
މި ޗިލީ ޗިކަން ރެޕް ހަދާފައި ވަނީ ރަހަމީރު ޗިލީ ޗިކަން އާއި ލެޓިއުސް އަޅައިގެންނެވެ. މިއީ މެންދުރާއި ރޭގަނޑުގެ ކެއުމަށްވެސް ކަމުދާނެ ރެޕްއެކެވެ.

އަހަރުމެން މި ރެސިޕީގައި ބޭނުންކޮށްފައި މިވަނީ، އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ ސޯސަން ފިހާރައިގެ ފަރާތުން ލިބިފައިވާ، ޑެލި ސަން ފުލް ގްރެއިން ކޯން ޓޯޓިއާއެވެ. މިއީ މަޑުމަޑުކޮށް ހުންނަ، ޒުވާރި ރަހަލާ ޓޯޓިއާއަކަށް ވުމުން މި ތަންދޫރީ ކުކުޅާއިއެކީ ކާލުމަށް ވަރަށް މީރެވެ. މިކަހަލަ ޓޯޓިއާ ރެޕްތަކުގެ އިތުރުން ޓާކޯސް އަދި ހޯމްމޭޑް ޕިއްޒާ ކަހަލަ އެއްޗެހި ހަދަންވެސް މި ރެޕް ބޭނުންކުރެވޭނެއެވެ.

މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 6 ރެޕްއެވެ.
ބޭނުންވާ ތަކެތި:
ކުކުޅު ހެދުމަށް:
250 ގްރާމް ބޯންލެސް ޗިކަން ބްރެސްޓް
¼ ސައިސަމުސާ ލޮނު
¼ ސައިސަމުސާ މުގުރި އަސޭމިރުސް
1 ½ މޭޒުމަތީ ސަމުސާ ކޯން ފްލާ
1 މޭޒުމަތީ ސަމުސާ ފުށް
1 ސައިސަމުސާ ޑަރކް ސޯޔާ ސޯސް
½ މޭޒުމަތީ ސަމުސާ ޖިންޖަރ ގާލިކް ޕޭސްޓް
1 ބިސް
¼ ސައިސަމުސާ ތެޅި މިރުސް
2 ޖޯޑު ތެޔޮ (ކުކުޅު ތެލުލުމަށް)
1 މޭޒުމަތީ ސަމުސާ ތެޔޮ (ޗިލީ ޗިކަން ބައި ހެދުމަށް)
¼ ޖޯޑު ތުނިކޮށް ކޮށާފައި ހުރި ފިޔާ
3 މޭޒުމަތީ ސަމުސާ ރަތް ބެލް ޕެޕަރ
2 ސައިސަމުސާ ކުދިކޮށް ކޮށާފައި ހުރި ރަތް ތޮޅި މިރުސް
1 ސައިސަމުސާ ކޯން ފްލާ
3 ސައިސަމުސާ ފެން
ސޯސް ހެދުމަށް:
3 މޭޒުމަތީ ސަމުސާ ޓޮމާޓޯ ސޯސް
3 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
1 ސައިސަމުސާ ޑަރކް ސޯޔާ ސޯސް
2 ސައިސަމުސާ ބޮޑު ލުނބޯ ހުތް
ރެޕް ތައްޔާރު ކުރުމަށް
6 ޑެލީ ސަން ފުލް ގްރެއިން ޓޯޓިއާ
¼ ޖޯޑު ޗިލީ ސޯސް
1 ޖޯޑު ބޮޑުކޮށް ކޮށާފައި ހުރި ލެޓިއުސް
ހަދާނެގޮތް:
1. ފުރަތަމަ 250 ގްރާމް ބޯންލެސް ޗިކަން ބްރެސްޓްގެ ފިނިކަން ކަނޑުވާފައި، 1 ނުވަތަ ½ އިންޗިއަށް ކުދިކޮށް ކޮށާލާށެވެ.
2. ދެން ބޮޑު ބޯތަށްޓަކަށް ¼ ސައިސަމުސާ ލޮނާއި، ¼ ސައިސަމުސާ މުގުރި އަސޭމިރުސް، 1 ½ މޭޒުމަތީ ސަމުސާ ކޯން ފްލާ، 1 މޭޒުމަތީ ސަމުސާ ފުށް، 1 ސައިސަމުސާ ޑަރކް ސޯޔާ ސޯސް، ½ މޭޒުމަތީ ސަމުސާ ޖިންޖަރ ގާލިކް ޕޭސްޓް، 1 ބިސް، އަދި ¼ ސައިސަމުސާ ތެޅި މިރުސް އަޅާލާށެވެ. ސަމުސަލެއް ބޭނުންކޮށްގެން ހުރިހާ އެއްޗެއް އެއްކޮށްފައި އެއަށް ކޮށާލި ކުކުޅު ކޮޅު އަޅާލުމަށްފަހު އެއްކޮށްލާށެވެ. ދެން ބޯތަށީގެ މަތީގައި ފުޑް ރެފް އަޅާފައި، މެރިނޭޓް ކުރުމަށް އައިސްއަލަމާރިއަށް ލާފައި 30 މިނެޓު ވަންދެން ބަހައްޓާށެވެ.
3. މި ވަގުތުގައި ސޯސްކޮޅު ތައްޔާރުކުރާށެވެ. މިކަމަށް ބޭނުންވާ 3 މޭޒުމަތީ ސަމުސާ ޓޮމާޓޯ ސޯސްއާއި، 3 މޭޒުމަތީ ސަމުސާ ޗިލީ ސޯސް، 1 ސައިސަމުސާ ޑަރކް ސޯޔާ ސޯސް، އަދި 2 ސައިސަމުސާ ބޮޑު ލުނބޯ ހުތް ކުޑަ ބޯތަށްޓަކަށް އަޅާފައި ސަމުސަލަކުން އެއްކޮށްލާށެވެ. އަދި ވަކިން ބަހައްޓާށެވެ.
4. ކުކުޅު މެރިނޭޓްކޮށް ނިމުމުން، 2 ޖޯޑު ތެޔޮ ބޮޑު ތެއްޔަކަށް އަޅާފައި 4 މިނެޓު ވަންދެން ގަދަ ގިނީގައި ހޫނުކޮށްލާށެވެ. އަހަރުމެން 2 ޖޯޑުގެ ތެޔޮ ބޭނުން ކުރިއަސް ތެލުލަން ބޭނުން ކުރާ ތެލީގެ ސައިޒަށް ބަލާފައި ހެޔޮވަރު ވާނެ ވަރެއް ބޭނުން ކުރާށެވެ. ތެޔޮ ގަނޑު ހޫނު ވެއްޖެތޯ ބަލަން ކުކުޅު އެތިން ކުޑަ އެތިކޮޅެއް ތެޔޮގަނޑުގެ ތެރެއަށް ވައްޓާލާށެވެ. ތެޔޮގަނޑުގެ މައްޗަށް ކުކުޅު ކޮޅު އަރައި އޭގެ ވަށައިގެން ބޮކި ޖަހަމުން ދާނަމަ އެހެރީ ރަނގަޅަށް ހޫނު ވެފައެވެ.
5. ކުކުޅު ބޮޑަށް މުރަނަކޮށް ހެދުމަށް ކުކުޅު ތެލުލާނީ ބައިބަޔަށް ބަހާލައިގެންނެވެ. އެންމެ ފުރަތަމަ ބައި ތެލުލާނީ 6 ނުވަތަ 7 މިނެޓު ވަންދެން ނުވަތަ އެއަށް ރަތްކަހަލަ ކުލައެއް އަރައި އެ ކޮންމެވެސް ވަރަކަށް މުރަނަ ވީމައެވެ. ދެފުށްވެސް ރަނގަޅަށް ތެލުލުމަށްޓަކައި ކުކުޅު ކޮޅު ފުށުން ޖަހާލަން ވާނެއެވެ.
6. ތެލުލެވުނީމައި ތެލުން ނަގައި ދަގަނޑު ފުރޭންޏެއްގެ ތެރޭގައި އިރުކޮޅަކު ބަހައްޓާލާފައި ޓިޝޫ މަތީގައި އަތުރާށެވެ. ދެން މިގޮތަށް ބާކީ ހުރި ކުކުޅު ކޮޅުވެސް ދެތިން ބަޔަށް ބަހައިގެން ތެލުލާށެވެ. މިހާރު ތެޔޮ ބޮޑަށް ހޫނު ވުމުން މިބައިތައް ތެއްލުމަށް ނަގާނީ ގާތްގަނޑަކަށް 4 ނުވަތަ 5 މިނެޓެވެ.
7. ހުރިހާ ކުކުޅެއް ތެލުލާ ނިމުމުން ކުޑަ ތެއްޔަކަށް 1 މޭޒުމަތީ ސަމުސާ ތެޔޮ އަޅާފައި 30 ސިކުންތު ވަންދެން ގަދަ ގިނީގައި ހޫނު ކޮށްލާށެވެ. ދެން އެއަށް ¼ ޖޯދު ތުނިކޮށް ކޮށާފައި ހުރި ފިޔަލާއި، 3 މޭޒުމަތީ ސަމުސާ ރަތް ބެލް ޕެޕަރ، އަދި 2 ސައިސަމުސާ ކުދިކޮށް ކޮށާފައި ހުރި ރަތް ތޮޅި މިރުސް އަޅާށެވެ. އަދި ދޭފަތެއް ބޭނުންކޮށްގެން ހަލަމުން 2 މިނެޓު ވަންދެން ނުވަތަ ފިޔާކޮޅު މަޑު ވަންދެން ކައްކާށެވެ.
8. އެއަށްފަހު، ތެއްލި ކުކުޅު އަޅާފައި ގާތްގަނޑަކަށް އެއް މިނެޓު ވަންދެން ހަލަމުން ކައްކާށެވެ. ދެން ކުރިން ތައްޔާރުކޮށްލި ސޯސްކޮޅު އަޅާފައި އެއްކޮށްލާށެވެ. އަދި ގިނި މަޑުކޮށްފައި އިތުރު އެއް މިނެޓަށް ކައްކާށެވެ.
9. ކެކެމުން ދާއިރު 1 ސައިސަމުސާ ކޯން ފްލާއާއި 3 ސައިސަމުސާ ފެން ކުޑަ ބޯތަށްޓެއްގައި ވަރަށް އަވަހަށް އެއްކޮށްލާށެވެ. ކޯން ފްލާ އެތި ތެލީގެ ތެރެއަށް އޮއްސާލާފައި އެއްކޮށްލާށެވެ. އަދި ބައި މިނިޓެއްހާއިރު ވަންދެން ނުވަތަ ސޯސްކޮޅު އޮލަވަންދެން ކައްކާލާށެވެ (ސޯސް އަދި ބޮޑަށް އޮލަވާން ބޭނުންވާނަމަ މިއަށްވުރެން އިތުރަށް ކޯން ފްލާ އާޅާށެވެ).
10. ތަވައެއް ގަދަ ގިނީގައި ހޫނުކޮށްލުމަށްފަހު 6 ޑެލި ސަން ފުލް ގްރެއިން ކޯން ޓޯޓިއާ ހޫނު ކޮށްލާށެވެ. މިހެން ހަދާއިރު ކޮންމެ ފުށެއް ހޫނު ކޮށްލާނީ 1 ނުނީ 2 ސިކުންތު ވަންދެންނެވެ.
11. ރެޕް ހެދުމަށް ކޮންމެ ޓޯޓިއާ އެއްގައި ½1 ސައިސަމުސާ ޗިލީ ސޯސް ހާކާލާށެވެ. އަދި ކޮންމެ އެއްޗެއްގެ މައްޗަށް 1 ޖޯޑު ބޮޑުކޮށް ކޮށާފައި ހުރި ލެޓިއުސް އެއްވަރަށް ބަހާލައިގެން އަތުރާލާށެވެ.
12. ދެން ޗިލީ ޗިކަންކޮޅު 6 ބަހަޔަށް ބަހާފައި ޓޯޓިއާ ތަކަށް އަޅާލާށެވެ. ދެން ޓޯޓިއާގެ ދެއަރިމަތި ނަގާފައި އެތެރޭގައި ހުރި އެއްޗެހި ފޮރުވޭހެން ބަންދުކޮށްފައި ދަތްކޮށްޓިއަކުން ހަރުކޮށްލާށެވެ. މިހާރު ޗިލީ ޗިކަން ރެޕް މިހުރީ ކާލުމަށް ތައްޔާރުވެފައެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.