އާންމުކޮށް ދިވެހިން ބޭކްޑް ބީންސް ތައްޔާރު ކުރަނީ ހެނދުނުގެ ނާސްތާއަށެވެ. މިހެން ނަމަވެސް މިހާރު މިއީ ހެދިކާގެ ވައްތަރެއް ކަމަށްވާ، ކީމިޔާ ހެދުމަށްވެސް ބޭނުންކުރާ އެއްޗެކެވެ.
ބޭކްޑް ބީންސް ކީމިޔާގެ ދެ ވައްތަރެއް ހުރެއެވެ. އެއީ ތެލުލި ކީމިޔާ އާއި ފިހުނު ކީމިޔާއެވެ. މިފަހަރު މިއޮތީ ފިހުނު ބޭކްޑް ބީންސް ކީމިޔާގެ ރެސިޕީއެކެވެ.
އަހަރުމެންގެ މިރެސިޕީގައި ބޭނުންކޮށްފައި މިވަނީ އަހަރުމެންގެ އެއް ބައިވެރިއެއްކަމަށްވާ ކޭ.ޑީ.އެމްގެ ފަރާތުން ލިބިފައިވާ، ފްރެޝް ބޭކްޑް ބީންސްއެވެ. މި ބޭކްޑް ބީންސް ދަޅުގައި ރަހަ ގަދަ، މީރު ޓޮމާޓޯ ސޯސްއެއް ހުރުމުން ބޭކްޑް ބީންސް ތައްޔާރު ކުރުމަށްދާ ވަގުތު ސަލާމަތްވެ އެހާމެ މީރުވެއެވެ. އަދި މިއީ ޝަކްޝުކާއާއި ރިހަތައް ތައްޔާރުކުރުމަށްވެސް ބޭނުންކުރެވޭނެ ބޭކްޑް ބީންސްއެކެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 16 ފިހުނު ބޭކްޑް ބީންސް ކީމިޔާއެވެ.
ބޭނުންވާ ތަކެތި:
ފުށްގަނޑަށް
2 ޖޯޑު ފުށް
3/2 ސައިސަމުސާ ލޮނު
4 ސައިސަމުސާ ތެޔޮ
½ ޖޯޑު + 1 މޭޒުމަތީ ސަމުސާ ފެން
ބޭކްޑް ބީންސް މަސްގަނޑު ހެދުމަށް
2 މޭޒުމަތީ ސަމުސާ ތެޔޮ
½ ޖޯޑު ގޮޅިކޮށް ކޮށާފައި ހުރި ފިޔާ
10 ހިކަނދި ފަތް
1 ސައިސަމުސާ ކުދިކޮށް ކޮށާފައި ހުރި ލޮނުމެދު
½ ގިތެޔޮ މިރުސް
½ ސައިސަމުސާ ކުދިކޮށް ކޮށާފައި ހުރި އިނގުރު
1 މަސް ދަޅު (180 ގްރާމް)
425 ގްރާމް ފްރެޝް ބޭކްޑް ބީންސް
¼ ސައިސަމުސާ ތެޅި މިރުސް
¼ ސައިސަމުސާ ލޮނު
4 މޭޒުމަތީ ސަމުސާ ފްރެޝް ބޭކްޑް ބީންސް ޓޮމާޓޯ ސޯސް (ބީންސް ދަޅުން ފުރާނާފައި)
ހަދާނެގޮތް:
1. ކީމިޔާގެ ފުށްގަނޑު ތައްޔާރު ކުރުމަށްޓަކައި 2 ޖޯޑު ފުށާއި 3/2 ސައިސަމުސާ ލޮނު ބޮޑު ބޯތަށްޓަކަށް އަޅާފައި އެއްކޮށްލާށެވެ. ދެން އެއަށް 4 މޭޒުމަތީ ސަމުސާ ތެޔޮ އަޅާފައި އިނގިލިތަކުން ފުށާއި އެއްކޮށްލާށެވެ.
2. ދެން މަޑުމަޑުން ½ ޖޯޑު + 1 މޭޒުމަތީ ސަމުސާ ފެން ފުށަށް އަޅާށެވެ. ފަހަރަކު ދެތިން މޭޒުމަތީ ސަމުސާ އަޅާލުމަށް ފަހު އަތުން އެއްކޮށްފައި އަނެއްކާވެސް ފެން އަޅަމުންދާށެވެ.
3. ފެން އެއްކޮށް އެޅާ ނިމުމުން ފުށްގަނޑު ރަނގަޅަށް މޮޑެން ފަށާށެވެ. މޮޑެ ނިމޭ އިރު ހުންނަން ވާނީ މަޑުކޮށް، އަތުގައި ތަތް ނުލަވާ ވަރަށެވެ. ދެން ޕްލާސްޓިކް ވްރެޕްއިން ފުށްގަނޑު މޮޑުނު ބޯތަށި ބަންދުކުރުމަށް ފަހު 20 ނުވަތަ 30 މިނެޓް ވަންދެން އެއްކައިރިއެއްގައި ބަހައްޓާށެވެ.
4. އެއަށްފަހު، ފުށްގަނޑު 16 ބަޔަށް ބަހާލާފައި އެއިން ގުޅަ ވަށާލާށެވެ. ދެން ކޮންމެ ގުޅައެއް ރޮށި ދަމާހެން 4 އިންޗި ހުންނަ ވަރަށް ވަށްކޮށް ދަމާލާށެވެ. ދަމާލާނީ އާދައިގެ ރޮށި ދަމާ ވަރަށް ވުރެން ކުޑަކޮށް ބޯކޮށެވެ. އަދި މިބައި ވަކިން ބަހައްޓާށެވެ.
5. ދެން ބޭކްޑް ބީންސްކޮޅު ހެދުމަށްޓަކައި 2 މޭޒުމަތީ ސަމުސާ ތެޔޮ ތެއްޔަކަށް އަޅާލާފައި، މެދު ގިނީގައި 30 ސިކުންތު ވަންދެން ހޫނުކޮށްލާށެވެ.
6. ދެން ½ ޖޯޑު ކުދިކޮށް ގޮޅިކޮށް ކޮށާފައި ހުރި ފިޔާ، 10 ހިކަނދި ފަތް، 1 ސައިސަމުސާ ކުދިކޮށް ކޮށާފައި ހުރި ލޮނުމެދު، އަދި ½ ގިތެޔޮ މިރުސް ތެއްޔަށް އަޅާލާށެވެ. ހުރިހާ އެއްޗެއް އެއްކޮށްލުމަށް ފަހު 3 މިނެޓް ވަންދެން ނުވަތަ ފިޔާކޮޅު މަޑުވެ، ކުޑަކޮށް މުށިކުލައެއް އަރަންދެން ހަލާލާށެވެ.
7. ދެން ½ ސައިސަމުސާ ކުދިކޮށް ކޮށާފައި ހުރި އިނގުރާއި 1 މަސްދަޅު (ފެން ނުވަތަ ތެޔޮ ފުރާނާފައި) އަޅާލުމަށް ފަހު 1 މިނެޓް ވަންދެން ހަލާލާށެވެ.
8. އެއަށްފަހު ފުރޭންޏެއް ބޭނުންކޮށްގެން ފްރެޝް ބޭކްޑް ބީންސް ދަޅުގެ ބީންސްތަކާއި ޓޮމާޓޯ ސޯސް ވަކިކޮށްލާށެވެ (ސޯސް ފަހުން ބޭނުންކޮށްލުމަށް ބަހައްޓާށެވެ). ދެން ތެއްޔަށް ބީންސްކޮޅާއި ¼ ސައިސަމުސާ ތެޅި މިރުސް އަދި ¼ ސައިސަމުސާ ލޮނު އަޅާލާށެވެ. އަދި ރަނގަޅަށް ހަލާލުމަށްފަހު އިތުރު 3 މިނެޓް ވަންދެން ކައްކާށެވެ.
9. ދެން އުނދުން ނިވާލުމަށް ފަހު ކުރިން ބެހެއްޓި ޓޮމާޓޯ ސޯސްއިން 4 މޭޒުމަތީ ސަމުސާ ބޭކްޑް ބީންސް ތެއްޔަށް އަޅާލާފައި މަޑުމަޑުން އެއްކޮށްލާށެވެ. ދެން ބޯތަށްޓަކަށް ބޭކްޑް ބީންސް ނެގުމަށް ފަހު އޭގެއިން ހިނކަދި ފަތާއި ގިތެޔޮ މިރުސްކޮޅު ހޮވާލާށެވެ. އަދި 16 ބަޔަށް (ގާތްގަނޑަކަށް 2 ސައިސަމުސާ ކޮންމެ ބައެއްގައި ހުންނަ ވަރަށް) ބަހާލާފައި ބަހައްޓާށެވެ.
10. ކުރިން ދަމާލި ފުށުން އެއް ރޮށީގެ މެދުގައި ބޭކްޑް ބީންސް ބައެއް ބާއްވާލާށެވެ. ދެން ބީންސްތަކުގެ ދެފަރާތުން ފުށްގަނޑު އޭގެ މައްޗަށް ވާހެން ފަތް ޖަހާލާށެވެ (އެތެރޭގައި ހުރި ބީންސްގެ ބައެއް ފެންނަ ވަރަށެވެ). އިނގިލި ތެންމާލާފައި މައްޗަށް އޮތް ފަޅީގެ އަރިމަތީގައި ފަތް ޖެހުމުގެ ކުރިން ކާއްތާލައިފިނަމަ ހަރުލާވަރު ބޮޑުވާނެއެވެ.
11. ދެން ބާކީ ފަތް ނުޖަހާ ދެފަޅިވެސް، ބީންސްކޮޅު އެއްކޮށް ފޮރުވޭ ވަރަށް ފަތް ޖަހާލާށެވެ. އަދި މިދެބައިވެސް ކުރިން ހެދިހެން ތެތްކޮށްލާފައި ކައިރިފަށް ބެއްދުމަށްޓަކައި މަޑުމަޑުން އިނގިލިން އޮއްބާލާށެވެ. ފަތް ޖަހާ ނިމުނީމައި އޮންނަންވާނީ ބާލީހެއްގެ ބައްޓަމަށެވެ.
12. ދެން ބާކީ ހުރި ބީންސްތަކާއި ފުށުންވެސް މިހެން ކީމިޔާ ހަދާލާށެވެ.
13. ކީމިޔާ ފިހުމަށް މެދު ގިނީގައި ތަވައެއް ހޫނުކޮށްލާށެވެ. އަދި ފަހަރަކު 4 ނުވަތަ 6 ކީމިޔާ ތަވައިގެ މަތީގައި އަތުރާލުމަށް ފަހު 1 މިނެޓާއި 30 ސިކުންތު ވަންދެން ނުވަތަ ތިރީ ފުށަށް ރަން މުށި ކުލައެއް އަރަންދެން ފިހެލާށެވެ.
14. ދެން ޓޮންގްއެއް ބޭނުންކޮށްގެން ކީމިޔާތައް އަނެއް ފުށަށް ޖަހާފައި އިތުރު 1 މިނެޓް ވަންދެން ފިހެލާށެވެ. ތަވާ މާބޮޑަށް ހޫނުވާނަމަ ގިނި މަޑުކޮށްލަން ވާނެއެވެ.
15. އެއަށްފަހު ކީމިޔާގެ އަރިމަތިތައް ޓޮންގްއިން ތަވާގައި ޖައްސަލުމަށް ފަހު މުށިކުލައެއް އަރަންދެން ފިހެލާށެވެ. ކީމިޔާތައް އެއްކޮށް ފިހެވުމުން ހުންނާނީ ބޭރުފުށް މުރަނަކޮށް، އެތެރެ އެއްކޮށް ރޯ ފިލާފައެވެ.
16. ދެން ކީމިޔާތައް ތަށްޓަކަށް ނަގާލާށެވެ. މި ބޭކްޑް ބީންސް ކީމިޔާ އެންމެ މީރުވާނީ ހޫނުކޮށް ހުންނަ އިރު ކަޅު ސަޔާ އެކީގައެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.