މި ހަނީކޮމްބް ބްރެޑް (ޙަލިއަތް ނަހަލް) ރެސިޕީއަކީ ޔަމަނުގެ ކެއުމުގައި މަޝްހޫރު، ފޮނި މާމުއި ސިރަޕެއް އަޅައިގެން ތައްޔާރު ކުރާ ފޮނި އެއްޗެކެވެ. މިއީ މަޑު، ފޮނި ރަހަ ހެޔޮވަރު އަދި ފަސޭހައިން ވަކިކުރެވޭ ގޮތަށް ހުންނަ ބަނަހެކެވެ. މާމުއި ހަތައެކޭ އެއްގޮތަށް ވައްކޮށް އަތުރާފައި ހުންނަ ބަނަހެކެވެ. މައްޗަށް އަޅާލާ ފޮނި ސިރަޕްގެ ސަބަބުން ބަނަސްތަކުގައި ރީތި ދަޅައެއް އަޅައި، ހެޔޮވަރު ވަރަކަށް ފޮނި ރަހަ ހުރެއެވެ.
މި ރެސިޕީގައި މާމުއި ސިރަޕް ތައްޔާރުކުރުމަށް ބޭނުންކޮށްފައި މިވަނީ، އަހަރުމެންގެ ބައިވެރިއެއްކަމަށްވާ، އޭ.ޑީ.ކޭ ޖެނެރަލް ޓްރޭޑިންގްގެ ފަރާތުން ލިބިފައިވާ، ބުރަމް ބްލެކް ފޮރެސްޓް ހަނީއެވެ. މި މާމުއިއަކީ، އާދައިގެ މާމުއިއާ ހިލާފަށް ކުލަ ގަދަ، ރަހަ ގަދަ، ކޮންމެސް ވަރަކަށް ހުތް ރަހައެއް ހުންނަ މާމުއި އެކެވެ.
ބުރަމް ބްލެކް ފޮރެސްޓް ހަނީ ގަންނަމާޓް އެޕް މެދުވެރިކޮށް ނުވަތަ އޭ.ޑީ.ކޭ ޖެނެރަލް ޓްރޭޑިންގްގެ ވައިބަރ ހޮޓްލައިން 3663-736 މެދުވެރިކޮށް ހޯދޭނެއެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 19-20 ކުދި ބަނަހެވެ.
ބޭނުންވާ ތަކެތި:
ބަނަސް ތައްޔާރު ކުރުމަށް
1 ޖޯޑު ހޫނު ފުލް ކްރީމް ކިރު
½1 މޭޒުމަތީ ސަމުސާ ދިޔާކޮށްފައި ހުރި އަންސޯލްޓެޑް ބަޓަރު
¼ ޖޯޑު ހަކުރު
2 ސައިސަމުސާ އިންސްޓަންޓް ޔީސްޓް
1 ބިސް
½3 ޖޯޑު ފުށް
¼ ސައިސަމުސާ ލޮނު
2 މޭޒުމަތީ ސަމުސާ ޕްލެއިން ޔޯގަޓް
1 މޭޒުމަތީ ސަމުސާ ފުށް (ފުށް މޮޑޭތަނަށް އެޅުމަށް)
1 ޖޯޑު ކްރީމް ޗީޒް (ފިނިކޮށްފައި)
2 ސައިސަމުސާ އަންސޯލްޓެޑް ބަޓަރު (ތަވާގައި ހާކާލުމަށް)
މާމުއި ސިރަޕް ތައްޔާރު ކުރުމަށް
1 ޖޯޑު ހަކުރު
¾ ޖޯޑު ފެން
1 މޭޒުމަތީ ސަމުސާ ބުރަމް ބްލެކް ފޮރެސްޓް ހަނީ
އެގް ވޮޝް ތައްޔާރު ކުރުމަށް އަދި މައްޗަށް އަޅާލުމަށް
1 ބިސް
1 މޭޒުމަތީ ސަމުސާ ފުލް ކްރީމް ކިރު
1 ސައިސަމުސާ ކަޅު ސެސަމީ ސީޑް (ބޭނުންވާ ނަމަ ހުދު ސެސަމީ ސީޑް ވެސް ބޭނުންކުރެވޭނެ)
ހަދާނެ ގޮތް:
1. ބޮޑު ބޯތަށްޓެއްގެ ތެރެއަށް 1 ޖޯޑު ހޫނު ފުލް ކްރީމް ކިރު (ކިރު ހުންނަންވާނީ ތާފަނާއަށް ވުރެ ތަންކޮޅެއް ހޫނުކޮށެވެ. އެވަރަށް ހޫނުމިން ހުރުމުން ޔީސްޓް ބްލޫމްވާނެއެވެ.) ½1 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓަރު، ¼ ޖޯޑު ހަކުރު، 2 ސައިސަމުސާ އިންސްޓަންޓް ޔީސްޓް އަދި 1 ބިސް އަޅާފައި، ވިސްކެއް ބޭނުންކޮށްގެން 30 ސިކުންތުވަންދެން އެއްކޮށްލާށެވެ.
2. ދެން، ½3 ޖޯޑު ފުށް، ¼ ސައިސަމުސާ ލޮނު، އަދި 2 މޭޒުމަތީ ސަމުސާ ޕްލެއިން ޔޯގަޓް އަޅާފައި ސްޕެޗުލާއެއް ބޭނުންކޮށްގެން އެއްކޮށްލާށެވެ. މިހާރު ހުންނަންވާނީ ހިކި، ރަނގަޅަށް އެއްނުވާ ފުށް ގަނޑެއްހެނެވެ.
3. ފުށްގަނޑު މޮޑޭ ތަނުގައި 1 މޭޒުމަތީ ސަމުސާ ފުށް ހާކާލާފައި ފުށް މޮޑޭށެވެ. ފުށް މޮޑުމަށް، ފުރަތަމަ، އަތްތިލައިގެ ތިރީ ބައިން ފުށްގަނޑު ގަޔާ ދުރަށް ކޮށްޕާލާށެވެ. ދެން ފުށްގަނޑުގެ ގަޔާ ދުރަށްވީ ފަޅި ނަގާލާފައި ކުޑަކޮށް ދަމާލަމުން ގަޔާވީ ފަޅީގެ މެދަށް ފަތްޖަހާލާށެވެ. މިގޮތަށް 10 މިނެޓް ވަންދެން ފުށްގަނޑު މޮޑެލާށެވެ.
4. ފުށްގަނޑު މޮޑެ ނިމުމުން ސާފު، ބޮޑު (ބިއްލޫރި) ބޯތަށްޓެއްގެ ތެރެއަށް ފުށްގަނޑު ލާފައި، ތުވާލި ފޮތިގަނޑެއް ނުވަތަ ފުޑް ވްރެޕް އަޅާލާފައި 1 ގަޑިއިރު ވަންދެން ފުށްގަނޑު ބައިންދާލާށެވެ.
5. ހަނީކޮންބް ބްރެޑް ފިހެލުމަށް 8-އިންޗީގެ 2 ޓްރޭގައި، 2 ސައިސަމުސާ ބަޓަރު، ޓްރޭގެ އެތެރޭގައި އަދި އަރިމަތީގައި ހާކާލާށެވެ.
6. 1 ގަޑިއިރު ވަންދެން ފުށްގަނޑު ރެސްޓްކޮށް ނިމުމުން މަތި ނަގާލާށެވެ. މިހާރު ފުށްގަނޑު އޮންނަންވާނީ 2 ގުނަ ފުފި ބޮޑުވެފައިއެވެ. ފުފިފައި އޮތް ފުށްގަނޑުގެ ވައިތައް ބޭރުކުރުމަށް އެއް ފަހަރު ގޮށްމުށުން އޭގައި ޖަހާލާށެވެ. ދެން ބޯތަށިން ފުށްގަނޑު ނަގާލާފައި، ކުދިކޮށް އެއްވަރަށް ފުށް ވަކިކޮށްލާށެވެ (ކޮންމެ ފުށްކޮޅެއްގައި 3 މޭޒުމަތީ ސަމުސާ ވަރު ހުންނަންވާނެ އެވެ). 19-20 ފުށްކޮޅު ނެގެން ވާނެއެވެ.
7. ދެން އަތުތެރޭގައި ފުށްގުޅަ ޖަހާލާށެވެ.
8. ފުށްގުޅަ ކުޑަކޮށް ފަތާ ކޮށްލާފައި އިނގިލިތައް ބޭނުންކޮށްގެން ފުށްގުޅައިގެ އެއްކައިރި ކޮންމެސް ވަރަކަށް ދަމާލާށެވެ .ދެން 2 ސައިސަމުސާ ކްރީމް ޗީޒް ފުށްގުޅައިގެ މެދުގައި ބައިންދާލާށެވެ. ދެން ކްރީމް ޗީޒްގެ ވަށައިގެން އޮތް ފުށްގަނޑު ކުޑަކޮށް ދަމާލާފައި ކްރީމް ޗީޒް ފޮރުވޭ ގޮތަށް ބަންދުކޮށްލާށެވެ. ދެން އަތުތެރޭގައި ކްރީމް ޗީޒް ލާފައި އޮތް ފުށްގަނޑު އޮމާންކޮށްލާށެވެ. މިގޮތަށް ބާކީ ހުރި ފުށްގުޅަތައްވެސް ހަދާލާށެވެ.
9. ދެން ތައްޔާރު ކޮށްލި ފުށްގުޅަތައް ޓްރޭގެ ތެރޭގައި ވައްކޮށް، ޓްރޭގެ އަރިމަތިން ފެށިގެން މެދަށް ދާގޮތަށް އަތުރާލާށެވެ. ބަނަސް ފުފި ބޮޑުވުމަށް، ކޮންމެ ފުށްގުޅައެއްގެ ދޭތެރޭ ކުޑަ ޖާގައެއް ބައިންދާލަން ވާނެއެވެ. ދެން ޓްރޭ މަތި އަޅާލާފައި އަނެއްކާވެސް އިތުރު 30 މިނެޓް ވަންދެން ބައިންދާލާށެވެ.
10. މި ވަގުތު ތެރޭގައި މާމުއި ސިރަޕް ތައްޔާރު ކޮށްލާށެވެ. ތަވައެއްގެ ތެރެއަށް 1 ޖޯޑު ހަކުރު، ¾ ޖޯޑު ފެން އަޅާލާފައި މެދު-ގަދަ ގިނީގައި 5 މިނެޓްވަންދެން ކައްކާލާށެވެ. ސިރަޕް ކައްކަމުން ދާ އިރު ދޭފަތެއް ބޭނުންކޮށްގެން ގިރަމުންދާށެވެ. މާމުއި ސިރަޕް ތައްޔާރުވުމުން ހުންނަންވާނީ ހަކުރު އެއްކޮށް ވިރިފައި އޮލަކޮންނެވެ. ދެން އުނދުން ނިއްވާލާފައި 1 މޭޒުމަތީ ސަމުސާ ބުރަމް ބްލެކް ފޮރެސްޓް ހަނީ އަޅާލާފައި ގިރާލާށެވެ. މިހާރު މާމުއި ސިރަޕް ހުންނަންވާނީ ރަން ކުލައިގައިއެވެ. ބޯތަށްޓެއްގެ ތެރެއަށް އަޅާލާފައި ހިހޫވެ، އޮލަވަންދެން ބައިންދާލާށެވެ.
11. އަވަން 180 ޑިގްރީ ސެލްސިއަސްގައި 10 މިނެޓް ވަންދެން ހޫނުކޮށްލާށެވެ.
12. 'އެގް ވޮޝް' ތައްޔާރު ކޮށްލުމަށް، ކުޑަ ބޯތަށްޓެއްގެ ތެރެއަށް 1 ބިހާއި 1 މޭޒުމަތީ ސަމުސާ ފުލް ކްރީމް ކިރު އަޅާލާފައި އުލެއް ބޭނުންކޮށްގެން ރަނގަޅަށް އެއްވަންދެން ގިރާލާށެވެ.
13. ފުށްގުޅަ ޓްރޭ މަތި ނަގާލާފައި، ބުރުހެއް ބޭނުންކޮށްގެން ކޮންމެ ފުށް ގުޅައެއްގައި އެއްވަރަށް އެގް ވޮޝް ހާކާލާށެވެ. ދެން، ކޮންމެ ފުށްގުޅައެއްގެ މައްޗަށް ކަޅު ސެސަމީ ސީޑް ކޮޅެއް އަޅާލާށެވެ.
14. އަވަންގެ ތެރެއަށް ޓްރޭ ލާފައި 180 ޑިގްރީ ސެލްސިއަސްގައި 20-25 މިނެޓް ވަންދެން ފިހެލާށެވެ. ފިހެ ނިމުމުން ހުންނަންވާނީ ރަން-މުށި ކުލައިގައި، ދަޅަ އެޅިފައި، މަތި ހަރުކޮށެވެ.
15. ޓްރޭ އަވަނުން ނަގާލާފައި 20 މިނެޓް ވަންދެން ހިހޫ ކޮށްލަން ރޫމް ޓެމްޕަރޭޗާގައި ބައިންދާލާށެވެ.
16. ބަނަސްތަކުގެ މައްޗަށް މާމުއި ސިރަޕް އަޅާލާށެވެ. ހަނީކޮމްބް ބްރެޑް މިހާރު ތައްޔާރުވީއެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.