މިއީ ކޯންޑް ބީފް، ފިޔާ، ޓޮމާޓޯ އަދި އަލުވި އަޅައިގެން ތައްޔާރު ކުރާ މީރު ޕައިއެކެވެ.
އަހަރުމެންގެ މި ރެސިޕީގައި ބޭނުން ކުރީ އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ އޭޑީކޭ ޖެނެރަލް ޓްރޭޑިންގްގެ ފަރާތުން ލިބުނު ހެރެފޯޑް ބްރޭންޑްގެ ކޯންޑް ބީފްއެވެ. އަހަރުމެންނަށް ހެރެފޯޑް ކޯންޑް ބީފް ކަމުދިޔަ ސަބަބުތަކުގެ ތެރޭގައި އޭގައި ގެރިމަހުގެ ރަހަ ރަނގަޅަށް ލުމާއި، މާބޮޑަށް އޭގެ ލޮނު ގަދަ ނުވުން ހިމެނެއެވެ.
މީގެ އިތުރުން ހެރެފޯޑް ކޯންޑް ބީފް ދަޅުގައި ބަންދު ކޮށްފައި ހުންނަނީ އެ ރޯފިލުވުމަށް ފަހުގައި ކަމުން މި ޕައިގެ އިތުރުން ސޭންޑްވިޗް، ޓާކޯސް އަދި ސެލަޑް ފަދަ ތަކެތީގައިވެސް މި ފަސޭހަ ކަމާއިއެކު ބޭނުން ކޮށްލެވޭނެއެވެ.
ގަންނަމާޓް އެޕް މެދުވެރިކޮށް ހެރެފޯޑް ކޯންޑް ބީފް ހޯދޭނެއެވެ. ނޫނީ އޭޑީކޭ ޖެނެރަލް ޓްރޭޑިންގްގެ ވައިބަރ ހޮޓްލައިން 3663-736 މެދުވެރިކޮށްވެސް ހޯދޭނެއެވެ.
ބޭނުންވާ ތަކެތި:
ފުށްގަނޑަށް
200 ގްރާމް ގޮދަން ފުށް
1/3 ސައިސަމުސާ ލޮނު
80 ގްރާމް ބަޓަރު (ފިނިކޮށް، ގޮޅިކޮށް ކޮށާފައި)
9 މޭޒުމަތީ ސަމުސާ ފިނި ފެން (ނޫނީ ބޭނުން ޖެހޭ ވަރަކަށް)
މަސްގަނޑަށް
1 ކުޑަ ފިޔާ
1 ބޮޑު ޓޮމާޓޯ
½ ގިތެޔޮ މިރުސް
2 މޭޒުމަތީ ސަމުސާ ތެޔޮ
280 ގްރާމް ފެނުކައްކާ ޗަސްކޮށްފައިހުރި އަލުވި (3 ކުދި އަލުވި)
170 ގްރާމް ހެރެފޯޑް ކޯންޑް ބީފް
¼ ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)
ބޭނުންވާ އެހެން ސާމާނު
1 ސައިސަމުސާ ބަޓަރު (ތަބަކުގައި އުނގުޅަން)
½ ޖޯޑު ކުދިކޮށް ކޮށާފައި ހުރި ޗެޑާ ޗީޒް
1 ކުކުޅު ބިހުގެ ގޮބޮޅި
1 މޭޒުމަތީ ސަމުސާ ފުލް ކްރީމް ކިރު
ހަދާނެ ގޮތް:
1. ފުށާއި ލޮނު ބޯތަށްޓެއްގެ ތެރެއަށް ފުރާނާލާށެވެ. ދެން އޭގެ ތެރެއަށް ބަޓަރު ކޮޅު އަޅާށެވެ (ބަޓަރު ކޮޅު ހުންނަން ޖެހޭނީ ވަރަށް ފިނި ކޮށެވެ. ގޮޅިކޮށް ކޮށުމަށްފަހު 5 މިނިޓުވަރުގެ އިރުކޮޅަކަށް ބަޓަރުކޮޅު ފްރިޖަށް ލީމައި ރަނގަޅުވާނެއެވެ). ދެން އިނގިލިތައް ބޭނުން ކޮށްގެން ބަޓަރާއި ފުށް އެއްކުރާށެވެ. އެއްކުރާނީ ރާޅުކޮށް ފުނޑުވާފައި ހުރި ޕާންހެން ހީވާ ވަރުވަންދެނެވެ.
2. ދެން މަޑުމަޑުން އޭގެ ތެރެއަށް ފިނިފެން އަޅަމުން މަޑުމަޑުން މޮޑެމުން ގެންދާށެވެ. ފެން އަޅާނީ ފަހަރަކު މޭޒުމަތީ ސަމުސަލެއްހާ އެތިކޮޅެކެވެ. ފުށްގަނޑުން ބޯޅައެއް ހަދާލެވޭ ވަރު ވަންދެން މިގޮތަށް ފެން އަޅަމުން މޮޑެމުން ގެންދާށެވެ. ބޯޅައަކަށް ވާއިރު އެ އޮންނާނީ ކޮންމެހެން އެހާ އޮމާން ކޮށެއް ނޫނެވެ. ދެން ޕްލާސްޓިކް ރެޕް ބޭނުން ކޮށްގެން ފުށްގަނޑު ރަނގަޅަށް ބަންދުކޮށްލާފައި 30 މިނިޓު ވަންދެން އައިސް އަލަމާރީގައި ބާއްވާށެވެ.
3. ފިޔާ އަދި ޓޮމާޓޯ ކުދިކޮށް ގޮޅިކޮށް ކޮށާށެވެ. ގިތެޔޮ މިރުސް ތުނިކޮށް ކޮށާށެވެ.
4. ތެއްޔަކަށް ތެޔޮ އަޅާފައި އެ ހޫނު ކުރާށެވެ. ތެޔޮ ހޫނު ވުމުން ފިޔާކޮޅު އަޅާފައި އެ މަޑުވަންދެން ނޫނީ 2 މިނިޓުވަންދެން ކައްކާށެވެ. ދެން ގިތެޔޮ މިރުހާއި ޓޮމާޓޯ އަޅާފައި އަދި އިތުރު 2 މިނިޓު ކައްކާށެވެ.
5. ދެން އަލުވި، ކޯންޑް ބީފް އަދި ލޮނު ތެއްޔަށް އަޅާ ރަނގަޅަށް އެއްކޮށްލާފައި އަދި އިތުރު 5 މިނިޓު ކައްކާލާށެވެ. ރަހަ ބަލާލާފައި ބޭނުން ގޮތަކަށް ބަދަލު ގެނެސްލާށެވެ.
6. 190 ޑިގްރީސް ސެލްސިއަސްއަށް އަވަން ހޫނުކުރަން ޖައްސާށެވެ.
7. 8 އިންޗީގެ ވަށް ތަބަކެއްގެ ފުލާއި އަރިމަތީގައި ބަޓަރު އުނގުޅާށެވެ.
8. 30 މިނިޓު ހަމަވުމުން ފްރިޖަށް ލި ފުށްގަނޑު ނަގައި ދެބަޔަށް ބަހާލާށެވެ. ބައި ކޮށްލާއިރު އެއްބައި އަނެއް ބަޔަށްވުރެ ކުޑަ ތަންކޮޅެއް ބޮޑު ވާންވާނެއެވެ.
9. ބޮޑުކޮށް އޮތް ބައި ނަގާ ރޮށި ދަމާއެތި ބޭނުން ކޮށްގެން ވަށްކޮށް ދަމާލާށެވެ. ވަށްކޮށް ދަމާލާއިރު ޑަޔަމީޓަރުގައި ބަހައްޓާނީ ގާތްގަނޑަކަށް 10 އިންޗިއެވެ (ދަމާއިރު ފުށްކޮޅެއް ބުރުއްސާލާފައި ރޮށި ދަމާގޮތަށް ދަމާލެވިދާނެއެވެ. ނޫނީ ދެ ބޭކިންގް ޕޭޕަރގެ ދެމެދައް ފުށްގަނޑު ލާފައި ދެންވެސް ދެމިދާނެއެވެ. ފުށްގަނޑުގައި ބަޓަރު ހުންނާތީވެ ފުށްގަނޑު މާބޮޑަށް ފިނިކޮށް އޮވެއްޖެ ނަމަ އެ ދަމާއިރު ފަޅަފަޅައިގެން ދާގޮތް ވާނެއެވެ. އެހެންވީމައި މިކަމަށް ސަމާލުވެލަން ވާނެއެވެ. ފަޅަފަޅައިގެން ދާގޮތް ވާނަމަ ފްރިޖުން ބޭރުގައި ފުށްގަނޑު 5 މިނިޓު ވަރު ބާއްވާލާފައި އެ މަޑުވެލަންދެން ކުޑަކޮށް މޮޑެލާށެވެ).
10. ބަޓަރު އުނގުޅާ ތައްޔާރުކުރި ތަބަކުގެ ތެރޭގައި ދެމި ފުށްގަނޑު ރީތިކޮށް ބާއްވާލާށެވެ. މިގޮތަށް ބާއްވާއިރު ތަބަކުން ބޭރަށް އިންޗިއެއްހާ ތަން އޮންނަންވާނެއެވެ.
11. ދެން ކުރިން ކެއްކި ކޯންޑް ބީފް މަސްގަނޑު އެ ފުށްގަނޑުގެ މަތީގައި މަޑުމަޑުން ފަތުރާލާށެވެ. ފަތުރާލާއިރު އަރިމަތިން އިންޗިއެއްހާތަން ދޫކޮށްލަންވާނެއެވެ. ދޭން ކޯންޑް ބީފް މަސްގަނޑުގެ މައްޗަށް ފަށަލައެއްހެން ޗީޒް އަޅާށެވެ.
12. ދެން ކުޑަކޮށް އޮތް ފުށްގަނޑު ކުރީ ފުށްގަނޑުވެސް ހަމަ ދެމިގޮތަށް ދަމާލާށެވެ. މި ފަހަރު ދަމާއިރު ޑަޔަމީޓަރުގައި ބަހައްޓާނީ 8 އިންޗިވަރެވެ.
13. ދަމާ ނިމުނީމައި ކޯންޑް ބީފް އާއި ޗީޒްގެ މަތީގައި އެ ފުށްގަނޑު ބާއްވާލާށެވެ. ދެން އަޑީގައި އޮތް ފުށްގަނޑުގެ އަރިމަތީގައި ހިފައި އެ މަތީގައި އޮތް ފުށްގަނޑުގެ މަތިން ފަތްޖަހާލާށެވެ. ބަންދުކޮށްލުމަށް އޮބާލާށެވެ. ބޭނުމިއްޔާ އުލަކުން އޮބާލައިގެން އަރިމަތީގައި ޑިޒައިނެއްވެސް ހަދާލެވިދާނެއެވެ. އުލަކުން ޕައިގެ މަތީގައި ލޯވަޅުކޮޅެއް އަޅާލާށެވެ. ފޮޓޯގައިވާ ގޮތަށް ލޯވަޅު އެޅީމައި ރަނގަޅުވާނެއެވެ. އެހެން ހަދަނީ ފިހެވެމުން ދާއިރު އާވި ބޭރު ކުރުމަށެވެ.
14. ކުކުޅު ބިހުގެ ގޮބޮޅިއާއި ފުލްކްރީމް ކިރު ކުޑަ ބޯތަށްޓެއްގައި ރަނގަޅަށް އެއްކޮށްލާފައި ދެން އެ ޕައިގެ މަތީގައި ހާކާށެވެ. އެއްކޮށް ހުސްވަންދެން ފަހަރެއްގައި ހާކަން ނުޖެހިދާނެއެވެ. ގޮބޮޅިއާއި ކިރު މިގޮތަށް އުނގުޅީމައި ފިހެވޭއިރު ޕައިގެ މައްޗަށް އޮންނާނީ ރީތި ރަންކުލައެއް އަރާފައެވެ.
15. ހޫނު ކުރަން ޖެއްސި އަވަނުގެ މެދު ރެކުގައި ޕައި ބައިންދައިގެން މައްޗަށް ރަން ކުލަ އަރަންދެން ފިހާށެވެ. އަހަރުމެންނަށް މިކަންވީ 45 މިނިޓުންނެވެ. ފިހަން ޕައި އަވަނަށް ލުމުގެ 10 މިނިޓު ކުރިން އަވަން ހޫނު ކުރަން ޖައްސަން ވާނެއެވެ.
16. ޕައި ފިހެ ނިމުނީމައި އަވަނުން ނަގާފައި ކަފާނުލާ މަދުވެގެން 15 މިނިޓު ބަހައްޓާލާށެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.