ގުލާބް ޖާމުން އަކީ ފޮނިއެއްޗެހީގެ ތެރެއިން ނިކަން މީރު އެއްޗެކެވެ. ނަމަވެސް ގުލާބް ޖާމުން މީރުކޮށް ހެދުމަކީ ވަގުތާއި ހުނަރު ބޭނުންވާ ކަމެކެވެ.
މިފަހަރު މިއޮތީ ގުލާބް ޖާމުން ރަހަލާ ގޮތަށް ކޭކެއް އަޅާނެ ގޮތުގެ ރެސިޕީއެވެ. ފަސޭހައިން ހަދާލެވޭ މި ކޭކަކީ ބޮޑު އެއް ގުލާބް ޖާމުން ކަމަށް ވެސް ވިސްނިދާނެއެވެ.
ގުލާބް ޖާމުން ހަދަން ބޭނުންވާ ތަކެތީގެ ތެރެއިން ހިކި ކިރަކީ އޭގެ ރަހައަށް މުހިއްމު އެއްޗެކެވެ. އެހެންކަމުން މި ކޭކުގައިވެސް ހިކި ކިރު ކުޅެނީ މުހިއްމު ރޯލެކެވެ. ހިކި ކިރުން ކޭކުގައި ގުލާބް ޖާމުންގެ ހަގީގީ ރަހަ ލައްވައިދިނުމުގެ އިތުރުން އިތުރު ފޮނި ކަމަކާއި، މަޑު ކަމަކާއި، ރަހައިގެ މުއްސަނދިކަމެއްވެސް ކޭކަށް ގެނެސްދެއެވެ. އަދި ކުލަވެސް ރަން ކޮށްދެއެވެ.
އަހަރުމެންގެ މި ރެސިޕީގައި ބޭނުން ކުރީ އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ އެމްއެޗްއޭގެ ފަރާތުން ލިބުނު ނެސްލޭ ނީޑޯ އިންސްޓަންޓް ފުލް ކްރީމް މިލްކް ޕައުޑަރެވެ.
ނީޑޯ އަކީ ކުޑަ ކުދިންގެ މެދުގައި މަޤްބޫލް ކިރަކަށް ވާއިރު އޭގައި ހަށިގަނޑު ހެދި ބޮޑުވުމަށް ބޭނުންވާ އެތަކެއް މާއްދާތަކެއް ހިމެނިފައިވުމާއި އެކު އެއީ މައިންގެ އިތުބާރުވެސް ލިބިފައިވާ ހިކި ކިރެކެވެ.
މި ގުލާބް ޖާމުން ކޭކަކީ ހުހަށް ކާލަން މީރު ކޭކެކެވެ. ނަމަވެސް އިތުރަށް ފޮނިކޮށް ކާން ބޭނުންވާ މީހުންނަށާއި ކޭކު އިތުރަށް ޒީނަތްތެރި ކުރަން ބޭނުންވާ މީހުންނަށް ޚާއްސަ ކޮށްލައިގެން ކޭކު މައްޗަށް އަޅާނެ ކާފޫރުތޮޅި ގްލޭޒެއް ތައްޔާރު ކުރާނެ ގޮތްވެސް ރެސިޕީގައި ހިމަނާފައިވާނެއެވެ.
ބޭނުންވާ ތަކެތި:
ކޭކަށް
135 ގްރާމް ފުށް (1 ޖޯޑު)
18 ގްރާމް ނެސްލޭ ނީޑޯ އިންސްޓަންޓް ފުލް ކްރީމް މިލްކް ޕައުޑަރ (2 މޭޒުމަތީ ސަމުސާ)
15 ގްރާމް ބޭކިންގް ޕައުޑަރ (1/2 2 ސައިސަމުސާ)
1 ސައިސަމުސާ މުގުރި ކާފޫރުތޮޅި
¼ ސައިސަމުސާ ލޮނު
125 ގްރާމް ހަކުރު (1/2 ޖޯޑު + 1 މޭޒުމަތީ ސަމުސާ)
½ ޖޯޑު ތެޔޮ
2 ބިސް
1/3 ޖޯޑު ދިޔާކިރު (1/3 ޖޯޑު ފެނަށް 2 މޭޒުމަތީ ސަމުސާ ނެސްލޭ ނީޑޯ އިންސްޓަންޓް ފުލް ކްރީމް މިލްކް ޕައުޑަރ ގިރުވާފައި)
2/3 ސައިސަމުސާ ވެނީލާ އެސެންސް
ސިރަޕަށް
1 ޖޯޑު ފެން
2/3 ޖޯޑު ހަކުރު
8 ކާފޫރުތޮޅި
3 އިންޗީގެ ފޮނިތޮށި
2 ސައިސަމުސާ ރޯޒްވޯޓަރ
ކާފޫރުތޮޅި ގްލޭޒް ހަދަން
2 ޖޯޑު އައިސިންގް ޝުގަރ
2/3 މުގުރި ކާފޫރުތޮޅި
6 ސައިސަމުސާ ފެން
ޓޮޕިންގްއަށް
10 ޕިސްޓާޗިއޯ ކުދިކޮށް ކޮށާފައި
ހަދާނެ ގޮތް:
1. 180 ޑިގްރީސް ސެލްސިއަސްއަށް އަވަން ހޫނު ކުރަން ޖައްސާށެވެ. އެއްމެ މަދުވެގެން، ކޭކު ފިހަން އަވަނަށް ލުމުގެ 10 މިނެޓު ކުރިން ހޫނު ކުރަން ޖައްސަން ވާނެއެވެ.
2. 7 އިންޗި ޑަޔަމީޓަރުގައި ހުރި ވަށް ކޭކު ފިހާ ތަބަކެއްގެ ފުލުގައާއި އަރިމަތި ތަކުގައި 2 ސައިސަމުސަލެއްހާ ތެޔޮ އުނގުޅާލާށެވެ. ދެން އުނގުޅާފައި ހުރި ތެޔޮތަކުގެ މައްޗަށް މޭޒުމަތީ ސަމުސަލެއްހާ ފުށް ބުރުއްސާލާށެވެ. ތަބަކަށް ފުށްކޮޅު އަޅާލާފައި ތަބަކުގައި ކުޑަކޮށް ތަޅާލާ ތަޅުވާލީމާ ރީތިކޮށް ފަށަލައެއްހެން ފުށްތައް ބުރުއްސިގެން ދާނެއެވެ. ތަބައް އަރި ކޮށްލާފައި އަރިމައްޗަށް ވެސް މިގޮތަށް ބުރުއްސާލެވޭނެއެވެ. ތަބަކުގެ ތެރޭގައި ފުށް ގިނަ ވެފައި ހުރިނަމަ އެކޮޅު ކޮޅުން ބާއްވާފައި ދެތިން ފަހަރަކު ފުލުގައި ޖަހާލީމާ ގިނަވާ ފުށްތައް ދާނެއެވެ.
3. ފުށާއި، ނެސްލޭ ނީޑޯ ހިކިކިރާއި، ބޭކިންގް ޕައުޑަރާއި، މުގުރި ކާފޫރުތޮޅިއާއި ލޮނު ބޯތަށްޓެއްގެ ތެރެއަށް ފުރާނާލާފައި އެހަށް ބަހައްޓާށެވެ.
4. ދެން ބިހާއި ހަކުރާއި ތެޔޮ އެއްކުރާށެވެ. މިކަމަށް އަތުން ހިފާ ކަރަންޓު މިކްސަރު ނޫނީ ޖޫސް ގިރަން ބޭނުން ކުރާ މިކްސަރުވެސް ބޭނުން ކުރެވިދާނެއެވެ. އެއްކުރާނީ ރަނގަޅަށް އެއްވެ، ކުލަ ކޮންމެވެސް ވަރަކަށް އަލިވެ، އޮލަކަމެއް އެއަށް އަންނަން ދެނެވެ. ޖޫސް ގިރާ މިކްސަރު ބޭނުން ކުރާ ނަމަ މަޑު ދުވެލީގައި 2 މިނެޓު އެއްކޮށްލީމާ ރަނގަޅުވާނެއެވެ. އަތުން ހިފާ ކަރަންޓު މިކްސަރު ބޭނުން ކުރާނަމަ މެދު ދުވެލީގައި 2 މިނިޓު ގިރާލީމައި ހުންނާނީ ރަނގަޅަށެވެ.
5. ޖޫސް ގިރާ އެތީގައި ބިސްތައް ގިރި ނަމަ ބޮޑު ބޯތަށްޓަކަށް މިކްސަރުގައި ހުރި ސާމާނު އޮއްސާލާށެވެ.
6. ގިރާފައި ހުރި ބިސްތަކުގެ ތެރެއަށް ފުށް އެތިން 4 މޭޒުމަތީ ސަމުސާ ވަރުގެ އެތިކޮޅެއް އަޅާ މަޑުމަޑުން އެއްކޮށްލާށެވެ. މިކަމަށް ސަމުސަލެއް ބޭނުން ކުރެވިދާނެއެވެ.
7. ދެން ނެސްލޭ ނީޑޯ ހިކިކިރާއި ފެން އެއްކޮށްގެން ތައްޔާރު ކުރި 1/3 ޖޯޑު ކިރުގެ ތެރެއިން 2 މޭޒުމަތީ ސަމުސާ ވަރުގެ އެތިކޮޅެއް ބިސްތަކުގެ ތެރެއަށް އަޅާލާފައި އަނެއްކާވެސް މަޑުމަޑުން އެއްކޮށްލާށެވެ.
8. މިގޮތަށް 6 އަދި 7 ގައި ބުނެފައިވާ ގޮތަށް ފުށާއި ކިރު އަޅައި އެއްކުރަމުން އެތަކެތި ހުސްކޮށްލާށެވެ.
9. ވެނީލާ އެސެންސް އަޅާ އެއްކޮށްލާށެވެ.
10. ކުރިން ތައްޔާރު ކުރި ތަބަކުގެ ތެރެއަށް އެއްކުރި ސާމާނު އޮއްސާލާށެވެ.
11. ހޫނު ކުރަން ޖެއްސި އަވަނުގެ މެދު ރެކުގައި ތަބައް ބައިންދައިގެން 180 ޑިގްރީސް ސެލްސިއަސްގައި ކޭކު ފިހާށެވެ. ފިހާނީ މައްޗަށް ރަން މުށި ކުލަ އަރައި މެދަށް ދަތްކޮށްޓިއެއް ހަރާލާފައި ނަގާއިރު އޭގައި އެއްވެސް އެއްޗެއް ހަރުނުލާ ހުންނާނެ ވަރަށެވެ. އަހަރުމެންގެ ކޭކު ފިހެވުނީ 35 މިނެޓުންނެވެ. އެކަމަކު އެކި އަވަނުން ފިހެވޭ އިރު ތަފާތު ވެދާނެތީ މިކަމަށް ސަމާލު ވެލަން ވާނެއެވެ.
12. ކޭކު ފިހެވުމުން ތަބައް އަވަނުން ނަގާށެވެ. އަދި ކޭކު ފިހާ ތަބަކުން ނުނަގައި އެހަށް ކޭކު 10 މިނިޓު ހިހޫކުރަން ބަހައްޓާށެވެ.
13. ކޭކު ހިހޫ ވަމުން ދާއިރު ރޯޒްވޯޓަރ ފިޔަވާ ސިރަޕް ހަދަން ހުރި ހުރިހާ އެއްޗެއް ތެއްޔަކަށް އަޅައި ބޮކި ޖަހަން ފަށަންދެން ކައްކާށެވެ. ދެން ތަބަކުން ނުނަގާ ކޭކު ހިހޫ ކުރަން އޮތް 10 މިނިޓު ހަމަވަންދެން ކުޑަކޮށް ބޮކިޖަހަމުންދާނެ ފަދަ ހޫނު މިނެއްގައި ކައްކާލާށެވެ. ނިމުނީމައި ރޯޒްވޯޓަރ އަޅާފައި އުނދުން ނިވާލާށެވެ.
14. 10 މިނިޓު ހަމަވުމުން ކޭކު ތަބަކުން ނަގާށެވެ (ތަބައް މަތީގައި ތަށްޓެއް ބާއްވާފައި ކޭކު ތަށީގެ މައްޗަށް އަންނާނެ ގޮތަށް ފުށުން ޖަހާލައިގެން މިކަން ކުރެވިދާނެއެވެ).
15. ދަތްކޮށްޓިއެއް ބޭނުން ކޮށްގެން ކޭކު މަތީގައި ލޯވަޅު އަޅާށެވެ. ދެ ލޯވަޅުގެ ދެމެދުގައި ސެންޓިމީޓަރެއްހާ ޖާގަ ބަހައްޓާފައި ލޯވަޅުގެ ފުންމިން ކޭކުގެ ދެބައިކުޅަ އެއްބައި ވަރުގައި ބެހެއްޓީމައި ރަނގަޅުވާނެއެވެ. ދެން ސަމުސަލެއް ބޭނުން ކޮށްގެން ސިރަޕްގަނޑު ކޭކު މައްޗަށް އަޅާށެވެ. އެތިކޮޅެއް އަޅާފައި ކޭކުގެ ތެރެއަށް އެ ވަދެގެން ދަންދެން މަޑުކޮށްފައި އަނެއްކާވެސް އެތިކޮޅެއް އަޅާނީއެވެ. މިގޮތަށް ހަދައިގެން ސިރަޕްގަނޑު ހުސްކޮށްލާށެވެ.
16. ކާފޫރުތޮޅި ގްލޭޒް އަޅާނަމަ ދެން ކޭކު އެއްކޮށް ހިހޫ ކުރަން ބަހައްޓާށެވެ. ހިހޫކުރާނީ ފްރިޖަކު ނޫނެވެ. ގްލޭޒަކީ ނިކަން ފޮނި އެއްޗެކެވެ. އެހެންވެ އެ އެޅުމުގެ ކުރިން ކޭކުގެ ރަހަ ބަލާލާފައި އެ އަޅަން ބޭނުންތޯ ޗެކް ކޮށްލެވިދާނެއެވެ.
17. ގްލޭޒް ބޭނުން ކުރާނަމަ ގްލޭޒަށް ބޭނުންވާ ހުރިހާ އެއްޗެއް ކުޑަ ބޯތަށްޓެއްގައި ރަނގަޅަށް އެއްކޮށްލާފައި ކޭކު މައްޗަށް އޮއްސާލާށެވެ. ކޭކު އެއްކޮށް ހިހޫވެފައި ނުވާނަމަ ގްލޭޒް ދިޔާވެގެން ދާނެއެވެ.
18. ގްލޭޒް ބޭނުން ކުރިއަސް އަދި ނުކުރިއަސް ކޭކުގެ މައްޗަށް ކޮށާފައި ހުރި ޕިސްޓާޗިއޯކޮޅު އަޅާލާށެވެ. ކެވޭ ކަހަލަ ފިނިފެންމާ ފިޔަ އަތުގައި ހުރިނަމަ އޭގެ އެތިކޮޅެއް އަޅާލީމައި ކޭކު އަދި އިތުރަށް ރީތިވާނެއެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2024. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.