ބަޖިޔާ މިއީ ހެދިކާ ތަކުގެ ތެރެއިން އެއްމެ މީރު އެއް ހެދިކާއެވެ. ބަޖިޔާ ހަދަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. ފުރަތަމަ އޮންނަނީ މަސްގަނޑު ތައްޔާރު ކުރުމެވެ. ދެން ޖެހެނީ ފުށްގަނޑު މޮޑެ، ދަމާ، ކަފާފައި އޭގެ ތެރެއަށް މަސްގަނޑު އަޅައި ބައްދާށެވެ. ދެން އެއްމެ ފަހު ކަމަކަށް މިއޮންނަނީ ތެލުލުމެވެ.
ފަސޭހަ ކޮށްލުމުގެ ގޮތުން އަހަރުމެންގެ މި ރެސިޕީ ކިޔައިދީފައި މިވަނީ ބައިބަޔަށް ބަހާލައިގެންނެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 20 ބަޖިޔާއެވެ.
މަސްގަނޑު ތައްޔާރު ކުރުން
ބޭނުންވާ ތަކެތި:
2 ފިޔާ
¼ ގިތެޔޮމިރުސް (ނޫނީ ބޭނުން ވަރަކަށް)
7 ހިކަނދިފަތް
1/3 ގޭނި އިނގުރު
½ ލުނބޯ (ނޫނީ ބޭނުން ވަރަކަށް)
1 މަސްދަޅު
3 ސައިސަމުސާ ކުކުޅު ހަވާދު
3/2 ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)
2 މޭޒުމަތީ ސަމުސާ ތެޔޮ
3 އިންޗީގެ ރާނބާ
4 ކާފޫރުތޮޅި (ކޮޅުން ކުޑަކޮށް ހުޅުވާލާފައި)
3 އިންޗީގެ ފޮނިތޮށި
½ 2 ސައިސަމުސާ ހަކުރު (ނޫނީ ބޭނުން ވަރަކަށް)
ހަދާނެ ގޮތް:
1. އެއް ފިޔާ ހަތަރު ބަޔަށް ފަޅާލާފައި ނިކަން ތުނިކޮށް ކޮށާލާށެވެ. ކޮށާނީ ހުރަހަށެވެ. ދިގަކަށް ނޫނެވެ. ދެން އޮތް ފިޔާ ކޮށާނީ ފަހުންނެވެ.
2. ގިތެޔޮމިރުހާއި ހިކަނދިފަތުގެ ތެރެއިން 4 ފަތް ތުނިކޮށް ކޮށާށެވެ. ބާކީ ހުރި ހިނކަދިފަތްކޮޅު ބޭނުން ކުރާނީ ފަހުންނެވެ.
3. ތުނިކޮށްކޮށި ފިޔާ، ގިތެޔޮމިރުސް، ލުނބޯ ހުތް އަދި ހިނކަނދިފަތް ބޮޑު ބޯތަށްޓަކަށް އަޅާށެވެ. ގޭނި އިނގުރުވެސް ބޯތަށްޓަށް އަޅާށެވެ. ދެން ނިކަން ރަނގަޅަށް މޮޑެލާށެވެ. މޮޑޭނީ ފިޔާތައް މަޑުވެ އެއިން ދިޔަ ނިކުންނަ ވަރަށެވެ.
4. ދެން މަސްދަޅު (ފުރާނާލާފައި)، ކުކުޅު ހަވާދު އަދި ލޮނު ބޯތަށީގެ ތެރެއަށް އަޅާށެވެ. މަސްގަނޑުގެ ރަހަ ބަލާލަން ބޭނުން ނަމަ މިއީ އެވަގުތެވެ. ރަހަ ބަލާލާފައި ބޭނުން ގޮތަކަށް ރަހަ ހެޔޮވަރު ކޮށްލާށެވެ. ދެން އެހަށް ބަހައްޓާލާށެވެ. މަސްގަނޑު ތައްޔާރު ކުރުމުގެ ފުރަތަމަ ބައި މި ނިމުނީއެވެ.
5. ބާކީ އޮތް ފިޔާ ތުނިކޮށް ދިގަށް ކޮށާލާށެވެ.
6. ތެޔޮކޮޅު ތެއްޔެއްގެ ތެރެއަށް އަޅާ ހޫނު ކުރާށެވެ. ހޫނު ވީމައި ދިގަށް ކޮށި ފިޔާ، ބާކީ އޮތް 3 ހިކަނދިފަތް، ރާނބާފަތް، ކާފޫރުތޮޅި އަދި ފޮނިތޮށި ތެއްޔަށް އަޅާށެވެ. ފިޔާކޮޅު މަޑުވެ އެއަށް ކުޑަކޮށް ރަންކުލަ އަރާލަންދެން ކައްކާށެވެ.
7. ދެން މަސްގަނޑު ތައްޔާރު ކުރުމުގެ ފުރަތަމަ ބައިގައި މޮޑެފައި ބެހެއްޓި މަސްގަނޑު ތެލީގެ ތެރެއަށް އަޅާލާށެވެ. ހަކުރު ވެސް ތެއްޔަށް އަޅާށެވެ. ދެން މަޑު ގިނީގައި ހުރިހާ އެއްޗެއް އެއްކުރަމުން 5 ވަރަކަށް މިނިޓު ކައްކާލާށެވެ. އަނެއްކާވެސް ރަހަ ބަލާލާ ހެޔޮވަރު ކޮށްލަން ބޭނުންނަމަ މިގަޑީގައި އެކަން ކޮށްލެވިދާނެއެވެ.
8. މަސްގަނޑު ކައްކާ ނިމުމުން އުނދުން ނިވާލާފައި ހިހޫ ކުރަން ބަހައްޓާށެވެ. މަސްގަނޑު ތައްޔާރުކޮށް މި ނިމުނީއެވެ.
ފުށްގަނޑު ތައްޔާރު ކުރުން
ބޭނުންވާ ތަކެތި:
2 ޖޯޑު ފުށް
3/2 ސައިސަމުސާ ލޮނު
4 މޭޒުމަތީ ސަމުސާ ތެޔޮ
24 މޭޒުމަތީ ސަމުސާ ހޫނުފެން
ހަދާނެ ގޮތް:
1. ބޮޑު ބޯތަށްޓަކަށް ފުށް ފުރާނާލާށެވެ. ދެން ލޮނުކޮޅު އަޅައި އެއް ކޮށްލާށެވެ.
2. ފުށުގެ ތެރެއަށް ތެޔޮ އަޅާފައި އިނގިލިތަކުން އެއްކޮށްލާށެވެ.
3. މަޑު މަޑުން ފުށުގެ ތެރެއަށް ހޫނު ފެން އަޅާށެވެ. އަޅާނީ ނިކަން ބަލައިގެން ފަހަރަކު މޭޒުމަތީ ސަމުސަލެއްގެ ފެނެވެ. ފެން އަޅާފައި އިނގިލިތަށް ބޭނުން ކޮށްގެން ފުށާއި ފެން އެއްކުރަމުން ގެންދާށެވެ.
4. ފުށްގަނޑު މޮޑޭށެވެ. ރަނގަޅަށް މޮޑެވުނީމައި ފުށްގަނޑު އޮންނާނީ މަޑުކޮށް އަދި ކުޑަކޮށް އިލާސްޓިކްކޮށެވެ. ރަނގަޅަށް މޮޑެވުނީމައި އިނގިލީގައި ފުށްގަނޑު ތަތްލާ ގޮތެއް ނުވާނެއެވެ. އަދި މާބޮޑަށް ހިކި ކޮށެއްވެސް ނޯންނާނެއެވެ.
5. ފުށްގަނޑު 5 ބަޔަށް ބަހާލާށެވެ. ބަހާލާއިރު ސެންޓިމީޓަރެއްހާ އެތިކޮޅަކުން ކުޑަ ގުޅައެއް ހަދާލާފައި ބާއްވާށެވެ. އޭތިކޮޅު އަހަރުމެން ބޭނުން ކުރާނީ ތެލުލާއިރު ތެޔޮގަނޑު ހޫނުވިތޯ ޗެކްކުރާށެވެ.
6. ބައިކުރި 5 ބައިން އެއްބައި ނަގާފައި ރޮށިދަމާއެތި ބޭނުން ކޮށްގެން ރޮށިދަމާ ގޮތަށް ވަށްކޮށް ދަމާލާށެވެ. ދަމާނީ ރޮށީގެ މެދުން ރޮނގެއް ދަމައިފިނަމަ އެ ރޮންގުގެ ދިގުމިނުގައި 7 ވަރަކަށް އިންޗި ހުންނާނެ ވަރަށެވެ.
7. ދެން އެ ރޮށި ތޫނު ވަޅިއަކުން އެއްވަރުގެ 4 ބަޔަށް ކަފާލާށެވެ. ކެފި އެތިކޮޅުތައް ސާފު ތަށްޓެއް ނޫނީ ތަބަކެއްގައި އަތުރާށެވެ.
8. މަތީގައިވާ ގޮތަށް ރޮށި ދަމާ ކަފަމުންގޮސް ފުށްގަނޑު ހުސްކޮށްލާށެވެ.
ބަޖިޔާ ބެއްދުން
ހަދާނެ ގޮތް:
1. ކެފި ރޮށިތަކުން އެތިކޮޅެއް ނަގައި އަތްތިލަ މަތީގައި ބާއްވާލާށެވެ. ބާއްވާނީ ވަށްކޮށް އޮތް ފަޅި ގަޔާއި ދިމާލަށް ވާނެ ގޮތަށެވެ.
2. ދެން ކުރިން ތައްޔާރުކުރި މަސްގަނޑުން 2 ސައިސަމުސާ ވަރުގެ އެތިކޮޅެއް ނަގާފައި އަތުގައި އޮތް ރޮށި ފަޅީގެ މެދަށް އަޅާށެވެ. ރޮށީގެ ތެރެއަށް މަސްގަނޑު އެޅުމުގެ ކުރިން ކާފުރުތޮޅި އާއި ފޮނިތޮށްޓާއި ރާނބާފަތް މަސްގަނޑުގެ ތެރެއިން ނަގަން ވާނެއެވެ.
3. އަތުގައި އޮތް ރޮށި ފަޅީގެ ކަނާތު ކަނުގައި ހިފާފައި ރޮށީގެ މެދަށް އެޅި މަސްގަނޑުގެ މަތިން ފަތްޖަހާލާށެވެ. މި ގޮތަށް ފަތްޖަހާލީމައި މަސްގަނޑުގެ ދެބައިކުޅައެއްބަޔަށް ވުރެ ހަމަ ކުޑަ ތަންކޮޅެއް ބޮޑަށް އޮންނާނީ ނިވާވެފައެވެ. އިނގިއްޔެއް ތެންމާލާފައި ފަތްޖެހި ފަޅިން ރޮށީގެ އަރިމަތީގައި ކުޑަ ފެންފޮދެއް އުނގުޅާލާށެވެ. މިކަން ކުރާނީ ހަމަ ކިރިޔާ ތެމިލާނެ ވަރަށެވެ.
4. އަނެއްކާވެސް އިނގިއްޔެއް ތެންމާލާފައި މިފަހަރު އަތުގައި އޮތް ރޮށި ފަޅީގެ ވާތު އަރިމަތީގައި އުނގުޅާލާށެވެ. ދެން ވާތުކަނުގައި ހިފާފައި ރޮށިފަޅި ފަތް ޖަހާލާށެވެ. މިފަހަރު ފަތްޖަހާލީމައި އަތުގައި އޮންނާނީ މަސްގަނޑު އެތެރެއަށް އަޅާފައި އޮތް ގޮށްޓެކެވެ.
5. އަތުގައި އޮތް ރޮށި ފަޅީގެ ފަތްނުޖަހާ އޮތް ފަޅީގެ އަރިމަތީގައި އިނގިލިން އަނެއްކާވެސް ފެން ފޮދެއް އުނގުޅާލާށެވެ. ދެން އެފަޅިވެސް ފަތްޖަހާލާށެވެ. މިހާރު އަތުގައި އޮންނަންވާނީ ތިނެސްކަން ބަޖިޔާއެކެވެ. މުޅި ބަޖިޔާ ރަނގަޅަށް ބެދިފައިވާކަން ޔަގީން ކުރަން އަރިމަތިތަކަށް މަޑުމަޑުން އޮބާލާށެވެ.
6. މަތީގައިވާ ގޮތަށް ބަޖިޔާ ބައްދައިގެން މަސްގަނޑާއި ފުށްގަނޑު ހުސްކޮށްލާށެވެ.
ބަޖިޔާ ތެލުލުން
ބޭނުންވާ ތަކެތި:
½ 1 ޖޯޑު ތެޔޮ
ހަދާނެ ގޮތް:
1. ތެޔޮ ތެއްޔަކަށް އަޅާފައި ހޫނު ކުރާށެވެ. ހޫނު ކުރަން ޖައްސާފައި ތެޔޮ ހޫނު ވެއްޖެތޯ ބަލަން ތައްޔާރު ކޮށްފައި ބޭއްވި ކުޑަ ފުށްގުޅަ ތެލުގެ ތެރެއަށް ވައްޓާލާށެވެ.
2. ފުށްގުޅައިގެ ވަށައިގެން މެދު ދުވެލީގައި ބޮކިޖަހަންދެން މަޑު ކުރާށެވެ. ބޮކިޖަހައިގަތީމައި ބަޖިޔާކޮޅެއް ތެލުގެ ތެރެއަށް އަޅާށެވެ. އެއްފަހަރާ ހުރިހާ ބަޖިޔަލެއް ތެލުލުމުގެ ބަދަލުގައި ބަޖިޔާ ތެލުލާނީ ބައިބަޔަށް ބަހާލައިގެންނެވެ. އަހަރުމެން ތެލުލީ 4 ބަޔަށް ބަހާލައިގެންނެވެ.
3. ބަޖިޔާތަކަށް ރަންކުލަ އަރަންދެން ތެލުލާށެވެ. ތެލުލެވެމުން ދާއިރު ބަޖިޔާތައް އެއްފަހަރު ފުށުން ޖަހާލަން ޖެހޭނެއެވެ.
4. ތެލުލެވުމުން ބަޖިޔާތައް ނަގައި ދަގަނޑު ފުރޭންޏެއްގެ ތެރޭގައި ތެޔޮކޮޅު ފުރާނާލަން 5 ވަރަކަށް މިނިޓު ބަހައްޓާލާށެވެ. ދެން ޓިޝޫ އަޅާފައި ހުރި ތަށްޓެއްގައި އަތުރާލާށެވެ. މިހެން ހެދީމައި ބަޖިޔާތައް ހުންނާނީ ނިކަން މުރަނަ ކޮށެވެ.
5. މަތީގައިވާ ގޮތަށް ބަޖިޔާތައް ތެލުލާ ހުސްކޮށްލާށެވެ.
Lonumedhu is about eating great food right here in the Maldives.
Our easy to follow recipes use locally available ingredients.
In our blog you will find food news, interviews with chefs and cooks, useful information about eating out and other foodie reads.
© Lonumedhu.com 2017-2024. All rights reserved. No part of this website may be reproduced without the written permission of the publisher.
Lonumedhu.com has partnered with Qualia Pvt Ltd, a publishing & marketing agency, for its desktop and mobile advertising.
Advertising enquiries should be directed to (960) 987 4396 or marketing.sales@lonumedhu.com.