
އަހަރުމެންގެ މި ބަޓަރނަޓް ޗިކަން ޕާސްޓާ އަކީ، އާންމުކޮށް ޕާސްޓާގައި ބޭނުންކުރާ ޓޮމާޓޯ ސޯސްގެ ބަދަލުގައި ބަޓަރނަޓް ސޯސް އަޅައިގެން ތައްޔާރުކުރާ ޕާސްޓާއެކެވެ. މި ސޯސް ހަދާފައި ވަނީ ބަޓާނައާއި، ފިޔާ، ޓޮމާޓޯ، އަދި ލޮނުމެދު ފިހެފައި އެއްކޮށްލައިގެންނެވެ.

މި ރެސިޕީގައި އަހަރުމެން ބޭނުންކޮށްފައި މިވަނީ އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ އޭ.ޑީ.ކޭ ޖެނަރަލް ޓްރޭޑިންގެ ފަރާތުން ލިބިފައިވާ، ރެޖިއާ ނިއުޓްރީ ބަޔޯ ފުސިލީއެވެ. މިއީ އޯގެނިކް ހޯލް ވީޓްއިން ހަދާފައިވާ ޕާސްޓާއަކަށް ވުމުން، ސިއްހަތަށް ފައިދާހުރި ކާނާ ކާން ބޭނުންވާ މީހުންނަށް ވަރަށް ކަމުދާނެއެވެ. އަދި އާދައިގެ ޕާސްޓާ ފަދައިން މި ޕާސްޓާގެ ރަހަވެސް އެހާމެ މީރެވެ.

މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 2 ނުވަތަ 3 މީހުންނަށް ކެވޭވަރަށެވެ.
ބޭނުންވާ ތަކެތި:
ޕާސްޓާ ކެއްކުމަށް
3 ޖޯޑު ފެން
½ ސައިސަމުސާ ލޮނު
200 ގްރާމް ރެޖިއާ ނިއުޓްރީ ބަޔޯ ފުސިލީ
ފިހުނު ބަޓާނަ ސޯސް ހެދުމަށް
½ 1 ޖޯޑު ބޮޑުކޮށް ކޮށާފައި ހުރި ބަޓާނަ (ތޮށި މަށާފައި އަދި އެތޭރެގަ ހުންނަ އޮތްބައި ނަގާފައި)
1 ބޮޑު ފިޔާ ހަތަރުބަޔަށް ފަޅިކޮށްފައި (ކުޑަ ނަމަ 2 ފިޔާ)
1 ބޮޑު ޓޮމާޓޯ މެދުން ފަޅިކޮށްފައި
5 ލޮނުމެދު
1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
½ ސައިސަމުސާ ތެޅި މިރުސް
½ ސައިސަމުސާ ލޮނު
¼ ސައިސަމުސާ ގާލިކް ޕައުޑަރ
¼ ސައިސަމުސާ އޮރެގާނޯ
¼ ސައިސަމުސާ މުގުރި އަސޭމިރުސް
2 މޭޒުމަތީ ސަމުސާ ކްރީމް ޗީޒް
ކުކުޅު ކެއްކުމަށް
2-3 ކުޑަ ޗިކަން ބްރެސްޓް (ކޮންމެ އެއްޗެއްގައި ގާތްގަނޑަކަށް 210 ގްރާމް)
1 މޭޒުމަތީ ސަމުސާ ބޮޑު ލުނބޯ ހުތް
1 ސައިސަމުސާ ތެޅި މިރުސް
1 ސައިސަމުސާ ލޮނު
¾ ސައިސަމުސާ ގާލިކް ޕައުޑަރ
½ ސައިސަމުސާ މުގުރި އަސޭމިރުސް
2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
ބަޓަރނަޓް ޕާސްޓާ ހެދުމަށް
2 މޭޒުމަތީ ސަމުސާ ޕާމެސާން ޗީޒް
1 ސައިސަމުސާ މުގުރި ރާޅު މިރުސް
½ ސައިސަމުސާ ހިކި އޮރެގާނޯ
¼ ސައިސަމުސާ ލޮނު
ހަދާނެގޮތް:
1. އެންމެ ފުރަތަމަ އަވަނަށްލާ ކަހަލަ ތަބަކެއްގައި ބޭކިންގ ޕޭޕަރ ލާފައި ބަހައްޓާށެވެ (އަހަރުމެން ބޭނުންކޮށްލީ 11.5 އިންޗިއަށް ދިގު، 9.9 އިންޗިއަށް ފުޅާ ތަބަކެކެވެ). ދެން އަވަން 190 ޑިގްރީ ސެލްސިއަސްގައި 10 މިނެޓު ވަންދެން ހޫނުކޮށްލާށެވެ.
2. އެއަށްފަހު، ބޮޑު ބޯތަށްޓަކަށް ½ 1 ޖޯޑު ބޮޑުކޮށް ކޮށާފައި ހުރި ބަޓާނަ (ތޮށި މަށާފައި އަދި އެތޭރެގަ ހުންނަ އޮތްބައި ނަގާފައި)، 1 ބޮޑު ފިޔާ ހަތަރުބަޔަށް ފަޅިކޮށްފައި (ކުޑަ ނަމަ 2 ފިޔާ)، 1 ބޮޑު ޓޮމާޓޯ މެދުން ފަޅިކޮށްފައި، 5 ލޮނުމެދު، 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް، ½ ސައިސަމުސާ ތެޅި މިރުސް، ½ ސައިސަމުސާ ލޮނު، ¼ ސައިސަމުސާ ގާލިކް ޕައުޑަރ، ¼ ސައިސަމުސާ އޮރެގާނޯ، އަދި ¼ ސައިސަމުސާ މުގުރި އަސޭމިރުސް އަޅާލަށެވެ. އަދި އަތުން ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.
3. ދެން ތަރުކާރީކޮޅު ތައްޔާރުކުރި ތަބަކުގައި އަތުރާފައި، އަވަނުގެ މެދުބަޔަށްލާށެވެ. އެއަށްފަހު، 190 ޑިގްރީ ސެލްސިއަސްގައި 30 މިނެޓު ވަންދެން ނުވަތަ ބަޓަރނަޓް އުލަކުން ފަސޭހައިން ޗަސްކުރެވޭ ވަރަށް ފިހެލާށެވެ. ފިހެ ނިމުމުން އަވަނުން ނަގާފައި 15 ނުވަތަ 20 މިނެޓު ވަންދެން ހިހޫ ކޮށްލުމަށް ބަހައްޓާށެވެ.
4. ދެން ރެޖިއާ ނިއުޓްރީ ބަޔޯ ފުސިލީ ކައްކާށެވެ. މިކަމަށް، ކުޑަ ތެއްޔަކަށް، 3 ޖޯޑު ފެނާއި ½ ސައިސަމުސާ ލޮނު އަޅާފައި ބޮކިޖަހަންދެން ފެން ކައްކާށެވެ. އަހަރުމެންނަށް މިކަމަށް ނެގީ ގަދަގިނީގައި 6 މިނެޓު ވަރެވެ. އެއަށްފަހު، 200 ގްރާމް ރެޖިއާ ނިއުޓްރީ ބަޔޯ ފުސިލީ އަޅާފައި 8 މިނެޓު ވަންދެން ނުވަތަ ޕާސްޓާ އެއްކޮށް މަޑުވުމަށް 1 މިނެޓު ބާކީ ހުންނަ ވަރަށް ކައްކާށެވެ.
5. ދެން، ޕާސްޓާ ކެއްކި ފެނުން ¼ ޖޯޑު ފެން ނަގާފައި ބާކީ ބައި ފުރާނާލާށެވެ. އަދި ޕާސްޓާކޮޅު ބޯތަށްޓަކަށް ނަގާފައި ބަހައްޓާށެވެ.
6. ދެން ކުކުޅު ހެދުމަށް، 2 ނުވަތަ 3 ކުޑަ ޗިކަން ބްރެސްޓްގައި ރޮށި ދަމާއެތި ކަހަލަ ބަރު އެއްޗަކުން ޖަހައިގެން އެއްމިނަކަށް ފަތިކޮށްލާށެވެ (ކުކުޅުގައި ޖެހުމުގެ ކުރިން އޭގެ މަތީގައި ޕްލާސްޓިކް ފުޑް ރެޕް ބެހެއްޓުމުން ފެން ބުރައިގެން ނުދާނެއެވެ). އެއަށްފަހު، 1 މޭޒުމަތީ ސަމުސާ ބޮޑު ލުނބޯ ހުތް، 1 ސައިސަމުސާ ތެޅި މިރުސް، 1 ސައިސަމުސާ ލޮނު، ¾ ސައިސަމުސާ ގާލިކް ޕައުޑަރ، އަދި ½ ސައިސަމުސާ މުގުރި އަސޭމިރުސް ކުކުޅުގެ ވަށާ ހާކާލާށެވެ. އަދި ކުކުޅު 5 ނުވަތަ 10 މިނެޓު ވަންދެން ބަހައްޓާލާށެވެ.
7. ދެން ތަވަޔަކަށް 2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް އަޅާފައި އެއް މިނެޓު ވަންދެން މެދު ގިނީގައި ހޫނުކޮށްލާށެވެ. ދެން ތައްޔާރުކޮށްލި ޗިކަން ބްރެސްޓް ތަވަޔަށްލާފައި މެދު ގިނީގައި 8 މިނެޓު ވަންދެން، ކޮންމެ 2 މިނެޓަކުން ފުށުން ޖަހަމުން ކައްކާށެވެ.
8. ދެން ތަވައިގެ މަތި ޖަހާފައި ކުކުޅު އިތުރު 10 ނުނީ 11 މިނެޓު ވަންދެން، ކޮންމެ 4 ވަރަކަށް މިނެޓު ފަހުން ފުށުން ޖަހަމުން ކައްކާލާށެވެ. މިހާރު ކުކުޅުކޮޅުތައް ހުންނަންވާނީ ރަނގަޅަށް ރޯފިލާފައި ރަން މުށި ކުލައެއްގައެވެ (ކުކުޅު ރަނގަޅަށް ރޯފިލިތޯ ބެލުމަށް ކުޑަ ކުކުޅުކޮޅެއް ތެލިން ނަގާފައި ކޮށާލުމަށް ފަހު އެތެރެ ބަލާލާށެވެ. ހުދު ކުލައިގައި ހުރި ނަމަ މިހާރު ކުކުޅު އެހުރީ ރޯފިލާފައެވެ). ދެން ކުކުޅު ތަށްޓަކަށް ނަގާފައި ތެލީގައި ބާކީ ހުރި ސޯސް އިން ކުޑަ އެތިކޮޅެއް ކުކުޅުގެ މައްޗަށް އަޅާލާށެވެ.
9. ބަޓާނަ އެތި ފިހެ ނިމުމުން މިކްސަރަކަށް އަޅާފައި އެއަށް 2 މޭޒުމަތީ ސަމުސާ ކްރީމް ޗީޒްއާއި ބެހެއްޓި ¼ ޖޯޑު ޕާސްޓާ ފެން އަޅާށެވެ. އަދި ބާރު ދުވެލީގައި 1 މިނެޓު ވަންދެން ނުވަތަ އެއްކޮށް އޮމާން ވަންދެން ގިރާށެވެ. މިހެން ހެދުމުގެ ކުރިން ބަޓަރނަޓް ހުރީ އެއްކޮށް ހިހޫވެފައިތޯ ބަލާށެވެ. އެހެން ނޫންނަމަ މިކްސަރުގެ ތެރޭގައި އާވި ހަރުލާ، ބާރުވުމުގެ ސަބަބުން މުޅި ތަނަށް ބުރައިގެން ގޮސްދާނެއެވެ.
10. ދެން ބަޓާނަ ސޯސް ތަވަޔަކަށް އަޅަފައި މެދު ގިނީގައި ދެތިން މިނެޓު ވަންދެން ދޭފަތުން ހަލަމުން ހޫނުކޮށްލާށެވެ. އެއަށްފަހު، 2 މޭޒުމަތީ ސަމުސާ ޕާމެސާން ޗީޒް، 1 ސައިސަމުސާ މުގުރި ރާޅު މިރުސް، ½ ސައިސަމުސާ ހިކި އޮރެގާނޯ، އަދި ¼ ސައިސަމުސާ ލޮނު އަޅާށެވެ. އަދި އެއްކޮށް ހަލާފައި އެއް މިނެޓު ވަންދެން ކައްކާށެވެ.
11. ދެން ކައްކާލި ރެޖިއާ ނިއުޓްރީ ބަޔޯ ފުސިލީ އަޅަފައި ސޯސްއާއި ރަނގަޅަށް އެއްކޮށްލާފައި އިތުރު 1 މިނެޓަނަށް ނުވަތަ ޕާސްޓާ ހޫނުވެލަންދެން ކައްކާށެވެ.
12. މިހާރު ބަޓަރނަޓް ޕާސްޓާ މިހުރީ ކައްކާ ނިމިފައެވެ. ޕާސްޓާ ކެއުމަށް ކުކުޅު ތުނިކޮށް ކޮށާފައި މައްޗަށް އަޅާލާށެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2026. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.