ކަނޑުމަހު މުސައްމަ | Lonumedhu

ކަނޑުމަހު މުސައްމަ

 

ކަނޑުމަހު މުސައްމަ ރިހަ އަކީ ދިވެހި ރިހަ ތަކުގެ ތެރެއިން ވަރަށްވެސް ޚާއްސަ ރިހައެކެވެ. ތިރީގައި އެވަނީ މިރިހަ އަހަރުމެން ހަދާ އުޅޭ ގޮތެވެ.

 

މިރެސިޕީއިން ތައްޔާރު ކުރެވޭނީ: 4-5 މީހުންނަށް ވާވަރަށެވެ.

 

ބޭނުންވާ ތަކެތި:

300 ގްރާމް ކަނޑުމަސް

4 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ކޮތަނބިރި

½ 2 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ދަވިއްގަނދު

½ 1 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ދިރި

10 ހިކި މިރުސް

1 ސައިސަމުސާ ނުމުގުރާހުރި އަސޭމިރުސް

4 ކާފޫރުތޮޅި

6 އިންޗީގެ ފޮނިތޮށި (ދެބުރި ކޮށްލާފައި)

2 ލޮނުމެދު

¼ އިންޗީގެ އިނގުރުކޮޅެއް

¼ ސައިސަމުސާ ރީނދޫ

9 މޭޒުމަތީ ސަމުސާ ފެން (ހަވާދު ހެދުމަށް)

2/3 ޖޯޑު ފެން (ރިހަ ކެއްކުމަށް)

2 ބޮޑު ފިޔާ

5 މޭޒުމަތީ ސަމުސާ ތެޔޮ

1/3 ޖޯޑު ކަނަމަދު

1/3 ޖޯޑު ހިކި މޭބިސްކަދުރު

12 އިންޗީގެ ރާނބާފަތް (މަސްކޮޅު ބަނުމަށް)

6 އިންޗީގެ ރާނބާފަތް (ރިހަ ކެއްކުމަށް)

10 ހިކަނދިފަތް

½ ޖޯޑު ކާށި ކިރު

1 ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)

 

ހަދާނެގޮތް:

1. ތަވައެއް އުދައި އެ ރަނގަޅަށް ހޫނުކުރާށެވެ. ހޫނުވުމުން އޭގެތެރެއަށް ކޮތަނބިރި، ދަވިއްގަނދު، ދިރި، ހިކިމިރުސް، އަސޭމިރުސް، ކާފޫރުތޮޅީގެ އޮށް، ފޮނިތޮށި، ލޮނުމެދު އަދި އިނގުރުކޮޅު އަޅާލާށެވެ. ދެން، ކޮތަނބިރިކޮޅަށް ރަންމުށިކުލަ އަރަންދެން ހަނާކުރާށެވެ.

2. ހަނާވުމުން ތަވައިން އެތަކެތި ނަގާ އެއްޗަކަށް އަޅާފައި ހިހޫކުރަން ބަހައްޓާށެވެ. ދެން ހިހޫ ވިމާ ރީނދުލާއި، ½ ސައިސަމުސާ ލޮނާއި، 9 މޭޒުމަތީ ސަމުސާ ފެނާއިއެކު މުގުރާށެވެ. މުގުރާނީ އޮމާން ޕޭސްޓް ގަނޑަކަށް ވަންދެނެވެ.

3. ދެން ފިޔާ ތުނިކޮށް ކޮށާލާށެވެ.

4. 3 މޭޒުމަތީ ސަމުސާ ތެޔޮ ތަވައަކަށް އަޅައި ހޫނުކުރާށެވެ. ހޫނުވުމުން، ކޮށި ފިޔާކޮޅުގެ ދެބައިކުޅަ އެއްބައި ތެޔޮކޮޅުގެ ތެރެއަށް އަޅާފައި ރަންމުށިކުލަ އަރަން ފަށަންދެން ކައްކާށެވެ.

5. ދެން ކަނަމަދާއި ހިކި މޭބިސްކަދުރުކޮޅު ތެއްޔަށް އަޅާލާށެވެ. މޭބިސްކަދުރުތައް ފުފި ފިޔާކޮޅު ރަތް ވަންދެން ކައްކާށެވެ. ކެކުނީމައި ބޯތަށްޓަކަށް ނަގާށެވެ. އަދި މިގޮތަށް ނެގުމަށްފަހު މާތެޔޮކޮށް ހުރިހެން ހީވަންޏާ ޓިޝޫކޮޅެއް ބޭނުންކޮށްގެން ތެޔޮކަން ކުޑަކޮށްލެވިވެސް ދާނެއެވެ.

6. ދެން ފިޔާތައް އެޅި ބޯތަށީގެ ތެރެއަށް ކުރިން ތައްޔާރުކުރި ހަވާދު ޕޭސްޓްގަނޑު އަޅައި އެއްކޮށްލާފައި ބަހައްޓާށެވެ.

7. ދެންއޮތީ ކަނޑުމަސްކޮޅު ފޮތިކުރުމެވެ. ފުޅާމިނުގައި 2 އިންޗި، ދިގުމިނުގައި 4 އިންޗި ހުންނާނެ ތުނި ފޮތިތަކަކަށް ކަނޑުމަސްކޮޅު ކޮށާލާށެވެ. ބޯމިން ބަހައްޓާނީ އެތެރެއަށް ހަވާދުގަނޑު އަޅާފައި އޮޅާލަން ފަސޭހަވާނެ ވަރަށެވެ. (ކަނޑުމަސްކޮޅު 2 އިންޗީގެ ގޮޅިގޮޅިއަށް ކޮށުމަށްފަހު އޭގެ ތެރެއިން ތޫނު ވަޅިއެއް ވަށާ ހިންގާލައިގެން މަސްކޮޅު ފަތާވެސް ކޮށްލެވިދާނެއެވެ.)

8. 12 އިންޗީގެ ރާނބާފަތްކޮޅު ހިމަ ދިގު އެތިކޮޅުކޮޅަށް ކޮށާލާށެވެ. މި ރެސިޕީއަށް 12 އިންޗީގެ ދިގުމިން ހުރި 6-8 އެތިކޮޅު ބޭނުންވާނެއެވެ.

9. ކަނޑުމަސް ފޮއްޗެއް ތަށްޓެއްގައި ބާއްވާ ފަތާކޮށްލާށެވެ. ދެން ފޮތީގެ މެދަށް ކުރިން ކަނަމަދާއި ފިޔައާއި ހަވާދާއި އެއްކޮށްގެން ތައްޔާރުކުރި އެތީގެ ސައިސަމުސަލެއްހާ އެތިކޮޅެއް އަޅާފައި ސަމުސަލުން ކުޑަކޮށް މަސްކޮޅު މަތީގައި އެ ފަތުރާލާށެވެ. ދެން އޮޅާލާފައި ރާނބާފަތް ކޮޅަކުން ބަނދެލާށެވެ. ހުޅުވިދާނެ ހެން ހީވަންޏާ ދަތްކޮށްޓިއެއްވެސް ހަރާލެވިދާނެއެވެ. ހުރިހާ މަސްފޮތި ތަކެއް ހުސްވަންދެން މިހެން ހަދާށެވެ. ހަވާދުކޮޅެއް ބާކީވާނެއެވެ. އެ ދެން ބޭނުން ކުރާނީ ރިހަ ކައްކާއިރުއެވެ.

10. ދެން މިއޮތީ ރިހަ ކެއްކުމުގެ ބައެވެ. ފުރަތަމަ 2 މޭޒުމަތީ ސަމުސަލުގެ ތެޔޮ ތެއްޔަކަށް އަޅައި ހޫނު ކުރާށެވެ. ތެޔޮކޮޅު ހޫނުވުމުން ކޮށި ފިޔާކޮޅުގެ ބާކީހުރި ބަޔާއި، 6 އިންޗީގެ ރާނބާ ފަތާއި، ހިކަނދިފަތް ތެއްޔަށް އަޅައި ފިޔާކޮޅު މަޑުވެ ރަންކުލަ އަރަން ފަށަންދެން ކައްކާށެވެ.

11. ދެން، މަސް ފޮތިތަކަށް ހަވާދު އަޅައި ނިމުންއިރު ބާކިވެފައި ހުރި ހަވާދު ކޮޅު ތެއްޔަށް އަޅާލާށެވެ. އަދި އެއާއި އެކު ކާށިކިރުކޮޅާއި، 2/3 ޖޯޑު ފެނާއި، ½ ސައިސަމުސަލުގެ ލޮނު ކޮޅެއްވެސް އަޅާލާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން ބޮކިޖަހާ ކެކިގަންނަންދެން ކައްކާލާށެވެ.

12. ބޮކިޖަހާ ކެކެން ފެށުމުން ގިނި މަޑުކޮށްލާށެވެ. ދެން ރާނބާފަތުން ބަނދެ ތައްޔާރުކުރި މަސްކޮޅުތައް ތެލިތެރޭގައި ރީއްޗަށް އަތުރާލާށެވެ. ދެން ތެލީގެ މަތިޖަހާފައި މަސްކޮޅު ރޯފިލަންދެން ކައްކާށެވެ. ގާތްގަނޑަކަށް 20 ވަރަކަށް މިނެޓު ވާނެއެވެ. ކެކެމުން ދާއިރު އެއްގޮތަކަށްވެސް ދޭފަތުން ހަލާ ނުހަދައްޗެވެ. ހަލާލަން ބޭނުން ވެއްޖިއްޔާ ތެލި އުފުލާލާފައި ކުޑަކޮށް ތަޅުވާލާށެވެ. އަދި ކޮންމެހެން ހަދާފައިވެސް މަސްކޮޅެއް ފުށުން ޖަހަން ބޭނުންވެއްޖިއްޔާ އެކަން ކުރާނީ ދެ ސައިސަމުސާ ބޭނުން ކޮށްގެން ވަރަށް މަޑު މަޑުންނެވެ. އަދި އެކަންކުރަންވާނީ ކެއްކުމުގެ ވީހާވެސް ފަހުކޮޅުގައެވެ.

އިތުރު ރެސިޕީތައް

Advertisement

Interviews

https://lonumedhu.com/sites/default/files/Interviews%20section%20covershot.jpg

Restaurant Reviews

https://lonumedhu.com/sites/default/files/Restaurant%20Reviews%20covershot.jpg

Curry Recipes

https://lonumedhu.com/sites/default/files/Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Tuna%20Recipes%2821%29.jpg

Hedhikaa Recipes

https://lonumedhu.com/sites/default/files/HedhikaRecipes.jpg

Dessert Recipes

https://lonumedhu.com/sites/default/files/Dessert%20Recipes.jpg

Chicken Recipes

https://lonumedhu.com/sites/default/files/ChickenRecipesonLonumedhu.jpg

Rice Recipes

https://lonumedhu.com/sites/default/files/RiceRecipes.jpg

About Lonumedhu

Lonumedhu is about eating great food right here in the Maldives.

Our easy to follow recipes use locally available ingredients.

In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads. 

Contacts

Keep in Touch