ބާސްކް ބަރންޓް ޗީޒްކޭކް | Lonumedhu

ބާސްކް ބަރންޓް ޗީޒްކޭކް

 

ބާސްކް ބަރންޓް ޗީޒްކޭކް މިއީ މިދިޔަ ދެތިން އަހަރެއްގެ ތެރޭގައި އިންސްޓަގްރާމްއިން ނިކަން ގިނައިން ފެނުނު ކޭކެކެވެ. މި ވައްތަރު ކޭކު އެހާ މަޝްހޫރުވީ ކީއްވެކަންވެސް ބުނާކަށް އެހާ އުނދަގުލެއް ނޫނެވެ. ކޭކު އޮންނަނީ ފޮޓޮއަށް ނިކަން ރީތިވާ ކަހަލަ ގޮތަކަށެވެ. އަދި ކޭކުގެ މަތި "އަނދާފައިވާ" ގޮތަށް އޮންނައިރު، ކޭކު ފަޅާލީމައި މެދު އޮންނަނީ ނިކަން މީރުކޮށް، މަޑުކޮށް، ޗީޒް އަޅައިގެން ހަދާފައި އޮތް ކެރަމަލް ޕުޑިންގްއެއް ކަހަލަ ގޮތަކަށެވެ.

ބާސްކް ބަރންޓް ޗީޒްކޭކާއި ބެހޭ އަދިވެސް ގިނަ ވާހަކަ ތަކެއް ދެއްކިދާނެއެވެ. ނަމަވެސް އެވާހަކަ ތަކުގެ ތެރެއިން އެއްމެ ހައިރާން ކުރުވާނެ ވާހަކައެއް ކަމަށް އަހަރުމެންނަށް ބެލެވެނީ އެކޭކު ހަދަން ބޭނުންވާ ތަކެތީގެ މަދު ކަމާއި އެ ހަދަން ކުރަން ޖެހޭ މަސައްކަތުގެ މަދު ވާހަކައެވެ.

https://lonumedhu.com/sites/default/files/Cheesecake%20Inside%201.jpg

މި ވައްތަރުގެ ޗީޒްކޭކު ހަދަން ބޭނުންވާ އެއްމެ މުހިއްމު އެކައްޗަކީ ރަނގަޅު ކްރީމް ޗީޒްއެވެ. އަހަރުމެން މި ރެސިޕީގައި ބޭނުން ކުރީ އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ ސްޓޭންޑަރޑް އެންޑް އޮރިޖިންގެ ފަރާތުން ލިބުނު ޕްރެޒިޑެންޓް ޕްރޮފެޝަނަލް އޮތެންޓިކް އެމެރިކަން ކްރީމް ޗީޒްއެވެ. އެއީ ކެއްކުމާއި ކޭކު ހެދުމުގައި ބޭނުން ކުރުމަށް ޚާއްސަކޮށްލައިގެން އުފައްދާ ޗީޒްއެކެވެ. އަދި އަހަރުމެންގެ ތަޖުރިބާގައި އެޗީޒް އަކީ ރަހަމީރު ކުރުވުމުގެ އިތުރުން ކޭކަށް އޮމާން ކަމާއި "ކްރީމީ" ކަން ގެނެސްދޭ ޗީޒްއެކެވެ.

https://lonumedhu.com/sites/default/files/Cheesecake%20Inside%202.jpg

މި ރެސިޕީ ހަދަން ފެށުމުގެ ކުރިން ސަމާލު ކަން ބަހައްޓާލަންވީ ދެ ކަމެއް އެބައޮތެވެ. ފުރަތަމަ ކަމަކީ މި ރެސިޕީއަށް ބޭނުންވާ ހުރިހާ އެއްޗެއްވެސް ހުންނަން ޖެހޭނީ ފިނި ކެނޑިފައި ކަމެވެ. އެހެންވެ ކޭކު ތައްޔާރު ކުރުމުގެ ތަންކޮޅެއް ކުރިން ހުރިހާ އެއްޗެއް ފްރިޖުން ނަގަން ހަނދާން ކުރަންވާނެއެވެ. ސަމާލުކަން ބަހައްޓާލަންވީ ދެވަނަ ކަމަކީ މިއީ ފިހުމަށްފަހު ކެއުމުގެ ކުރިން ފިނިކުރަން ޖެހޭ ކޭކެއް ކަމެވެ. ބޭނުމިއްޔާ މިކޭކު ރޭގަނޑު އަޅާފައި އަނެއް ދުވަހު ކާގޮތަށްވެސް ރާވާލެވިދާނެއެވެ.

 

ބޭނުންވާ ތަކެތި:

500 ގްރާމް ޕްރެޒިޑެންޓް ޕްރޮފެޝަނަލް އޯތެންޓިކް އެމެރިކަން ކްރީމް ޗީޒް

4/3 ޖޯޑު ހަކުރު (އިތުރަށް ފޮނި ކުރަން ބޭނުންނަމަ އަޅާނީ 1 ޖޯޑު)

4 ބިސް

1 ޖޯޑު ވިޕިންގް ކްރީމް

½ 1 މޭޒުމަތީ ސަމުސާ ފުށް

¼ ސައިސަމުސާ ލޮނު

1 ސައިސަމުސާ ވެނީލާ އެސެންސް

 

ހަދާނެ ގޮތް:

1. 230 ޑިގްރީސް ސެލްސިއަސްގައި އަވަން ހޫނު ކުރަން ޖައްސާށެވެ. ކޭކު ފިހަން އަވަނަށް ލުމުގެ އެއްމެ މަދުވެގެން 10 މިނިޓު ކުރިން އަވަން ހޫނު ކުރަން ޖައްސަން ވާނެއެވެ. މި ކޭކަކީ ގަދަ ހޫނުގައި ފިހާ ކޭކަކަށް ވާތީވެ އަވަން ބޮޑަށް ހޫނު ކުރުމަށްޓަކައި 10 މިނިޓަށް ވުރެ ތަންކޮޅެއް ކުރިން ހޫނު ކުރަން ޖެއްސިއަސްވެސް ރަނގަޅުވާނެއެވެ.

2. 8 އިންޗީގެ ވަށް ތަބަކެއްގެ ތެރެއަށް ބޭކިންގް ޕޭޕަރ ފަށްތާށެވެ. ފައްތާނީ އަރިމަތިތަކުން 2 އިންޗިވަރު އިތުރުވެފައި އޮންނާނެ ވަރަށެވެ. އެހެން ހެދީމައި ފިހެ ނިމުނީމައި ކޭކު ތަބަކުގެ ތެރެއިން ނަގަން ފަސޭހަވާނެއެވެ. އަހަރުމެންނަށް މިކަންވީ ގާތްގަނޑަކަށް 12 ވަރަކަށް އިންޗި ދިގުމިނުގައި ހުރި ބޭކިންގް ޕޭޕަރ ކޮޅަކުންނެވެ. ބޭކިންގް ޕޭޕަރ އެޅުމަށް ފަހުވެސް ތަބަކުގެ އަރިމަތިން ތަންކޮޅުކޮޅު ހާމައަށް ހުންނަގޮތް މާބޮޑަށް ވާނަމަ ހަމަ އެ ސައިޒުގެ އަދި އިތުރު ބޭކިންގް ޕޭޕަރ ގަނޑެއް ތަބަކުގެ ތެރެއަށް ފައްތާށެވެ. މިފަހަރު ފައްތާނީ އެ ހާމައަށް ހުރި ތަންކޮޅުކޮޅު ނިވާވާނެ ގޮތަށް ދިމާ ކޮށްފައެވެ.

3. ބޮޑު ބޯތަށްޓަކަށް ކްރީމް ޗީޒް އަޅާށެވެ. ބޯތަށްޓަށް ކްރީމް ޗީޒް އަޅާއިރު އެ އޮންނަންވާނީ އެއްކޮށް ފިނި ކެނޑިފައެވެ. އެހެންވީމައި ކޭކު ހަދަން ފެށުމުގެ މަދުވެގެން ދޮޅު ގަޑިއިރު ހާއިރު ކުރިން ފްރިޖުން ކްރީމް ޗީޒް ނަގަން ހަނދާން ކުރައްޗެވެ. ބޯތަށްޓަށް ކްރީމް ޗީޒް އަޅާފައި އެ އޮމާން ވަންދެން ގިރާށެވެ. އަތުން ހިފާ ކަރަންޓު މިކްސަރު ބޭނުން ކޮށްގެން މިކަން ކުރެވިދާނެއެވެ. ސްޓޭންޑް މިކްސަރެއް ބޭނުން ކޮށްގެންވެސް މިކަން ކުރެވިދާނެއެވެ. އަދި ގިނައިރު އެއްކުރުމަކީ މާ ބުރަ ކަމެއް ނޫން ކަމަށް ފެންނަނަމަ އަތުންވެސް މިކަން ކުރެވިދާނެއެވެ. ސްޓޭންޑް މިކްސަރު ބޭނުން ކުރާނަމަ އެއްކުރަން ބޭނުން ކުރާނީ އޭގެ ޕެޑަލް އެޓޭޗްމަންޓްއެވެ. އަތުން ހިފާ ކަރަންޓު މިކްސަރު ބޭނުން ކުރާނަމަ ކުރީ ކޮޅުގައި އޭގައި ޗީޒް ހަރުލާ ގޮތް ވާނެއެވެ. ދޭތެރެއަކުން އެ ސާފުކޮށްލާފައި ކުރިއަށް ދިޔައީމަ ރަނގަޅުވާނެއެވެ.

4. އޮމާންވާ ވަރަށް ޗީޒް ގިރުމަށްފަހު ޗީޒްގެ ތެރެއަށް ހަކުރު އަޅާފައި އަނެއްކާވެސް ގިރާށެވެ. ގިރާނީ ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެނެވެ. އެއްކުރި ސާމާނުގައި ގަނޑު ގަނޑު ހުރެގެން ނުވާނެއެވެ. އެއްކުރާއިރު ދޭތެރެ ދޭތެރެއިން ބޯތަށީގެ އަރިމަތީގައި ހުރި ތަކެތި ކަހާލަންވާނެއެވެ. އެހެންނޫނީ އަރމަތީގައި ހަރުލާފައި ހުންނަ ތަކެތި ހުންނާނީ ނުގިރިއެވެ.  

5. ދެން، ފަހަރަކު ބިހެއް ބޯތަށްޓަށް އަޅާފައި ގިރާލާށެވެ. ބިސްތައްވެސް ހުންނަންވާނީ ފިނިކޮށެއް ނޫނެވެ. ގިރާނީ އެހާ ބޮޑަކަށް ނޫނެވެ. ހަމަ އެކަނި ރަނގަޅަށް ހުރިހާ އެއްޗެއް އެއްވާނެ ވަރަށެވެ.

6. ދެން ވިޕިންގް ކްރީމް ބޯތަށީގެ ތެރެއަށް އަޅާފައި އަނެއްކާވެސް ހަމަ ކިރިޔާ ރަނގަޅަށް އެއްވާ ވަރަށް ގިރާލާށެވެ. ވިޕިންގް ކްރީމްވެސް ބޯތަށްޓަށް އަޅާއިރު ހުންނަންވާނީ ފިނި ކެނޑިފައެވެ.

7. ދެން ބޯތަށީގެ ތެރެއަށް ފުށާއި ލޮނު ފުރާނާލާފައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން ގިރާލާށެވެ. މި ފަހަރު ގިރާނީ މަޑުމަޑުން އަތުންނެވެ.

8. ވެނީލާ އެސެންސް ބޯތަށްޓަށް އަޅާފައި އަނެއްކާވެސް އަތުން ގިރާލާށެވެ.

9. ބޭކިންގް ޕޭޕަރ އަޅާ ތައްޔާރު ކުރި ތަބަކުގެ ތެރެއަށް އެއްކުރި ސާމާނު އޮއްސާލާށެވެ. މަތި އޮމާން ކޮށްލާށެވެ. އަދި ވައި ބޮތްކެއް ވާނަމަ އެ ނައްތާލުމަށްޓަކައި ތަބަކުން ކައުންޓަރު މަތީގައި ދެތިން ފަހަރު ޖަހާލާށެވެ.

10. ހޫނު ކުރަން ޖެއްސި އަވަނުގެ މެދު ރެކުގައި ތަބައް ބަހައްޓައިގެން (230 ޑިގްރީސް ސެލްސިއަސްގައި) ފިހާށެވެ. ރަނގަޅަށް ފިހެވުނީމައި މަތި އޮންނާނީ ގަދަ މުށި ކުލައިގައެވެ. އެކަމަކު މެދު އޮންނާނީ ކޮންމެވެސް ވަރަކަށް މަޑުކޮށް އޮމާން ކޮށެވެ. އަހަރުމެންނަށް މިކަން ވީ 40 މިނިޓުންނެވެ. ނަމަވެސް އެކި އަވަނުން ފިހެވޭގޮތް ތަފާތު ވާނެތީވެ މިކަމަށް ސަމާލުކަން ބަހައްޓާލަން ވާނެއެވެ. (ކޭކު ފިހުމަށްފަހު އަވަނުން ނަގާފައި ތަބައް ހަލުވާލީމައި ކޭކުގެ މެދު ކުޑަކޮށް ހެލޭ ނަމަ އެއޮތީ ރަނގަޅު ވަރަކަށް ފިހެވިފައެވެ. ފިހެވެމުން ދާއިރު ކޭކު ނިކަން ފުފޭނެއެވެ. ނަމަވެސް ހިހޫވަމުން ދާވަރަކަށް ކޭކު ދާނީ ހިނދެމުންނެވެ. މާގިނައިރު ވަންދެން ކޭކު ފިހެފިނަމަ ކޭކުގައި ފުއްފުއް ޖެހޭ ގޮތްވާނެއެވެ. އެހެންވީމައި 40 މިނިޓު ވާއިރު މައްޗަށް ގަދަ މުށިކުލަ ނާރާ ނަމަ މަތީ ރެކަށް ތަބައް ބަދަލު ކޮށްލެވިދާނެއެވެ. މިހެން ހަދާއިރު ބޭކިންގް ޕޭޕަރ އަވަނުގެ މަތީ ދަގަނޑު ތަކުގައި ނުޖައްސަން ސަމާލުވާން ވާނެއެވެ. އެހެން ވެދާނެ ހެން ހީވާނަމަ ބޭކިންގް ޕޭޕަރ ތަކުގެ ދިއްވެފައި ހުންނަ ބައި ކަފާ ކުރު ކޮށްލާށެވެ. މަތީ ރެކަށް ބަދަލު ކޮށްފައި ފިހާނީ 5 މިނިޓުން 5 މިނިޓުންނެވެ. އެއީ ނިކަން އަވަހަށް ގަދަ މުށިކުލައިން ކަޅު ކުލައަށް މަތި ބަދަލުވެގެން ދާނެތީއެވެ. ކަޅުވެއްޖިއްޔާ ނިކަން ބޮޑަށް ހިތި ރަހަ ލާނެއެވެ. މައްޗަށް މުށި ކުލަ އަރުވަން މާބޮޑަށް އުނދަނގޫ ވާނަމަ މޭޒުމަތީ ސަމުސަލެއްގެ ހަކުރުވެސް މައްޗަށް ބުރުވާލެވިދާނެއެވެ.)

11. ކޭކު ފިހެ ނިމުނީމައި އަވަނުން ތަބައް ނެރޭށެވެ. ދެން އެއްކޮށް ހިހޫ ވަންދެން ތަބަކުން ނުނަގާ ކޭކު ބަހައްޓާށެވެ. އަވަނުން ކޭކު ނެރޭއިރު ފުފިފައި އޮވެދާނެއެވެ. ހިހޫ ވަމުން ދާވަރަކަށް އެދާނީ ހިނދެމުންނެވެ.

12. ކޭކު އެއްކޮށް ހިހޫ ވީމައި ތަބަކުން ނަގާ ތަށްޓަކަށް ލާފައި ފިނި ކުރަން ފްރިޖަށް ލާށެވެ. މިއީކީ ހޫނުކޮށް ހުއްޓާ ކާކަހަލަ ކޭކެއް ނޫނެވެ. ހޫނުކޮށް ހުންނައިރު އެތެރެ އޮންނާނީ ރަނގަޅަށް ސެޓް ނުވެއެވެ. ކޭކު ސެޓް ކުރަން ގާތްގަނޑަކަށް 4 ގަޑިއިރު ނަގާނެއެވެ. އެއަށްވުރެ ގިނައިރުވެސް ފްރިޖުގައި ކޭކު ބެހެއްޓޭނެއެވެ. އެހެންވެ މިރޭ ކޭކު އަޅާފައި މާދަން ކާގޮތަށްވެސް ރާވާލެވިދާނެއެވެ.

13. ފްރިޖުން ހަމަ ނަގާ ގޮތަށް ފޮތިކޮށްލާފައި މިކޭކު ކާލެވިދާނެއެވެ. ނަމަވެސް އަހަރުމެންނަށް ބޮޑަށް މީރުވަނީ ފްރިޖުން ނަގާފައި ބައި ގަޑިއިރެއް ހާއިރު ބަހައްޓާލާފައި ކެއީމައެވެ.

 

ނޯޓް: ޕްރެޒިޑެންޓް ޕްރޮފެޝަނަލް އޯތެންޓިކް އެމެރިކަން ކްރީމް ޗީޒް ކައިރި ފިހާރައަކުން ލިބެން ނެތްނަމަ 5533 301 ނޫނީ 5522 301 އަށް ގުޅާލައިގެން އެ ހޯދޭނެއެވެ.

Interviews

https://lonumedhu.com/sites/default/files/Interviews%20section%20covershot.jpg

Eating Out

https://lonumedhu.com/sites/default/files/Restaurant%20Reviews%20covershot.jpg

Curry Recipes

https://lonumedhu.com/sites/default/files/Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Copy%20of%20Tuna%20Recipes%2821%29.jpg

Hedhikaa Recipes

https://lonumedhu.com/sites/default/files/HedhikaRecipes.jpg

Dessert Recipes

https://lonumedhu.com/sites/default/files/Dessert%20Recipes.jpg

Chicken Recipes

https://lonumedhu.com/sites/default/files/ChickenRecipesonLonumedhu.jpg

Rice Recipes

https://lonumedhu.com/sites/default/files/RiceRecipes.jpg

About Lonumedhu

Lonumedhu is about eating great food right here in the Maldives.

Our easy to follow recipes use locally available ingredients.

In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads. 

 

 

Contacts

info@lonumedhu.com

© Lonumedhu.com 2017-2024. All rights reserved. No part of this website may be reproduced without the written permission of the publisher.

Advertisers

Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.

Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.

Keep in Touch