މިއީ ނިކަން މަޑު މީރު ޑޯނަޓް ރެސިޕީއެކެވެ.
މި ރެސިޕީގައި ދެގޮތަކަށް ޑޯނަޓް ހަދާނެ ގޮތް ހިމަނާފައިވާނެއެވެ. އެއް ގޮތަކީ ޑޯނަޓް ތެލުމުމަށް ފަހު އޭގެ ބޭރުގައި ހަކުރާއި ފޮނިތޮށި އުނގުޅުމެވެ. އަނެއް ގޮތަކީ ޑޯނަޓް ތެލުލުމަށްފަހު އޭގައި ވެނީލާ ގްލޭޒްއެއް ލުމެވެ. މި ދެގޮތުން ކުރެ ބޭނުން ގޮތެއް ހަދާލާށެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 12 ޑޯނަޓްއެވެ.
ބޭނުންވާ ތަކެތި:
2 ޖޯޑު އަދި 3 މޭޒުމަތީ ސަމުސާ ފުށް
3 މޭޒުމަތީ ސަމުސާ ހަކުރު
¾ ސައިސަމުސާ ލޮނު
1 ބިސް
½ ޖޯޑު އަދި 4 މޭޒުމަތީ ސަމުސާ ތާފަނާ ކިރު
2 މޭޒުމަތީ ސަމުސާ ދިޔާކުރި ބަޓަރު (ހިހޫ ކޮށްފައި)
2 ½ ސައިސަމުސާ އިންސްޓަންޓް ޔީސްޓް
3 ޖޯޑު ތެޔޮ (ތެލުލުމަށް)
ހަދާނެ ގޮތް:
1. ބޯތަށްޓަކަށް ފުށާއި، ހަކުރާއި ލޮނު އަޅާ އެއްކޮށްލާފައި އެހަށް ބަހައްޓާލާށެވެ.
2. އެހެން ބޯތަށްޓަކަށް ½ ޖޯޑު ކިރާއި، ބިހާއި، ދިޔާކޮށްފައިހުރި ބަޓަރާއި ޔީސްޓް އަޅާ އެއްކޮށްލާށެވެ. މިހެން ހެދުމަށް ފަހު އެއްކުރި ތަކެތިން ބޮކި އުފެދުނުތޯ ބަލާލަން ދެތިން މިނިޓު މަޑު ކޮށްލާށެވެ. ޔީސްޓް ރަނގަޅިއްޔާ ބޮކި ހެދޭނެއެވެ.
3. ދެން ބިސްއެތި ފުށްއެތީގެ ތެރެއަށް އޮއްސާލާފައި އެއްކޮށްލާށެވެ. މިކަމަށް ސަމުސަލެއް ބޭނުން ކުރެވިދާނެއެވެ. ނޫނީ އަތުންވެސް އެއްކޮށްލެވިދާނެއެވެ. އެއްކުރަމުން ދާއިރު ފުށްގަނޑުގެ އެކި ދިމަދިމާލުން މާހިކި ހެން ހީވާނަމަ އިތުރު ކިރުކޮޅެއް އަޅާލާށެވެ. ނަމަވެސް އަޅާނީ ނިކަން ފަރުވާ ބަހައްޓައިގެން ފަހަރަކު މޭޒުމަތީ ސަމުސަލެއްގެ އެތިކޮޅެކެވެ. އަހަރުމެން މިގޮތަށް 4 މޭޒުމަތީ ސަމުސަލުގެ ކިރު އެޅީމެވެ.
4. ބޯތަށީގެ އަރިމަތި ތަކުން ފުށްގަނޑު ނެއްޓޭނެ ވަރަށް ފުށްގަނޑު އެއްކުރަމުން ދާށެވެ.
5. ދެން މިއޮތީ ފުށްގަނޑު މޮޑުމެވެ. ބޮޑު ކަޓިންގް ބޯޑެއްގެ މަތީގައި ނުވަތަ ބޮޑު ބޯތަށްޓެއްގެ ތެރޭގައިވެސް ފުށްގަނޑު މޮޑެވިދާނެއެވެ. މޮޑެން ފެށުމުގެ ކުރިން ފުށްގަނޑު ޖެހޭނެ ހުރިހާ ހިސާބެއްގައި ކުޑަ ތެޔޮކޮޅެއް އުނގުޅާލާށެވެ. އެއިރުން މޮޑެމުން ދާއިރު ތަތްލެވުން ކުޑަ ވާނެއެވެ. ތަތްލެވުން ކުޑަ ކުރުމަށް އިނގިލިތަކާއި އަތްތިލައިގައިވެސް ތެޔޮ އުނގުޅާށެވެ. ފުށްގަނޑު މޮޑޭނީ 15 މިނިޓު ވަންދެނެވެ. މޮޑެން ފަށާއިރު ފުށްގަނޑު ނިކަން ތެތްވާނެއެވެ. ނަމަވެސް މޮޑެމުން ގެންދާ ވަރަކަށް ފުށްގަނޑުގެ ތެތްކަން ދާނީ ކެނޑެމުންނެވެ. މިގޮތަށް މޮޑޭއިރު އިތުރަށް ފުށެއް ނާޅާނެއެވެ.
6. ދެން ސާފު ބޯތަށްޓެއްގައި ތެޔޮ އުނގުޅާފައި އޭގެ ތެރެއަށް މޮޑުނު ފުށްގަނޑު ލާށެވެ. ސާފު ފޮތިގަނޑަކުން އެ ބޯތަށި އެއްކޮށް ނިވާކުރާށެވެ. ދެން ފުށްގަނޑު ދެގުނައަށް ބޮޑު ވަންދެން އެގޮތަށް ބަހައްޓާށެވެ. އަހަރުމެންގެ ފުށްގަނޑު ދެ ގުނައަށް ބޮޑުވީ ދެ ގަޑިއިރުންނެވެ.
7. ފުށްގަނޑު ދެގުނައަށް ބޮޑުވުމުން ދެން އޮންނާނީ ދެމުމެވެ. ރޮށި ދަމާ އެތީގައި ފުށް އުނގުޅާށެވެ. ދެން ބޯތަށިން ފުށްގަނޑު ނަގައި ދަމާއެތީގައި ބާއްވާފައި ދެތިން ފަހަރަކު ފުށްގަނޑުގައި ގޮށްމުއްކަވާފައި ޖަހާށެވެ. އެއިރުން އޭގައި ހުރި ވައިތައް ނިކުމެގެން ދާނެއެވެ.
8. ފުށްގަނޑު ދަމާނީ އޭގެ ބޯމިނުގައި ބައި އިންޗި ހުންނާނެ ވަރަށެވެ. އެއްފަހަރާ ފުށްގަނޑު އެއްކޮށް ދަމާލެވޭ ވަރުގެ ބޮޑު އެއްޗެއް ނެތްނަމަ، ފުށްގަނޑު ބައިބަޔަށް ބަހާލައިގެންވެސް އެކަން ކުރެވިދާނެއެވެ.
9. ފުށްގަނޑު ދަމާ ނިމުން ދެން ވީ ކަފާށެވެ. ޑޯނަޓް ކަފާ އެއްޗެއް އޮތް ނަމަ އެ ބޭނުން ކުރާށެވެ. ނެތް ނަމަ ސައިބޯ މަގެއްވެސް ބޭނުން ކުރާށެވެ. ސައިބޯ މަގުން ބޮޑު ބުރު ކަފާފައި ޑޯނަޓްގެ މެދުގައި އިންނަ ލޯވަޅު ކަފަން ބޭނުން ކުރާނީ ފެން ފުޅިއެއްގެ މަތިގަނޑެކެވެ.
10. ކަފާ ނިމޭ ވަރަކުން ތަބަކެއްގައި އަތުރަމުން ދާށެވެ. އެތުރުމުގެ ކުރިން ތަބަކުގައި ކުޑަ ތެޔޮ ކޮޅެއް ހާކާލަން ވާނެއެވެ. އަތުރާއިރު ދޭތި ދޭތެރޭގައި ކުޑަ ތަންކޮޅެއް ބަހައްޓާލަން ވާނެއެވެ.
11. ފުށްގަނޑުން ޑޯނަޓް ބައްޓަމަށް އެތިކޮޅުތައް ކަފާ ނިމުމުން ބާކީވާ ފުށްގަނޑު އެއްކޮށްލާ ބޯޅައަކަށް ހަދާލުމަށްފަހު އަނެއްކާވެސް ބައި އިންޗީގެ ބޯމިނަށް ދަމާށެވެ. ދަމާ ނިމުމުން 9 ގައިވާ ގޮތަށް ކަފާފައި 10 ގައިވާ ގޮތަށް ތަބަކުގައި އަތުރާށެވެ. މިހެން ހަދައި މޮޑުނު ފުށްގަނޑު އެއްކޮށް ހުސް ކޮށްލާށެވެ. ޑޯނަޓް ތެލުލަން ބޭނުން ކުރާނެ ތެޔޮ ގަނޑުގެ ފިނިހޫނުމިން ޗެކް ކުރުމަށްޓަކައި ކުޑަ ބޯޅައެއްވެސް ހަދާލާފައި ބާއްވާށެވެ.
12. ޑޯނަޓްތައް އެތުރި ތަބަކުގެ މަތީގައި ފޮތިގަނޑެއް އަޅައި ތަބައް އެއްކޮށް ފޮރުވާށެވެ. ދެން އަނެއްކާވެސް ޑޯނަޓްތައް ދެގުނައަށް ފުފެންދެން ބަހައްޓާށެވެ. 20 މިނިޓު ބަހައްޓާލީމަ ރަނގަޅު ވާނެއެވެ.
13. ތެއްޔަށް ތެޔޮ އަޅާ ހޫނު ކުރާށެވެ. ޓެސްޓު ކުރަން ހެދި ބޯޅަ ތެޔޮގަނޑުގެ ތެރެއަށް ވައްޓާލާށެވެ. ތެޔޮގަނޑުގެ މައްޗަށް އެ އަރައި އޭގެ ވަށައިގެން މެދު ސްޕީޑުގައި ބޮކި ޖަހާނަމަ ތެޔޮގަނޑުގެ ފިނިހޫނު މިން އެހެރީ ރަނގަޅަށެވެ.
14. ޑޯނަޓް މިއީ ވަރަށް އަވަހަށް ތެލުލެވޭ އެއްޗެކެވެ. އެހެންވީމައި އަހަރުމެން ތެލުލީ ފަހަރަކު ދޭއްޗެވެ. ނިކަން ފަރުވާތެރި ކަމާއި އެކު ޑޯނަޓް ތެލައް ލާށެވެ. މިނިޓެއް ހާއިރު ތެރޭގައި އަޑީގައިވާ ފުށް އޮންނާނީ ތެލުލެވިފައެވެ. ދެން ފުށުން ޖަހާލާފައި އަނެއް ފުށްވެސް ތެލުލާނީއެވެ. ތެލު ލާނީ ރަން މުށި ކުލައެއް އަރާލަން ދެނެވެ.
15. ތެލުލެވުމުން ތެޔޮގަނޑުން ނަގައި ދަނގަނޑު ފުރޭންޏަކަށް ލާފައި އިތުރުވާ ތެޔޮ ފުރާނާލާށެވެ. ފުރޭނީގައި 5 މިނިޓު ބެހެއްޓުމަށްފަހު ޓިޝޫ މަތީގައި ރީތިކޮށް ޑޯނަޓްތައް އަތުރާށެވެ.
16. ކަފާފައި ހުރި ހުރިހާ ޑޯނަޓްތަކެއް 14 އަދި 15 ގައިވާ ގޮތަށް ތެލުލައި ހުސް ކޮށްލާށެވެ. ތެލުލަމުން ދާއިރު ތެލުގެ ފިނިހޫނުމިން ބަހައްޓަންވާނީ މެދު މިނުގައެވެ.
ހަކުރާއި ފޮނިތޮށި ހާކާފައި ހުންނަ ޑޯނަޓް
ބޭނުންވާ ތަކެތި:
¼ ޖޯޑު ހަކުރު
1 ސައިސަމުސާ މުގުރި ފޮނިތޮށި
ހަދާނެ ގޮތް:
1. ބޯތަށްޓެއްގައި ހަކުރާއި ފޮނިތޮށި އެއްކޮށްލާށެވެ.
2. ޑޯނަޓް ހޫނުކޮށް ހުއްޓައި ހަކުރާއި ފޮނިތޮށި އެޅި ބޯތަށްޓަށް ލާށެވެ. ދެން ފުށުން ޖަހާ ހަދާލައިގެން ހަކުރާއި ފޮނިތޮށީގެ ފަށަލައެއް އޭގައި ލާށެވެ. ހިހޫ ވުމަށްފަހު މިގޮތަށް ފަށަލައެއް ނުހެދޭނެއެވެ. އަދި އެއް ފަހަރާ ހުރިހާ ޑޯނަޓެއް ހަކުރު ތެރެއަށް އެޅުމުގެ ބަދަލުގައި ބައިބަޔަށް ބަހާލައިގެން އެކަން ކުރާށެވެ.
ވެނީލާ ގްލޭޒް ޑޯނަޓް
ބޭނުންވާ ތަކެތި:
2 ޖޯޑު އައިސިންގް ޝުގަރ
1 ސައިސަމުސާ ވެނީލާ އެސެންސް
½ ސައިސަމުސާ ލޮނު
3 މޭޒުމަތީ ސަމުސާ ކިރު
ކާކުލަ (ބޭނުން ނަމަ)
ހަދާނެ ގޮތް:
1. ހުރިހާ އެއްޗެއް ބޯތަށްޓަކަށް އަޅާފައި އެއްކުރާށެވެ. ގްލޭޒް ދިޔާކޮށް ހުންނަން ބޭނުން ނަމަ އިތުރަށް ކިރު އަޅާށެވެ.
2. ޑޯނަޓްތައް އެއްކޮށް ހިހޫ ނުވަނީސް، ފަހަރަކު ޑޯނަޓެއް ގްލޭޒްގެ ތެރެއަށް ލާފައި ނަގާ ތަށްޓަކަށް ލާށެވެ. މުޅި ޑޯނަޓްގައިވެސް ނޫނީ ޑޯނަޓްގެ އެއް ފަޅީގައިވެސް މިގޮތަށް ގްލޭޒް އުނގުޅިދާނެއެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.