އަހަރުމެންނަށް ބޯވަ މީރުވަނީ ވަރަށްވެސް ކުޅިކޮށް ހަދާލީމައެވެ. ނަމަވެސް މި ރެސިޕީ ބަލައިގެން ބޯވަ ހަދާނަމަ، ތެޅި މިރުހާއި ގިތެޔޮ މިރުސް އެމީހަކަށް ކަމުދާ ވަރަކަށް އަޅާލީމާ ރަނގަޅުވާނެއެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 3 މީހުންނަށް ވާވަރަށެވެ.
ބޭނުންވާ ތަކެތި:
500 ގްރާމް ބޯވަ (ރަނގަޅަށް ދޮވެ ސާފުކޮށްފައި)
2 ފިޔާ
4 ލޮނުމެދު
3 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް
10 ހިކަނދި ފަތް
3 އިންޗީގެ ރާނބާފަތް
3 ސައިސަމުސާ މުގުރި ދިރި
4 ސައިސަމުސާ ތެޅި މިރުސް (ނޫނީ ބޭނުން ވަރަކަށް)
½ ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)
3 ޖޯޑު ފެން
2 ސައިސަމުސާ ލޮނު (ނޫނީ ރަހަލާވަރަށް)
2 މޭޒުމަތީ ސަމުސާ ތެޔޮ
ހަދާނެގޮތް:
1. ބޮޑު ތެއްޔެއް އުދާފައި އޭގެ ތެރެއަށް 2 ޖޯޑު ފެނާއި އަދި 1 ސައިސަމުސާ ލޮނާއިއެކު ބޯވަކޮޅު އަޅާލާށެވެ. ތެލީގެ ސައިޒަށް ބަލާފައި ބޯވަތައް ފޮރުވޭވަރު ކުރުމަށްޓަކައި އިތުރަށް ފެން އަޅަން ޖެހިދާނެއެވެ. ދެން ފެންގަނޑު ބޮކިޖަހާ ކެކިގަންނަންދެން ކައްކާނީއެވެ.
2. ބޮކިޖަހާ ކެކި ގަތުމުން ގިނި ތަންކޮޅެއް މަޑުކޮށްލާފައި 10 ވަރަކަށް މިނެޓު ވަންދެން ކެކެން ބަހައްޓާށެވެ.
3. ބޯވަކޮޅު ފުރާނާލުމަށްފަހު ކުދިކޮށް ކޮށާލާށެވެ. އަހަރުމެން ކޮށީ އެތިކޮޅެއްގައި ގާތްގަނޑަކަށް ސެންޓިމީޓަރެއްހާ ދިގުމިން ހުންނާނެ ވަރަށެވެ.
4. ދެން ބޯތަށްޓަކަށް ކޮށި ބޯވައާއި ތެޅިމިރުހާއި ޓޮމާޓޯ ޕޭސްޓާއި 1 ސައިސަމުސާ ލޮނު އަޅައި ރަނގަޅަށް އެއްކުރުމަށްފަހު މަތިޖަހާފައި ބަހައްޓާށެވެ.
5. ފިޔައާއި ލޮނުމެދުކޮޅު ތުނިކޮށް ކޮށާލާށެވެ.
6. ބޮޑުތެއްޔަކަށް ތެޔޮ ކޮޅުއަޅައި އެ ރަނގަޅަށް ހޫނު ކުރުމަށްފަހު އޭގެ ތެރެއަށް ފިޔައާއި ހިކަނދިފަތާއި ރާނބާފަތްކޮޅު އަޅައި ފިޔާކޮޅަށް މުށިކުލަ އަރަން ފަށަންދެން ކައްކާށެވެ.
7. ދެން ލޮނުމެދުކޮޅު އަޅާލާފައި ރަނގަޅަށް އެއްކޮށްލަމުން އެ މަޑުވަންދެން ކައްކާލާނީއެވެ. މިކަމަށް ނަގާނީ ގާތްގަނޑަކަށް ތިރީހަކަށް ސިކުންތެވެ.
8. ދެން އަޅާނީ މުގުރި ދިރިކޮޅެވެ. އެވެސް އެއްކޮށްލަމުން ތިރީހަކަށް ސިކުންތުވަންދެން ކައްކާލާށެވެ.
9. ދެން ތެލީގެ ތެރެއަށް ބޯވަކޮޅާއި ގިތެޔޮ މިރުހާއި އެއްޖޯޑުފެން އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާނީއެވެ.
10. ދެން ތެލީގައި މަތިޖެހުމަށްފަހު މަޑު ގިނީގައި ބަހައްޓައިގެން ބޯވަކޮޅު މަޑުވަންދެން ކައްކާނީ އެވެ. އަހަރުމެންގެ ބޯވަކޮޅު މަޑުވާން ނެގީ 35 މިނެޓެވެ. އުނދުން ނިވާލުމުގެ ކުރިން ރަހަބަލާލާފައި ކަމުދާ ގޮތަކަށް ރަހަ ހެޔޮވަރު ކޮށްލަން ވާނެއެވެ.
ނޯޓު: އަހަރުމެންގެ މި ރެސިޕީއިން ތައްޔާރުކުރެވޭ ބޯވަ ހުންނާނީ ހިކި ރިހައެއް ހެންނެވެ. ނަމަވެސް ސޯސްގަނޑު އިތުރު ކޮށްލަން ބޭނުންވާނަމަ، ކައްކާއިރު އިތުރު ބައިޖޯޑު ފެނާއި، ދޮޅު ސަމުސާ ޓޮމާޓޯ ޕޭސްޓާއި 2 ސަމުސާ ތެޅި މިރުހާއި ދޮޅުސަމުސާ ދިރި އަދި ރަހަހެޔޮވަރުވާ ވަރުގެ އިތުރު ލޮނުކޮޅެއް އަޅާލާށެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2025. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.