މި ރެސިޕީ ފެށުމުގެ ކުރިން ބުނެލަން އޮތީ ހަމަ އެއްމެ ވާހަކައެކެވެ. އެއީ ފަލޫދާއަށް ޖެލީގެ ބަދަލުގައި ހަލުވިދާ އެޅުމުގެ ވާހަކައެވެ. ފަސޭހައިން ތައްޔާރު ކުރެވޭ ރެސިޕީއެއް ގެނެސްދޭން ވެގެން އަހަރުމެންގެ މި ފަލޫދާ ރެސިޕީގައި ބޭނުން ކުރީ ސްޓްރޯބެރީ ޖެލީއެވެ (އަހަރުމެން ބޭނުން ކުރީ ފޮސްޓަރ ކްލާކް ބްރޭންޑްގެ ޖެލީއެވެ. އަދި ޖެލީ ތައްޔާރުކުރީ ޕެކެޓްގައިވާ އިރުޝާދުތައް ބަލައިގެންނެވެ). ނަމަވެސް ޖެލީގެ ބަދަލުގައި ހަލުވިދާ ވެސް މީހުން ފަލޫދާއަށް އަޅައި އުޅެއެވެ. އަދި ހަލުވިދާ އެޅީމައި އަހަރުމެންނަށް ނިކަން މީރުވެސް ވެއެވެ. އެހެންވީމާ ގޭގައި ކުރިން ހަދާފައި ހުރި ހަލުވިދާކޮޅެއް ހުރިނަމަ ނޫނީ ހަލުވިދާ ހަދަން ވަގުތު އޮތްނަމަ ޖެލީ އަޅަން މިރެސިޕީގައި ބުނެފައިވާ ވަރަށް ހަލުވިދާ އެޅިދާނެއެވެ.
މި ރެސިޕީއިން ތައްޔާރުކުރެވޭނީ: ބޮޑު 2 ބިއްލޫރި ތަށީގެ ފަލޫދާއެވެ.
ބޭނުންވާތަކެތި:
¾ ޖޯޑު ގެރިކިރު (އަހަރުމެން ބޭނުން ކުރީ ޑަބަލް ޕީޗް)
2 ޖޯޑު ފެން (ރޯޒް ސިރަޕް ގިރުމަށް)
½ ޖޯޑު ރޯޒް ސިރަޕް
½ ސައިސަމުސާ ވެނީލާ އެސެންސް
½ ޖޯޑު ފެން (އިސްބަގުލު ފޯކުރުމަށް)
2 މޭޒުމަތީ ސަމުސާ އިސްބަގުލު
10 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ސްޓްރޯބެރީ ޖެލީ
500 ގްރާމް ވެނީލާ އައިސްކްރީމް
ހަދާނެގޮތް:
1. ފުރަތަމަ ގެރިކިރާއި ފެނާއި ރޯޒް ސިރަޕާއި ވެނީލާ އެސެންސްކޮޅު އެއްކޮށްލުމަށްފަހު އެ ފްރިޖަށްލާ ދެތިން ގަޑިއިރެއް ހާއިރު ފިނިކުރަން ބަހައްޓާށެވެ.
2. ބައިޖޯޑު ފެނަށް އިސްބަގުލުކޮޅު އަޅާލައި 30 މިނެޓުވަރު ފޯކުރަން ބަހައްޓާށެވެ.
3. ފަލޫދާ ތައްޔާރުކުރަންވީމާ ފުރަތަމަ ބިއްލޫރިތަށީގެ ތެރެއަށް އަޅާނީ ½ 1 މޭޒުމަތީ ސަމުސާ ފޯކުރި އިސްބަގުލެވެ. ދެން 5 މޭޒުމަތީ ސަމުސާ ޖެލީއެވެ.
4. ދެން ފްރިޖަށްލި ރޯޒް ސިރަޕް ގަނޑުގެ ½ 1 ޖޯޑު ބިއްލޫރި ތަށްޓަށް އަޅައި ގިރާލުމަށްފަހު މަޑުމަޑުން އައިސްކްރީމްކޮޅު ތަށްޓަށް ލާށެވެ. ތަންތަނުގައި އައިސްކްރީމް ނަގައި ތަށިތަށްޓަށް އަޅަން ގެންގުޅޭ ބާވަތުގެ އެއްޗެއް ގޭގައި ނެތްނަމަ މޭޒުމަތީ ސަމުސަލެއް މިކަމަށް ބޭނުން ކުރެވިދާނެއެވެ. އަހަރުމެންވެސް ބޭނުންކުރީ މޭޒުމަތީ ސަމުސަލެކެވެ. އަދި އެޅީ ތަށްޓަކަށް 3 މޭޒުމަތީ ސަމުސަލުގެ އައިސްކްރީމެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2024. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.