ބްލޫބެރީ ޕައިއަކީ ޕައިތަކުގެ ތެރެއިން ގޭގައި ތައްޔާރުކޮށްލުމަށް އެންމެ ފަސޭހަ އެއް ޕައިއެވެ. މިއީ ހުހަށް ނުވަތަ މައްޗަށް ވެނީލާ އައިސްކްރީމް އަޅައިގެން ވެސް ކާލުމަށް އެހާމެ މީރު އެއްޗެކެވެ.
އަހަރުމެންގެ ޕައިގެ ބްލޫބެރީ ފިލިންގް ހެދުމަށް ބޭނުންކޮށްފައި މިވަނީ، އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ އެސް.އެންޑް.އޯ (ސްޓޭންޑަރޑް އެންޑް އޮރިޖިން)ގެ ފަރާތުން ލިބިފައިވާ ފްރުޓޯސް ބްލޫބެރީ ފިލިންގް އެންޑް ޓޮޕިންގްއެވެ. ތާޒާ، ފެންވަރު ރަނގަޅު ބްލޫބެރީ ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ މި ފިލިންގްއަކީ ނުކައްކާ، ވަގުތުން ވެސް ކާލެވޭ އެއްޗެކެވެ. އަދި މިއީ ހާއްސަކޮށް ޕައިތަކާއި، ޑޭނިޝް ޕޭސްޓްރީ، ލޭޔަރ ކޭކު އަދި ކަޕްކޭކު ކަހަލަ އެއްޗެހި ހެދުމަށް ބޭނުންކުރަން ވަރަށް ރަނގަޅު ފިލިންގްއެކެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 6 ނުވަތަ 7 މީހުންނަށް ކެވޭ ވަރަށެވެ.
ބޭނުންވާ ތަކެތި:
ފުށްގަނޑު ހެދުމަށް
250 ގްރާމް ފުށް
1/3 ސައިސަމުސާ ލޮނު
100 ގްރާމް އަންސޯލްޓެޑް ބަޓަރު (ފިނިކޮށް، ގޮޅިކޮށް ކޮށާފައި)
7 ނުވަތަ 8 މޭޒުމަތީ ސަމުސާ ފިނި ފެން
ފިލިންގް ހެދުމަށް
1 ޖޯޑު ފްރުޓޯސް ބްލޫބެރީ ފިލިންގް އެންޑް ޓޮޕިންގް (ފިނިކޮށް)
1.5 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
¼ ސައިސަމުސާ ހިމުންކޮށް ގާނާފައި ހުރި ލުނބޯ ތޮށި
¼ ސައިސަމުސާ މުގުރި ފޮނިތޮށި
¼ ސައިސަމުސާ މުގުރި ކާފޫރުތޮޅި
1/8 ސައިސަމުސާ ލޮނު
ޕައިގެ މަތީގައި ހޭކުމަށް
1 ބިސް
1 މޭޒުމަތީ ސަމުސާ ފެން
1 މޭޒުމަތީ ސަމުސާ ހަކުރު
ހަދާނެ ގޮތް:
1. ބޯތަށްޓަކަށް 250 ގްރާމް ފުށް އަދި 1/3 ސައިސަމުސާ ލޮނު ފުރާނާލާށެވެ. ދެން އެއަށް 100 ގްރާމް ފިނިކޮށް، ގޮޅިކޮށް ކޮށާފައި ހުރި އަންސޯލްޓެޑް ބަޓަރު އަޅާލާށެވެ. ދެން ބަޓަރު ކޮޅުތައް އިނގިލިން މަޑުމަޑުން ޗަސްކޮށްލަމުން ފުށާއި އެއްކޮށްލާށެވެ. މިހާރު ފުށްގަނޑު ހުންނަން ވާނީ ބޮޑުކޮށް ހުންނަ ފާރޮށިކުނޑިހެންނެވެ. މިގޮތަށް އެއްކޮށްލާ އިރު ބަޓަރު ފިނިކޮށް ބެހެއްޓުން ވަރަށް މުހިންމެވެ. ބަޓަރު ފިނިކޮށް ބެހެއްޓުމަށް ގޮޅިކޮށް ކޮށުމަށް ފަހު 5 މިނިޓު ވަންދެން ފްރިޖަށްލާށެވެ.
2. ދެން، ފަހަރަކު 1 މޭޒުމަތީ ސަމުސާ ފިނި ފެން އަޅަމުން ފުށްގަނޑު މަޑުމަޑުން މޮޑޭށެވެ. މުޅިއަކު 7 ނުވަތަ 8 މޭޒުމަތީ ސަމުސާ ފެން އަޅާފައި، ފުށްގަނޑު އެއްކޮށް ބޯޅައަކަށް ހޭދޭ ވަރަށް މޮޑެލާށެވެ. ފުށްގަނޑު މޮޑެނިމުމުން ހުންނާނީ އާންމުކޮށް ތައްޔާރުކުރާ ފުށްގަނޑުތަކަށް ވުރެން ހިކިކޮށެވެ.
3. ފުށްގަނޑު މޮޑެވުމުން ބޯޅައަކަށް ހާދާފައި އޭގައި ޕްލާސްޓިކް ރެޕް އޮޅާލާފައި ބަންދުކޮށްލާށެވެ. އަދި އައިސްއަލަމާރީގެ ގަނޑުކުރާ ބަޔަށް ލާފައި 30 މިނިޓު ވަންދެން ފިނިކޮށްލާށެވެ.
4. ދެން، ބްލޫބެރީ ފިލިންގް ހެދުމަށް ބޯތަށްޓަކަށް 1 ޖޯޑު ފިނިކޮށްފައި ހުރި ފްރުޓޯސް ބްލޫބެރީ ފިލިންގް އެންޑް ޓޮޕިންގް އަޅާލާށެވެ. އަދި އެއަށް 1.5 މޭޒުމަތީ ސަމުސާ ލުނބޯ ހުތް، ¼ ސައިސަމުސާ ހިމުންކޮށް ގާނާފައި ހުރި ލުނބޯ ތޮށި، ¼ ސައިސަމުސާ މުގުރި ފޮނިތޮށި، ¼ ސައިސަމުސާ މުގުރި ކާފޫރުތޮޅި، އަދި 1/8 ސައިސަމުސާ ލޮނު އަޅާލާށެވެ. ދެން ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލުމަށް ފަހު ވަކިން ބަހައްޓާށެވެ.
5. ފުށްގަނޑު ފިނިވުމުން އައިސްއަލަމާރިން ނަގާފައި ދެބަޔަށް ބައިކޮށްލާށެވެ. މިހެން ބައިކޮށްލާނީ އެއްބައި އަނެއް ބަޔަށްވުރެ ކުޑަކޮށް ބޮޑުކޮށެވެ. ދެން ކުޑަ ފުށްގަނޑު އަނެއްކާ ވެސް އަނބުރާ އައިސްއަލަމާރިއަށްލާށެވެ.
6. ދެން، ބޮޑު ފުށްގަނޑު ދެ ބޭކިންގް ކަރުދާސްގެ ދެމެދަށްލުމަށް ފަހު، ރޮށި ދަމާ ކަހަލަ އެއްޗަކުން ވަށްކޮށް، 11 އިންޗި ވަރު ބޮޑުމިނަށް ދަމާލާށެވެ. އޭރަށް ފުށްގަނޑު ފަސޭހަކަމާ އެކު ރީއްޗަށް ދަމާލެވޭނެއެވެ. ދަމާއިރު ފުށްގަނޑު ފަޅަފަޅައިގެންދާނަމަ 10 މިނެޓު ވަންދެން ކުޑަކޮށް ފިނިކަނޑުވާލުމަށް ބަހައްޓާށެވެ. ނަމަވެސް އެއްކޮށް ފިނި ކަޑުވާލައިގެން ނުވާނެވެ. އޭރުން ޕައި ފުށްގަނޑު ފިހެވުމުން މާ ހަރުވާނެއެވެ.
7. ފުށްގަނޑު ދަމާލުމަށް ފަހު، ޕައި ހަދާ ކަހަލަ ތަބަކެއްގެ ތެރޭގައި މަޑުމަޑުން ބާއްވާލާށެވެ. މިގޮތަށް ބާއްވާއިރު ތަބަކުގެ ބޭރަށް ވާހެން ވަށައިގެން ފުށްގަނޑު އޮންނަންވާނެއެވެ.
8. ދެން، ފުށްގަނޑު މައްޗަށް ކުރިން ތައްޔާރުކޮށްލި ބްލޫބެރީ ފިލިންގް އަޅާލުމަށް ފަހު ސަމުސަލަކުން މަތި އޮމާންކޮށްލާށެވެ. އަދި އިތުރަށް ފިނިކޮށްލުމަށް އަނބުރާ އައިސްއަލަމާރިއަށް ކުޑައިރުކޮޅަކަށް ލާށެވެ.
8. އެއަށް ފަހު، އައިސްއަލަމާރިން އަނެއް ފުށްގަނޑު ނަގާފައި ކުރިން ދަމާލި ގޮތަށް، 10 އިންޗި ބޮޑު މިނަށް ދަމާލާށެވެ. އަދި ދަމާނިމުމުން ½ އިންޗި ފުޅާމިނުގެ ދިގު ފަށްތަކަށް ފުށްގަނޑު ކަފާލާށެވެ.
9. ދެން، އައިސްއަލަމާރިން ޕައި ނަގާލުމަށް ފަހު އޭގެ މަތީގައި ކަފާލި ފަށްތައް ދިގަށް އަތުރާލާށެވެ. މިހެން އަތުރާނީ ½ އިންޗީގެ ހުސްތަން ދެފަށް ދޭތެރޭގައި ބަހައްޓާފައެވެ. އެއަށް ފަހު، ދެފަށުން އެއްފަށް މައްޗަށް ނަގާލާވެ. ދެން އައު ފަށެއް ނެގުމަށް ފަހު، ޕައި މަތީގައި ދިގަށް ހުރި ފަށްތަކުގައި ހުރަހަށް ބާއްވާލާށެވެ. އަދި ކުރިން މައްޗަށް ނެގި ފަށްތައް އަނބުރާ ހުރަހަށް އޮތް ފަށުގެ މަތީގައި ބާއްވާލާށެވެ. ދެން މިހެން ދިގަށް ހުރި ފަށްތައް ނަގަމުން، ހުރަހަށް އައު ފަށްތައް ބާއްވަމުން ޕައިގެ މަތި އެއްކޮށް ވިޔެފައި ހުންނަ ކަހަލަ ގޮތަކަށް ފުރާލާށެވެ.
10. ޕައިގެ މަތީ ފުށްގަނޑު ހެދުމުން ތަބަކުގެ ބޭރަށް ނުކުމެފައި ހުރި ފަށްތައް ވެސް ތިރީގައިވާ ފުށްގަނޑުގެ ކައިރިފަށާ އެއްކޮށް، އޮއްބާލުމަށް ފަހު ރަނގަޅަށް ބަންދުކޮށްލާށެވެ.
11. އަވަން 190 ޑިގްރީ ސެލްޝިއަސްގައި 10 މިނެޓު ވަންދެން ހޫނުކޮށްލާށެވެ.
12. ކުޑަ ތަށްޓެއްގައި 1 ބިހާއި 1 މޭޒުމަތީ ސަމުސާ ފެން އެއްކޮށް ގިރާލާށެވެ. އެއަށް ފަހު ޕޭސްޓްރީ ބުރުހަކުން މި ބިސްކޮޅު ޕައިގެ މަތީގެ ފުށްގަނޑުގައި ހާކާލާށެވެ. ދެން، އޭގެ މައްޗަށް 1 މޭޒުމަތީ ސަމުސާ ހަކުރު އެއްވަރަށް ބުރުވާލާށެވެ.
13. އެއަށް ފަހު، ޕައި އަވަނަށްލާފައި 190 ޑިގްރީ ސެލްޝިއަސްގައި 40 ނުވަތަ 50 މިނެޓު ވަންދެން ފިހެލާށެވެ. ޕައި ފިހެވުމުން ހުންނާނީ ފުށްގަނޑަށް މުށި ރަން ކުލައެއް އަރާފައި، ބްލޫބެރީ ފިލިންގް މަޑުމަޑުން ބޮކިޖަހާފައެވެ.
14. އަވަނުން ޕައި ނެގުމަށް ފަހު، ކެފުމުގެ ކުރިން އެއްކޮށް ހިހޫ ވަންދެން މަޑުކޮށްލަން ވާނެއެވެ.
މި ރެސިޕީގެ ވީޑިއޯ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.