނަން ދެން ގިރާލާށެވެ. (ސްޓިފް ޕީކްސް ހެދުނު ކަމަށް ބަލާނީ ގިރާއެތި ކްރީމް ގަނޑުގެ ތެރެއިން ނަގާއިރު އޭގައި ކްރީމްގެ ބައްޓަން ހިފެހެއްޓޭ ގޮތަށް ހަރުލާފައި ހުންނާނެ ވަރުވީމައެވެ). މިކަމަށް އަހަރުމެންނަށް ނެގީ އިތުރު 30 ސިކުންތު ނުވަތަ 1 މިނެޓްއެވެ. ކްރީމް މާގިނަ އިރަށް ނުގިރުމަށް ސަމާލުވާށެވެ.
10. ދެން ކޭކު އައިސްއަލަމާރިން ނަގާލުމަށްފަހު، ވަޅިން ކޭކުގައި އެކި ވަރުވަރަށް ހުރި ބައިތަށް ތުނިކޮށް ކަފަމުން އެއްވަރުކޮށްލާށެވެ. އެއަށްފަހު އެއްވަރަށް މެދުން ހުރަހަށް ކޭކުފަޅިކޮށްލާށެވެ. އެއިރުން ކޭކު އޮންނާނީ 2 ލޭޔަރަށް ފަޅާލެވިފައެވެ.
11. ދެން އެތަނުން އެއް ކޭކުފަޅި ތަށްޓެއްގައި ނުވަތަ ބޯޑެއްގެ މަތީގައި ބާއްވާލާށެވެ. ދެން ތައްޔާރުކޮށްލި ކްރީމްގެ ތިންބައިކުޅަ އެއްބައި ކޭކްގެ މައްޗަށް އަޅާލުމަށްފަހު ސަމުސަލަކުން އެއްވަރުކޮށްލާށެވެ.
12. އެއަށްފަހު، އަނެއް ކޭކުފަޅި ކްރީމްޖަހާލި ބައިގެ މަތީގައި ބާއްވާލާށެވެ. ދެން ހަމަ އެމިންވަރަށް ކްރީމް ކޭކުގެ މައްޗަށް އަޅާލުމަށްފަހު އެއްވަރުކޮށްލާށެވެ. ބޭނުންވާނަމަ ބާކީހުރި ކްރީމްކޮޅުން ކޭކުގައި ޕައިޕްކުރެވިދާނެއެވެ. ނުވަތަ ކޭކުގެ ވަށާ އެއްވަރަށް ޖަހާލެވިދާނެއެވެ. އަހަރުމެން ބޭނުންކޮށްލީ ކޭކުގެ މަތީގައި ޕައިޕްކޮށްލުމަށެވެ.
13. ދެން އެންމެފަހުން ކޭކުގެ މައްޗަށް 2 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ޗޮކްލެޓް ރީއްޗަށް އަޅާލާށެވެ. މިހާރު މޯކާ ކޭކު މިހުރީ ތައްޔާރުވެފައެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.